ރަމަޟާން މަހު ފަލަސްތީންގެ ހަތަރު ކުދިންނާއި މާބަނޑު ދެ އަންހެނުން ޝަހީދުކޮށްލި

ފަލަސްތީން (ގުދުސް ނިއުސް ނެޓްވޯކް) – ނިމިދިޔަ ރަމަޟާން މަހުގެ ތެރޭގައި ފަލަސްތީންގެ ބިންތަކަށް ގަދަބާރުން ވެރިވެގެންފައިވާ އިޒްރޭލުގެ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީންގެ 29 މީހަކު ޝަހީދު ކޮށްލާފައިވާ ރިޕޯޓްތައް ބުނެފިއެވެ.

ފަލަސްތީންގެ ހައްގުގައި މަސައްކަތްކުރާ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނާގޮތުން، ޝަހީދު ކޮށްލި 29 މީހުންގެ ތެރެއިން 27 މީހުން ޝަހީދުވީ ޣާޒާގެ އާންމުން އުޅޭ ސަރަހައްދުތަކަށް އިޒްރޭލުންދިން ވައިގެ ހަމަލާތަކުގައެވެ.

ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ސިއްހީ ފަރުވާ ދޭން އުޅުނު މީހަކާއި ހަތަރު ކުޑަ ކުދިން ހިމެނޭއިރު މާބަނޑު ދެ އަންހެނުންނާއެކު ހަތަރު އަންހެނުން ހިމެނެއެވެ.

އަނެއް ދެ މީހުން ޝަހީދުކޮށްލީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގި އޮޕަރޭޝަންތަކުގައި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުން، މިދިޔަ މޭ މަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީންގެ 312 މީހަކު ވަނީ ޒަހަމްވެ ނުވަތަ އަނިޔާވެފައެވެ. އެ މީހުންނަކީ ވައިގެ ހަމަލާތަކުގަ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީން ރައްޔިތުން ސިލްސިލާ ގޮތެއްގައި ކުރަމުންދާ މުޒާހަރާތަކަށް އަމާޒުކޮށްދިން ހަމަލާތަކުގައި ޒަހަމްވި މީހުންނެވެ.

އަދި މެއި މަހުގެ ތެރޭގައި 370 ފަލަސްތީން ރައްޔިތުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ޕީއެލްއޯގެ ރިޕޯޓްގައި ބުނެފައިވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހަތް ކުޑަކުދިންނާއި ހަތަރު އަންހެނުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރަމަޟާން މަސް މިއަހަރު ދިމާވި މޭ މަހުގެ ތެރޭގައި އިޒްރޭލުން ދިން ވައިގެ ހަމަލާތައް އިތުރުކުރިއިރު، އެ ހަމަލާތަކުގައި ފަލަސްތީންގެ 100 ގެއެއް އެއްކޮށް ވަނީ ބިމާ ހަމަވެފައެވެ. އަދި 700 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު އޭގެ ތެރޭގައި ޣާޒާގައި ހުންނަ 13 ސްކޫލެއް ވެސް ހިމެނެއެވެ.

ފަލަސްތީންގެ މި ކުއްޖާގެ ފަހު އެދުމަކަށްވީ ޝަހީދުވި ބައްޕަގެ ގައިގާ ބައްދާލައި ބޮސްދޭން

ފަލަސްތީން ރައްޔިތުންގެ ބިމަށް ވެރިވެގެންފައިވާ ޔަހޫދީ އިސްރާއީލުން ހިންގާ ރަހުމުކުޑަ އަމަލުތަކަށް ހުއްޓުމެއް ނެތެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ކޮންމެ ދުވަހަކު ދެމުންދާ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.

