އަނިޔާވި ގައިދީންގެ ފަރުވާ ދިނުން ލަސްވެފައިވާ ކަމަށް ގަބޫލު ކުރަން: އިމްރާން

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި، އެ މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަރުވާ ނުދީ ލަސްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގެ ހާލަތު ބެލުމަށްފަހު މާލެ ވަޑައިގެން ތިން ނަންބަރު ފާލަމުގައި ހުންނަވާ، ނޫސްވެރިންނާއި ބައްދަލުކުރައްވާ، އިމްރާން ވިދާޅުވީ، އަނިޔާ ލިބިފައިވާ ގައިދީންގެ ފަރުވާ ދިނުން ލަސްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ވާނީ އެގައިދީންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް އަންގާފައި ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެދުވަހު ހިނގި ހަމަނުޖެހުންތަކުގައިވެސް ގައިދީންގެ ބޯ ހުރީ ތުނިކޮށް ކޮށި ކަމަށާއި އެކަން އެހެން ވެގެންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ދެ ގޮޅިއަކުން ގައިދީން ނެރެ އެ މީހުންގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކުވެސް މިނިސްޓަރު ވަނީ މިއަދު ސަސްޕެންޑްކޮށްފަ އެވެ.

ގައިދީންގެ ބޯ ހުރީ ތުނިކޮށް ކޮށާފަ، ކަރެކްޝަންސްއިން ހެދީ ދޮގު: އިމްރާން

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ގައިދީންގެ ބޯ ހުރީ ތުނިކޮށް ކޮށާފަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގެ ހާލަތު ބެލުމަށްފަހު މާލެ ވަޑައިގެން ތިން ނަންބަރު ފާލަމުގައި ހުންނަވާ، ނޫސްވެރިންނާއި ބައްދަލުކުރައްވާ، އިމްރާން ވިދާޅުވީ، އެމަޖެންސީ ހާލަތްތަކުގައި ކުރިންވެސް ގައިދީން ބުނާގޮތް ނުހެދުމުން، ބޯ ތުނިކޮށް ކޮށާ ކަމަށެވެ.

އަދި އެދުވަހު ހިނގި ހަމަނުޖެހުންތަކުގައިވެސް ގައިދީންގެ ބޯ ހުރީ ތުނިކޮށް ކޮށި ކަމަށާއި އެކަން އެހެން ވެގެންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ގައިދީންގެ ބޯ ނުބާލާ ކަމަށް ކަރެކްޝަނުން ބުނި ނަމަވެސް ގައިދީންގެ ބޯ ހުރީ ތުނިކޮށް ކޮށާފައި ކަމަށް މިނިސްޓަރު އިމްރާން ބުންޏެވެ.

“އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގެ ކަރެކްޝަންސްއިން ދޮގުކުރަންޔާ އެ ދޮގު ކުރަނީ ކީއްވެ ކަމެއް. ގައިދީންގެ ބޯ ނުއެއް ބާލާ. ނަމަވެސް ވަރަށް ތުނިކޮށް ކޮށާފައި ހުރި،” އެކަމާއި ގުޅިގެން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ހަމަނުޖެހުންތައް ފެށެން މެދުވެރިވީ ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާ ދިނުމުން ކަމަށާއި ހާލަތު ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުން ހިފަން ނުޖެހޭ މިންވަރަށް ބާރުގެ ބޭނުން ކުރި ކަން އަޅުގަނޑުމެން ގަބޫލު ކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން ގޮތުން ހަ ގައިދީއަކަށް ވަނީ އެކިވަރުގެ އަނިޔާވެފައި ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައިގެ އިތުރު ތަފްސީލުތައް ދެވޭނީ ތަހުގީގު ނިމުމުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުށްވެރިޔާގެ ހައްގު ނުގެއްލޭ ގޮތަށް، ހައްގު ޖަޒާދެވި އިންސާފު ގާއިމްކުރެވެންވާނެ: އިމްރާން

ކުށް ކުރާ މީހާގެ އިންސާނީ ހައްގު ނުގެއްލޭނެހެން އެ ކުރާ ކުށަކަށް އިންސާގު ގާއިމްކުރުމަކީ ގަބޫލުކުރ ފަލްސަފާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެ މިއަދު ޓުވީޓެއް ކުރައްވާފައި މިވަނީ، ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ހުއްދަ ދިނުމާ ގުޅިގެން އެތައް ބަޔަކު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

އަދި އެ ކަންބޮޑުވުންތަކާއެކު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ވެސް މިނިސްޓަރު އިމްރާން އިއްޔެ ވަނީ ހާޒިރުކޮށްފައެވެ.

