ރާއްޖެއިން އައިއެސްއަށް ހަނގުރާމަކުރަން ދާ ކަމަށް ދެއްކެވި ވާހަކަތައް ސާފުކޮށްދޭން އެދިއްޖެ

މި ސަރަހައްދުގެ ގައުމުތައް ތެރެއިން އިސްލާމިކް ސްޓޭޓްސް (އައިއެސް) ޖަމާއަތާއިއެކު ސީރިއާގައި ހަނގުރާމަކުރަން  ރާއްޖެއިން ދާ ކަމަށް ލަންކާގެ އާމީ ޗީފް މަހޭޝް ސެނަނަޔަކަ ވިދާޅުވެފައިވާ ވާހަކަތަކުގެ ހަގީގަތް ސާފުވާނެ ބަޔާނެއް ނެރުމަށް ރާއްޖެ އިން އެދިއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ “އިންޑިއާ ޓުޑޭ” އަށް ދިން ޓީވީ އިންޓަވިއުއެއްގައި އާމީ ޗީފް މަހޭޝް ވިދާޅުވެފައި ވަނީ  އައިއެސް އާއިއެކު ސީރިއާގައި ހަނގުރާމަކުރަންދާ ދިވެހިން، އެގައުމަށް ދަނީ ލަންކާމަގުން ނުވަތަ ލަންކާގައި މަޑުކުރުމަށްފަހު ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ރޭ ވިދާޅުވީ، މިހާތަނަށް ތަހުގީގު ކުރާ ފަރާތްތަކުން ކުރި ތަހުގީގަށް ބަލާއިރު، ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް ނެތެވެ.

މިއުވާން ވިދާޅުވީ، އެހެންކަމުން ދިވެހިންނާ މެދު ނަފުރަތު އުފެދި ހަގީގަތް އޮޅިދާނެ ފަދަ ގޮތަކަށް، ލަންކާގެ އާމީ ޗީފް މީޑިއާގައި ވާހަކަ ދައްކާފައިވާ ކަމަށާއި އެ ވާހަކަތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވާ ކަމަށެވެ.

އެކަމާއި ގުޅިގެން ލަންކާގައި އުޅޭ ދިވެހިންނަށް ކުރިމަތިވެދާނެ ކަމެއްގެ ސަބަބުން ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅު އަޅައި ދިނުމަށް އެ ގައުމުގައި އެދިފައިވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

ދެވަނަ އަށް އެންމެ ގިނަައިން އައިއެސްއާއިއެކު ހަނގުރާމަ ކުރަން ދަނީ ދިވެހިންކަން ފާހަގަކޮށް، އެ އިންޓަވިއުގައި އާމީ ޗީފް މަހޭޝް ވިދާޅުވީ އޭގެ މާނައަކީ ދިވެހި ސަރުކާރުން ނުވަތަ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެކަމުގައި ބައިވެރިވުމެއް ނޫން ކަމަށެވެ. އަދި އެއީ މަގު އޮޅުވާލުމުގެ ތެރެއިން އަމިއްލަ ފަރުދަކު ނުވަތަ ބަޔަކު ކުރާ އަމިއްލަ ގުޅުން ތަކެއްގެ ތެރެއިން ހިންގާ ކަންތައްތަކެއް ކަމަށެވެ.

އައިއެސް އާއިއެކުު ހަނގުރާމަކުރަން ދިވެހިން ދަނީ ލައްކާމަގުން، ނޫނީ ލަންކާގަ މަޑުކޮށްފަ: ލަންކާ އާމީ ޗީފް

