ހިންދޫ ކަލާނގެ މަތިވެރިކުރަން މަޖުބޫރުކޮށް، ބަނދެ، އަނިޔާކުރި މުސްލިމަކު މަރުވެއްޖެ

ހިންދޫ ކަލާނގެ މަތިވެރިކުރަން މަޖުބޫރުކޮށް ތަޅައި އަނިޔާކުރި މުސްލިމަކު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ތަބްރޭޒް އަންސާނީގެ ގައިގާ ގުރޫޕަކުން ތަޅައި އަނިޔާކުރީ ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް ހޮޅިދަނޑިއެއްގައި އޭނާ ބަނުމަށްފަހު އެވެ.

އިންޑިއާގެ އިރުމަތީގައި އޮންނަ ޖާކްހަންދު ސްޓޭޓްގެ އަވަށެއްގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ އަންސާރީ ބަނުމަސްފަހު ހިންދޫ ރާމް ކަލާނގެ މަތިވެރިކަމަށް ދައުވާކޮށް ހިންދޫ ދީނުގެ މީހުން ކިޔާ އުޅޭ “ޖައި ޝްރީ ރާމް” ކިޔަން އޭނާއަށް މަޖުބޫރު ކުރުވާ މަންޒަރެވެ.

އަދި އެ މީހުން ބުނިގޮތަށް އަންސާރީ އެ އެހެން ކިޔާ، އޭނާއަށް ކުރާ އަނިޔާ ހުއްޓާލުމަށް އާދޭސް ކުރާތަން ފެނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަންސާރީ މަރުވީ ވައްކަމުގެ ތުހުމަތުގައި ބަންދު ކޮށްފައި ހުއްޓާ ކުއްލިއަކަށް ބަލިވެގެން ނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަންސާރީ ގެންދެވުނު ހޮސްޕިޓަލުގެ ސިވިލް ސާޖިއަން ވިދާޅުވީ، އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ނުވަތަ ހިތުގެ ބުލޮކެއް އުޅޭތީ ކަމަށް ވެދާނެ ކަމަށެވެ. ޔަގީން ޖަވާބެއް ދެވޭނީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމުން ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އަންސާރީގެ އާއިލާއިން ބުނާ ގޮތުގައި، އޭނާ މަރުވީ ހަތަރު ގަޑިއިރު ވަންދެން އެއްވެސް ހަމްދަރުދީއެއް ނެތި އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުން ނެވެ.

އަދި އޭނާއަކީ ކްރިމިނަލް އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި ވައްކަމެއް ކުރިއަސް ބަދެ، އެތައް ގަޑިއިރެއް ވަންދެން ތަޅައި “ޖައި ޝްރީ ރާމް” ކިޔަން މަޖުބޫރު ކުރުވުމަކީ ހައިރާން ޖެހޭ ކަމެއް ކަމަށް އާއިލާއިން ބުނެ އެވެ.

“އޭނާ (އަންސާރީ)ގެ ކުށަކީ އޭނާ މުސްލިމަކަށްވުން. އެހެން ނޫންނަމަ އޭނާ މިއަދުވެސް ދިރި ހުންނާނެ،” އަންސާރީގެ ބޮޑުބޭބެ މަގްސޫދް އަލަމް ބުނެފައިވެ އެވެ.

ޕަބްޖީއަކީ ހަރާމް އެއްޗެއް ކަމަށްބުނެ އިންޑޮނޭޝިއާގެ މުސްލިމް ގުރޫޕަކުން ފަތުވާއެއް ނެރެފި

ޖަކާޓާ، އިންޑޮނޭޝިއާ – ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަޝްހޫރު ޕްލޭޔާރއަންނޯންސް ބެޓަލްގްރައުންޑްސް މޮބައިލް (ޕަބްޖީ) އަކީ އިސްލާމްދީނަށް މަލާމާތްކޮށް، އެކަމަށް ދެވިހިފާފައިވާ މީހުން އަނިޔާވެރި ކުރުވާ ގޭމެއް ކަމަށް ބުނެ އިންޑޮނޭޝިއާގެ މުސްލިމް ގުރޫޕަކުން ފަތުވާއެއް ނެރެފި އެވެ.

އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގެ މުސްލިމް ޖަމިއްޔާއެއް ކަމަށްވާ އަޗޭ އުލެމާ ކައުންސިލުން އެފަދަ ފަތުވާއެއް މިދިޔަ ބުދަ ދުވަހު ނެރެފައި މިވަނީ، އިރާގާއި ނޭޕާލްގެ އިތުރުން އިންޑިއާގެ ގުޖުރާތް ސްޓޭޓްގައި ވެސް ޕަބްޖީ ކުޅުން މަނާކޮށްފައިވަނިކޮށެވެ.