ކުށެއް ނެތް ފަލަސްތީން ރައްޔިތެއްގެ ލޭ އޮހޮރާނުލާ އަދި ނިކަމެތިކޮށްނުލާ އެންމެ ދުވަހެއް ވެސް ނުދެއެވެ. މިދިޔަ އަހަރަށް އެކަނި ބެލިކަމުގައި ވިޔަސް، އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ގާތްގަނޑަކަށް 300 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

އޭގެ ތެރޭގައި މައުސޫމް ކުޑަކުދިންނާއި ސިއްހީ އޮފިސަރުން ހިމެނޭއިރު އިޒްރޭލުން ދިން ހަމަލާތަކުގައި މަރާ ހަނގުރާމަ ކުރަމުންދާ މީހުން ވެސް މަދެއްނޫނެވެ.

ޒަހަމްވި މީހުން އުފުލުމުގެ މަސައްކަތުގައި އުޅެނިކޮށް އިޒްރޭލުން ދިން ހަމަލާއެއް އަމާޒުވެ މަރާ ހަނގުރާމަ ކުރަމުންދިޔަ ފަލަސްތީންގެ އެމްބިއުލާންސް އޮފިސަރަކު މިދިޔަ ހޯމަ ދުވަހު ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓް ޖަމިއްޔާގައި މަސައްކަތްކުރާ މުހައްމަދު އަލް ޖުދެއިލީ ނަމަކަށް ކިޔާ އުމުރުން 36 އަހަރުގެ އެ މީހާގެ މޫނަށް އަމާޒުކޮށް އިޒްރޭލުގެ ސްނައިޕަރަކު ބަޑި ޖެހީ އުތުރު ޣާޒާ ސަރަހައްދުގައި މަސައްކަތް ކުރަމުންދަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުން، މިދިޔަ މަހުގެ ތިން ވަނަ ދުވަސްވީ ހުކުރު ދުވަހު، ޖުދެއިލީ ގަޔަށް އިޒްރޭލުން ބަޑި ޖެހީ، އެދުވަހު ފަލަސްތީން ރައްޔިތުން ނުކުމެ ކުރި މުޒާހަރާގައި އަނިޔާވި ބަޔަކަށް ސިއްހީ ފަރުވާ ދެމުންދަނިކޮށެވެ.

އޭނާގެ ކަށުކަމާ ކެމީގެ ކަންތައް އިއްޔެ ބޭއްވިއިރު، އޭނާގެ ހަތަރު ކުދިން މިއަދު ވަނީ ޔަތީމުވެފައެވެ. ލޯބިވާ ބައްޕަ ޝަހީދުވީ ކުށެއް ކޮށްގެންނެއް ނޫނެވެ. ދަރިންގެ މުސްތަގްބަލަށް ފުރާނަ އަތްމައްޗަށް ލައިގެން ގައުމީ ހިދުމަތުގައި އުޅެނިކޮށެވެ. އެކުދިން މިއަދު އަޅާނެ ކަރުނަ އިހުސާސް ކުރެވޭތޯއެވެ.

ޖުދެއިލީގެ ޖަނާޒާގެ ތެރެއިން ވެސް ފާހަގަވީ އެ މަންޒަރެވެ. އޭނާގެ ހަތަރު ކުދިން ތިބޭއިރު އެންމެ ބޮޑަށް ހުންނަ ފިރިހެން ކުއްޖާގެ ފަރާތުން ފެނުނު މަންޒަރުން ހިތައް އަސަރުކުރުވިއެވެ. ގައިން ހީބިހި ނެގުވިއެވެ.

ފަލަސްތީންގެ ހަބަރުތައް ގެނެސްދޭ ޤުދުސް ނިއުސް ނެޓްވޯކަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ޝަހީދުވި ޖުދެއިލީގެ ޖަނާޒާގެ ކަންތައް ކުރިއަށްދާ ވަގުތު ގިނަ ބަޔަކު އޭނާއަށް ފަހުގެ އިހްތިރާމް އަދާކުރަމުންދާ ތަނެވެ. ހުދު ފޮތިން އޭނާ ނިވާކޮށްފައި އޮތްއިރު ގިނަ ބަޔަކު ދިޔައީ އޭނާއަށް ފަހުގެ ލޯތްބާއި އިހްތިރާމް އަދާކުރުމުގެ ގޮތުން ބޮސްދެމުންނެވެ.

