ޔުކްރެއިން މީހާ މަރުވި އެކްސިޑެންޓުގައި ބަސް ދުއްވި ޑްރައިވަރު ދޫކޮށްލައިފި

ހުޅުމާލޭގައި ދުއްވި ބަހެއް ދަށުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި، ޔުކްރެއިން އަންހެން މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ބަސް ދުއްވަން އިން ޑްރައިވަރު ކޯޓުން ދޫކޮށްލައިފިއެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި މިމަހުގެ ހަ ވަނަ ދުވަހު ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި މަރުވީ ހެނދުނު ޖޮގިންއަށް ނުކުމެ އުޅުނު 31 އަހަރުގެ އަންހެނެކެވެ. އޭނާގެ ގައިގާ ބަސް ޖެހުނީ، ބަސް ދުއްވަން އިން ޑްރައިވަރު ނިދިޖެހި އިނދެފައި ސިއްސައިގެން ގޮސް ސްޕީޑް ބާރުކޮށްލެވުނު ވަގުތު ކޮންޓްރޯލުން ނެއްޓިގެން ގޮސްގެންނެވެ.

އެ މައްސަލާގައި ޑްރައިވަރު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެ ފަހަރު އިތުރުކުރިއެވެ. އެއީ ފުރަތަމަ ފަހަރު ތިން ދުވަހަށް އަދި ދެވަނަ ފަހަރު ހަތް ދުވަހަށެވެ.

ފުލުހުން ބުނީ، އެމްޓީސީސީ ބަސް ދުއްވަން އިން މީހާ ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. އަދި ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް މައުލޫމާތު ލިބެއެވެ.

ބަސް ޑްރައިވަރުގެ އިހުމާލުން ހިނގި އެ އެކްސިޑެންޓުގައި ޑްރައިވަރު ދޫކޮށްލާފައިވާއިރު، މަރުވި ޔުކްރެއިން އަންހެން މީހާގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރުމަށްފަހު މިހާރު ވަނީ ގައުމަށް ފޮނުވާލައިފައެވެ.

ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަ ކުރުމުގެ ދައުވާގެ އަޑުއެހުމެއް ކުރިޔަށް ގެންދަން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 ގައެވެ. އެމައްސަލާގައި މާދަމާ އޮތީ އިޖުރާއަތްތައް ފުރިހަމަ ކުރުމެވެ.

މި މައްސަލާގައި މީގެ ކުރިން ވެސް ވަނީ އަޑުއެހުމެއް ބާއްވައިފައެވެ. އެއީ ބަންދާމެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބަހައްޓަން ނިންމިއެވެ.

އެއީ މަނީ ލޯންޑްރިން މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލާގެ ތަހުގީގުގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާނެ ކަމަށް ގަބޫލުކުރެވޭތީ ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން އެގޮތަށް އެދުމުންނެވެ.

ނަމަވެސް ހައި ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ 28 ވަަނަ ދުވަހު ބަންދުން ދޫކޮށްލުމަށް ހުކުމް ކޮށްފައެވެ،

އެގޮތަށް ހައިކޯޓުން ނިންމީ މައްސަލާގައި ޕީޖީގެ ފަރާތުން މުއްދަތު އިތުރު ކުރަން އެދިފައިނުވާތީ އާއި ބަންދުގައި ބެހެއްޓޭނެ 30 ދުވަހުގެ މުއްދަތު ހަމަވެފައިވާތީއެވެ. އެހެންވެ ރައީސް ޔާމީން އިތުރަށް ބަންދުގައި ބެހެއްޓެން ނެތުމުން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނެރުއްވާފައިވާ އަމުރު ބާތިލްކުރީ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.

ރޭޕް ކުރަން އުޅެނިކޮށް ހައްޔަރުކުރި އެކަކު ކޯޓުން ދޫކޮށްލައިފި

މާލޭ ގެސްޓް ހައުސްއެއް ތެރޭގައި ރޭ އަންހެނަކު ރޭޕް ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މާފަންނު ގެސްޓް ހައުސްއެއްގެ ތެރެއިން ރޭ ހައްޔަރުކުރީ 33 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ، ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ދޫކޮށްލާފައިވަނީ 32 އަހަރުގެ މީހާ ކަމަށެވެ. އަދި އޭނާ ދޫކޮށްލަން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރޭގެ މައްސަލާގައި ހައްޔަރުކުރި 32 އަހަރުގެ މީހާ ދޫކޮށްލަން އަމުރުކުރި ނަމަވެސް، ދެން ހައްޔަރުކުރި 33 އަހަރުގެ މީހާގެ ބަންދަށް އެ ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.