އެގޮތުން އެ ކައުންސިލުން ވަނީ، އަޗޭ ޕްރޮވިންސްގެ ރައްޔިތުން ޕަބްޖީ އާއި އެފަދަ އަނިޔާވެރިކަމަށް ހިތްވަރުދޭ ގޭމްތައް ކުޅުން ހުއްޓާލައި، އެގައުމުގެ އާންމު ސަރުކާރުން އެ ގޭމް ކުޅުން މަނާކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

“އަހަރެމެންގެ ފަތުވާގައި ބުނެފައިވަނީ ޕަބްޖީ އަދި އެފަދަ އެހެން ގޭމްތަކަކީ ހަރާމް އެއްޗެއް ކަމަށް. ސަބަބަކީ އެ ގޭމްތަކުން އަނިޔާވެރިކަމާއި މީހުންގެ އަހުލާގަށް ބަދަލުތަކެއް އަންނާތީ. އަދި އެ ގޭމަކީ އިސްލާމްދީނަށް އިހްތިރާމްކުޑަ ކުރާ ގާމެއް،” އަޗޭ އުލެމާ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ފައިސަލް އަލީ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ، އެ ފަތުވާ އެ ކައުންސިލުން ނެރުނީ ޕަބްޖީއާމެދު ދިރާސާއެއްކޮށް، އެކަމާ ގުޅިގެން އައިޓީ އަދި ފިގްހުގެ މާހިރުންނާ ވާހަކަ ދައްކާ އަދި ސައިކޮލަޖިސްޓުންނާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އެގޮތުން ގޭމް ކުޅޭ މީހުން އެކަމަށް ދެވިހިފައި އަވަހަށް ރުޅިއައުންފަދަ ނޭދެވޭ ބަދަލުތަކެއް ގެނުވާ ކަމަށް އެ ކައުންސިލުން ނިންމި އެވެ.

ޕަބްޖީ އަކީ ހަރާމް އެއްޗެއް ކަމަށް ބުނެ ފަތުވާއެއް ނެރެފައިވާއިރު، އަޗޭގެ މުސްލިމުންގެ މެދުގައި އެ ގޭމުގެ މަގުބޫލުކަން ބޮޑުވަމުންދާތީ އެ ޕްރޮވިންސްގެ ދީނީ އޮފިޝަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

“އަހަރެމެންނަށް އެބަ ފެނޭ އަޗޭގެ ކުޑަކުދިންނާއި އަދި ބޮޑެތި މީހުން ވެސް ޕަބްޖީއަށް ދެވިހިފައި ކޮންމެ ތަނެއްގައި އިނދެގެން ވެސް މޯބައިލް ފޯނުން އެ ގޭމް ކުޅޭތަން. މިއީ ކަންބޮޑުވަމުންދާ ކަމެއް،” އަލީ ވިދާޅުވެފައިވެ އެވެ.

ގެއްލުނު ދަނޑުވެރިޔާގެ ހަށިގަނޑުގެ ބައިތައް ފެނުނީ ކިނބުލެއްގެ ބަނޑު ތެރެއިން

އިންޑޮނޭޝިއާގެ އަވަށަކުން މީގެ ތިން ދުވަސް ކުރިން ގެއްލުނު ދަނޑުވެރިއެއްގެ ހަށިގަނޑުގެ ބައިތަކެއް ކިނބުލެއްގެ ބަނޑު ތެރެއިން ފެނިއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އިންޑޮނޭޝިއާގެ ސުމަޓްރާގެ ރިއައު ޕްރޮވިންސްގައި އޮންނަ ސިއަކް ޑިސްޓުރިކްޓްގައި އުޅޭ ވާޓޮޔޯ ނަމަކަށް ކިޔާ 37 އަހަރުގެ ދަނޑުވެރިޔާ ގެއްލުނުކަން އެ އަވަށު މީހުންނަށް އެނގުނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އަދި އެކަން އެނގުމާއެކު އަވަށު ރައްޔިތުން ނުކުމެ އޭނާ އެންމެ ފަހުން ފެނުނު ކަމަށް ބެލެވޭ ކޯރު ސަރަހައްދު ބަލަން ފެށި ކަމަށާއި ނަމަވެސް ކޯރުގެ އައްސޭރިފަށުން ފުރަތަމަ ފެނުނީ ކުދިކުދި ވެފައިވާ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަވަށު ރައްޔިތުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، ކުދިކުދި ވެފައިވާ ހަށިގަނޑުގެ ބައިތައް ފެނުމުން ވެސް ދަނޑުވެރިޔާ ކިނބުލެއް އަތްދަށުވީ ކަމަށް ޝައްކު ކުރެވުނު ކަމަށާއި ނަމަވެސް އެކަން ޔަގީންވީ ދަނޑުވެރިޔާގެ ހަށިގަނޑުގެ ބައިތަކެއް ކައިރީގައި ކިނބުލެއް އޮއްވާ ފެނުމުން ކަމަށްވެ އެވެ.