ވީޑިއޯގެ ކުޑަ އިރުކޮޅެއް ފަހުން ޝަހީދުވި މީހާގެ ދަރިފުޅު ގިސްލާ ރޯ ހާލުގައި އޭނާގެ ބައްޕަ ދެކިލުމަށް އެތަނަށް ވަންނަތަން ފެނެއެވެ. މީހަކު އެ ކުއްޖާ އުރައިގެން ހުރިއިރު، “ބާބާ، ބާބާ” އޭ ކިޔާ އެ ކުއްޖާ ރޯ އަޑު އިވެއެވެ.

އެ ވީޑިއޯއާއެކު ޤުދުސް ނިއުސް ނެޓްވޯކުން ބުނެފައިވަނީ، އެއީ ޝަހީދުވި މީހާގެ ދަރިފުޅު، އޭނާގެ ބައްޕަ ގައިގަ އެންމެ ފަހު ބައްދާލުން ބައްދާލުމަށް ރޮމުންދިޔަ މަންޒަރު ކަމަށެވެ. ލޮލުން ކަރުނަ ހިލި ފެންކަޅި ކުރުވައިފި ދެއްތޯއެވެ.

މިއީ މީޑިއާތަކަށް ތިލަވާ މަދު މަންޒަރުތަކެކެވެ. ގުދެއިސީ ފަދައިން ފަލަސްތީންގެ އެތައް ބައްޕައިންނެއް މިއަދު ޝަހީދުކޮށްފިއެވެ. އެ ބައްޕައިންގެ ލޯބިވާ އެތައް ދަރިންނެއް ޔަތީމު ކޮށްފިއެވެ. ނިކަމެތި ހާލައިގެން އުޅެން މަޖުބޫރުކޮށްފިއެވެ.

ރަމަޟާން މަހުގައި ނުވަ ކުޑަކުދިންނާއެކު 53 ފަަލަސްތީން ރައްޔިތުން ހައްޔަރުކުރި

ރާމަﷲ (ގުދުސް ނިއުސް ނެޓްވޯކް) – އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ހިބްރޮން ސިޓީއިން މިދިޔަ ރަމަޟާން މަހު އެކަނިވެސް 53 ފަލަސްތީން ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށް ޕްރިޒަނާސް އިންފޮމޭޝަން އޮފީހުން ބުނެފިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ނުވަ ކުޑަކުދިންނާއި އަންހެނަކު ވެސް ހިމެނެއެވެ.

އެ އޮފީހުން މިއަދު އާންމުކުރި ރިޕޯޓެއްގައި ބުނީ، ހިބްރޮންގެ އެކި ސަރަހައްދުތަކުގައި ހުންނަ ފަލަސްތީން ރައްޔިތުންގެ ގެ ތަކަށް އިޒްރޭލުގެ ޔަހޫދީ ސިފައިން ވަދެގަނެ އެ ގެތަށް ބަލައި ފާސްކޮށް ހައްޔަރުކުރުމުގެ ކެމްޕެއިނެއް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިންގާފައިވާ ކަމަށެވެ.

އަދި އެ ކެމްޕެއިނުގެ ތެރެއިން ފަލަސްތީން ރައްޔިތުންގެ ގެތަކަށް ގެއްލުންދީ ބައެއް ތަކެތި ވެސް ވަގަށް ގެންގޮސްފައިވާ ކަމަށާއި އަދި ހައްޔަރުކުރުމުގެ ބައެއް ފަލަސްތީން ރައްޔިތުންނަށް އަނިޔާވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، މިދިޔަ މެއި މަހުގެ ތެރޭގައި އިޒްރޭލު ސިފައިން ހައްޔަރުކުރި ނުވަ ކުޑަކުދިންގެ ތެރެއިން މޫސާ ރަމަޟާން ނަމަކަށް ކިޔާ 9 އަހަރުގެ ކުއްޖެއް ވެސް ހިމެނޭ ކަމަށެވެ.

