އައްޑޫ އެކްސިޑެންޓުގައި ސީރިއަސްވި ޒުވާނާ ވެންޓިލޭޓަރުގެ އެހީގައި މާލެއަށް!

ރޭ ދަންވަރު އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ވެންޓިލޭޓަރުގެ އެހީގައި މާލެ ފުރުވާލައިފިއެވެ.

ރޭ ދަންވަރު 2:42 ހާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެެވެ. އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ސައިކަލު ދުއްވަން އިން ހިތަދޫ، މުތީ، ނަދީމް މޫސާ، 25 އަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރުއެޗް)ގެ މީޑިއާ އޮފިޝަލާ ހަވާލާދީ އައްޑޫ ލައިވްގައި ބުނެފައިވަނީ، ނަދީމް އިތުރު ފަރުވާއަށް މާލެ ފުރުވާލީ އޭނާގެ ހާލު ސީރިއަސްވެ، އެ ހޮސްޕިޓަލުން އިތުރު ފަރުވާ ދެވެން ނެތިގެން ކަމަށެވެ.

އަދި މާލެ ފޮނުވާލީ ވެސް ވެންޓިލޭޓަރުގެ އެހީގައި ކަމަށް ބުނެފައިވެއެވެ.

ފުލުހުން ރޭ ބުނި ގޮތުގައި، އެކްސިޑެންޓުގައި ނަދީމްގެ ވާތު ވައި ބިނދި، ބޮލުގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. އޭގެ އިތުރުން އޭނާގެ މޫނަށާއި ކޮނޑުގެ އިތުރުން ލޮލަށް ވެސް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

މާލޭގެ ގެއަކުން ދޮޅު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

މާލޭގެ މާފަންނުގައި ހުރި ގެއަކުން 1.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި، ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑުރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އަތުލައިގަތީ 1209 ކިލޯގެ ކެނަބިސް އާއި 454.8 ގުރާމްގެ ހެރޮއިން އަދި 0.6 ގުރާމްގެ ކޮކެއިން ކަމަށެވެ.

އެ މައްސަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ ތިން މީހުންނަކީ ވެސް މާލޭގެ ކުށުގެ ގުރޫޕަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ނަމަވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މާލޭގެ ގެއަކުން 1.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، ދާދި ފަހުން އޭޝިއާ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ޑުރަގް ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ އަތުލައިގެންފައެވެ. އެ ބޯޓުން ފުލުހުން ވަނީ 50 ކިލޯގެ މަސްތުވާތަކެތި ހޯދައިފައެވެ.

އޭގެ އިތުރުން ވެސް ކަނޑުމަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގައި އޮންނަ ހުޅުވާރުލު ނަމަކަށް ކިޔާ ފަޅު ރަށެއްގައި ވަޅުލާފައި ހުރި 149 ކިލޯގެ ކެނަބިސް އާއި ހެރޮއިން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ހޯދައިފައެވެ.

ލުތުފަރު މަރާލީ އެއް ޖިއްސުން ގުޅުން ހިންގާ ކަމަށް ބުނެ: ފުލުހުން

ށ. ޅައިމަގު މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރަން އުޅުނު ބިދޭސީ މީހާ، ލުތުފަރު މަރާލީ އެއް ޖިއްސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ލުތުފަރުގެ މަރުގެ މައްސަލައާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުން މިއަދު ބުނީ، އެކި ފަހަރު މަތިން ބޯޓުގައި ދެން ތިބި އެހެން ބިދޭސީންނާއެކު ލުތުފަތު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އަދި ލުތުފަރު މަރާލި ރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު، ބޯޓުގައި ހުރި ބިދޭސީއަކާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގަން ލުތުފަތު މަސައްކަތް ކުރި ކަމަށް، އެ މައްސަލާގައި ހައްޔަރުކުރި ބިދޭސީން ދިން މައުލޫމާތުގެ އަލީފައި ފުލުހުން ބުނެފައިވެއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ، ލުތުފަރު މަރާލި ގޮތާއި އަދި މަރާލުމަށްފަހު އޭނާގެ ހަށިގަނޑާމެދު އެކަން ކުރި ބިދޭސީން އަމަލުކުރި ގޮތް ވެސް ތަފްސީލުކޮށް ކިޔައިދީފައެވެ.

އަދި ލުތުފަރު ހޯދުމަށް ފުލުހުން ކަނޑުގެ ސަރަހައްދު ބެލި ބެލުމުގައި ކަނޑުގެ އަޑިން ފެނުނު ލުތުފަރުގެ ހަށިގަނޑުގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކުގެ ފޮޓޯތަކެއް ވެސް މީޑިއާއާ ވަނީ ހިިއްސާކޮށްފައެވެ.

ޓެކްސީގެ ތެރެއިން 60 ފުޅި ބަނގުރާ ފެނުމުން ޑްރައިވަރު ފިލައިފި!

ޓެކްސީއަކަށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަރުވައިގެން ދަނިކޮށް އަތުލައިގަތުމުން، ކާރު ދުއްވަން އިން ޑްރައިވަރު ފިލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ޓެކްސީގެ ތެރެއިން ބަނގުރާ ފުޅިތައް ފެނުނީ، ރޭ 3:52 ހާއިރު ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް، ހުޅުމާލޭ ފަޅުގައި އޮތް ޑިންގީއަކުން އެއްޗެހިތަކެއް ބާލައިގެން އަރުވައިގެން ދަނިކޮށް އެ ޓެކްސީ ހުއްޓުވައި ބަލައިފާސް ކުރުމުން ކަމަށެވެ.

އެގޮތުން ޓެކްސީގެ ތެރެއިން 60 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އޮޕަރޭޝަންގައި، އެ ޓެކްސީގައި ތިބި ދެ މީހުންގެ ތެރެއިން 39 އަހަރުގެ ބިދޭސީއާއަކު ހައްޔަރުކޮށްފައިވާ ކަމަށާއި ޓެކްސީ ދުއްވަން އިން ދިވެހި ޑްރައިވަރު ފިލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަތުލައިގެން ބޯޓު ފަރަށް އަރައިފި، ބޯޓުން 50 ކިލޯގެ ޑުރަގް ވަނީ ފެނިފައި!

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑުރަގް ޓްރެފިކް ކުރަން އުޅެނިކޮށް އިއްޔެ އަތުލައިގެން އިރާނުގެ ބޯޓު މާލެ ގެންނަނިކޮށް ފަރަށް އަރައިފިއެވެ.

ރާއްޖޭގެ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގަތީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެ ބޯޓަކީ އޭޝިއާ ސަރަހައްދުގައި މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ޓްރެފިކް ކުރާ ބޯޓެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ބުނީ، އެ ބޯޓު މާލެ ބަދަރަށް ގެންނަނިކޮށް ކ. ވިލިނގިލި ކައިރީގައި އޮންނަ ފަރަކަށް އަރާފައިވާ ކަމަށެވެ. އެގޮތުން ބޯޓު މިހާރު ސާޗް ކުރަމުންދަނީ ފަރުމަތީގައި ބާއްވައިގެން ކަމަށް ފުލުހުުން ބުނެއެވެ.

ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި، އެ ބޯޓުން ގާތްގަނޑަކަށް 51 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް ވަނީ ފެނިފައެވެ.

އަދި ވެސް ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މަސްތުވާތަކެތި ފޮރުވާފައިވަނީ ކޮމްޕާޓްމަންޓްސްގެ އިތުރުން ފައިބަރު ލޭޔަރަށް އަޅައިގެން ނުފެންނަ ގޮތަށް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ބޯޓު ފަރަށް އެރުމާ ގުޅިގެން އެ ބޯޓު ފުންކުރުމާއި ބަލައި ފާސްކުރުމުގެ މަސައްކަތް ހިންގާ ގޮތް ބައްލަވާލެއްވުމަށް މިއަދު މެންދުރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިސްވެރިން ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަސް: ވައްކަމުގެ ބޮޑު މައްސަލައެއް!

ކާބޯތަކެތި ސަޕްލައިކުރާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް ފުޑް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް (ފުޑް ސަޕްލައި)ގެ އޮފީހުގައި ހުރި ތިޖޫރި ފަޅާލައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ، ލޮނުޒިޔާރަތް މަގުގައި ހުންނަ އެ ކުންފުނީގެ އޮފީސް ފަޅާލިކަމުގެ ރިޕޯޓެއް ލިބުނީ މިއަދު ހެނދުނު 8:42 ގައި ކަަމަށެވެ.

އޮފީހުގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ހިންގި އެ ވައްކަމުގައި އެތަނުގެ ތިޖޫރިއާއި އޮފީހުގައި ހުރި ވަތްގަނޑުތައް ހިމެނޭގޮތުން 234،923 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އައްޑޫ ހަންކެޑެ ސަރަހައްދުން މިނިކަށިތަކެއް ފެނިއްޖެ

އައްޑޫ ސިޓީގެ މީހުން ދިރިނޫޅޭ ފަޅު ސަރަހައްދެއް ކަމަށްވާ ހަންކެޑެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ބެލެވޭގޮތުގައި، އެއީ ކަށްބޮލެއްގެ ބައިތަކެކެވެ. އެގޮތުން ދަތްތައް ވެސް ފެންނަން ހުއްޓެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތެއް މިއަދު 3:45 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، ކަށިތައް ފެނުނު ސަރަހައްދަކީ ކުރީ ޒަމާނުގައި މީހުން ވަޅުލާފައިވާ ސަރަހަދެއް ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށާއި ފެނުނު ކަށިތަކަކީ ވަރަށް ގިނަ ދުވަސްވެފައިވާ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ޑުރަގްގެ ވިޔަފާރިކުރާ ބަޔަކާއެކު ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގައި ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ ބަޔަކާއެކު ކުޑަ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހުން އަތުލައިގަތީ މައްޗަންގޮޅީގެ ގެއެއްގައި ދިރިއުޅޭބަޔަކު މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 6:55 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން 18 އަހަރުން ދަށުގެ ކުއްޖަކާއެކު 20 އަހަރާއި 29 އަހަރާއި 30 އަހަރު އަދި 44 އަހަރުގެ ހަތަރު ފިރިހެނުން ފުލުހުން ހައްޔަރުކޮށްފައެވެ.