“ކުށްކުރާ މީހާގެ އިންސާނީ ހައްގާ ކަރާމާތް ނުގެއްލޭނެހެން، ކުރާ ކުށަށް ހައްގު ޖަޒާ ދެވި އަދުލު އިންސާފު ގާއިމް ކުރެވުމަކީ އަޅުގަނޑުމެން ގަބޫލުކުރަ ފަލްސަފާއެވެ،” މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް ހޯމް މިނިސްޓަރުގެ އިތުރުން މިއަދުގެ ބޭއްވި ކޮމެޓީ ބައްދަލުވުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި އިމިގްރޭޝަންގެ އިސްވެރިއަކު ވެސް ހާޒިރުކުރިއިރު، އެ ކޮމެޓީގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އަދީބު ރާއްޖެއން ބޭރަށް ފުރާވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.

އަދި ބޭސްފަރުވާ ކުރުމަށް އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނީ އެއް އަހަރު ދުވަހަށް ކަމަށާއި ފަރުވާއަށް މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާނަމަ މިމަހުގެ 26 ގައި އަދީބު އެނބުރި ރާއްޖެ ވަޑާއިގަތުމަށް ޓިކެޓް ނަގާފައިވާ ކަމަށެވެ.

އަދި އަދީބު އިންޑިއާއަށް ވަޑައިގަންނަވާތީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި އެކަމުގައި އެކަށީގެންވާ މިންވަރަކަށް ތައްޔާރުވެވިފައިވާ ކަމަށް ވެސް ކޮމެޓީއަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދީބު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވާއިރު އޭނާގެ ޕޯސްޕޯޓެއް ދުލެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ ފުރުވާލަނީ ޓްރެވަލް ޑޮކިއުމަންޓެއްގައެވެ. އަދި އެކަން އިންޑިއާގެ ސަރުކާރަށް ވެސް އަންގާފައިވާއިރު އެހެން އެއްވެސް ގައުމަކަށް އަދީބަށް ވަޑައިނުގެންނެވޭނެ ކަމަށް ކަރެކްޝަންސުން ބުނެއެވެ.

ރާއްޖޭން ބޭރަށް ވަޑައިގަތުމަށްފަހު އަދީބު ފިއްލަވާފާނެ ކަމުގެ ކަންބޮޑުވުން އޮތުމާއެކު އެކަމަށް ވެސް މިނިސްޓަރު އިމްރާން ވަނީ ކޮމެޓީއަށް ޖަވާބުދާރީވެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ފިލުމުގެ އެއްވެސް ފުރުސަތެއް އަދީބަކަށް ނުދޭނެއެވެ. އަދި އެފަދަ އިންތިޒާމްތައް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމެއް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އިފްތިތާހުކޮށްފި އެވެ.

އަމީނިއްޔާ ސްކޫލުގައި މިކަމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ މިއީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން އެޅޭ ފިޔަވަޅެއް ކަމަށާއި މި ޕްރޮގްރާމަށް އާންމުންނާއި މުޖްތަމައުގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމަށް ހުކުރު ދުވަސް ފިޔަވާ، އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 3:00 އާ ހަމައަށް، އަދި ހުކުރު ދުވަހާއިއެކު ކޮންމެ ދުވަހަކު ރޭގަނޑު 9:00 އިން 11:00 އާ ހަމައަށް ފޮތް ހަދިޔާ ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނ، ގިނަ އަދަދަކަށް ފޮތް ލިބި، ހުރިހާ ޖަލުތަކެއްގައި ވެސް އެކަށީގެންވާ ވަރުގެ ލައިބްރަރީ ހުޅުވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި މިކަމަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.