އަދި އެކުދިން ހައްޔަރުކޮށް ތަހުގީގު ކޮށްފައިވަނީ، އެކުދިންގެ އާއިލާ މެންބަރެއްގެ ހާޒިރުގައި ނޫންކަން ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރަށް މިދިޔަ މެއި މަހުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ތެރެއިން އުމުރުން ހަމްދީ ރަޖަބީ ނަމަކަށް ކިޔާ 41 އަހަރުގެ ފިރިހެނަކާއި މުހައްމަދު މުރްގާލް ނަމަކަށް ކިޔާ 36 އަހަރުގެ މީހަކު ހިމެނޭ ކަމަށެވެ.

އެ ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ އިޒްރޭލުގެ ޖަލުތަކުގައި 15 އަހަރު ބަންދުކޮށްފައި ހުރުމަށްފަހު މިނިވަންކުރިތާ އަހަރެއް ވެސް ނުވަނީސްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން އިޒްރޭލުގެ ސިފައިން ހައްޔަރުކުރި މުހައްމަދު މަހަރްމާ ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރުކުރުމުގެ އޭނާގެ ކޮނޑުހުޅު ނެއްޓިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ދަތިކުރުންތަކާއެކު ވެސް ރޯދައިގެ ފުރަތަމަ ހުކުރު ނަމާދަށް އަލް އަގްސާ ފުރާލައިފި

އިސްރާއީލުން ސެކުރިޓީއަށްޓަކާ ބުނެ ގާއިމްކޮށްފައިވާ ހުރަސްތަކާއެކު ވެސް މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހު، އެތައް ހާސް ބަޔަކު ގުދުސްގައި ހުންނަ މަސްޖިދުލް އަލް އަގްސާއަށް ޖަމާވެ ސުލްހަވެރިކަމާއެކު ހުކުރު ނަމާދު ކޮށްފިއެވެ.

އަލް މަސްޖިދުލް އަގްސާ އަކީ މުސްލިމްގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާއެވެ. އަދި  ޔަހޫދީން ބުނާގޮތުން އެމަތިވެރި މިސްކިތަކީ އެމީހުންގެ ފައްޅިއެކެވެ.

އަދި މަސްޖިދުލް އަގްސާ ހުންނަނީ އިސްރާއީލުން ވެރިވެގަނެ، ވެރިރަށުގެ ގޮތުގައި ބުނާ ގުދުސްގައި ކަމުގައި ވީނަމަވެސް، ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނު ރައްޔިތުންނަށް ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު އެ މިސްކިތަށް ދިއުމަށް އޮންނަ ހުރަސްތައް އިސްރާއީލުން ނަމެއްގައި ލުއިކޮށްދެއެވެ.

އެގޮތުން ފަލަސްތީނުގެ ރައްޔިތުން އެ ތަނަށް ވަދެވެނީ ވަރުގަދަ ސެކިއުރިޓީތަކެއް  ޗެކްކުރުމަށްފަހުއެވެ. އަދި އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށާއި 12 އަހަރު ދަށުގެ ކުޑަކުދިންނަށް އެތަނަށް ވަދެވެނީ ހުކުރު ދުވަހު އެކަންޏެވެ. އަންހެނުންނަކަށް ހުރަސްތަކެއް ނޯވެއެވެ.