އަދި ފެނުނު ކިނބޫގެ ބަނޑު ކޮންމެވެސް ވަރަކަށް ފުއްޕާފައި އޮތްއިރު، އެކަން އިތުރަށް ކަށަވަރު ކުރަން ފުލުހުންގެ އެހީތެރިކަމާއެކު އެ ކިނބޫ ހިފައި، ރަށު މެދަށް ގެނެސް އޭގެ ބަނޑުފަޅައި ބެލި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

“ކިނބޫގެ ބަނޑު ތެރެއިން ފެނުނީ ދަނޑުވެރިޔާގެ ހަށިގަނޑުގެ ބައިތައް. އެ އެއްޗެހި ހުރީ ކުދިކުދި ވެފައި،”ޑިސްޓުރިކްޓުގެ ވެރިޔާ ވަހްޔުދީ ވިދާޅުވި ކަމަށް އިންޑޮނޭޝިއާގެ މީޑިއާއެއްގައި ރިޕޯޓް ކޮށްފައިވެ އެވެ.

ކިނބޫގެ ބަނޑު ތެރެއިން ދަނޑުވެރިޔާގެ ހަށިގަނޑުގެ ބައިތައް ނަގާ ވީޑިއޯއެއް އާންމުވެފައިވާއިރު، ކިނބޫގެ ބަނޑު ތެރެއިން ދަނޑުވެރިޔާގެ އަތާއި ފައި އަދި އެހެން ބައިތައް ނަގައި ގޯންޔަކަށްލާތަން ފެނެ އެވެ. އަދި އެ މަންޒަރު ބަލަން އެއްވެ ތިބި އަވަށުގެ ރައްޔިތުން ސުބްހާނަﷲ ކިޔަމުންދާ އަޑު އެ ވީޑިއޯއިން އިވެ އެވެ.

ވެރިޔާ ވިދާޅުވި ގޮތުގައި، ދަނޑުވެރިޔާ އެންމެ ފަހުން ފެނުނު ކަމަށް ބުނާ ކޯރަކީ ކިނބޫ ގިނަ އަދަދަކަށް އުޅޭ ކޯރެކެވެ. ނަމަވެސް އެ އެއްޗެހި އިންސާނުންނަށް ހަމަލާ ދިނުމަކީ ވަރަށް މަދުން ހިނގާ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ކާގޯ ބޯޓަކުން 16.5 ޓަނުގެ ކޮކެއިން އަތުލައިގެންފި، އަގު 1 ބިލިއަން ޑޮލަރު!

އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޓްގައި އޮތް ބޯޓަކުން 16.5 ޓަނުގެ ކޮކެއިން އަތުލައިގެންފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ، 1 ބިލިއަން ޑޮލަރުގެ އަގުހުރި އެ މަސްތުވާތަކެއްޗަކީ އެގައުމުގެ ތާރީހުގައި މިފަހުން އަތުލައިގެން އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށެވެ.

ފިލަޑެލްފިއާގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވާގޮތުން، އެ މަސްތުވާތަކެތި ފެނިފައިވަނީ އެ ސްޓޭޓްގެ ޕެކާ މެރީން ޓާމިނަލްގައި އޮތް އެމްއެސްސީ ގަޔަނޭ ނަމަކަށް ކިޔާ ކާގޯ ބޯޓަކަށް އަރުވާފައި ހުރި ހަތް ޝިޕިން ކޮންޓެއިނަރެއްގެ ތެރެއިން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބޯޓުގެ ދެ މެންބަރަކު ހައްޔަރު ކޮށްފައިވާއިރު ދެ މީހުން ވެސް ވަނީ އެ ބޯޓަށް އެ މަސްތުވާތަކެތި އެރުވުމުގައި އެހީތެރިވެދިން ގޮތް އެމެރިކާގެ ފެޑެރަލް އިދާރާތަކަށް ކިޔައިދީފަ އެވެ.