މި ސަރަހައްދުގެ ގައުމުތައް ތެރެއިން އިސްލާމިކް ސްޓޭޓްސް (އައިއެސް) ޖަމާއަތާއިއެކު ސީރިއާގައި ހަނގުރާމަކުރަން ދެވަނަ އަށް އެންމެ ގިނައިން މީހުންދަނީ ރާއްޖެއިން ކަމަށް ސްރީލަންކާގެ އާމީ ޗީފް މަހޭޝް ސެނަނަޔާއޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވ އިންޑިއާގެ ނޫހެއް ކަމަށްވާ “އިންޑިއާ ޓުޑޭ” އަށް މިދިޔަ ހޮނިހިރު ދުވަހު އިން ޓީވީ އިންޓަވިއުއެއްގަ އެވެ. އާމީ ޗީފް މަހޭޝް ވިދާޅުވީ އައިއެސް އާއިއެކު ސީރިއާގައި ހަނގުރާމަކުރަންދާ ދިވެހިން، އެގައުމަށް ދަނީ ލަންކާމަގުން ނުވަތަ ލަންކާގައި މަޑުކުރުމަށްފަހު ކަމަށެވެ.

ނަމަވެސް އޭގެ މާނައަކީ ދިވެހި ސަރުކާރުން ނުވަތަ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެކަމުގައި ބައިވެރިވުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ މަގު އޮޅުވާލުމުގެ ތެރެއިން އަމިއްލަ ފަރުދަކު ނުވަތަ ބަޔަކު ކުރާ އަމިއްލަ ގުޅުން ތަކެއްގެ ތެރެއިން ހިންގާ ކަންތައްތަކެއް ކަމަށެވެ.

ލަންކާ އާމީ ޗީފް އެހެން ފާހަގަކުރެއްވީ އައިއެސްއާ ގުޅުން އޮތް ބަޔަކު، މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ޓެރަރިސްޓު ހަމަލާތަކަކީ ޕާކިސްތާނުގެ ބައިވެރިވުން އޮތް ކަމެއްތޯ ނޫސްވެރިޔާ ކުރި ސުވާލަކަސް ޖަވާބު ދެއްވަމުންނެވެ.

އެޔަށް ސީދާ ޖަވާބު ދެއްވަމުން އާމީ ޗީފް ވިދާޅުވީ، އެ ހަމަލާތަކަކީ އިންޓަނޭޝަނަލް ޓެރަރިސަމްގެ އަމަލަކަށް ވާތީ އެއީ ޕާކިސްތާން އިން ބައިވެރިވާކަން ސީދާ އޮތް ކަމެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށެވެ.

އަވަށްޓެރި ސްރީ ލަންކާއަށް ދިން ހަމަލާއާއި ގުޅިގެން 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މިހާތަނަށް ހަމަލާއާއި ގުޅިގެން ހޯދާ މީހުންނާއި ޝައްކު ކުރެވޭ މީހުން ހިމެނޭގޮތަށް 150 އަށްވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ލަންކާގެ އެކްޓިން ޕޮލިސް ޗީފް ވިދާޅުވި ގޮތުގައި އެގައުމަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތައް ރޭވި އެންމެން ވާނީ ހައްޔަރުކުރެވިފައި ނުވަތަ މަރުވެފައި ކަމަށެވެ.

ލަންކާ މިހާރު އަމާން ތަނަކަށް ވެއްޖެ – ލަންކާގެ ރައީސް

ލަންކާ މިހާރު އަމާން ތަނަކަށް ވެއްޖެ ކަމަށާއި ލަންކާ ދޫކޮށް ދިޔަ ބިދޭސީން އަލުން އެބުރި އައުމަށް ލަންކާގެ ރައީސް މައިތްރިޕަލާ ސިރްސޭނާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސްއާއި ހަވާލާދީ އޭޕީގައި ބުނީ، ލަންކާއަށް ހަމަލާދިން މީހުން ވަނީ އަތުލައިގަނެފަ ކަމަށާއި އެމީހުންނާއިއެކު ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި ހަތިޔާރުވެސް އަތުލައިގަންފައިވާ ކަމަށެވެ. އެގޮތުނ ލަންކާ މިހާރު އަމާންވެއްޖެ ކަމަށާއި ބިދޭސީން އެބުރި އައުމަށް ރައީސް ގޮވާލި އެވެ.