ގުދުސްގައި ހަރަކާތްތެރިވާ އިސްލާމިކް ވަޤްފު ޖަމިއްޔާއިން ބުނީ، މިއަދުގެ ހުކުރު ނަމާދަށް 180،000 މީހުން ޖަމާވި ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދާ އަޅާބަލާއިރު 50 ޕަސެންޓަށްވުރެ މަތި އަދަދެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެގޮތުން އަލް އަގްސާ މިސްކިތަށް ހުކުރު ނަމާދު ކުރުމަށް މިއަދުގެ ހެނދުނު ހެނދުނާ، އުމުރުން ދުވަސްވީ މީހުންނާއި ފުރޮޅުލީ ގޮނޑީގައި ވެސް އެތައް ބަޔަކު ކިއު ހެދި ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި އޭއެފްޕީގެ ފޮޓޯގުރާފަރަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ވަޤްފުގެ ޑިރެކްޓަރު ޖެނެރަލް އައްޒާމް އަލް ކާތިބް ވިދާޅުވީ، މަސްޖިދުލް އަގްސާއަށް މިއަދު އެހާ ގިނަ އަދަދެއްގެ ބަޔަކު ޖަމާވީ ވެސް، ޔަހޫދީ އިސްރާއީލު ސިފައިން އެތައް ސެކިއުރިޓީ އަކާއި ޗެކްޕޮއިންޓެއް ކަނޑަތުކުރުމަށްފަހު ކަމަށެވެ. އަދި ހުކުރު ނަމާދުގައި އެއްވެސް ބޮޑު ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސްއިން ބުނާގޮތުގައި، މިއަދުގެ ހުކުރު ނަމާދަށް ދިއުމަށް ހުޅަނގު އައްސޭރީން އިސްރާއީލަށް 75000 އަށްވުރެ ގިނަ މީހުން ވަނީ އެތެރެވެފައެވެ.

އަދި މަސްޖިދުލް އަގްސާއަށް އަޅުކަން ކުރާ މީހުންނަށް ދިއުމުގެ މަގު ފަހިކޮށްދިނުމަށާއި ހަމަނުޖެހުމަކަށް ޖާގަ ނުދިނުމަށް އެތައް ސަތޭކަ އޮފިސަރުންނަކާއި ބޯޑަރު ފުލުހުންނެއް ނެރުނު ކަމަށް އިސްރާއީލުގެ ފުލުހުން ބުނެފައިވެއެވެ.

ފަަލަސްތީނުގެ ސްކޫލަކަށް ވަދެގަނެ، ކުޑަ ކުއްޖަކު ހައްޔަރުކުރާ ވީޑިއޯއެއް!

އިސްރާއީލުގެ ޔަހޫދީ ސިފައިން، ފަލަސްތީނުގެ ސްކޫލަކަށް ވަދެގަނެ، ކުލާސްރޫމުގައި ހުރި ކުޑަ ކުއްޖަކު ގަދަކަމުން ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޒިއާދް ޖަބީރް ސްކޫލުގެ ގުރޭޑް ހަތަރެއްގައި ކިޔަވާ އުމުރުން 10 އަހަރުގެ އެ ކުއްޖާ ހައްޔަރުކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ކުއްޖާ ކުލާސް ދޮރުމަތީގައި ހުއްޓާ އިސްރާއީލުގެ ސިފައިން ދެ މީހަކު އައިސް ކުއްޖާ ކޮނޑުގައި އަޅުވާފައިވާ ދަބަހުގައި ހިފައިގެން ގަދަކަމުން ގެންދާ މަންޒަރެވެ.

އަދި އެކަން ހުއްޓުވުމަށް ސްކޫލުގެ ބައެއް ބޮޑެތި މީހުންނާއި ވައިސް ޕްރިންސިޕަލް ވެސް މަސައްކަތް ކުރުމުން، ބަޑި ހިފައިގެން އުޅޭ އިސްރާއީލުގެ ސިފައިން އެމީހުންނަށް ބަޑިން ބިރު އިންޒާރުދީ ކޮއްޕާ ހަދާތަން ފެނެއެވެ.

