ސަރުކާރުގެ ދުވެލި ރަނގަޅު، ވައުދުވި ކަންކަން ވާނެ: މަހުލޫފު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގުމުގެ ދުވެލި ޖުމްލަކޮށް ދަނީ ރަނގަޅަށް ކަމަށާއި ދެވެލީގައި މައްސަލައެއް ނޫޅޭ ކަމަށް ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަޑު ދުވެލި ދޫކޮށް ގިއަރު މަތިކޮށްލަންޖެހޭ ކަމަށް ރާއްޖެ އެމްވީ އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެން މިނިސްޓަރު މަހުލޫފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހަށް ވެވަޑައިގެންނެވި ވައުދުފުޅުގެ 93 ޕަސެންޓް ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.

ދެން ވެވަޑައިގެންނެވި ވައުދުފުޅުތަކަކީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ކޮށްދެއްވަން ވެވަޑައިގެންނެވި ކަންކަން ކަމަށާއި އެކަންކަން ރާވަމުން ގެންދަވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަދި ވިދަޅުވީ، ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ކަންކަން ވާނެ ކަމަށާއި އެހެންކަމުން ޖުމްލަ ގޮތެއްގައި ދުވެލީގެ މައްސަލައެއް ނޫޅޭ ކަމަށެވެ.

ސަރުކާރު ކުރިއަށްދާ ދުވެލި މަޑު ނޫން ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއިރު، ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކާ އަޅާބަލާއިރު މި ސަރުކާރުން އެއްވެސް ކަމެއް އަދި ކޮށްދީފައިނުވާ ކަމަށާއި މިއީ ތަސައްރަފު ނުފުދޭ ވެރިކަމެއް ކަމަށް ބުނެ އިދިކޮޅުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ގެންދަނީ ވިދާޅުވަމުންނެވެ.

ސަސްޕެންޝަން އުވާލުމުން މަހުލޫފް: ތެދުވެރިކަމާއެކު ދެމިހުންނާނަން

ތެދުވެރިކަމާއެކު މަސައްކަތުގައި ދެމި ހުންނާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފުގެ އެހެން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފާއެކު ޑޮލަރުގެ މުއާމަލާތެއް ހިންގެވުމުން ސަސްޕެންޝަންގައި ދެ މަސް ދުވަސް ވަންދެން ބެހެއްޓުމަށްފަހު އެ ސަސްޕެންޝަން މިއަދު އުވާލުމުން ކުރެއްވި ޓުވީޓެއްގައެވެ.

މަހުލޫފް ވިދާޅުވީ، އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރެއްވުމަށްފަހު އަޅުގަނޑަށް އިތުބާރު ކުރުއްވާ އަލުން ރަސްމީ މަސައްކަތައް ނެރެދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް ސޯލިހުއަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ވިދާޅުވީ، ތެދުވެރިކަމާއެކު މަސައްކަތުގައި ދެމިހުންނާނެ ކަމަށާއި އިތުބާރު ކުރެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓުގައި ބުނާގޮތުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަނީ ވަދެފައެވެ.

ނަމަވެސް އެ މައްސަލާގައި މަހުލޫވު ވިދާޅުވެފައިވަނީ އޭނާގެ އެކައުންޓަށް ވަދެފައިވާ ޑޮލަރަކީ އޭނާގެ އާއިލާއިން ހިންގި ފިހާރައަކަށް ޑޮލަރު ހޯދުމަށްޓަކައި އޭނާގެ ކޮއްކޮ އަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން އެސްއޯއެފް އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ. އަދި އެކަމުގެ މުއާމަލާތް ހިންގިއިރު ބަދަލުކުރި ލިޔުންތައް ވެސް އޭނާ ވަނީ އޭސީސީއާ ހިއްސާކޮށްފަ އެވެ.

އަދި ފަހުން މަހުލޫފުގެ އެދިވަޑައިގަތުމަކަށް އޭނާގެ މައްސަލަ ބެލުމަށްފަހު އޭސީސީން ވަނީ އެކަމުގައި އޭނާގެ ހިޔާނާތުގެ ކަމެއް ނެތްކަމަށް ނިންމާފައެވެ.

އޭސީސީގެ ރިޕޯޓްގައި ބުނާގޮތުން، މަހުލޫފުގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމްގެ އެކައުންޓަށް ވެސް ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފް އިން 30،000 ޑޮލަރު ޖަމާކޮށްފައެވެ. އެ މައްސަލާގައި މަހުލޫފާއެކު އަކްރަމް ވެސް ސަސްޕެންޑްކުރިއިރު އޭނާގެ ސަސްޕެންޝަން ވެސް މިއަދު ވަނީ އުވާލައިފައެވެ.

ނަމަވެސް އަކްރަމްގެ މައްސަލަ ނިންމި ގޮތެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅުން ހުރި މުއާމަލާތްތަކުގެ ސަބަބުން މަހުލޫފާއި އަކްރަމްގެ އިތުރުން ދެން ހިމެނެނީ ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމެވެ.

ނަމަވެސް މައުސޫމާއި އާޒިމްގެ ސަސްޕެންޝަން އަދި އުވާނުލާ ކަމަށް ހޫދު ވިދާޅުވެފައެވެ.