ރޮއިޓާސްގެ ވެސެލް ޓްރެކިން ޑޭޓާ ބުނާގޮތުން، މަސްތުވާތަކެތި ބަރުކޮށްފައި ހުރި އެ ބޯޓު ވަނީ މީގެ މަހެއް ކުރިން ޗިލީ، ޕެރޫ، ކޮލަމްބިއާ އަދި ޕެނަމާގައި ބަނދަރު ކޮށްފަ އެވެ.

އެމެރިކާގެ ތާރީހުގައި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ 1989 ވަނަ އަހަރު ކެލިފޯނިއާއިންނެވެ. އެ ފަހަރު 21 ޓަނުގެ ކޮކެއިން އަތުލައިގެންފައިވެ އެވެ. އަދި ހަމަ އެ އަހަރު ޓެކްސަސް އިން ވެސް ވަނީ 14 ޓަނުގެ ކޮކެއިން އަތުލައިގެންފަ އެވެ.

ޖަޕާނަށް ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ނެރެފި

ރޮއިޓާސް – ޖަޕާނަށް ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ނެރެފި އެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނީ، 6.5 މެގްނިޓިއުޑްގެ ބާރުގަދަ އެ ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ އެންމެ ބޮޑު ރަށް، ހޮންޝޫގެ ހުޅަނގު އައްސޭރި ފަށަށް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ބިންހެލުން އައިސްފައިވަނީ ބިމުގެ 5 ކިލޯމީޓަރު އަޑިއަށެވެ.

ބިންހެލުމާ ގުޅިގެން އަދި އެއްވެސް ތަނަކަށް ގެއްލުމެއް ލިބުނު ކަމެއް ނުވަތަ މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ނަމަވެސް ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ ބިންހެލުން އައި ސަރަހައްދުގެ 0.2 މީޓަރާއި 1.0 މީޓަރުގެ އުސް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ސުނާމީގެ އިންޒާރު ދީފައިވަނީ، ޔަަމަގަޓާ އަދި ނިގަޓާގެ އިތުރުން އިޝިކަވާގެ ނޯޓޯ ސަރަހައްދަ ށެވެ.

ޑޮކްޓަރުންނަށް ރައްކާތެރިކަން ދޭން ގޮވާލައި އިިންޑިއާގެ އަށް ލައްކަ ޑޮކްޓަރުން މުޒާހަރާއަށް

ޕޭޝަންޓުންގެ އާއިލާތަކުން ޑޮކްޓަރުންނަށް ހަމަލާދީ އަނިޔާކުރާކަމުގެ ޝަކުވާއަށް އެދެވޭ ހައްލެއް އައިސްފައިނުވާތީ، ޑޮކްޓަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގޮވާލާ އިންޑިއާގެ 800،000 އެއްހާ ޑޮކްޓަރުން މުޒާހަރާ ކޮށްފި އެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި އުޅޭ ޑޮކްޓަރުން މުޒާހަރާއަށް ނުކުމެފައިވަނީ، ވެސްޓް ބެންގަލްގެ ވެރިރަށް ކޮލްކަޓާގައި ހުންނަ އެންއާރުއެސް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޖޫނިއާ ޑޮކްޓަރަކަށް ގުރޫޕަކުން ގޮސް ހަމަލާ ދިނުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން، އެ ޑޮކްޓަރަށް ހަމަލާދީފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި މަރުވި 75 އަހަރުގެ މުހައްމަދު ސައްޔިދް ނަމަކަށްކިޔާ ޕޭޝަންޓެއްގެ އާއިލާއަށް ނިސްބަތްވާ ބައެކެވެ.

އެ މައްސަލާގައި ގުރޫޕަކުން ގޮސް ހަމަލާދިން ޑޮކްޓަރަކީ މަރުވި ޕޭޝަންޓުގެ ފަރުވާއާ ގުޅުންހުރި ޑޮކްޓަރެއް ވެސް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑޮކްޓަރަށް ދިން ހަމަލާތަކާ ގުޅިގެން އޭނާގެ ބޮލުގެ ނާށިގަނޑުގައި ރެނދެއް ލާފައިވާއިރު، ނާށިގަނޑުގެ އޮޕަރޭޝަނެއް ކުރަން ވަނީ ޖެހިފައެވެ.