އޭރު ކުއްޖާގެ މޫނު މަތިން ފެންނަނީ ބިރުވެރިކަމެވެ. އެ ކުއްޖާ ހުރީ ކޮންމެވެސް މީހެއްގެ ގައިގާ ބައްދައިގަނެގެން ދޫނުކުރަން ވެގެންނެވެ.

އެކްޓިވިސްޓަކު ނަގާފައިވާ 11 މިނެޓާއި 44 ސިކުންތުގެ އެ ވީޑިއޯގައި ދެން ފެންނަނީ އިތުރު ސިފައިންގެ ބަޔަކާއެކު ކުއްޖާ ގޮވައިގެން ހުރި އިސްރާއީލުގެ ސިފައިންގެ މީހާ ސްކޫލުން ނުކުމެގެން ގޮސް ސިފައިންގެ ވެހިކަލަކަށް އަރުވާތަނެވެ.

އެވަގުތު އެތަނަށް ބަޔަކު އެއްވުމުން އިސްރާއީލުގެ ސިފައިން އެއްވެފައިތިބި މީހުންގެ ގަޔަށް ކަރުނަ ގޭސް ކެނިސްޓަރެއް ކަމަށް ބެލެވޭ އެއްޗެއް އެއްލާތަން ފެނެއެވެ. އޭރުވެސް ކުއްޖާ އެރުވި ވެހިކަލް ކައިރީގައި 7 ވަރަކަށް އިސްރާއީލުގެ ޔަހޫދީ ސިފައިން ތިއްބެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ކުއްޖާ ހައްޔަރުކުރީ އެ ދުވަހު ސްކޫލަށް ދިއުމުގެ ކުރީން އިސްރާއީލު ސިފައިންގެ ބަޔަކާ ދިމާލަށް ގާ އުކި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ފަލަސްތީނުގެ ސިވިލް އެފެއާޒް އާއި ކަމާ ގުޅުންހުރި އިދާރާތަކުން މަސައްކަތް ކޮށްގެން ފަހުން އެ ކުއްޖާ ވަނީ މިނިވަން ކޮށްފައެވެ.

މަސްދަރުތަކުން ބުނާގޮތުގައި، މިއީ އިސްރާއީލުގެ ސިފައިންގެ ބަޔަކު ސްކޫލަކަށް ވަދެގަނެ، ސްކޫލު ކުއްޖަކު ގަދަކަމުން ހައްޔަރުކޮށް ސްކޫލުގެ ޓީޗަރުންނަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. އަދި އެކަހަލަ ކަމެއް ތަކުރާރުވުމުގެ ކުރިން ރަނގަޅަށް ތަހުގީގު ކުރުމަށްފަހު އަމަލު ކުރުމަށް ފަލަސްތީނުގެ ސިވިލް އެފެއާޒް އިން ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާއިރު ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕެއް ކަމަށްވާ އައްދަމީރުން މިދިޔަ އަހަރު ބުނީ، އިސްރާއީލުގެ ޖަލުތަކުގައި 270 ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުގައި އެބަތިބި ކަމަށެވެ.

އަދި އޭގެ ތެރެއިން 50 ކުދިންނަކީ އުމުރުން 16 އަހަރުން ދަށުގެ ކުދިން ކަމަށް އެ ގުރޫޕުން ބުނެއެވެ.

އިސްރާއީލްގެ އަމަލުތައް މިނިވަން ކޮމިޝަނަކުން ތަޙްޤީޤު ކުރަން ރާއްޖެ އިން ގޮވާލައިފި

އިސްރާއީލް ސަރުކާރުން ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ތަޙްޤީޤު ކުރަން އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލުން މިނިވަން ކޮމިޝަނެއް އުފައްދަން ރާއްޖެ އިން ތާއިދު ކޮށްފިއެވެ.

