ކުޑަކުދިންތަކަކަށް ގޯނާކުރި ކަމުގެ ތުހުމަތުގައި ލީޑިން ޓިޗަރަކު ހައްޔަރުކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ލީޑިން ޓިޗަރަކު ހައްޔަރުކޮށްފި ކަމުގެ މައުލޫމާތު “ހަފްތާ” އަށް ލިބިއްޖެ އެވެ.

މެދު ރާއްޖެތެރޭ ރަށެއްގެ ސުކޫލެއްގެ ލީޑިންގް ޓީޗަރު އެ ސުކޫލުގެ އަންހެން އަދި ފިރިހެން ދަރިވަރުންނާއި ޖިންސީ ގޯނާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ޖެންޑާ މިނިސްޓްރީގެ ފަރާތުން، މިމަހުގެ 22 ވަނަ ދުވަހު އެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން 46 އަހަރުގެ އެ ޓީޗަރު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ މައުލޫމާތު އިއްޔެ ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ޖެންޑާއާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށް ފުލުހުންނާ މަޝްވަރާކޮށްފި

ޖެންޑާ މިނިސްޓްރީއާ ގުޅުންހުރި ހައްސާސީ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.

ފުލުހުންގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވަނީ އެ މިނިސްޓްރީގެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމާއި ދެ ފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ޖެންޑާ މިނިސްޓްރީއާ ގުޅުންހުރި ހައްސާސީ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށް ފުލުހުންނާއެކު މަޝްވަރާ ކުރިއިރު، އެ މިނިސްޓްރީއާ ގުޅުންހުރި ދާއިރާތަކާ ގުޅޭ ސީރިއަސް މައްސަލަތަކެއް މިފަހުންވަނީ ފެންމަތިވެފައެވެ.

އެގޮތުން، ރާއްޖޭގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރުވި މައްސަލައަކާއި ށ. ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.

އޭގެ އިތުރުން އިއްޔެ އުމުރުން 9 އަހަރުގެ ކޮއްކޮއަށް 18 އަހަރު ނުވާ އެއްބަނޑު އެއްބަފާ ދެ ބޭބެ ޖިންސީ އަނިޔާކުރި މައްސަލައެއް ވެސް ޖެންޑާ މިނިސްޓްރީން ދަނީ ބަލަމުންނެވެ.