އިލްމު އުނގެނުމަށް މާތް ނަބިއްޔާ ބާރު އަޅުވައި، އެކަމުން ބާއްޖަވެރިކަން ހުރި: ހުތުބާ

ދީނީ އިލްމަކީ އިސްލާމްދީން ދެމިއޮތުމުގެ ސިއްރު ކަމަށާއި އެހެންކަމުން އިލްމު އުނގެނުމަށް، ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

“އިލްމު އުނގެނުމުގެ މާތްކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިލްމުވެރިންނަށް މަދަހައިގެ ބަސްފުޅު ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީ ވަހީކުރައްވައި އެކަމަށް އެދި ދުއާކުރުމަށް ވެސް މާތް ﷲ އަންގަވާފައިވާ ކަމަށެވެ.

އެގޮތުން މާތް ﷲ ގެ ވަހީ ބަސްފުޅެއްގައި އެ ކަލާނގެއަށާއި އެކަލާނގެ މަލާއިކަތުންގެ ވާހަކަ ޒިކުރު ކުރައްވައި ތިން ވަނައަށް އިލްމުގެ އަހުލުވެރިންގެ ވާހަކަ ވަހީކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އިލްމު އުނގެނި އިލްމާ އެއްގޮތަށް އަމަލުކުރާ މީހުންނަކީ މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤުވާވެރިވާ މީހުން ކަމަށާއި އިލްމު އުނގެނިގެން ހުންނަ މީހާއަށް އިލްމުވެރިންގެ ދަރަޖަ ލިބުމާއެކު އޭނާގެ ހިތަށް އުފާވެރިކަން ގެނުވާނެ ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

އިލްމުވެރިންނަށް ހާއްސަ ކަންތައްތަކެއް މާތް ﷲ ދެއްވާފައިވާކަން އިޝާރާތް ކުރައްވާ ހުތުބާގައި އިތުރަށް ވިދާޅުވީ، އޭގެ ތެރެއިން އެއް ކަމަކީ މަލަކޫތީ އާލާމުގައިވާ މަލާއިކަތުންނާއި ކަނޑުގައިވާ މަސްތައް އިލްމުވެރިންނަށް ފާފަފުއްސަވައި ދެއްވުން އެދި ދުއާ ކުރުމެވެ.

އަދި އިލްމާ އެއްގޮތަށް އަމަލުކުރާ އިލްމުވެރިންނާއި އަޅުވެރިންނާ ވެސް ދަރަޖައިގެ ގޮތުން ވަަރަށް ބޮޮޑު ތަފާތެއްވާ ކަަމަށް ހުތުބާގައި ވިދާޅުވި އެވެ.

“ސަބަބަކީ އިލްމު އުނގެނުމުގައި އެމީހެއްގެ ނަފްސު ސަލާމަތް ކުރުމާއި، އެހެން މީހުން ރައްކާތެރިކުރުން ވެސް އެކަމުގައި އެކުލެވިގެންވާތީއެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސަށް އެކަމުން ފައިދާލިބިފައި އަނެކުންނަށް ވެސް އެކަމުގެ މަންފާ ކުރާތީ އެވެ. އަޅުކަމުން ލިބޭ ފައިދާ ލިބެނީ އެމީހެއްގެ އަމިއްލަ ނަފްސަށެވެ. އިލްމުގެ ސަބަބުން އަނެކުންގެ އަޅުކަން ހެޔޮ ކުރުމަށް ވެސް ބާރު އެޅެއެވެ.” މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވި އެވެ.

ތާރީހުން މިސާލު ނަންގަވަމުން ހުތުބާގައި ވިދާޅުވީ، ނަބިއްޔާ صلى الله عليه وسلم އިސްލާމީ މުޖްތަމައުގައި ތައުލީމު ފެތުރުއްވުމަށާއި މުސްލިމުންގެ ދަރިންނަށް ކިޔަވައިދެއްވުމަށް ވަރަށް ހާއްސަ އަހަމިއްޔަތެއް ދެއްވި ކަމަށެވެ. އެގޮތުން ބަދުރު ހަނގުރާމައިގެ އަސީރުންގެ ފިދިޔާއަކަށް ނަބިއްޔާ صلى الله عليه وسلم ހަމަޖެއްސީ މަދީނާގެ 10 މީހަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި ބާރުއަޅުއްވާފައިވާ ފަދައިން މިއަދު މުސްލިމުން ދީނީ އިލްމާއި ސައިންސާއި ޓެކްނޮލޮޖީ އަށް އަހުލުވެރިވާން ވެއްޖެ ކަމަށެވެ.

އަދި ބޭސްވެރިކަމާއި އެކިއެކި ދާއިރާގެ ދިރާސާތަކަށް ހާއްސަ އެކަޑަމީތައް އުފައްދައި ދިރާސާތައް ފަށަންޖެހިއްޖެ ކަމަށާއި މިއަދު ދުނިޔޭގެ ގައުމުތަކާ އެކު ފައިތިލަ ސާބިތުކުރެވޭނީ ދުންޔަވީ އިލްމުގައި ވެސް ކުރިއަރައިގެން ކަމަށް ވިދާޅުވި އެވެ.

އަލްއިމާމުއްޝާފިއީ ރަހިމަހުﷲ ވިދާޅުވެފައިވެ އެވެ. “އެމީހަކު އިލްމު އުނގެނުމަށްޓަކާ ހޭދަކުރާ ވަގުތުކޮޅަކީ އެއީ އޭނާއަށް ލިބޭ އެންމެ އަގުބޮޑު ވަގުތުކޮޅެވެ!”

ޒުވާން އުމުރު ހޭދަކުރި ގޮތާމެދު ސުވާލު ކުރެވޭނެ، ދޭނެ ޖަވާބަކަށް ތައްޔާރުވޭ!: ހުތުބާ

ޒުވާން އުމުރު ހޭދަކުރި ގޮތާމެދު ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށާއި އެދުވަހަކުން ދޭނެ ޖަވާބަކަށް ތައްޔާރުވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

“ނަފްސު ވަޒަންކުރުމުގެ މުހިންމުކަން”ގެ މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީންކަމާމެދު ސުވާލު އުފެއްދުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް މިއަދު ދިވެހި މުޖުތަމައުން ފެންނަމުން ދަނީ އިސްލާމީ ރިވެތި އަހުލާގާއި އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތެމުން ނުދާ މަންޒަރު ކަމަށާއި އިޖްތިމާއީ ފޭރާން ވީދި ހަލާކުވަމުންދާ މަންޒަރު ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި މިއީ އަޅުގަނޑުމެން އަމިއްލައަށް ކުރި އަމަލުތަކެއްގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކަންތައްތަކެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އުއްމަތުގެ ހުރިހާ އަފްރާދުން އެއްބައިވެ ހެޔޮކަންތައްތަކަށް އަމުރުކުރާ އަދި ނުބައި ކަންތައްތައް ނަހީކުރާ ބަޔަކަށް ވެގެން ނޫން ގޮތަކަށް މުސްލިމުންގެ އުއްމަތް ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ.

އަދި ވަރަށް އާދައިގެ ކަންތައްތައް ކަމުގައި އަޅުގަނޑުމެން ދެކޭ ކަންތައްތަކަކީ ވެސް ﷲ ގެ ހަޟްރަތުގައި ނުހަނު ބޮޑެތި ކަންތައްތައް ކަމުގައި ހިމެނިގެންވާ ކަންތައްތަކެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ޒުވާންންނަށް އިޝާރާތް ކުރައްވާ ހުތުބާގައި ވިދާޅުވީ، ޒުވާން އުމުރު ހޭދަކުރި ގޮތާމެދު ތިޔަ ލޮބުވެތި ޒުވާނުންނާއި ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށެވެ. އެދުވަހަކުން ދޭނެ ޖަވާބަކަށް މިއަދު ތައްޔާރުވާން ޖެހޭނެ ކަަމަށް ވިދާޅުވިއެވެ.

އެގޮތުން ޒުވާނާއަށް ދުޅަހެޔޮ ސިއްހަތެއް ﷲ މިންވަރު ނުކުރައްވާ ތޯ އާއި ތިބާއަށް ﷲ ރިޒްގު ތަނަވަސް ކޮށް ނުދެއްވާތޯ އަދި މިދުނިޔޭގެ އުފާ ލިބިގަތުމަށް ފުރުސަތު ނުދެއްވާތޯ އާއި މި ނިއުމަތްތަކަށް ޝުކުރުވެރިވާކަށް ނުޖެހޭތޯ ހުތުބާގައި ޒުވާނުންނާ ސުވާލު ކުރެއްވިއެވެ.

މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ﷲގެ ނއިުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިއުމަތްތައް އަދަދެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރން ނެތްމީހެކެވެ،”

ކަން މިހެން އޮތް އިރު ﷲ ދެއްވި ނިއުމަތްތަކުގެ އަގުވަޒަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށާއި އެ ނިއުމަތަކާމެދު ސުވާލު ކުރެވޭނެހެން ވެސް ދަންނަން ޖެހޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މި އީދުގައި ގާތްތިމާގެ ގުޅުން އާކުރޭ، އެފަދަ މީހުންނަށް ﷲ ރަހުމަތް ލައްވާނެ: ހުތުބާ

މި އީދު ދުވަހުގައި ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތައް ފާޅުކޮށް ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އާކުރުމަށް މިއަދު މުސްލިމުން ފާހަގަކުރާ ފިތުރު އީދު ދުވަހުގެ ހުތުބާގައި ގޮވާލައްވައިފިއެވެ.

“ބަރަކާތްތެރި އީދުލް ފިތުރި”ގެ ނަމުގައި މިއަދު ދިން އީދު ހުތުބާގައި ވިދާޅުވީ ތިމާގެ ރަހިމުގެ ގުޅުންތައް ދަމަހައްޓާ މީހާއަށް މާތް ﷲ ރަހްމަތް ލައްވާނެ ކަމަށާއި އެމީހުން އެ ގުޅުން ކެނޑިކަމުގައި ވީނަމަވެސް ތިބާ އެ ގުޅުން ކަނޑައިގެން ނުވާނެ ކަމަށެވެ.

ރަސޫލާﷲ صلى الله عليه وسلم ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.

“ރަހިމުގެ ގުޅުން ދަމަހައްޓާ މީހަކީ އޭނާއަށް މީހަކު ދޭ އެއްޗަކަށް އެއްޗެއް ދޭ މީހާއެއް ނޫނެވެ. އެކަމަކު ގުޅުން ދަމަހައްޓާ މީހަކީ، އޭނާއާ ގުޅުން ކެނޑިނަމަވެސް އެ ގުޅުން ދަމަހައްޓާ މީހާއެވެ،”

އެހެންކަމުން އީދު ދުވަހުގައި ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތައް ފާޅުކޮށް ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އައުކޮށް ރަހްމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މިއަދަކީ ރޯދަވެރިންނަށް ކާމިޔާބީގެ ތާޖާއި އިނާމު ދެއްވާ ދުވަސް ކަމަށާއި މާތްﷲއަށް ކިޔަމަންތެރިވި އަޅުންނަށް މި ދުވަސް ބާއްޖަވެރި އީދެއް ކަމުގައި ލެއްވި ކަމަށެވެ.

އެއީ ﷲގެ އަމުރުފުޅުތަކަށް ތަބާވެ އެކަލާނގެ އިންތަކަށް ރައްކައުތެރިވިކަމުގެ ހެޔޮ ޖަޒާއެއްގެ ގޮތުން ކަމަށާއި އެހެންކަމުން ރޯދައިގެ ދުވަސްތައް ފުރިހަމަ ކުރެވުނީތީ ޝުކުރު ކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވި އިސްލާމްދީނުގެ ނިއުމަތަކަށްޓަކާ އެކަލާނގެ މަތިން ހަނދުމަކޮށް ތަކުބީރު ކިއުމަށް ގޮވާލެއްވިއެވެ.

ހުތުބާގައި އިތުރަށް ވަނީ، ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކާ ދުރުހެލިވުމަށް އަޒުމް ކަނޑައަޅައި، ކޮންމެ މީހަކުވެސް އަނެކާގެ ހައްގުތައް އަދާކުރުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ﷲގެ ހައްގުތައް އަދާކުރުމަށް ގޮވާލައްވާ ހުތުބާގައި ވިދާޅުވީ، މާތްﷲ އަހަރުމެން ހެއްދެވީ އެކަލާނގެއަށް އަޅުކަން ހާސިލްކުރުމަށް ކަމަށެވެ.

މާތްﷲ އަށް ހައްގުތައް އަދާކުރުމަށްފަހު ދެން މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް ތެދުވުމަށް ހުތުބާގައި ގޮވާލެއްވިއެވެ. އެއީ ބޮޑުވެގެންވާ ހައްގެއްކަމަށާއި މާތްﷲގެ ހައްގުތައް އަދާކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން އެކަލާނގެ އަހަރުމެންނަށް އަންގަވާފައިވަނީ މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް ކަމަށް ވިދާޅުވިއެވެ.

އީދަކީ ތަނަވަސް މީހުންނަށް އޮތް އެއްޗެއް ނޫން، އެކަމުގައި ނިކަމެތިން ބައިވެރިކުރަންވާނެ: ހުތުބާ

އިސްލާމީ އީދުތަކުގައި އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫން ކަމަށާއި އެ އުފަލުގައި ފަގީރުންނާއި މިސްކީނުން ވެސް ބައިވެރި ކުރަންވާނެ ކަމަށް މިއަދުގެ ފިތުރު އީދު ދުވަހުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ބަރަކާތްތެރި އީދުލް ފިތުރި”ގެ ނަމުގައި މިއަދު އިން އީދު ހުތުބާގައި ވިދާޅުވީ އިސްލާމީ އީދުތަކަކީ އެކަމުގައި އެންމެން ބައިވެރި ކުރުވަންޖެހޭ އިހްތިފާލު ތަކެއް ކަމަށާއި އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ، ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫން ކަމަށެވެ.

އެގޮތުން ތަނަވަސްކަން ލިބިގެންވާ މީހުން، އެ ތަނަވަސްކަން ފަގީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުވަންވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް އަންގަވާފައިވަނީ އެހެންވެގެން ކަމަށާއި އެކަމުގެ ސަބަބުން ފަގީރުންނަށް ސަލާން ނުޖަހައި ދިރި އުޅެވޭ ވަރުގެ ތަނަވަސްކަމެއް ލިބިގެންދާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.

“އިސްލާމް ދީނުގައި އީދުތައް ޝަރްއު ކުރައްވާފައިވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރާކަށް ނޫނެވެ. އެކަމަކު އެ ކަން ޝަރްއު ކުރައްވާފައިވަނީ އިސްލާމީ އަހުއްވަތްތެރިކަން ދެމެހެއްޓުމަށްޓަކައެވެ. މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރަނގަޅު އާދަ ފެތުރުމަށްޓަކައެވެ. އީދުގެ ތެރޭގައި ހެޔޮ ފޯރުވައި އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުމަކީ އިސްލާމީ ރިވެތި އަދަބެކެވެ.” ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ވަތަނުގެ އަމްނާ އަމާންކަމަކީ މާތްﷲ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށާއި އެއީ ތަރައްގީ އާއި ހިތްހަމަޖެހުން ލިބުމުގެ އަސާސް ކަމަށެވެ. އަދި އެއީ ކޮންމެ އިހްލާސްތެރިއަކު ދަހިވެތިވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

“އަމާންކަމެއް ނެތްތަނެއްގައި ހިތްހަމަޖެހުމެއް ނޯންނާނެއެވެ. އަމާންކަން ނެތް ތަނެއްގައި ހަަމަޖެހުމެއް ވެސް ނޯންނާނެއެވެ. އެހެންކަމުން އެންމެން ވެސް ގައުމުގެ ސުލްހަ މަސަލަސްކަމަށްޓަކާ މަސައްކަތްކުރަން ވަނީ ޖެހިފައެވެ. ގައުމުގެ އަމާންކަމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް އެކަކުވެސް ކޮށްގެން ނުވާނެއެވެ،” ހުތުބާގައި ވިދާޅުވިއެވެ.

އަދި އެ ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކާ ލިބިފައިވާ ހުރިހާ ކެރިފޯރުންތެރިކަމަކާއި ތަނަވަސްކަމަކާއި ހަކަތައެއް ހޭދަކުރަން ޖެހޭނެ ކަމަށް ފާހަގަކުރައްވާ ހުތުބާގައި ވަނީ، އަމިއްލަ ނަފްސުގެ ކުރިއެރުމަށާއި ގައުމުގެ ތަރައްގީއަށް ތަހިވެތިވާ ބަޔަކު ކަމުގައި ވުމަށް ގޮވާލައްވައިފައެވެ.

“ރޯދަ މަހަށްފަހު ވެސް ހެޔޮކަމުގައި ދެމިހުރި މީހަކީ އޭނާގެ ރޯދަ ﷲ ގަބޫލު ކުރެއްވި ކަމުގެ އަލާމާތެއް”

ރަމަޟާން މަސް ނިމުމަށްފަހުގައި ވެސް ހެޔޮކަންތައް ކުރުންމަތީ ދެމި ހުރެއްޖެނަމަ އެއީ އޭނާގެ ރޯދަ ﷲ ގަބޫލު ކުރެއްވި ކަމުގެ އަލާމާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ރަމަޟާންމަހަށް ފަހު ހެޔޮއަމަލުކުރުންމަތީ ދެމިތިބުން” މި މައުޟޫއަށް މިއަދު ރާއްޖޭގައި ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ބަރަކާތުން ފުރިގެންވާ ރަހްމަތާއި ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ މައްސަރު ހެޔޮގޮތުގައި ހޭދަކުރި މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުރި ކަމަށެވެ. އަދި ހެޔޮގޮތުގައި ހޭދަ ނުކުރެވުނު މީހަކަށް ބޮޑު ހިތާމައެއް ހުރި ކަމަށެވެ.

ރަސޫލާﷲ صلى الله عليه وسلم ހަދީޡް ކުރެއްވި ކަމަށް އަބޫ ހުރައިރާ ރަޟިﷲ އަންހު ރިވާކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ރަމަޟާން މަސް އެމީހަކާ ބައްދަލުވެ، އެމަސް ނިމުނުއިރު އެމީހެއްގެ ފާފަ ނުފެއްސެވުނު މީހާ ނިކަމެތިވެ، ގެއްލި ހަލާކުވެއްޖެއެވެ،”

ރަމަޟާން މަސް އަލްވަދާއު ކިޔުމަށް ތައްޔާރުވާއިރު، ރޯދައިގެ ފައިދާ ލިބިގަނެވުނީ ކިހާ މިންވަރަކަށްތޯ އަމިއްލަ ނަފްސުތަކާ ސުވާލުކުރަންޖެހޭ ކަމަށް އިޝާރާތްކުރައްވާ ހުތުބާގައި ވިދާޅުވީ، ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވި ހިކުމަތަކީ އަޅުތަކުން ހާލިގުވަންތަ ﷲއަށް ތަގުވާވެރިވުން ކަމަށެވެ.

އަދި ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެ ކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެ ﷲގެ ކޯފާ އާއި އަޒާބުން ތިމާ ރައްކާތެރިވުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެކަން ފުރިހަމަ ކުރެވުނުތޯ ބަލައިލެވިދާނެ ގޮތެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“އެއީ، ރަމަޟާން މަސް ނިމުމަށްފަހު ވެސް ހެޔޮކަންތައް ކުރުންމަތީ ދެމި ހުރުމެވެ. އެހެންވެއްޖެނަމަ އެއީ އޭނާގެ ރޯދަ ﷲ ގަބޫލުކު ކުރެއްވިކަމުގެ އަލާމާތެކެވެ. އެއާ ހިލާފަށް އެ މައްސަރު ނިމި ދިއުމަށްފަހު އަޅުކަމާއި ދުރަށް ދެވޭނަމަ އެއީ އޭނާގެ ރޯދަ ﷲ ގަބޫލު ނުކުރައްވާ ކަމުގެ އަލާމާތެކެވެ.،” ހުތުބާގައި ވިދާޅުވިއެވެ.

ނަމަވެސް މުސްލިމުންގެ ބައެއް މީހުންނަކީ ރަމަޟާންމަހަށް އަޅުކަންކުރާ ބައެކޭ ހީވާ ކަހަލަ ކަމަށާއި އެހެނީ ހަމަ އެ މައްސަރުގައި ނިމި ދިއުމާއެކު ނަމާދާއި، ރޯދައާއި، ﷲގެ މަގުގައި ހޭދަކުރުމާއި ޒިކުރު ކުރުން ފަދަ އަޅުކަންތައް ކުރުން ހުއްޓާލައި ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ރަމަޟާން މަހު ގިނަ ނަމާދުތަކެއް ޖަމާއަތުގައި މިސްކިތްތަކުގައިކޮށް ދަމުނަމާދު ވެސް ކުރާ އެ މީހުންނަކީ އީދު ނަމާދާއެކު މިސްކިތަށް އަލްވަދާއު ކިޔާ ބައެއް ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

“ރަމަޟާން މަސް މިވަނީ ތިބާއަށް މުޅި އަހަރުގައި ބޭނުން ކުރެވިދާނެ ރޫހާނީ ހަކަތައެއް ތިބާގެ ކިބައިގައި އުފައްދައިދީފައެވެ. މި ހަކަތަ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ރަމަޟާން މަސް ނިމުމާއެކު މި ކަންކަމާ ދުރުހެލި ވެގެން ނުވާނެއެވެ. މުއުމިނުންގެ ސިފައަކީ ހެޔޮ އަމަލު ކުރުން މަތީ ދެމި ތިބުމެވެ،” ހުތުބާގައި ނަސޭހަތްތެރިވެ ވަޑައިގެންފައިވެއެވެ.

ހުތުބާގައި އިތުރަށް ވަނީ، ރަމަޟާން މަހު ﷲގެ ވަޖްހުފުޅު އަދައިގެން ހެޔޮ ގޮތުގައި ރޯދަ ހިފައި، ރޭއަޅުކަން ކޮށް ހެޔޮ އަމަލުތައް ކޮށް އުޅުނުމީހާ އެކަންތައްތަކާ މެދު ބޮޑާވެ ނުގަތުމަށާއި އޭގެ ބަދަލުގައި އެ އަމަލުތައް ގަބޫލު ކުރައްވާތޯ ﷲއަށް ދުއާ ދެންނެވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ދުނިޔޭގައި ލިބިފައިވާ މިވާ ކުޑަ ދުވަސްކޮޅު ހެޔޮ އަމަލު ކުރުމަސް އަވަސްވެގަތުމަށް ގޮވާލާ ހުތުބާގައި ވިދާޅުވީ، ބުއްދިވެރިއަކީ އެމީހާގެ ނަފްސު ކިޔަމަންކޮށް، މަރުވުމަށްފަހު އޮތް ހަޔާތަށް ތައްޔާރުވާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ އެމީހާގެ ހަވާނަފްސު އެދޭހައި ކަމަކަށް އިޖާބަދިނުމަށްފަހު ﷲގެ ހަޟްރަތުން ފޮނި އުއްމީދުތައް ކުރާ މީހާ ކަމަށް ވިދާޅުވިއެވެ.

އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެއް

ލައިލަތުލް ޤަދްރި ވިލޭރެއާއި ބެހޭގޮތުން މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. “إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ “

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، އިންޒާރުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވައެވެ. –ސޫރަތުއްދުޚާން 3،4-

އަދިވެސް އެކަލާނގެ އެރެއާއި މެދު ވަޙީކުރެއްވިއެވެ. “إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ * وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ * لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ * تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ * سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ*”

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރެއަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ލައިލަތުލް ޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ. -ސޫރަތުލްޤަދްރި ފެށިގެން ނިޔަލަށް-

ވުމާއެކު ލައިލަތުލް ޤަދްރި ވިލޭރެއަކީ އެހެން ރޭރޭގެ މައްޗަށް ޝަރަފުވެރި ކުރައްވަވާ، އަދި އެ ރޭގައި ކުރާ ހެޔޮޢަމަލު އެއްހާސް ރޭގެ ހެޔޮ ޢަމަލަށްވުރެ ހެޔޮކަން ބޮޑުކަމުގައި އަންގަވާފައިވާ ރެއެވެ. އެ ރޭގައި ކީރިތި ޤުރުއާން ބާވާލައްވައި، މާތް ﷲ އެރޭ ޚާއްޞަ ކުރައްވާ، އަދި ބަރަކާތްތެރި ރެއެއް ކަމަށާއި ކައުނުގައި ހިނގާނޭ ކަންކަން ކަނޑައެޅުއްވާ ރޭކަމުގައި ވެސް ކީރިތި ﷲ ސިފަ ކުރެއްވި ރެއެވެ.

މިދެންނެވި ކަންތައްތަކަކީ ލައިލަތުލް ޤަދްރި ވިލޭރެއަށް ލިބިގެންވާ ޚާއްޞަ މާތްކަމަކާއި، އެހެން ރޭރެއާއި އެ ރޭގެ ހުރި ތަފާތު ކަމެވެ. ލައިލަތުލް ޤަދްރި ވިލޭރޭގެ ދަރުމައާއި ޘަވާބު ލިބިގަތުމައްޓަކައި އަޅުގަޑުމެންގެ މާތް ނަބިއްޔާ، ރޯދަ މަހުގެ ފަހު ދިހައިގައި، އެހެން ރޭތަކާއި ދުވަސްތަކަށްވުރެ ބޮޑަށް އަޅުކަމާއިގެން އަވަދިނެތި އުޅުއްވިއެވެ.

ރޭތަކުގެ ތެރެއިން އެންމެ މާތް މަތިވެރި ރެއަށް އެރޭ ވާތީއެވެ. އެހެނީ ލައިލަތުލް ޤަދްރި ވިލޭރެއާ މެދު އައިސްފައިވާ ފަދަ ބަސްފުޅުތަކެއް އެހެން އެއްވެސް ރެއަކާ މެދު ވާރިދުވެފައި ނުވެއެވެ. އެއީ މި އުންމަތަށް މާތް ﷲ ގެ ރަޙުމަތްފުޅުން، އެކަލާނގެ އިޙްސާންތެރިވެ ވޮޑިގެންވާ ކަމުން އަޅުގަޑުމެންނަށް ދެއްވި އަގު ނުކުރެވޭހާ ބޮޑު ހަދިޔާއެކެވެ.

އިސްރާއާއި މިޢުރާޖުގެ ރެއާއި ލައިލަތުލް ޤަދްރި ވިލޭރޭ ތެރެއިން މާތްކަން ބޮޑީ ކޮން ރެއެއްތޯ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހު ﷲ ކުރެން ސުވާލު ދެންނެވުނުހިނދު އެކަލޭގެފާނު ޖަވާބުދެއްވާފައިވަނީ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ނިސްބަތުގައި އިސްރާއާއި މިޢުރާޖުގެ ރޭ ލައިލަތުލްޤަދްރިއަށްވުރެ މަތިވެރިވެގެންވާ ކަމުގައްޔާއި އަދި މުޅި އުންމަތުގެ ނިސްބަތުގައި ލައިލަތުލް ޤަދްރި ވިލޭރޭ އިސްރާއާއި މިޢުރާޖަށްވުރެ މާތްވެގެންވާ ކަމުގައެވެ.

ފަހެ، ނަބިއްޔާއަށް ޚާއްސަކުރެއްވިގެންވާ އިސްރާއާއި މިޢުރާޖުގެ ނަޞީބު، ލައިލަތުލްޤަދްރީގައި އެކަލޭގެފާނުގެ ނަސީބަށްވުރެ ފުރިހަމަވެގެންވެއެވެ. އަދި މުޅި އުންމަތަށް ލައިލަތުލް ޤަދްރި ވިލޭރޭގެ ނަޞީބާއި ދަރުމަ، އިސްރާއާއި މިޢުރާޖްގެ ނަސީބަށްވުރެ ބޮޑުވެގެންވެއެވެ. އެއީ އިސްރާއާއި މިޢުރާޖުގެ ރޭގައި އެބައިމީހުންގެ އެންމެ ބޮޑު ނަސީބު އެކުލެވިފައިވީ ނަމަވެސް، އިސްރާއާއި މިޢުރާޖްގެ މާތްކަމާއި، ދަރުމައާއި މަތިވެރި މަޤާމް މާތް ﷲ ދެއްވެވީ ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާއަށް އެކަންޏެވެ.

މާތް ނަބިއްޔާ އިސްރާއި މިޢުރާޖުގެ ރޭ ނަމާދަކުން ނުވަތަ ޛިކުރަކުން ވިޔަސް ޚާއްސަކުރައްވާކަމުގައި ނުވެއެވެ. އެޔާޚިލާފަށް އެކަލޭގެފާނު، އެރެއެއްގެ މަތިވެރިކަމާއި މަޤާމަށްޓަކައި ޚާއްސަކުރެއްވި ކަމުގައިވަނީ ލައިލަތުލްޤަދްރިއެވެ.

ހަމަ އެއާއި އެކު، އިސްރާއާއި މިޢުރާޖުގެ ރެއަކީ ކޮން މަހެއްގެ ކޮން ރެއެއް ކަމެއް ޘާބިތުވާން ނެތުން އެއީ އެރެޔަކީ ކޮން ރެއެއް ކަން އެނގުމާއި އެރެއަކީ ވަކި ރެއެއްކަން ކަނޑައެޅުމުގައި އަހަރެމެންނަށް އެއްވެސް މަސްލަޙަތެއް ނުވާކަން ދޭހަވެގެންދާ ކަމެކެވެ. މިއާޚިލާފަށް ލައިލަތުލް ޤަދްރި ވިލޭރެއަކީ ރޯދަމަހުގައި އަންނަ ރެއެއްކަން މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. “شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ “
މާނައީ: ރަމްޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. –ސޫރަތުލް ބަޤަރާ 185-
އަދިވެސް އެކަލާނގެ ވަޙީކުރެއްވި އެވެ. “إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ القدر”
މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.

އެހެންވީމާ، ލައިލަތުލް ޤަދްރި ވިލޭރެއަކީ، ރަމަޟާން މަހުގައި އަންނަ ރެއެއްކަން ކަށަވަރުވެއެވެ. އަދި ރަމަޟާންމަހުގެ ކޮން ރެއެއްކަން ކަނޑައެޅިގެން ނޭނގުނު ކަމުގައި ވީނަމަވެސް، އެ ރެއަކީ އެމަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެއްކަން ކީރިތި ނަބިއްޔާގެ ބަސްފުޅުތަކުން ޘާބިތުވެއެވެ.

ވުމާއެކު ރަމްޟާން މަހު އެއްކޮށް ރޯދަ ހިފާ، އެމަހުގެ ރޭތަކުގައި އަޅުކަންކޮށްފި މީހާ ހަމަޔަގީނުންވެސް ލައިލަތުލްޤަދްރިއާއި ބައްދަލުވެ، އޭނާގެ ނިޔަތާއި މަސައްކަތަށްޓަކައި ﷲ ގެ ވާގިފުޅާއެކު، އެ ރޭގެ ދަރުމަ އޭނާއަށް ލިޔުއްވޭނެއެވެ.

ރޯދަމަހުގެ ކުރިން މަރުނުވެ ހުރުމަކީ ކުޑަ ކަމެއްނޫން، ސުވަރުގެ ލިބުމަށް މަސައްކަތްކުރޭ!

މި ރަމަޟާން މަސް އައުމުގެ ކުރިން މި ދުނިޔެއާ ވަކިނުވެ ހުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެހެންކަމުން ސަރުވަރުގެ ލިބުމަށް ގަދައަޅާ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

“ރަމަޟާންމަހުގެ ފަހުދިހައިގެ މާތްކަން” ގެ މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ވޭތިކުރަމުން މިގެންދަނީ ބަރަކާތާއި މަޣްފިރަތުން ފުރިގެންވަ ރަމާޟާންމަހުގެ މާތް ރޭތަކާއި ދުވަސްތައް ކަމަށާއި މި މާތް މައްސަރުގެ ކޮންމެ ރެއެއްގައި ވެސް ﷲ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖުކުރައްވާނެ ކަމުގައި ރިވޭވެގެންވާ ކަމަށެވެ.

އެހެންކަމުން މި ބަރަކާތުން ފުރިގެންވާ ދުވަސްތަކާއި ރޭތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ސުވަރުގެ ލިބިގަތުމަށް ވާދަކުރުމަށާއި ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް އަވަސްވެގަތުމަށް ހުތުބާގައި ނަސޭހަތްތެރިވެ ވަޑައިގެންފައިވެއެވެ.

އަދި މި މައްސަރުގެ ޘަވާބާއި ދަރުމަޔަށް އެންމެ ދަހިވެތިވާންވީ ވަގުތު ކުރިއަށް އޮތީކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ލޮބުވެތި މާތް ނަބިއްޔާ ރަސޫލުﷲ صلى الله عليه وسلمގެ މުޅި އަހަރުގެ އެހެން ވަގުތުތަކުގައި އަޅުކަމުގައި މަޝްއޫލުވެ ވަޑައިގުގަންނަވާ މިންވަރަށް ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމާއިގެން މަޝްއޫލުވެ ވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން މިރޭތަކުގެ ބަރަކާތާއި ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ވަސިއްޔަތް ކުރައްވާފައެވެ.

“މި ރަމަޟާންމަސް އައުމުގެ ކުރިން މިދުނިޔެއާ އަލްވަދާއުކީ މީހުންގެ ތެރޭގައި ނުހިމެނި ހެޔޮ ސިއްހަތާއި އާފިޔަތުގައި މިމައްސަރާ ބައްދަލުވުމަކީ ކުޑަ ކަމެއް ނޫނެވެ. ވީމާ އެކަމަށް ޝުކުރުވެރިވާ ހާލު މިމައްސަރުގައި ކުރާ ހެޔޮއަމަލުގެ ސަބަބުން ސުވަރުގެ ލިބޭ މީހުންގެ ތެރެއިން ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ!،” ހުތުބާގައި ވިދޅާުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ﷲގެ އޯގާވަންތަކަމުން މުސްލިމުންނަށްޓަކާ ފަހުދިހައިގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ލައިލަތުލް ގަދްރިވިލޭރޭ ލައްވާފައިވާކަމަށެވެ. އަދި ލައިލަތުލް ގަދްރިވިލޭރޭ އަކީ ރަހްމާންވަންތަ، ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން ހިތަށް ނުގެނެވޭފަދަ ދީލަތިވަންތަ ބަރަކާތް ދެއްވުމެއް ކަމަށް ވިދާޅުވިއެވެ.

އަދި އެރޭ އަޅުކަމުގައި ދެމިތިބި ކޮންމެ ބަޔަކަށް ފާފަފުއްސެއްވުން އެދި އެ މަލާއިކަތުން ދުއާ ކުރައްވާނެ ކަމަށައި އެރެއަކީ ފަތިސްވެ އަލިވިލެންދެން އަމާންވެގެންވާ ރެއެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެރޭގެ މާތްކަން ބަޔާންކުރައްވާ ﷲ ތައާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“މަލާއިކަތުންނާއި ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒްނަ ފުޅާއެކު، ހުރިހާ އަމުރު ފުޅަކާއިގެން އެރޭ ފައިބާ ވަޑައިގަންނަވާނެތެވެ،”

ފިޠްރުޒަކާތް ނެރުން ލަސްނުކުރޭ

ފިޠްރު ޒަކާތަކީ ކުޅަދާނަކަން ހުރި މީހުން ކުޅަދާނަކަން ނެތް ފަޤީރުންނަށް ފޯރުކޮށްލާ މާއްދީ އެހީތެރިކަމެކެވެ. ފިޠްރު ޒަކާތް ފަރުޟު ކުރެއްވުނީ ރޯދައާއެކު، ހިޖުރައިން ދެވަނަ އަހަރުގައެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވާ ގޮތުން ފިޠްރު ޒަކާތަކީ ރޯދަވެރިއާ، ރޯދައަށްހުރެ ކުރެވޭ ކުދި ކުށްތަކުން ރޯދައަށް ބުރާފައިވާ ”ހިރަފުހުން” އެ ސާފުކޮށްދޭ އެއްޗެކެވެ. އަދި ހަމައެހެންމެ މިއީ ރޯދަމަހު މުސްލިމުން، ފަޤީރުންގެ ކެކުޅުންތަކާއި، ބަނޑުހައިހޫނުކަން ދެނެގަނެ، އެކަން މުޖުތަމަޢުން ފޮހެލުމައްޓަކައި އަޅާ ފުރަތަމަ ފިޔަވަޅެވެ.

ރަމަޟާންމަހު ގައި ތިމަންނަވީ ބަނޑުހައިކަން މިއަދު ޢީދު ދުވަހުވެސް އަނެއް އަޚާ ވާނެކަން ހަދާންނުނެތޭކަން ފިޠްރު ޒަކާތުގެ ހާލުގެ ދުލުން ބުނެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން އެހެން މީހުންގެ ބަނޑުހައިހޫނުކަން އިޙްސާސް ކުރަން ދަސްވި ދަސްވުމަށް، ކުރިމަތިވާ ފުރަތަމަ ޙަޤީޤީ އިމްތިޙާނަކީ ޒަކާތް ނެރޭ ދުވަހެވެ.

އެގޮތުން މުސްލިމުންގެ ތެރެއިން، ކޮންމެ އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ބޮޑުމީހެއް، މިނިވަނެއް އަޅެއް، ފަޤީރެއް މުއްސަންޖެއްގެ މައްޗަށް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ. ނަމަވެސް މި ވާޖިބުވާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކީ، ޢީދު ދުވަހާއި އެރޭ އޭނާއާއި ބަލަދުވެރިން ކާނެ، އަދި ބޭނުންތައް ފުއްދޭނެ ފައިސާ ނުވަތަ ތަނަވަސްކަން އަތުގައި ހުރުމެވެ.

ފިޠުރު ޒަކާތް ދިނުން ވާޖިބުވާ ވަގުތަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސުމުންނެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛުހަބެވެ. މާލިކީ އަދި ޙަނަފީން ދެކެނީ ޢީދުދުވަހުގެ އިރުއެރުމުން ކަމަށެވެ. އިބުނު ޢައްބާސް ރިވާކުރެއްވި ޙަދީޘެއްގައި ވާގޮތުން ޢީދު ނަމާދުގެ ކުރިން ޒަކާތް ނެރެން ޖެހެއެވެ. ވީމާ އޭގެ ފަހުން އެ ނެރެފިނަމަ އެއީ ފިޠްރު ޒަކާތަކަށް ނުވާނެއެވެ. ނަމަވެސް އެވާނީ ޞަދަޤާތަކަށެވެ.

ފިޠްރު ޒަކާތް ލިބެން ޖެހޭ މީހުން:

ފިޠްރުޒަކާތް ލިބެންޖެހޭ މީހުންނާއި މެދު ފިޤުހުވެރިންގެ މެދުގައި ތިން ރައުޔުއެއް އެބަ އޮތެވެ. އެއީ

1- މުދަލުގެ ޒަކާތްވެސް ލިބޭ 8 ބާވަތުގެ މީހުންނަށް ( ތައުބާ ސޫރަތުގެގެ 60 ވަނަ އާޔަތް ބަލާށެވެ. ) ފިޠުރު ޒަކާތްވެސް ލިއްބައި ދެވިދާނެއެވެ. މިއީ ޝާފިޢީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ.

2- އަށް ބާވަތުގެ މީހުންނަށް ބެހުންވެސް ހުއްދައެވެ. އަދި ފަޤީރުންނާއި މިސްކީނުންނަށް ބެހުން ޚާއްޞަ ކުރުންވެސް ހުއްދައެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ.

3- ހަމަ އެކަނި ފަޤީރުންނާއި މިސްކީނުންނަށް ބެހުން ޚާއްޞަ ކުރުން ވާޖިބެވެ. މިއީ މާލިކީ އަދި އިމާމް އަޙްމަދުގެ އެއް ރިވާޔަތެއްގައި ވާ ރައުޔެވެ. އިބްނު ތައިމިޔާ އާއި އޭނާގެ ދަރިވަރު އިބްނުލް ޤައްޔިމް ބުރަވެލައްވަނީވެސް މި ރައުޔަށެވެ.

އަލްޢައްލާމާ ޝައިޚް ޔޫސުފުލް ޤަރަޞާވީ މި މައްސަލާގައި ވިދާޅުވެފައިވަނީ، ތިންވަނަ ރައުޔަކީ ފިޠުރު ޒަކާތުގެ ރޫޙާއި އެންމެ ގުޅޭ ރައުޔު ކަމަށެވެ. އެއީ ހަމައެކަނި ފަޤީރުންނާއި މިސްކީނުންނަށް ޚާއްޞަ ކުރެވޭތީއެވެ. ނަމަވެސް ޤަރަޟާވީ ވިދާޅުވަނީ އެހެން ފަރާތަކަށްވެސް ބޭނުން ޖެހިއްޖެ ހިނދެއްގައި އެފަރާތަކަށް މިއިން ބައެއް ދިނުން އެއީ މަޞްލަޙަތު ހުރި ގޮތެއް ކަމަށެވެ.

ފިޠުރުޒަކާތް ނުބެހޭނެ މީހުން

ފިޠްރު ޒަކާތަކީ ވެސް ޒަކާތަކަށް ވާހިނދު، ޒަކާތް ދިނުން ހުއްދަ ނޫން އެއްވެސް މީހަކަށް ފިޠްރު ޒަކާތްވެސް ނުދެވޭނެއެވެ. އޭގެ ތެރޭގައި ކާފިރުން، މުރުތައްދުން، މުއްސަނދިން، ޒަކާތް ލިބޭ މީހުންގެ 8 ބައިގައި ނުހިމެނޭ މީހުން، މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެހެން ނަމަވެސް މަސައްކަތް ނުކޮށް ސަލާންޖަހާ މީހުން، މައިންބަފައިން، ދަރިން، އަދި އަނބިމީހާ ހިމެނެއެވެ.

ދެންމެ މި ބުނެވުނު ޢާއިލާ މީހުންނަށް ޒަކާތުން އެއްޗެއް ދިނުން ހުއްދަ ނޫނީ އެއީ، ޚަރަދު ކުރުން އޭނާގެ މައްޗަށް ވާޖިބުވެފައިވާ ބަޔަކަށް ވާތީއެވެ. ވީމާ މިސާލަކަށް ދަރިފުޅަށް ނުވަތަ އަނބިމީހާއަށް ޒަކާތް ދިނުމަކީ އަމިއްލަ ޖީބަށް އެ ފައިސާ ނަގާފައި ޒަކާތް ދީފައި އަލުން އެ ފައިސާ ޖީބަށް ލުން ކަހަލަ ކަމެކެވެ.

ޚަރަދު ކުރުން ވާޖިބު ނޫން ތިމާގެ މީހުންނަށް ޒަކާތުގެ ފައިސާ ދިނުން ހުއްދައެވެ. އެހެނީ ތިމާގެ މީހުންނަށް ޞަދަޤާތް ދިނުމަކީ ވަރަށް ހެޔޮ އިތުރު ކަމެކެވެ. މިސާލަކަށް ބޭނުން ޖެހިފައިވާ ދައްތަ، ބޭބެ، ބޮޑު ދައިތަ ބޮޑު ބޭބެ އަދި މިނުންވެސް ތިމާގެ މީހުންނެވެ. ހަމަ އެހެންމެ ފަޤީރު ރައްޓެއްސަކަށް ވެސް ދެވިދާނެއެވެ. އޮތް ހަމަ އެކަނި ޝަރުޠަކީ ޒަކާތުގެ އާޔަތުގައިވާ 8 ސިފައިން ކުރެ ސިފައެއް މިއިން މީހެއްގައި ހުރުމެވެ.

އެކަމަކު ތިމާއަކީ ވަރަށް މުއްސަނދި މީހެއްނަމަ މި ފަދަ މީހަކަށް ވެދޭ އެހީ އަކީ ޒަކާތަށް ޚާއްސަ ފައިސާއިން ދޭ އެއްޗެއްގެ ބަދަލުގައި، އެހެން ބަޖެޓަކުން ވެދޭ އެހީއަކަށް ހެދުން ރަނގަޅެވެ. އޭރުން ގާތް މީހުންގެ ބޭނުންވެސް ފުއްދައި ދެވިފައި އަދި ނުދަންނަ ހިލޭ ފަޤީރުންނަށް ދޭން ޒަކާތުގެ ފައިސާ ހުންނާނެއެވެ.

ރޯދައިގެ މަތިވެރިކަމާއި، މާތްކަން

ރޯދަ މަހަކީ އިސްލާމްދީނުގެ ރުކުނެކެވެ. އެ މަހަކީ އިސްލާމް ދީނުގެ ދުސްތޫރު އަދި ﷲގެ ކަލާމްފުޅު ކަމުގައިވާ ޤުރުއާން ބާވައިލެއްވުނު މަހެވެ. ލައިލަތުލް ޤަދްރިވިލޭރޭ ޤުރުއާން ބާވައިލެއްވުމާ ބެހޭ ގޮތުން ވަރަށް ގިނަ ގޮތް ގޮތަށް ޢިލްމުވެރިން ވާހަކަ ދައްކާފައި އެބަހުއްޓެވެ.

ނަމަވެސް، އެންމެ ޞައްޙަ ރައުޔެއް ކަމަށް ބެލެވޭ ރައުޔަކީ، އިބްނު ޢައްބާސްގެ ރައުޔެވެ. މި ރައުޔު ދެކޭ ގޮތުގައި، ލައިލަތުލް ޤަދްރި ވިލޭރޭ ޤުރުއާން ބާވައިލެއްވުނީ، ލައުޙުލް މަޙްފޫޡުން ދުނިޔޭގެ އުޑުގެ ބައިތުލް ޢިއްޒާ އަށެވެ. މި ބާވައިލެއްވުމަކީ، އެއްފަހަރާ އެއްކޮށް ބާވައިލެއްވުނު ބާވައިލެއްވުމެކެވެ.

ދެން ފަހުން ވަކިވަކިން ޤުރުއާން ބާވައިލެއްވުނީއެވެ. އައްޝަޢްބީ އަދި މުޙައްމަދު ބިން އިސްޙާޤު ވިދާޅުވި ގޮތުގައި، ޤުރުއާނަށް ވަނީ އެންމެ ބާވައިލެއްވުމެކެވެ. ދެ ބާވައިލެއްވުމެއް ނޫނެވެ. ބާވައިލެއްވުމުގެ ފެއްޓުމަކީ، ސޫރަތުލް ޢަލަޤް ގެ ފުރަތަމަ ހަތަރު އާޔަތެވެ. މި ހަތަރު އާޔަތް ބާވައިލެއްވުނީ، ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.

ރޯދައިގެ މަތިވެރިކަމާއި ބެހޭ ގޮތުން އެތަކެއް ޙަދީޘެއް ވާރިދުވެފައިވެއެވެ. އެގޮތުން ބުޚާރީ މުސްލިމުގައި އައިސްފައިވާ ޞައްޙަ ޙަދީޘްތަކުގެ ތެރެއިން އެއް ޙަދީޘެއްގައި ވަނީ:

أَبي هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ قَالَ اللَّهُ عَزَّ وَجَلَّ ‏ ‏كُلُّ عَمَلِ ابْنِ ‏ ‏آدَمَ ‏ ‏لَهُ إِلَّا الصِّيَامَ هُوَ لِي وَأَنَا أَجْزِي بِهِ

މާނައަކީ: ”އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވި އަޑު އަހަރެން އެހީމެވެ. ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ. ރޯދަ ފިޔަވައި، އާދަމުގެ ދަރިއާ ކުރާ ކޮންމެ ޢަމަލަކީވެސް އޭނާއަށްޓަކައި ވާ އެއްޗެކެވެ. ރޯދައަކީ ތިމަން ރަސްކަލާނގެއަށްޓަކައި ވާ އެއްޗެކެވެ. އަދި އެ ކަމަށްޓަކައި ތިމަންރަސްކަލާނގެ އޭނާއަށް ހެޔޮޖަޒާ ދެއްވާނަމެވެ.”

މުސްލިމުން ކުރާ ހުރިހާ ހެޔޮކަމަކީ ވެސް ﷲގެ ވަޖުހުފުޅަށްޓަކައި ކުރެވޭ ކަމަކަކަށް ވާތީ، މި ޙަދީޘްގައި އޮތް އަސްލު މާނައަކީ ކޮބައިކަމާ މެދު ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައިވެއެވެ. މި ގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ، ޙަދީޘްގެ މުރާދަކީ، ރޯދައަކީ ނަމާދާއި ޙައްޖާއި ޞަދަޤާތް ދިނުންފަދަ ބޭރުފުށަށް ފެންނަ އަޅުކަންތަކާ ޚިލާފު، އެއްވެސް ކަހަލަ ދެއްކުންތެރިކަމެއް އޭގެ ތެރެއަށް ނުވެއްދޭނެ އަޅުކަމެއް ވާހަކައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވީ އޭގެ މުރާދަކީ، ރޯދައަކީ ﷲ ނުން އެއްވެސް އިލާހަކަށް އަޅުކަމުގެ ގޮތުގައި ކުރެވުނު ކަމެއް ނޫންވާހަކައެވެ. ހީވާ ގޮތުން ބޮޑަށް ރަނގަޅީ ފުރަތަމަ މާނައެވެ.

ކޮންމެއަކަސް، ރޯދަ ވެރިއާ އޭނާގެ ކާނާއާއި ޝަހުވަތް ދޫކުރަނީ މާތް ﷲ އެނގެވިކަމަށްޓަކައެވެ. އެހެން އެއްވެސް ސަބަބެއް އޭގައި ނެތެވެ. އަދި ރޯދަ ހިފައިގެން ހުންނަނީ މީހަކަށް ދައްކާކަށް ވެސް ނޫނެވެ. އިޚްލާޞްތެރިކަމެއް ނެތިއްޔާ، ވަގަށް ކެޔަސް އެކަން އެނގޭނެ އިންސިއެއް ނުހުންނާނެއެވެ.

މުސްލިމް ރިވާކުރެއްވި އެހެން ޙަދީޘެއްގައިވަނީ: لِلصَّائِمِ فَرْحَتَانِ فَرْحَةٌ عِنْدَ فِطْرِهِ وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ

މާނައަކީ: ”ރޯދަވެރިއާއަށް ދެ އުފަލެއް ލިބެއެވެ. ރޯދަ ވީއްލާވަގުތު ލިބޭ އުފަލާއި، އޭނާ ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ އާއި ބައްދަލު ކުރެވޭވަގުތު ލިބޭ އުފަލެވެ.”

ބުޚާރީ މުސްލިމްގައިވާ އެހެން ޙަދީޘެއްގައިވަނީ: مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنْ النَّارِ سَبْعِينَ خَرِيفًا

މާނައަކީ: ”އެއް ދުވަހު ވެސް ﷲ ގެ މަގުގައި ރޯދައެއް ހިފައިފި މީހެއްގެ މޫނު، ނަރަކައާއި ހަތްދިހަ އަހަރުގެ ރާސާތާއަކަށް، މާތްﷲ ދުރުކުރައްވާނެއެވެ.”

ދީލަތި ވުމަށް އިސްލާމްދީން ބާރު އަޅުއްވާ

ދީލަތި ވުމަށް އިސްލާމް ދީން ގޮވާލާފައި ވެއެވެ. އަދި ހޭދަ ކުރުމަށް ދީން ބާރު އަޅައެވެ. ސަބަބަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި ދީ ހެދުމުން، އެ މީހުންގެ ތެރެގައި ލޯތްބާއި އެކުވެރިކަން އުފެދެއެވެ. އޭރުން މުޅި މުޖްތަމަޢް ގައި ވެސް އޮންނާނީ ލޯތްބާއި އެކުވެރިކަން ފެތުރިފައެވެ.

އަދި ޙަސަދަވެރިކަމާއި ނަފްރަތު މީހުންގެ ކިބައިން ފިލައިގެން ދާނެއެވެ. ދީލަތިކަން މުޖްތަމަޢްގައި ފެތުރުނީމާ، މުއްސަނދިން ފަޤީރުން ދެކެ ލޯބިވާނެއެވެ. އަދި ފަޤީރުންނާ އަޅާލާނެއެވެ. އަދި ހަމަ އެހެންމެ ފަޤީރުން ވެސް މުއްސަނދިން ދެކެ ލޯބިވާނެއެވެ. އަދި މުޅި މުޖްތަމަޢްގެ އެއްބައިވަންތަކަން ވަރުގަދަވާނެއެވެ. އޭރުން މުޅި މުޖްތަމަޢަކީ ވަރުގަދަ ފަރުބަދައެއް ކަހަލަ ވަރުގަދަ އެއްޗަކަށް ވާނެއެވެ.

 ”ދީލަތި” މި މާނަ އޮންނަ ﷲ ގެ އިސްމުފުޅެއް ދަންނަން ހެއްޔެވެ؟ ”އަލްކަރީމް” އަކީ މާތް ﷲ ގެ އިސްމުފުޅެކެވެ. އޭގެ މާނައަކީ ”ދީލަތިވަންތަ” އެވެ. މާނައަކީ މާތް އަކީ ދީލަތިވަންތަ ރަސްކަލާނގެއެވެ. މާތް ﷲ އަކީ ނިމުމެއް ނެތް ދީލަތިވަންތަ ކަލާނގެއެވެ. ދުނިޔޭގައި މިވާހާ އެއްޗަކަށް ރިޒުޤު ލިބެނީ އެ ކަލާނގެ ދީލަތިވަންތަ ކަމުގެ ސަބަބުންނެވެ. އަދި އިންސާނުންނަށާއި އަދި ދުނިޔޭގައި ވާހާ އެ ނުން ވެސް ތަކެއްޗަށް ލިބިފައި މިވާހާ ނިޢްމަތްތަކަކީ، މާތް ﷲ ގެ ދީލަތިވަންތަ ކަމުން ލިބިފައިވާ ނިޢްމަތްތަކެކެވެ.

މާތް ﷲ އަކީ ދީލަތިވަންތަ ރަސްކަލާނގެ ކަމުން، އެ ކަލާނގެ އަޅުތަކުންނަކީ ވެސް ދީލަތި ބައެއް ކަމުގައި ވުމަށް، އެ ކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. އެ ކަލާނގެ ދީލަތިވަންތަ ކަމުން، އަހަރެމެން ހައްދަވައި ބޮޑު ކުރައްވައި، ރިޒުޤު ދެއްވައި، ދުނިޔޭގައި އުޅެވޭނެ ބާރު ދެއްވިއެވެ. ފުރިހަމަ ޞިއްޙަތެއް ދެއްވިއެވެ. ބަލި ވީމާ ޝިފާ ދެއްވައެވެ. ބަނޑުހައިވީމާ ކާނެ މޭވާ އާއި ތަރުކާރީ އާއި ގޮދަނާއި ހަނޑޫފަދަ ތަކެތި ދެއްވިއެވެ. ކަރު ހިއްގައިގަތީމާ ބޯނެ ޖޫހާއި ފެނާއި ކިރާއި މާމުއި ފަދަ އެއްޗެހި ދެއްވިއެވެ.

ކޮންމެ ދިމާއަކަށް އަހަރެމެން ބަލާލިއަސް، މާތް ﷲ ގެ ދީލަތިވަންތަކަން ފެންނަން ހުންނާނެއެވެ. މާތް ﷲ ގެ ދީލަތިވަންތަކަން، ދުނިޔޭގައިވާހާ ތަކެއްޗާއި މީހުންނެއް ޝާމިލްވެއެވެ.

ދީލަތިމީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވައެވެ. ދަހިމީހުން ދެކެ އެ ކަލާނގެ ރުހިވޮޑިނުގަންނަވައެވެ. އަދި ދީލަތި މީހުންގެ މުދަލުގައި، އެ ކަލާނގެ ބަރަކާތް ލައްވައެވެ. އަދި މި ކަމަށް ވުރެ މުހިއްމު ކަމަކީ، ދީލަތި މީހުންނަށްޓަކައި ޤިޔާމަތް ދުވަހު ވަރަށް ގިނަގުނަ ޘަވާބު ލިބުމެވެ. ދީލަތި މީހުންނަށް ލިބޭ ޘަވާބާއި ބެހޭ ގޮތުން މާތް ﷲ ވަޙީ ކުރައްވާފައި ވަނީ:

مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَاللّهُ يُضَاعِفُ لِمَن يَشَاء وَاللّهُ وَاسِعٌ عَلِيمٌ

މާނައަކީ: ”ތިމާމެންގެ މުދާ، ﷲގ ގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮއްޓަރު ހިމެނޭ، ހަތް ކުރާގަނޑު އުފައްދާ އޮއްޓަރެއްގެ މިސާލެވެ. އަދި ދަންނައެ! ﷲ، އެ ކަލާނގެ އިރާދަކުރައްވައިފި އަޅަކަށް، ގިނަގުނަވި ތަނަވަސްކަން ދެއްވައެވެ. އަދި، ﷲ އަކީ، ނުހަނު ތަނަވަސްކަން ދެއްވަ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (އަލްބަޤަރާ: 261)

މީސްތަކުންގެ ތެރެއިން އެންމެދީލަތި ބޭކަލަކީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ. މާތްﷲ ގެ މަގުގައި އެއްޗެއް ހޭދަ ކުރެވޭނެ ގޮތެއް ފެނިވަޑައިގެންފިނަމަ، އެ ކަލޭގެފާނު ހޭދަކުރައްވައެވެ. ފައިސާއަށް ބޭނުން ޖެހިފައިވާ މީހަކު ފެނިވަޑައިގެންފިނަމަ، އޭނާގެ ބޭނުން ފުއްދަވައި ދެއްވައެވެ. އިބްނު ޢައްބާސް އަށް، ކީރިތި ރަސޫލާގެ ދީލަތިފުޅުކަން ފެނިވަޑައިގެން ވިދާޅުވެފައި ވަނީ:

كَانَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَجْوَدَ النَّاسِ بِالْخَيْرِ وَأَجْوَدُ مَا يَكُونُ فِي شَهْرِ رَمَضَانَ لِأَنَّ ‏ ‏جِبْرِيلَ ‏ ‏كَانَ يَلْقَاهُ فِي كُلِّ لَيْلَةٍ فِي شَهْرِ رَمَضَانَ حَتَّى يَنْسَلِخَ يَعْرِضُ عَلَيْهِ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الْقُرْآنَ فَإِذَا لَقِيَهُ ‏ ‏جِبْرِيلُ ‏ ‏كَانَ أَجْوَدَ بِالْخَيْرِ مِنْ الرِّيحِ الْمُرْسَلَةِ

މާނައަކީ: ”މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ބޭކަލަކީ، ކީރިތި ރަސޫލާއެވެ. އަދި އެ ކަލޭގެފާނު އެންމެ ބޮޑަށް ދީލަތިވެވަޑައިގަންނަވަނީ، ރަމަޟާން މަހުގައެވެ. ސަބަބަކީ ރަމަޟާން މަސް ނިމެން ދެން އެ މަހުގެ ކޮންމެ ރެއަކު، ޖިބްރީލްގެފާނު އެކަލޭގެފާނާ ބައްދަލު ކުރައްވައެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖިބްރީލްގެފާނަށް ޤުރުއާން ކިޔާވިދާޅުވެދެއްވައެވެ. އެ ކަލޭގެފާނާއި ޖިބްރީލްގެފާނު ބައްދަލުވުމުން، ދީލަތި ކަމުގައި އެ ކަލޭގެފާނު، އަވަސް ވަޔަށް ވުރެ ވެސް ދީލައްޗެވެ.” (ޞަޙީޙުލް ބުޚާރީ: 4711. ޞަޙީޙް މުސްލިމް: 2308)

މި ޙަދީޘުން އަހަރެމެންނަށް އެނގެނީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަކީ ވަރަށް ދީލަތި ބޭކަލެއް ކަމެވެ. އަދި ރޯދަ މަހު އެ ކަލޭގެފާނުގެ ދީލަތިފުޅުކަން އިތުރަށް ބޮޑު ކަމެވެ.

އަދި ޖާބިރު ބިން ޢަބްދުﷲ ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި އޮވެއެވެ: مَا سُئِلَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏شَيْئًا قَطُّ فَقَالَ لَا

މާނައަކީ: ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހު، އެއްޗަކަށް އެދި މީހަކު ދަންނަވައިފިނަމަ، ދުވަހަކު ވެސް ނޫނެކޭ ޙަދީޘް ނުކުރައްވައެވެ.” (ޞަޙީޙް މުސްލިމް: 2311)