ފަލަސްތީންގެ ބިމުގައި އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ބޭއްވި އދ.ގެ އިންސާނީ ޙައްްޤުތަކާއި ބެހޭ ކައުންސިލްގެ ހާއްސަ ބައްދަލުވުމުގައި ޖެނީވާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ.ހާލާ ހަމީދު ވިދާޅުވީ ހަތިޔާރެއް ނެތް ފަލަސްތީންގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޑރ.ހާލާ ވަނީ މިމަހުގެ 14 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގެ ބޯޑަރު ކައިރީގައި ފަލަސްތީންގެ ކުށެއް ނެތް އެތައް ރައްޔިތުންނެއް ޝަހީދު ކޮށްލާފައި ވާތީ އިސްރާއީލްގެ އެއަމަލު ކުށްވެރި ކުރައްވާ ފަލަސްތީން ސަރުކާރަށާއި ފަލަސްތީންގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފައެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލުން މިހާރު މިހާރަށް މިނިވަން ކޮމިޝަނެއް އުފައްދާ ދެފުއް ފެންނަ މިނިވަން ތަޙްޤީޤެއްކޮށް ގެއްލިފައިވާ ފަލަސްތީން ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ޑރ.ހާލާ ދިވެހި ސަރުކާރުގެ ފަރާތުން އދ.އަށް ގޮވާލެއްވެވިއެވެ.

އިސްރާއީލްގެ ލާއިންސާނީ އަމަލުތައް ތަޙްޤީޤު ކުރަން މިނިވަން ކޮމިޝަނެއް އުފައްދަން އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ތަޙްޤީޤު ކުރާނެ މިނިވަން ކޮމިޝަނެއް އުފައްދަން ހުށަހެޅި ޤަރާރު ފާސްވީ 14 މެންބަރުންގެ ވޯޓުންނެވެ. އެޤަރާއި ދެކޮޅަށް ވޯޓް ދިނީ އެމެރިކާ އާއި އޮސްޓްރޭލިއާ އެކަންޏެވެ.

އިސްރާއީލުން ފަލަސްތީނުގައި ބޮޑު ގަތުލުޢާންމެއް ހިންގަނީ

އިސްރާއީލުން ޤުދުސްގައި ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދުވި މީހުންގެ ޢަދަދު 40 އަށް އަރައިފި. ކުށެއްނެތް ޢާންމުންނަށް ދެމުންދާ މި ޙަމަލާތަކުގައި މިހާތަނަށް 1700 އަށްވުރެ ގިނަ މީހުނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި. އޭގެތެރޭގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދާ މީހުން ހިމެނޭ.

އިސްރާއީލުން ފަލަސްތީނުގައި ބޮޑު ގަތުލުޢާންމެއް ހިންގައި ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން މިހާރުވެސް ދަނީ، ހުސް އަތާއި ތިބި ފަލަސްތީނުގެ ކުށެއްނެތް ޢާންމުންނާއި ކުރިމަތިލައި އެފަރާތްތަކާއި ދެކޮޅަށް ވަރުގަދަ ހަތިޔާރު ބޭނުންކުރަމުންނެވެ.

އެމެރިކާގެ އެމްބަސީ، ފޭރިގަނެފައިވާ ފަލަސްތީނުގެ ޤުދުސްއަށް ބަދަލުކުރުމާއި ދެކޮޅަސް ގާޒާގެ ބޯޑަރު ކައިރިއަށް ޖަމާވެފައިވާ މީހުނަށް އިސްރާއީލް ސިފައިން ދަނީ ބަޑިން ޙަމަލާތައް ދެމުންނެވެ.

ރަހުމުކުޑަ އިސްރާއިލް ސިފައިން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ވަނީ 37 މީހަކު ޝަހީދުކޮށްލާފައެވެ. މީގެ އިތުރުންވެސް ޙަމަލާތަކުގައި އަނިޔާތައް ލިބި، ގިނަ ބަޔަކަށް ދަނީ ފަރުވާދެމުންނެވެ.