އެ މައްސަލައާ ގުޅިގެން އެކި ހޮސްޕިޓަލުތަކުން ވަކި ވަކިން މުޒާހަރާ ކުރަމުންދިޔަ ނަމަވެސް އިއްޔެ މުޅި އިންޑިއާގެ ޑޮކްޓަރުން ވަނީ މުޒާހަރާގައި އެމީހުންނަށް މިހާރަށްވުރެ ބޮޑު ރައްކާތެރިކަމެއް ހޯދައިދޭން ގޮވާލައިފަ އެވެ.

“ކޮލްކަޓާގައި ހިނގި ހާދިސާއަކީ ޑޮކްޓަރުންނަށް އަނިޔާކުރުމުގެ ފެށުން. މިކަން ވަރަށް ދިގުލައިގެން ގޮސްފި. އާންމު ރައްޔިތެކޭ އެއްގޮތަށް އަހަރެމެންނަށް ވެސް ރައްކާތެރިކަން ލިބުމުގެ ހައްގު ލިބިދޭންޖެހޭ. ޑޮކްޓަރުންނާ ދެކޮޅަށް ކުރާ އަނިޔާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. ރަޖަން ޝަރްމާ ވިދާޅުވިއެވެ.

ކޮލްކަޓާގައި ހިނގި ހާދިސާއަށްފަހު ޑޮކްޓަރުންގެ ނުރުހުން އިތުރަށް ބޮޑުވީ، ޑޮކްޓަރުންގެ ކަންބޮޑުވުންތައް ހިއްސާ ނުކޮށް އެނބުރި މަސައްކަތަށް ދިއުމަށް ކޮލްކަޓާގެ ޗީފް މިނިސްޓަރު ވިދާޅުވުމާ ގުޅިގެންނެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަން އިން ހެދި ސާވޭއަކުން ދައްކާގޮތުގައި، އިންޑިއާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 75 ޑޮކްޓަރުންނަށް އެމީހުންގެ ޕޭޝަންޓުން ވާބަލް އެބިއުސް ކުރެއެވެ. އަދި 12 ޕަސެންޓް ޑޮކްޓަރުންނަށް ޕޭޝަންޓާ ގުޅުންހުރި ފަރާތަކުން ޖިސްމާނީ އަނިޔާ ލިބޭ ކަމަށް ދައްކައެވެ.

ޗައިނާއަށް ކައިރި ކައިރީގައި ދެ ބިންހެލުން، މިހާތަނަށް 11 މަރު

ބެއިޖިންގ: ޗައިނާގެ ހުޅަނގުދެކުނުގައި އޮންނަ ސިޗުއާން ޕްރޮވިންސަށް ރޭ އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 11 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ޗައިނާ އާތްކުއޭކް ނެޓްވޯކްސް ސެންޓަރުން ބުނާގޮތުގައި، ބެއިޖިންގ ގަޑިން ރޭ 10:55 ހާއިރު ސިޗުއާންގައި އޮންނަ ޗިބިން ސިޓީގެ ޗަންގްނިންގް ކައުންޓީއަށް އައިސްފައިވަނީ 6.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.

ޔިބިން ސިޓީގެ ސަރުކާރާ ހަވާލާދީ ޗައިނާ ސެންޓްރަލް ޓީވީން ބުނީ، ބިންހެލުމުގެ ސަބަބުން މިހާތަނަށް 11 މީހަކު މަރުވެ، 122 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބ ެއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އެމަޖެންސީ މެނޭޖްމަންޓުން ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މީހުން ސަލާމަތްކުރުމަށް އެމަޖެންސީ ރެސްޕޮންސް މިހާރު ވަނީ ފޮނުވައިފައެވެ. އަދި ރެޑް ކްރޮސް ސޮސައިޓީގެ ޓީމެއް ވެސް މިއަދު ސިޗުއާން ޕްރޮވިންސްއަށް ގޮސްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޗައިނާ އާތްކުއޭޓް ނެޓްވޯކްސް ސެންޓަރުން ބުނީ، ރޭ އައި ބިންހެލުމަށްފަހު މިއަދު ހެނދުނު ވެސް އެ ސަރަހައްދަށް 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

މުރުސީ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިވަޑައިގެން

މިސްރުގެ ކުރީގެ ރައީސް އަދި މުސްލިމް ބްރަދާރހުޑްގެ ލީޑަރ، ޑރ. މުހައްމަދު މުރުސީ އިއްޔެ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިވަޑައިގެން ކަމަށް އެގައުމުގެ ދައުލަތުގެ ޓީވީން ބުނެފި އެވެ.

ނަން ހާމަނުކޮށް ސިއްހީ މަސްދަރަކާ ހަވާލާދީ ދައުލަތުގެ ޓީވީން ބުނީ، ބެނައިން ޓިއުމަރަށް ފަރުވާ ހޯއްދަވަމުން ގެންދެވި މުރުސީ ގެންދެވީ އެ ކަމަށް ތަކުރާރުކޮށް ފަރުވާ ހޯއްދަވަމުން ކަމަށެވެ.

އުމުރުފުޅުން 67 އަހަރުގައި މުހަންމަދު މުރްސީ އަވަހާރަވީ، އޭނާގެ މައްޗަށް ކުރިއަށް ގެންދާ ސިލްސިލާ ޝަރީއަތްތަކުގެ ތެރެއިން އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގައި ހުންނަވަނިކޮށް ކޯޓު ތެރެއަށް ކުއްލި ގޮތަކަށް ހޭފުޅުނެތިގެން ވެއްޓި ވަޑައިގަތުމުން ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

އުމުރުފުޅުން 67 އަހަރުގެ މުރުސީ ގެންދެވުނު ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ މިސްރުގެ ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ޕްރޮސެކިއުޓަރ ވިދާޅުވީ، ހޮސްޕިޓަލަށް ގެންދެވިއިރު ވެސް މުރުސީ އަވަހަރާވެފައިވާ ކަމަށެވެ.

މުރުސީ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިވަޑައިގެން ކަމަށް ބުނާޢިރު، އުމުރުދުވަހުގެ ހުކުމެއްގައި ތަންފީޒު ކުރައްވަމުން ގެންދެވި މުރުސީ ޖަލުގެ ކުޑަގޮޅީގައި އޮންނެވި ނަމަވެސް ސިއްހީ އެތައް މައްސަލަތަކެއް ދިޔައީ ތަހައްމަލު ކުރަމުންނެވެ.

އެކްޓިވިސްޓުންނާއި މުރުސީގެ އާއިލާއިން ވެސް ވިދާޅުވީ، ލޭ މައްޗަށް ދިއުމާއި ހަކުރުބަލީގެ އިތުރުން މޭފުޅުގެ މައްސަލައަކާއި ކިޑްނީ ބަލި ފަދަ ސީރިއަސް ސިއްހީ މައްސަލަތަކެއް މުރުސީގައި ހުންނެވި ނަމަވެސް މިސްރުގެ މިހާރުގެ ސަރުކާރުން މުރުސީގެ ފަރުވާއަށް އިހުމާލުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އިންސަނީ ހައްގުތަކަށް މަސައްކަތްކުރާ ހިއުމަން ރައިޓްސް ވޮޗް އިން ވެސް ވަނީ، ބޭސްފަރުވާއަކީ ކޮންމެ ގައިދީއަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށްވާއިރު، އެ ހައްގުން މުރުސީ މަހުރޫމް ކޮށްފައިވުމަކީ މުރުސީގެ މަރުގެ ޒިންމާ މިސްރުގެ މިހާރުގެ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ބުނެފައެވެ.

މުރުސީ އިއްޔެ އަވަހާރަވެފައިވާއިރު، އޭނާގެ ދަރިކަލުން އަބްދުﷲ މުހައްމަދު މުރުސީ ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވި ގޮތުގައި، އާއިލާއަކަށް މުރުސީގެ ހަށިކޮޅު އޮތްތަނެއް ނޭނގެ އެވެ. އަދި މުރުސީގެ އާއިލާ ބޭފުޅުން ފަސްދާނުލާފައިވާ ތަނުގައި މުރުސީ ފަސްދާނުލުމުގެ ހުއްދަ ދެއްވުމަށް މިސްރުގެ ކަމާބެހޭ އިދާރާތަކުން ދެކޮޅު ހަދަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރަމަޟާން މަހު ފަލަސްތީންގެ ހަތަރު ކުދިންނާއި މާބަނޑު ދެ އަންހެނުން ޝަހީދުކޮށްލި

ފަލަސްތީން (ގުދުސް ނިއުސް ނެޓްވޯކް) – ނިމިދިޔަ ރަމަޟާން މަހުގެ ތެރޭގައި ފަލަސްތީންގެ ބިންތަކަށް ގަދަބާރުން ވެރިވެގެންފައިވާ އިޒްރޭލުގެ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީންގެ 29 މީހަކު ޝަހީދު ކޮށްލާފައިވާ ރިޕޯޓްތައް ބުނެފިއެވެ.

ފަލަސްތީންގެ ހައްގުގައި މަސައްކަތްކުރާ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނާގޮތުން، ޝަހީދު ކޮށްލި 29 މީހުންގެ ތެރެއިން 27 މީހުން ޝަހީދުވީ ޣާޒާގެ އާންމުން އުޅޭ ސަރަހައްދުތަކަށް އިޒްރޭލުންދިން ވައިގެ ހަމަލާތަކުގައެވެ.

ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ސިއްހީ ފަރުވާ ދޭން އުޅުނު މީހަކާއި ހަތަރު ކުޑަ ކުދިން ހިމެނޭއިރު މާބަނޑު ދެ އަންހެނުންނާއެކު ހަތަރު އަންހެނުން ހިމެނެއެވެ.

އަނެއް ދެ މީހުން ޝަހީދުކޮށްލީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގި އޮޕަރޭޝަންތަކުގައި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުން، މިދިޔަ މޭ މަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީންގެ 312 މީހަކު ވަނީ ޒަހަމްވެ ނުވަތަ އަނިޔާވެފައެވެ. އެ މީހުންނަކީ ވައިގެ ހަމަލާތަކުގަ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީން ރައްޔިތުން ސިލްސިލާ ގޮތެއްގައި ކުރަމުންދާ މުޒާހަރާތަކަށް އަމާޒުކޮށްދިން ހަމަލާތަކުގައި ޒަހަމްވި މީހުންނެވެ.

އަދި މެއި މަހުގެ ތެރޭގައި 370 ފަލަސްތީން ރައްޔިތުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ޕީއެލްއޯގެ ރިޕޯޓްގައި ބުނެފައިވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހަތް ކުޑަކުދިންނާއި ހަތަރު އަންހެނުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރަމަޟާން މަސް މިއަހަރު ދިމާވި މޭ މަހުގެ ތެރޭގައި އިޒްރޭލުން ދިން ވައިގެ ހަމަލާތައް އިތުރުކުރިއިރު، އެ ހަމަލާތަކުގައި ފަލަސްތީންގެ 100 ގެއެއް އެއްކޮށް ވަނީ ބިމާ ހަމަވެފައެވެ. އަދި 700 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު އޭގެ ތެރޭގައި ޣާޒާގައި ހުންނަ 13 ސްކޫލެއް ވެސް ހިމެނެއެވެ.

ފަލަސްތީންގެ މި ކުއްޖާގެ ފަހު އެދުމަކަށްވީ ޝަހީދުވި ބައްޕަގެ ގައިގާ ބައްދާލައި ބޮސްދޭން

ފަލަސްތީން ރައްޔިތުންގެ ބިމަށް ވެރިވެގެންފައިވާ ޔަހޫދީ އިސްރާއީލުން ހިންގާ ރަހުމުކުޑަ އަމަލުތަކަށް ހުއްޓުމެއް ނެތެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ކޮންމެ ދުވަހަކު ދެމުންދާ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.

ކުށެއް ނެތް ފަލަސްތީން ރައްޔިތެއްގެ ލޭ އޮހޮރާނުލާ އަދި ނިކަމެތިކޮށްނުލާ އެންމެ ދުވަހެއް ވެސް ނުދެއެވެ. މިދިޔަ އަހަރަށް އެކަނި ބެލިކަމުގައި ވިޔަސް، އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ގާތްގަނޑަކަށް 300 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

އޭގެ ތެރޭގައި މައުސޫމް ކުޑަކުދިންނާއި ސިއްހީ އޮފިސަރުން ހިމެނޭއިރު އިޒްރޭލުން ދިން ހަމަލާތަކުގައި މަރާ ހަނގުރާމަ ކުރަމުންދާ މީހުން ވެސް މަދެއްނޫނެވެ.

ޒަހަމްވި މީހުން އުފުލުމުގެ މަސައްކަތުގައި އުޅެނިކޮށް އިޒްރޭލުން ދިން ހަމަލާއެއް އަމާޒުވެ މަރާ ހަނގުރާމަ ކުރަމުންދިޔަ ފަލަސްތީންގެ އެމްބިއުލާންސް އޮފިސަރަކު މިދިޔަ ހޯމަ ދުވަހު ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓް ޖަމިއްޔާގައި މަސައްކަތްކުރާ މުހައްމަދު އަލް ޖުދެއިލީ ނަމަކަށް ކިޔާ އުމުރުން 36 އަހަރުގެ އެ މީހާގެ މޫނަށް އަމާޒުކޮށް އިޒްރޭލުގެ ސްނައިޕަރަކު ބަޑި ޖެހީ އުތުރު ޣާޒާ ސަރަހައްދުގައި މަސައްކަތް ކުރަމުންދަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުން، މިދިޔަ މަހުގެ ތިން ވަނަ ދުވަސްވީ ހުކުރު ދުވަހު، ޖުދެއިލީ ގަޔަށް އިޒްރޭލުން ބަޑި ޖެހީ، އެދުވަހު ފަލަސްތީން ރައްޔިތުން ނުކުމެ ކުރި މުޒާހަރާގައި އަނިޔާވި ބަޔަކަށް ސިއްހީ ފަރުވާ ދެމުންދަނިކޮށެވެ.

