ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހަމީދު އައްޔަން ކުރައްވައިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މުހައްމަދު ހަމީދު (އެމްސީ ހަމީދު)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިވަގުތު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަމީދު ކޮމިޝަނަރުގެ މަގާމަށް ރަސްމީކޮށް އައްޔަން ކުރައްވައި އެކަމުގެ ލިޔުން ހަވާލުކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލިޔުން ހަމީދާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ދެއްވުމުގެ ކުރިން ހަމީދު ހުންނެވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައެވެ.

ރައީސް ސޯލިހުގެ ޅިޔަނު، ހަމީދަކީ ޗީފް ސުޕްރިޑެންޓެންޓެއްގެ މަގާމުގައި ހުންނަވަނިކޮށް، ފުލުހުންގެ ސިއްރު މައުލޫމާތު ތަކެއް ލީކުކޮށްލިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ބޭފުޅެކެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ހުކުމްކުރިތާ ދެ ދުވަސް ތެރޭގައި ހަމީދަށް ފުލުހުންގެ ވަޒީފާ ދީ އެސިސްޓެންޓް ކޮމިޝަނާގެ މަގާމު ވަނީ ހަވާލުކުރައްވައިފައެވެ.

ބޮޑު ދެ ފޭރުމާ ގުޅިގެން ތިން ކުޑަކުދިންނާއެކު 8 މީހަކު ހައްޔަރުކޮށްފި

މިފްކޯ އާއި ބީއެޗްއެމް ޓްރޭޑާސްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު ދުއްވާފައި ދިޔަ މިފްކޯގެ ވޭނެއް ހުއްޓުވާ އޭގައި ތިބި މީހުންނަށް ބިރު ދެއްކުމަށްފަހު ފައިސާ ފޭރުނު މައްސަލާގައި ތުހުމަތު ކުރެވޭ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ މައްސަލާގައި ހައްޔަރުކުރި 23 އަހަރުގެ ޒުވާނާ ހައްޔަރުކުރީ ރޭގައެވެ.

މިފްކޯގެ ހެޑް އޮފީހުން ދެ މިލިއަން ރުފިޔާ ހިފައިގެން ދަތުރުކުރި އެ ވޭން ހުއްޓުވައި އޭގެ ބިއްލޫރިގަނޑު ތަޅާލައި، އޭގައި ތިބި މީހުންނަށް ބިރު ދައްކާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

ފުލުހުން މިއަދު ބުނީ، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ބީއެޗްއެމް ޓްރޭޑާސްގެ 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި ވެސް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިން ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓެއްގައި ޒުވާނެއްގެ ކޮނޑުހުޅާއި ކޮލުކަށިގަނޑު ބިނދިއްޖެ

މާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 2:20 އެހާކަންހާއިރު އަމީނީ މަގާއި ސިއްތިމާވާ ހިނގުން ގުޅުނު ކަންމަތީގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނީ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ކޮނޑުހުޅާއި ކޯ ކަށިގަނޑުވެސް ބިންދައިގެން ގޮސް، މޫނުމަތި މަށައިގެން ގޮސްފައިވާ ކަމަށް ފުލުުހުން ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ޒުވާނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އެމަޖެންސީގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ރޭގެ އެކްސިޑެންޓުވި އަނެއް ސައިކަލް ދުއްވަން އިން މީހާ ވަނީ އެކްސިޑެންޓް ވުމުން ސައިކަލުގައި ފިލައިފައެވެ. ފުލުހުން ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުވައްމުލަކުގައި ޒުވާނެއްގެ ބޮލަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ޏ. ފުވައްމުލަކުގައި ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، ރޭ ފަތިހުގެ ވަގުތެއްގައި ފުވައްމުލަކު ހޯދަޑު އަވަށު ގެސްޓްހައުސްއެއްގެ ކުރިމަތީގައި ޒަހަމްކޮށްލާފައި އޮއްވާ ފެނިފައިވަނީ 17 އަހަރުގެ ކުއްޖެއް ކަމަށެވެ. އޭނާގެ ބޮލަށާއި އަތަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާއަކީ އެރަށުގައި ހިންގާ ޓައިގާ ޝާކް ރެސިޑެންސް ގެސްޓް ހައުސްގައި މަސައްކަތް ކުރާ ކުއްޖެކެވެ. އަދި އޭނާއަށް ހަމަލާދިނީ ޑިއުޓީއަށް ދިޔަ ގަޑީގައި ކަމަށްވެއެވެ.

ފުލުހުން ބުނީ، އެ ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކޮށް، މައްސަލައާ ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގެ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

މާލޭގެ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ޑޮލަރާއެކު ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ، ގަލޮޅުގައި ހުންނަ އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހަރައިން ވައްކަކޮށް 2600 ޑޮލަރާއި 13،500 ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ބޮޑެތި ވައްކަމާއި ފޭރުމުގެ މައްސަލަތައް މިދުވަސްވަރު ވަނީ ގިނަވެފައެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު ހެލްމެޓް އަޅައިގެން ތިބި ބަޔަކު މިފްކޯގެ ވޭނެއް މަގުމަތުން ހުއްޓުވައި، އޭގައި ތިބި މީހުންނަށް ބިރު ދައްކައިގެން ވޭނުގައި ހުރި ދެ މިލިއަން ރުފިޔާ ވަނީ ފޭރިގަނެފައެވެ.

އޭގެ ކުރިން މިމަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ވެސް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައެވެ.

އަދި އިއްޔެ ރ. އުނގޫފާރުގައި 550،000 ރުފިޔާ އާއެކު ތިޖޫރިއެއް ވަނީ ވަގަށް ނަގައިފައެވެ. ނަމަވެސް އެރަށު ފަޅު ގޯއްޗަކުން ފައިސާއާއެކު އެ ތިޖޫރި ވަނީ ފުލުހުން ހޯދައިފައެވެ. އަދި އެ މައްސަލާގައި މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޕޯސްޓުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑުރަގްސް އަތުލައިގެންފި

ޕޯސްޓުގެ ޒަރީއާއިން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑުރަގްސްތަކެއް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި އެތަކެތި އަތުލައިގަތީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ތަފާތު ފަސް ފަހަރެއްގެ މަތިންކަމަށެވެ.

މި ހުރިހާ ޕާރުސަލްއެއްގައި ވެސް ހުރީ ޕާޓީ ޑުރަގެއްގެ ގޮތުގައި ބޭނުންކުރާ އެކްސްޓެސީ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެގޮތުން ޖަރުމަނުވިލާތުން ރާއްޖެ އެތެރެކުރަން އުޅުނު ޕާރުސަލްއަކުން އޭގެ 10 ގުޅަ ފެނިފައިވާއިރު ފަރަންސޭސިވިލާތުން އެތެރެކުރަން އުޅުނު ޕާރުސަލްއަކުން ފެނިފައިވަނީ 20 ގުރާމް އެކްސްޓެސީ ޕައުންޑަރެވެ.

އަދި ނެދަލެންޑްސް އިން އެތެރެކުރަން އުޅުނު ދެ ޕާރުސަލްގެ ތެރެއިން އެއް ޕާރުސަލްގައި 62 ގުރާމް އެކްސްޓެސީ ޕައުޑަރު ފެނުނުއިރު ދެވަނަ ޕާރުސަލުން ވަނީ 27 ގުޅަ ފެނިފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން އެތެރެކުރަން އުޅުނު ޕާރުސަލްއަކުން 8 ގުރާމް އެކްސްޓެސީ ޕައުޑަރު ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެ އިދާރާ އިން ބުނީ، އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 111 ގުރާމް ހުރިއިރު، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.