އަދި އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި އަޅާފައިހުރި 379 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

އަނެއްކާވެސް މީހަކު ރަހީނުކޮށް ފައިސާ ފޭރިގަނެފި

ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދުމަށްފަހު، އިތުރަށް ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގުރޫޕަކުން، ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް، ތޫނު ހަތިޔާރުން ބިރު ދައްކާ އޭނާގެ އަތުން 8900 ރުފިޔާ ފޭރިގަނެ އިތުރު ފައިސާ ހޯދަން އެދެމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ރޭ 10:45 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ހޯދަން އެދެމުންދާ ފައިސާތަކާ ހަވާލުވާން، ލ. ގަމު ޕްރޮވިންސް އޮފީސް ކައިރިއަށް އައި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާގޮތުގައި، ހައްޔަރުގައި ހުރީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ.

އަދި އޭނާއާއެކު ފައިސާތަކާ ހަވާލުވާން ގޮސް ހުރި ދެވަނަ މީހާ ސައިކަލަކަށް އަރައިގެން އެ ސަރަހައްދުން ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފަހަކަށް އައިސް މީހުން ރަހީނުކޮށްގެން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މީގެ ދެ ދުވަސް ކުރިން ވެސް އެފަދަ މައްސަލައެއް ވަނީ ހިނގާފައެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 29 އަހަރުގެ ބަންގުލަދޭޝް މީހެއް ރަހީނުކޮށް އޭނާގެ ރައްޓިއްސަކަށް ގުޅައި، 40،000 ރުފިޔާ ދިނުމަށް ވަނީ ޑިމާންޑުކޮށްފައެވެ. އެ މައްސަލާގައި އެ ފައިސާއާ ހަވާލުވާން ދިޔަ ބިދޭސީ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، ބިދޭސީ މީހާ ރަހީނުކުރި މައްސަލާގައި ހަތް ދިވެއްސަކު ބައިވެރިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޑުރަގްގެ މައްސަލަ ހައްލުވާނީ އެތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން: އުމަރު

ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން ނޫނީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އެހެން ވިދާޅުވީ، ރާއްޖެއަށް ކަނޑުމަގުން އެތެރެކޮށް ގދ. އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ 150 ކިލޯގެ މަސްތުވާތަކެތީގެ ފުލުހުން ހޯދި ހަބަރު ޝެއާ ކުރައްވާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ، ފުލުހުންނާއި ކޯޓްތަކާއި ސިވިލް ސަރވެންޓުން އަތަށް ދޫކޮށްލާ، ސިޔާސީ ވެރިންގެ ހިޔަލަށްޖެހި ތިބެގެން، މަސްތުވާ ތަކެތިން ރާއްޖެ ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ވެރިންނަކީ އިހުލާސްތެރިކަމާއި ބުންވަރާއި ޖެހިލުންކުޑަ ބަޔަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެގޮތުން ރާއްޖެއަށް ޑުރަގް އެތެރެކުރާ އެމީހުންނަށް މަރުގެ އަދަބު ދީގެން މެނުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް އުމަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

“(މަސްތުވާތަކެތި) އެތެރެކުރާ މީހުންގެ މުދާ ނަގާ، މަރުގެ އަދަބު ތަންފީޒުކޮށްގެން މެނުވީ މިކަމަށް ހައްލެއް ނެތް. އިރާދަ ކުރެއްވިއްޔާ ދިވެހިން އަދި އެ ދުވަސް ދެކޭނެ.” މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އަބަދުވެސް ގޮވާލަމުން ގެންދަވާ އުމަރު ވިދާޅުވެފައިވެއެވެ.

ފުލުހުން ހިންގި 72 ގަޑިއިރު ހާއްސަ އޮޕަރޭޝަނެއްގައި 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެ އެތެރެކޮށް، ގދ. ހުޅުވާރުދު ނަމަކަށް ކިޔާ ފަޅުރަށެއްގެ ގޮނޑުދޮށުގައި ވަޅުލަން އުޅެނިކޮށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ޕެކިންގައި ހުރި 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް ފެނުނުއިރު، އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިއަން ރުފިޔާ އަރާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި މިހާރު ފަސް މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން އެކަކުގެ ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްފައި އެވެ. އަނެއް ހަތަރު މީހުންގެ ޝަރީއަތް ނިމެއްދެން ބަންދުކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ރޭ އަމުރުކޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.