އޭނާގެ ކަށުކަމާ ކެމީގެ ކަންތައް އިއްޔެ ބޭއްވިއިރު، އޭނާގެ ހަތަރު ކުދިން މިއަދު ވަނީ ޔަތީމުވެފައެވެ. ލޯބިވާ ބައްޕަ ޝަހީދުވީ ކުށެއް ކޮށްގެންނެއް ނޫނެވެ. ދަރިންގެ މުސްތަގްބަލަށް ފުރާނަ އަތްމައްޗަށް ލައިގެން ގައުމީ ހިދުމަތުގައި އުޅެނިކޮށެވެ. އެކުދިން މިއަދު އަޅާނެ ކަރުނަ އިހުސާސް ކުރެވޭތޯއެވެ.

ޖުދެއިލީގެ ޖަނާޒާގެ ތެރެއިން ވެސް ފާހަގަވީ އެ މަންޒަރެވެ. އޭނާގެ ހަތަރު ކުދިން ތިބޭއިރު އެންމެ ބޮޑަށް ހުންނަ ފިރިހެން ކުއްޖާގެ ފަރާތުން ފެނުނު މަންޒަރުން ހިތައް އަސަރުކުރުވިއެވެ. ގައިން ހީބިހި ނެގުވިއެވެ.

ފަލަސްތީންގެ ހަބަރުތައް ގެނެސްދޭ ޤުދުސް ނިއުސް ނެޓްވޯކަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ޝަހީދުވި ޖުދެއިލީގެ ޖަނާޒާގެ ކަންތައް ކުރިއަށްދާ ވަގުތު ގިނަ ބަޔަކު އޭނާއަށް ފަހުގެ އިހްތިރާމް އަދާކުރަމުންދާ ތަނެވެ. ހުދު ފޮތިން އޭނާ ނިވާކޮށްފައި އޮތްއިރު ގިނަ ބަޔަކު ދިޔައީ އޭނާއަށް ފަހުގެ ލޯތްބާއި އިހްތިރާމް އަދާކުރުމުގެ ގޮތުން ބޮސްދެމުންނެވެ.

ވީޑިއޯގެ ކުޑަ އިރުކޮޅެއް ފަހުން ޝަހީދުވި މީހާގެ ދަރިފުޅު ގިސްލާ ރޯ ހާލުގައި އޭނާގެ ބައްޕަ ދެކިލުމަށް އެތަނަށް ވަންނަތަން ފެނެއެވެ. މީހަކު އެ ކުއްޖާ އުރައިގެން ހުރިއިރު، “ބާބާ، ބާބާ” އޭ ކިޔާ އެ ކުއްޖާ ރޯ އަޑު އިވެއެވެ.

އެ ވީޑިއޯއާއެކު ޤުދުސް ނިއުސް ނެޓްވޯކުން ބުނެފައިވަނީ، އެއީ ޝަހީދުވި މީހާގެ ދަރިފުޅު، އޭނާގެ ބައްޕަ ގައިގަ އެންމެ ފަހު ބައްދާލުން ބައްދާލުމަށް ރޮމުންދިޔަ މަންޒަރު ކަމަށެވެ. ލޮލުން ކަރުނަ ހިލި ފެންކަޅި ކުރުވައިފި ދެއްތޯއެވެ.

މިއީ މީޑިއާތަކަށް ތިލަވާ މަދު މަންޒަރުތަކެކެވެ. ގުދެއިސީ ފަދައިން ފަލަސްތީންގެ އެތައް ބައްޕައިންނެއް މިއަދު ޝަހީދުކޮށްފިއެވެ. އެ ބައްޕައިންގެ ލޯބިވާ އެތައް ދަރިންނެއް ޔަތީމު ކޮށްފިއެވެ. ނިކަމެތި ހާލައިގެން އުޅެން މަޖުބޫރުކޮށްފިއެވެ.