ކުށްވެރިޔާގެ ހައްގު ނުގެއްލޭ ގޮތަށް، ހައްގު ޖަޒާދެވި އިންސާފު ގާއިމްކުރެވެންވާނެ: އިމްރާން

ކުށް ކުރާ މީހާގެ އިންސާނީ ހައްގު ނުގެއްލޭނެހެން އެ ކުރާ ކުށަކަށް އިންސާގު ގާއިމްކުރުމަކީ ގަބޫލުކުރ ފަލްސަފާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެ މިއަދު ޓުވީޓެއް ކުރައްވާފައި މިވަނީ، ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ހުއްދަ ދިނުމާ ގުޅިގެން އެތައް ބަޔަކު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

އަދި އެ ކަންބޮޑުވުންތަކާއެކު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ވެސް މިނިސްޓަރު އިމްރާން އިއްޔެ ވަނީ ހާޒިރުކޮށްފައެވެ.

“ކުށްކުރާ މީހާގެ އިންސާނީ ހައްގާ ކަރާމާތް ނުގެއްލޭނެހެން، ކުރާ ކުށަށް ހައްގު ޖަޒާ ދެވި އަދުލު އިންސާފު ގާއިމް ކުރެވުމަކީ އަޅުގަނޑުމެން ގަބޫލުކުރަ ފަލްސަފާއެވެ،” މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް ހޯމް މިނިސްޓަރުގެ އިތުރުން މިއަދުގެ ބޭއްވި ކޮމެޓީ ބައްދަލުވުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި އިމިގްރޭޝަންގެ އިސްވެރިއަކު ވެސް ހާޒިރުކުރިއިރު، އެ ކޮމެޓީގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އަދީބު ރާއްޖެއން ބޭރަށް ފުރާވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.

އަދި ބޭސްފަރުވާ ކުރުމަށް އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނީ އެއް އަހަރު ދުވަހަށް ކަމަށާއި ފަރުވާއަށް މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާނަމަ މިމަހުގެ 26 ގައި އަދީބު އެނބުރި ރާއްޖެ ވަޑާއިގަތުމަށް ޓިކެޓް ނަގާފައިވާ ކަމަށެވެ.

އަދި އަދީބު އިންޑިއާއަށް ވަޑައިގަންނަވާތީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި އެކަމުގައި އެކަށީގެންވާ މިންވަރަކަށް ތައްޔާރުވެވިފައިވާ ކަމަށް ވެސް ކޮމެޓީއަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދީބު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވާއިރު އޭނާގެ ޕޯސްޕޯޓެއް ދުލެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ ފުރުވާލަނީ ޓްރެވަލް ޑޮކިއުމަންޓެއްގައެވެ. އަދި އެކަން އިންޑިއާގެ ސަރުކާރަށް ވެސް އަންގާފައިވާއިރު އެހެން އެއްވެސް ގައުމަކަށް އަދީބަށް ވަޑައިނުގެންނެވޭނެ ކަމަށް ކަރެކްޝަންސުން ބުނެއެވެ.

ރާއްޖޭން ބޭރަށް ވަޑައިގަތުމަށްފަހު އަދީބު ފިއްލަވާފާނެ ކަމުގެ ކަންބޮޑުވުން އޮތުމާއެކު އެކަމަށް ވެސް މިނިސްޓަރު އިމްރާން ވަނީ ކޮމެޓީއަށް ޖަވާބުދާރީވެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ފިލުމުގެ އެއްވެސް ފުރުސަތެއް އަދީބަކަށް ނުދޭނެއެވެ. އަދި އެފަދަ އިންތިޒާމްތައް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރަން ދިއުމުގެ ހުއްދަ ދީފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފިއެވެ.

އެ ސާވިސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަދީބު، ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާ ދީފައިވާތީ، އެ ހުއްދަ އޭނާއަށް ދީފައިވާ ކަމަށެވެ.

ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ރާއްޖެއިން ބޭރަށް ފޮނުވަން ހުއްދަ ދެވެނީ އެކަމަށް މެޑިކަލް ބޯޑުން ހުއްދަ ދީ، ކޮމިޝަނާ އޮފް ޕްރިޒަންސް އެކަމަށް ރަސްމީކޮށް ހުއްދަ ދިނުމުންނެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފައިވާއިރު، ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.

އަދި އަދީބަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފައިމިވަނީ އެކަމަށް އޭނާ އެދެމުން އަންނަތާ ވަނީ އެތައް ދުވަހެއް ވެފަ އެވެ.

އަދީބު ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނާ ގޮތުގައި އަދީބަށް ވަނީ ލޮލުގެ ބައްޔެއް ކަމަށްވާ ގްލުކޮމާ އަދި އެތެރެހަށީގެ ސިސްޓެއް އުފެދިފައެވެ. އަދި އެކަމަށް މީގެކުރިން ރާއްޖެއިން ވެސް އޭނާ ފަރުވާ ހޯދާފައިވާއިރު އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް ބުނެ އަދީބުގެ ފަރާތުން ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ.

އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމްގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވެ، އޭނާ އެއްކޮށް މިނިވަންވާނެއެވެ.

ލޯންޗް ގޮއްވާލި މައްސަލާގައި އަދީބަށް ކުރި ހުކުމް ބާތިލް ކޮށްފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި، ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ލާން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އަދީބު ޖަލަށް ލާން ކުރީ 15 އަހަރަށެވެ.

ހައިކޯޓުން މިއަދު ކުރި އަމުރުގައި ވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސިޔާސީ ފަރާތަކަށް ކުރި ދައުވާތަކަކީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ހުކުމްތަކުގެ ވާހަކަ ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެ ޝަރީއަތްތަކަކީ ފަނޑިޔާރުންގެ ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ޝަރީއަތްތަކެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދި އެ މައްސަލާގައި އަދީބަށް ކުރި ހުކުމުގެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށްފަހު ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް ހައިކޯޓުން ކުރި އަމުރުގައި ވެއެވެ.

އެގޮތުން އަދީބުގެ ބަންދާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަންދެން، އަދީބު 15 ދުވަހަށް ރިމާންޑް ޖަލެއްގައި ބަހައްޓަން ވަނީ ނިންމާފަ އެވެ.

އަދީބު ގޭބަންދުގައި ބަހައްޓަން ކުރި އަމުރު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ސަބަބުތަކަކަށް ޓަކައި، ގޭބަންދުގައި ބަހައްޓަން ޖެނުއަރީ މަހު ހައި ކޯޓުން ކުރި އަމުރު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން ޖެނުއަރީ 28ގައ ވަނީި އަމުރުކޮށްފަ އެވެ.

އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން ރާއްޖެން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ނިންމުމަށް އަދީބު ގޭބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރު ނެރުނެވެ. އަދި ގައިދީން ބޭރަށް ފޮނުވުމުގައި އަމަލުކުރަން ޖެހޭ އިޖްރާއާތުތައް އަދީބު ފުރިހަމަ ކޮށްފައި ނުވާތީ ސިވިލް ކޯޓުން މައްސަލަ ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ސިއްހީ ސަބަބުތަކަށްޓަކައި އަދީބު މިހާރު ވެސް ގޭ ބަންދުގަ ހުންނެވިއިރު އަދީބުގެ މައްޗަށްވަނީ ކުރީގެ ރައީސް ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗްގައި ރޯ ކޮށްލުމުންނާއި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން 30 އަހަރަށްް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމްތައް އައިސްފަ އެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒަމީރު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކުރުމަށް ހެކީންގެ ގޮތުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އެމަނިކުފާނުގެ ކެބިނެޓްގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރުގެ ނަން ދައުލަތުން ހުށަހަޅައިިފިއެވެ.

މޫސާ ޒަމީރާއި އަދީބަކީ ވެސް އެއް އިރެއްގައި ޔާމީންގެ އަރިސް ދެ ބޭފުޅުންނެވެ.

އޭގެ ތެރެއިން ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު މިވަގުތު ހުންނެވީ ޝަރުތުތަކަކާއެކު ގޭ ބަންދުގައެވެ. އަދި ޒަމީރު ވަނީ މިފަހުން ޕީޕީއެމްގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައި ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅޭ ފުރަތަމަ އިޖުރާއީ އަޑުއެހުން މިއަދު މެންދުރުފަހު ކުރިމިނަލް ކޯޓުގައި ބޭއްވިއިރު، ޕީޖީން ވަނީ ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ކުރާ ދައުވާ ތަފްސީލްކޮށް ހުށަހަޅުއްވާ އެމަނިކުފާނާ ދެކޮޅަށް ހެކީންގެ ގޮތުގައި ޒަމީރާއި އަދީބާއެކު އަށް ބޭފުޅެއް ހުށަހަޅުއްވައިފައެވެ.

އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ އިތުރުން އެ ކޮމިޝަންގެ ނައިބް ރައީސް މުއައްވިޒް ރަޝީދު ހިމެނެއެވެ.

އޭގެ އިތުރުން ދެން ހުށަހެއްޅުވީ ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ކިޔާ މީހެއްގެ ނަމެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާ ދައުވާ ހުށަހަޅުއްވަމުން ޕީޖީގެ ވަކީލް މުހައްމަދު އާލިމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓް މެދުވެރިކޮށް ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި ކަމަށެވެ.

އަދި ފަހުން އެ ފައިސާ އިސްލާމިކް ބޭންކުގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަކަށް ބަދަލުކޮށް، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާސްފާކުރި ކަމަށް ދައުވާގައިވެއެވެ.

ދައުވާގައި ބުނީ، އެ މައްސަލާގެ ތަހުގީގު ނިމެންދެން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް، އެސްކޮރޯ އެކައުންޓެއް ހެދުމަށް އޭސީސީއާއެކު ރައީސް ޔާމީން އެއްބަސްވި ކަމަށެވެ. ނަމަވެސް ޕީޖީން ވަނީ، އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެކަން އޮޅުވާލާފައިވާ ކަމަށެވެ.