ދީނާއި ގައުމަށް ހިދުމަތްކުރުމުގެ ހަމައެކަނި މަގަކީ ހަނގުރާމަކުރުމެއް ނޫން: ހޯމް މިނިސްޓަރު

އިސްލާމްދީނާއި ދިވެހި ގައުމަށް ހިދުމަތްކުރުމުގެ ހަމައެކަނި މަގަކީ ހަނގުރާމަވެރިކަން ކަމުގައި ދެކުމަކީ އެންމެ ބުއްދިވެރިގޮތް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި ޤައުމުތައް އެއްބަޔަކު އަނެއްބަޔަކަށް ވާދަކޮށް އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާހިނދު، މިންކުރެވޭ ހަމައެކަނި ގޮތަކީ އަސްކަރީ ބާރު ތަކެއް ނޫންކަމަށެވެ.

އަދި ތަފާތު އިގްތިސާދީ ބާރުތަކާއި އެހެނިހެން ވަސީލަތްތަކުން ވާދަކުރަމުންދާހިނދު، ދިވެހިން ދިވެހިންގެ ދައުރު ފުރިހަމައަށް އަދާކުރުމާމެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

“އިގްތިސާދީ ބާރުތަކާއި އެހެނިހެން ބާރުތަކުން ދުނިޔޭގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާހިނދު އަޅުގަނޑުމެން ހަމައެކަނި ގަދަވާންޖެހެނީ އަސްކަރީބާރުންކަމަށް ދެކި ގައުމާއި ދީނުގެ ހިމާޔަތުގައި އަޅުގަނޑުމެން ކުރަންޖެހޭކަމަކީ ހަމައެކަނި ހަނގުރާމަކުރުންކަމުގައި ދެކުމަކީ އަދި އެންމެ ބުއްދިވެރިގޮތް ނޫން،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، ޝަހީދުންގެ ދުވަހެއް ފާހަގަކުރާއިރު ދިވެހިންގެ ގައުމާއި ވަތަނަށްޓަކާ އަދާކުރަންޖެހޭ ދައުރަކީ ކޮބައިތޯ އާއި ކޮންމެ މީހަކު އެމީހެއްގެ ގައުމީ ގޮތުން ނަގަންޖެހޭ ޒިންމާއަކީ ކޮބައިތޯ ވިސްނާ ފިކުރުކޮށްލަންޖެހޭ ކަމަށެވެ.

އަދި ޝަހީދުންގެ އެންމެ އިއްޒަތްތެރި ހަމްޒަތު ބުނު ޢަބުދުލް މުޠަލިބް އާއި ޝަހީދުންގެ ދުވަސް ނިސްބަތްވާ އަލިރަސްގެފާންފަދަ ބޭފުޅުންގެ ވަރުގަދަ ހިތްވަރުން ހިތްވަރު ލިބިގަނެ، އެބޭފުޅުންފަދަ ވަރުގަދަ އަޒުމަކާއި ކެރުންތެރިކަން ހުރިބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އިތުރުން އެބޭފުޅުންގެ މަތިވެރި އަހުލާގީ ސިފަތަކުން ސިފަ ލިބިގަނެ، ގައުމަށާއި ދީނަށް ހިދުމަތްކުރެވޭނީ އެބައެއްގެ ކިބައި ހުންނަ ރިވެތި ސިފަތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

އެކުވެރިކަމާއި އެއްބައެއްވަންތަކަން ބާއްވައިގެން ގައުމައިގެން ކުރިއަށްދާންޖެހޭ: ނައިބް ރައީސް

ޝަހީދުންގެ ދުވަހެއްގެ ހަނދާން އާކުރަމުންދާއިރު ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައެއްވަންތަކަން ބާއްވައި، ގައުމައިގެން ކުރިއަސްދާން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ދިވެހިންނަށް އަޅުގަނޑުމެންގެ ކާބަފައިން، ގެނެސްދެއްވި އެންމެބޮޑު ހަދިޔާއަކީ މިނިވަންކަންމަތީ މި ގައުމު ދެމިއޮތުން ކަމަށެވެ.

އެގޮތުން މިއަދު ބަވަނަވެފައިވާ ދުނިޔެއެއްގައި ތަފާތު އެކި އޮއިވަރުގެ، ވިސްނަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ، ދިވެހިން ގުޅުން ބަދަހިކޮށް އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ތިބެން އެބަޖެހޭ ކަމަށެވެ.

އަދި ތާރީހުގެ ތެރެއަށް ބަލާއިރު އަބަދުވެސް ފެނިފައި އޮތީ އެފަދަ ހާދިސާތައް ހިނގުމުގައި ދިވެހިންގެ ތެރެއިން ކޮންމެވެސް ބަޔަކު އެކަމުގެ ތެރެއަށް ވަދެ ގޯސްތަކެއް ހަދާފައި އޮތުން ކަމަށާއި އެއީ މިއަދު ދިވެހިން ސަމާލުވާންވީ ކަންކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މި އަގުބޮޑު ހަދިޔާ، އަޅުގަނޑުމެންނަށް މި ލިބިފައި އޮތް އިސްލާމީ ހިދާޔަތުގެ އަލިކަން، ތާއަބަދު އޮތުމަކީ އެއީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ ކަންތައް،” ނައިބް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިންގެ އެކުވެރިކަމާއި އެއްބައެއްވަންތަކަން ތެރޭގައި ބާއްވައި، ގައުމައިގެން ކުރިއަށްދާންޖެހޭ ކަމަށެވެ. އަދި ހެޔޮގޮތުގައި ފިޔަވަޅުތައް އަޅައިފިނަމަ، ކާމިޔާބު އިރާދަކުރެއްވިއްޔާ މިންވަރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އިސްވަފުދަކާއެކު ސަގީފު ތިލަދުންމަތީގައި!

ސަރުކާރުގެ އިސްވަފުދަކާއެކު ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ހުސެއިން ސަގީފު ތިލަދުންމައްޗަށް ވަޑައިގެންފިއެވެ.

މި ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ އިސްވަފުދުން ދާއިރާގެ ރަށްތަކަށް ވަޑައިގެން ސަގީފުގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރަށް ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ހިޔާލު ހޯއްދަވާ ސަރުކާރުގެ ތެރެއިން ހައްލު ހޯއްދެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އެގޮތުން މިވަފުދު ވައިކަރަދޫ ދާއިރާގެ އިތުރުން މަކުނުދޫ ދާއިރާއަށް ވެސް ޒިޔާރަތް ކުރައްވާނެއެވެ.

މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ކޯލިޝަން ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

ދެން ހިމެނި ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފާއި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހްސިންގެ އިތުރުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ސަގީފުގެ ކެމްޕޭން ފޯރީގައި ކުރިއަށް ގެންދާއިރު އޭނާގެ ކެމްޕޭނަށް މީގެ ކުރިންވެސް ސަރުކާރުގެ ވަފުދެއް ވަނީ ޒިޔާރަތްކޮށްފައެވެ.

ސީޕީ ކަމަށް ހަމީދު އައްޔަންކުރުމަކީ މުއައްސަސާ ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: އިމްރާން

ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ)ގެ މަގާމަށް މުހައްމަދު ހަމީދު މިއަދު އައްޔަންކުރެއްވުމަކީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރަން އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، ހަމީދު މިއަދު ސީޕީ ކަމަށް އައްޔަންކުރެއްވިއިރު ފުލުހުންގެ އިދާރާއާ އަލުން ގުޅިވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެއީ ފުލުހުންގެ ސިއްރު މައުލޫމާތު ތަކެއް ލީކުކޮށްލިކަމުގެ ތުހުމަތުގައި ވަޒީފާއިން 2012 ވަނަ އަހަރު ވަކިކުރައްވާފައި ހުންނެވުމަށްފަހު، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

އެގޮތުން ފުލުހުންގެ މުއައްސަސާއާ އަލުން ގުޅިވަޑައިގަތުމުން އޭނާ ވަނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ. އަދި ފުލުހުންގެ އެންމެ އިސް މަގާމަށް މިއަދު އޭނާ ހަމަޖެއްސުމާ ހަމައަށް، އޭނާ ހުންނެވީ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައެވެ.

އެކަމާ ގުޅިގެން އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕޮލިސް ކޮމިޝަނަރަކަށް ހަމީދު އައްޔަންކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާއަކީ އެ މަގާމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.

އަދި މިއީ ފުލުހުންގެ މުއައްސަސާގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.