ފުލުހުން ބުނާގޮތުން، އެ ދެމީހުން އަތުލައިގަތީ މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ގެސްޓް ހައުސްގެ ތެރެއިން އަންހެނަކު ހަޅޭލަވާ އަޑު އިވުމާއެކު އެތަނުގެ ތެރެއަށް ވަދެ ބެލުމުންނެވެ.

އަދި އަންހެނަކު ރޭޕްކުރަން އުޅެފައިވަނީ ހަތަރު މީހަކު ވެގެން ކަމަށާއި ނަމަވެސް ގެސްޓް ހައުސްއަށް ފުލުހުން ވަތްއިރު އޭގެ ތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެމީހުން ތިބި ކޮޓަރި ބަލާ ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކާއި ފުޅިއެއް ފެނިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފްރީޒްކުރި ޔާމީންގެ އެކައުންޓުތައް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފިި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެންކް އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ބާތިލްކޮށް، އެ އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކޮށް، އެކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން ނެރުނު އަމުރެއްގެ ދަށުންނެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓްތަކެއް ފްރީޒްކޮށް، އެ އެކައުންޓުތަކުގައި ހުރި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހިފެހެއްޓިއެވެ.

ކްރިމިނަލް ކޯޓުން އެމްއައިބީގެ މައްޗަށް އަމުރު ކުރީ މިދިޔަ ޑިސެމްބަރު 13 އިން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޔާމީން އެމްއައިބީގައި ހުޅުވާފައިވާ އަށް އެކައުންޓްގައިވާ ފައިސާ ހިފަހައްޓައި، އެ ފައިސާ އިން މުޢާމަލާތްކުރުން ހުއްޓުވުމަށެވެ.

ނަމަވެސް އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ކްރިމިނަލް ކޯޓުން އެކައުންޓްތައް ފްރީޒްކުރަން އަމުރުކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ 72 އަދި 73 ވަނަ މާއްދާގެ އިޖުރާއާތުތަކާ ހިލާފަށް ކަމަށެވެ. އެ ދެ މާއްދާއަކީ މީހެއްގެ އެކައުންޓް ފްރީޒުކުރަން އަމުރު ނެރުމުގެ އިޖުރާއަތްތައް ބަޔާންކުރާ ދެ މާއްދާއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ)ގައިވާ އެންމެ ފުރަތަމަ އެދެން ޖެހޭނީ އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށެވެ. މީހެއްގެ ބޭންކް އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށް އެދެވޭނެ ހާލަތްތައް އެ މާއްދާގައި ބަޔާންކުރެއެވެ.

ދެން އޮތް 73 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.

ހުކުމްގައި ބުނީ އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ދެމެދު މޮނިޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ.

ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ވަނީ 72 ވަނަ މާއްދާގެ (ބ) އަކީ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ކަމަށް ބުނެފަ އެވެ. (ބ)ގައި ބުނަނީ ޕްރޮސިކިއުޓާ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.

ނަމަވެސް ހުކުމްގައި ބުނީ ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތުތައް ހޯދަން ވާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލިޔުމަކުން އެދިގެން ކަމަށް މާއްދާގައި ބުނާ ކަމަށެވެ. އެ މާއްދާގެ ދަށުން ވެސް ލިޔުމަކުން ދައުލަތުން އެދިފައި ނެތްކަން ހާމަވާ ކަމަށެވެ.

ހައި ކޯޓުގެ މި މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ހައި ކޯޓުގައި އޮތް އަޑުއެހުމަށް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުގެ ވަކީލުން ވަޑައިގެންނެވިއެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު، މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ވެސް ބާތިލްކޮށް، ޔާމީން މިނިވަންކޮށްފައެވެ.

ޖިއާންގެ މަރު: ދައުވާލިބޭ ތިން ބިދޭސީއަކު ކުށަށް އިއުތިރާފް ވެއްޖެ

މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ މަރުވި، ބަންގުލަދޭޝްގެ އަންހެން ކުއްޖާ، ރައުޝާން ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ތިން މީހަކު ކުށަށް އިއުތިރާފްވެއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހު އުމުރުން އެންމެ ހަތް އަހަރުގެ ޖިއާންގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނީ މާލޭގައި ޑަބްލިޔު ކޮންސްޓްރަކްޝަން އިން ހަދަމުންދިޔަ އިމާރާތަކުންނެވެ. އެ ހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ޖިއާން މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ހަތަރު މީހަކަށާއި ދެ ދިވެއްސަކަށެވެ. ދެ ދިވެހިންގެ ތެރޭގައި ޑަބްލިޔު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރާއި މަސައްކަތް ކުރަމުންދިޔަ އިމާރާތުގެ ސީނިއާ ސުޕަވައިޒަރު ހިމެނެއެވެ.