އަދި އެސްކޮރޯ އެކައުންޓަށް ޖަމާކުރީ މޫސާ ޒަމީރުގެ ފަރާތުން ހޯދި ފައިސާތަކެއް ކަމަށް ޕީޖީގެ ދައުވާގައި ބުނެފައިވެއެވެ. ވަކީލް އިތުރަށް ވިދާޅުވި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެއް ކަމުން، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށެވެ.

އެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކުރީގެ ނައިބު ރައީސުންނަށް މަހަކު 35،000ރ. ދިނުމަށް މަޖިލީހުން ފާސްކޮށްފި

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުން މަހަކު 35،000ރ. ގެ މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުށަހެޅުއްވި ބިިލު ފާސްކޮށްފައި ވަނީ 32 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓުދީފައި ވަނީ 12 މެމްބަރުންނެވެ.

ބިިލުގައިވާ ގޮތުން، ނައިބު ރައީސްކަން ކުރެއްވި ބޭފުންގެ ތެރެއިން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އެ ބިލުން ލިބޭ އިނާޔަތާއި ރައްކާތެރިކަން ނުލިބޭނެ ކަމަށެވެ.

މި ބިލު މަޖިލިހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފައިވާ އިރު، އެ ކޮމިޓީން ވަނީ ބިލަށް ބަދަލު ތަކެއްވެސް ގެނެސްފަ އެވެ. އެގޮތުން މަޖިލިހުގެ ތަޅުމުގައި، މިއަދު އޮތް ވޯޓު ގަޑީގައި ބިލަން ގެނައި ބަދަލާއިމެދު ގޮތެއް ނިންމާ މެންބަރުންގެ ވޯޓުން ބިލް ފާސްވެއްޖެ އެވެ.
އޭގެ އިތުރުން ބިލްގައިވާ ގޮތުގައި ނައިބު ރައީސުންނަށްދޭ މާލީ އިނާޔަތް ލިބޭނީ ދައުލަތުން މުސާރަ ލިބޭ އެހެން ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރާ ނަމަ އެވެ. ނަމަވެސް އެބޭފުޅުން ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތުގެ އިތުރުން މާލޭގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތަކުގެ ސަލާމަތީ ބާރުތައް ހަމަޖައްސައިދޭން ވާނެ ކަމަށް ބިލްގައި ވެއެވެ.

މީގެ އިތުރުން، ނައިބު ރައީސުންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތް ހަމަޖައްސައިދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

އަދި ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބިލްގައިވަނީ ހަތެއް އޮގަސްޓް، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅުންނަށެވެ.

އެ މުއްދަތުގައި ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު އެބަތިއްބެވި އެވެ. އެގޮތުން އިނާޔަށް ލިބެނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ. އޭގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

އަދީބު ގޭ ބަންދަށް ބަދަލުކޮށްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި މިވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ހަފްތާއެއްހާ ދުވަހު ފަރުވާ ދިނުމަށްފަހުއެވެ.

ޝަރުތުތަކާ އެކުގައި އަދީބު ގޭ ބަންދަށް ބަދަލުކުރި ނަމަވެސް ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ނުވަތަ ޑޮކްޓަރުން ލަފާދީގެން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

އަދީބް ގެންދަވަނީ ހަށިގަނޑުގައި ސިސްޓްތަކެއް އުފެދިފައިވާތީއާއި ކިޑްނީގައި ހިލަތަކެއް އުފެދިފައިވާތީ ފަރުވާ ހޯއްދަވަމުންނެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލޮކޮމާއަށް ވެސް އަދީބު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވެސް ގޭ ބަންދަށް ބަދަލުކުރިއެވެ. އަދި މަހަކަށްވުރެ ގިނަ ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ އަނބުރާ ޖަލަށް ގެންދިޔައީ ޖެނުއަރީ މަހުގެ ކުރީކޮޅުއެވެ.

ނަމަވެސް ޖަލަށް ބަދަލުކުރި ފަހުން ވެސް ހާލު ގޯސްވެ އެއް ފަހަރަށްވުރެ ގިނަ ފަހަރު މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެއެވެ.

އަދި އަދީބު މީގެ ކުރިން ޖަލަށް ގެންދިއުމުން، އޭނާ އަނބުރާ ގޭ ބަންދަށް ބަދަލުކުރުމުގެ އަމުރެއް ހައި ކޯޓުން ނެރުނެވެ. ނަމަވެސް ގޭ ބަންދަށް ބަދަލުކުރި ފަހުން، ސުޕްރީމް ކޯޓުން އެ އަމުރަށް އަމަލުކުރުން ފަސްކުރަން އަމުރުކުރިއެވެ.

އެ ނިންމުން ސުޕްރީމް ކޯޓުން ނިންމީ، އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ހައި ކޯޓުގެ ކުރި އަމުރު ދައުލަތުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފުކޮށް އެ އަމުރަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުންނެވެ.