ޖަލުގަައިި ހިިނގިި ހަމަނުޖެހުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި: މިނިސްޓްރީ

މާފުށީ ޖަލުގައި މިރޭ ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރި ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ބުނީ، މާފުށި ޖަލުގައި ހިނގާދިޔަ ހާދިސާ އާގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މާފުށީ ޖަލަށް ވަގުތުން ޒިޔާރަތްކޮށް، ހާދިސާއާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށެވެ.

‏އެ ހާދިސާގައި އޮފިސަރަށް އިސްވެ ހަމަލާދީފައިވަނީ ގައިދީއަކު ކަމަށާއި ނަމަވެސް އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހޯމް މިނިސްޓްރީން އިތުރަށް ބުނީ، ހާދިސާ އިތުރަށް ތަހުގީގުކުރުމަށްފަހު ކަންކަން ގާނޫނުގެ ތަރަހައިގެތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ

ކުށްވެރިޔާގެ ހައްގު ނުގެއްލޭ ގޮތަށް، ހައްގު ޖަޒާދެވި އިންސާފު ގާއިމްކުރެވެންވާނެ: އިމްރާން

ކުށް ކުރާ މީހާގެ އިންސާނީ ހައްގު ނުގެއްލޭނެހެން އެ ކުރާ ކުށަކަށް އިންސާގު ގާއިމްކުރުމަކީ ގަބޫލުކުރ ފަލްސަފާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެ މިއަދު ޓުވީޓެއް ކުރައްވާފައި މިވަނީ، ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ހުއްދަ ދިނުމާ ގުޅިގެން އެތައް ބަޔަކު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

އަދި އެ ކަންބޮޑުވުންތަކާއެކު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ވެސް މިނިސްޓަރު އިމްރާން އިއްޔެ ވަނީ ހާޒިރުކޮށްފައެވެ.

“ކުށްކުރާ މީހާގެ އިންސާނީ ހައްގާ ކަރާމާތް ނުގެއްލޭނެހެން، ކުރާ ކުށަށް ހައްގު ޖަޒާ ދެވި އަދުލު އިންސާފު ގާއިމް ކުރެވުމަކީ އަޅުގަނޑުމެން ގަބޫލުކުރަ ފަލްސަފާއެވެ،” މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް ހޯމް މިނިސްޓަރުގެ އިތުރުން މިއަދުގެ ބޭއްވި ކޮމެޓީ ބައްދަލުވުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި އިމިގްރޭޝަންގެ އިސްވެރިއަކު ވެސް ހާޒިރުކުރިއިރު، އެ ކޮމެޓީގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އަދީބު ރާއްޖެއން ބޭރަށް ފުރާވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.

އަދި ބޭސްފަރުވާ ކުރުމަށް އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނީ އެއް އަހަރު ދުވަހަށް ކަމަށާއި ފަރުވާއަށް މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާނަމަ މިމަހުގެ 26 ގައި އަދީބު އެނބުރި ރާއްޖެ ވަޑާއިގަތުމަށް ޓިކެޓް ނަގާފައިވާ ކަމަށެވެ.

އަދި އަދީބު އިންޑިއާއަށް ވަޑައިގަންނަވާތީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި އެކަމުގައި އެކަށީގެންވާ މިންވަރަކަށް ތައްޔާރުވެވިފައިވާ ކަމަށް ވެސް ކޮމެޓީއަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދީބު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވާއިރު އޭނާގެ ޕޯސްޕޯޓެއް ދުލެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ ފުރުވާލަނީ ޓްރެވަލް ޑޮކިއުމަންޓެއްގައެވެ. އަދި އެކަން އިންޑިއާގެ ސަރުކާރަށް ވެސް އަންގާފައިވާއިރު އެހެން އެއްވެސް ގައުމަކަށް އަދީބަށް ވަޑައިނުގެންނެވޭނެ ކަމަށް ކަރެކްޝަންސުން ބުނެއެވެ.

ރާއްޖޭން ބޭރަށް ވަޑައިގަތުމަށްފަހު އަދީބު ފިއްލަވާފާނެ ކަމުގެ ކަންބޮޑުވުން އޮތުމާއެކު އެކަމަށް ވެސް މިނިސްޓަރު އިމްރާން ވަނީ ކޮމެޓީއަށް ޖަވާބުދާރީވެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ފިލުމުގެ އެއްވެސް ފުރުސަތެއް އަދީބަކަށް ނުދޭނެއެވެ. އަދި އެފަދަ އިންތިޒާމްތައް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.