އެގޮތުން އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވީ ދައުވާ ލިބޭ ހަތަރު ބިދޭސީންގެ ތެރެއިން ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗަައުހަންއެވެ.

އޭގެ ތެރެއިން ރަޖާވްއަކީ ޖިއާންގެ ގަޔަށް ސިމެންތި ބަސްތާ ވެއްޓުނުއިރު، ސިމެންތި ބަސްތާތައް އުފުލި ވިންގު އޮޕަރޭޓްކުރަން ހުރި މީހާއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދެވަނައަށް ކުށަށް އިއުތިރާފްވި މުތުމަނި އަކީ ރައްޖާވްއަށް ސިމެންތި ބަސްތާތައް މައްޗަށް ނެގުމަށް އެންގި މީހާއެވެ. ދައުލަތުން ބުނާގޮތުގައި، ރައްޖާވްއަކީ ވިންޗް އޮޕަރޭޓްކުރަން ހަވާލުވެފައިވާ ފަރާތް ނޫންކަން އެނގިހުރެ މުތުމަނި ވަނީ އެކަން ކުރުމަށް ރައްޖާވްއަށް އަންގާފައެވެ.

އެހެންކަމުން އޭނާގެ މައްޗަށް ދައުލަތުން ކުރަނީ މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ތިން ވަނަ މީހާ ކެޝަރިލަލްގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާއެވެ.

އެއީ ސިމެންތި ބަސްތޓައް ސަވާޖީއަށް ބަރުކުރުމުގައި އޭނާ އުޅުނުއިރު އެތަނުގައި މަސައްކަތްކުރާކަމާއި އެ މަސައްކަތުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެކަން ރައުޝަން އައި އޭނާގެ މަންމަ ފަރުޒާނާ ހޮސައިންއަށް އަންގާފައިނުވާތީއެވެ.

މި ތިން މީހުން ވެސް މިއަދު ވަނީ އެ މައްސަލައަށް އިއުތިރާފު ވުމަށްފަހު އެއީ އެމީހުން ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ.

އެ ތިން މީހުން ވެސް މިއަދުގެ ޝަރީއަތުގައި ކުށަށް އިއުތިރާފްވެފައިވާތީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުގެ މަތިން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ ތިން މީހުންގެ މައްޗަށް އަންނަ އަންގާރަ ދުވަހު ހުކުމް ކުރަން އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ނިންމަވައިފައެވެ.

ނަމަވެސް ތިން މީހުން ވެސް ކުށަށް އިއުތިރާފްވެފައިވާތީ ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހުންގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ ދަށްވާނެއެވެ.

ޖިއާންގެ މަރުގެ މައްސަލާގައި މިއަދު ތިން ބިދޭސީއަކު ކުށަށް އިއުތިރާފްވި ނަމަވެސް އެ މައްސަލާގައި ދައުވާ ލިބޭ ހަތަރު ވަނަ މީހާ ކަމަށްވާ ގުލާމް މުހައްމަދާއި ދައުވާ ލިބޭ ދެ ދިވެހިން ކަމަށްވާ ޑަބްލިއު ކޮންސްޓްރަކްޝަންގެ ސީނިއާ ސައިޓް ސުޕަވައިޒަރު، ދަފްތަރު ނަންބަރު 8424، މޫސާ ހަސަން އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދަފްތަރު ނަންބަރު 7198 އާދަމް ޝަފީގު ވަނީ ކުށަށް އިންކާރުކޮށްފައެވެ.

އެގޮތުން މޫސާ އާއި ޝަފީގު ވަނީ ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތު ބޭނުންވާ ކަމަށް ބުނެފައެވެ.

ނަމަވެސް އެ މައްސަލައަށް އިންކާރު ކުރުމުން އެ ތިން މީހުންނާ ދެކޮޅަށް ވެސް ދައުލަތުން ވަނީ ހެކި ހުށަހަޅައިފައެވެ. އެގޮތުން ކުށަށް އިއުތިރާފްވި ކެޝަރިލަލް އާއެކު އުޅުނު ގުލާމްއާ ދެކޮޅަށް 24 ހެއްކެއް ހުށަހެޅިއިރު، ދެ ދިވެހިންނާ ދެކޮޅަށް ދައުލަތުން ވަނީ 31 ހެއްކެއް ހުށަހެޅިއެވެ.