” އިންޓަލެޖެންސް އިޕޯޓުތަކަށް ބަލާއިރު ހަމަލާގައި ބައިވެރިވި 99 އިންސައްތަ މީހުން އަތުލައިގަނެފި. އެކެއް ނުނީ ދެ މީހުން އުޅެދާނެ އެކަމަކު އަދި އެމީހުންވެސް ހައްޔަރުކުރާނަން.” އެޕީއަށް ދެއްވި އިންޓަވިއުއެއްގައި ލަންކާ ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހު 21 ގައި ލަންކާގައި ހިނގި ބޮމުގެ ހަމަލާތަކާއި ގުޅިގެން ގިނަ ބިދޭސީން ވަނީ ލަންކާ ދޫކޮށް އަމިއްލަ ގައުމަށް ގޮސްފައެވެ. އަދި ޓޫރިސްޓުންވެސް އެގައުމަށް ދާ މިންވަރު ވަނީ ވަރަށް ބޮޑުތަން މަދުވެފަ އެވެ.

ލަންކާގެ ރެސިޑެންސް ވިސާ ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ތެރެއިން، އެގައުމުގެ ރެސިޑެންސް ވިސާ ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ރެސިޑެންސް ވިސާއަކީ ލަންކާއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ނުވަތަ އެކި ބޭނުންތަކަށް ދިގު މުއްދަތަށް އެގައުމުގައި އުޅެން ބޭނުންވާ އެހެން ގައުމުތަކުގެ މީހުންނަށް ދޫކުރާ ވިސާއެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނީ، އެހެން ހުރިހާ ގައުމަކާއެކު ރާއްޖެއަށް ވެސް ރެސިޑެންސް ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަން ލަންކާއިން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ގެނައި ބަދަލާއެކު، ދިގު މުއްދަތަށް ލަންކާގައި ތިބެން ބޭނުންވާނަމަ އެގައުމަށް ފުރަތަމަ އެތެރެވެވޭނީ ވެސް ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީއަށް ގޮސްގެން ރެސިޑެންސް ވިސާ ލިބިގެންނެވެ. އެ އުސޫލަށް އަމަލު ކުރަން ފަށާނީ މި މަހުގެ 15 އިން ފެށިގެންނެވެ.

ކުރިން އޮންނަ ގޮތުންނަމަ ކިޔެވުމާއި އެކި ބޭނުންތަކަށް ލަންކާއަށް ދާ ދިވެހިން ޓޫރިސްޓު ވިސާގައި، އެ ގައުމަށް އެތެރެވުމަށްފަހު، ލަންކާގައި ތިބެގެން އިމިގްރޭޝަނުން ރެސިޑެންސް ވިސާ ނެގޭނެއެވެ.

ރެސިޑެންސް ވިސާއަށް މި ބަދަލު ގެނައި ނަމަވެސް، އޮން އެރައިވަލް ވިސާ އަށް ބަދަލެއް އަދި ނުގެނެއެވެ.

ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުން، ރެސިޑެންސް ވިސާ އަށް މި ގެނައި ބަދަލުގެ އެއްވެސް އަސަރެއް، ލަންކާގައި މިހާރު ދިރިއުޅޭ ދިވެހިންނަކަށް ނުކުރާނެއެވެ.

އަދި ރެސިޑެންސް ވިސާގައި މިހާރު ލަންކާގައި ތިބި ދިވެހިންގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ތިބެ އާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔެވުމާއި ބޭސްފަރުވާ ފަދަ ބޭނުންތަކުގައި ލަންކާގައި ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅޭނެ ކަމަށް ބެލެވެއެވެ.

ލަންކާއަށް ހަމަލާ ދިން އެންމެން ހައްޔަރު ކުރެވިއްޖެ ނުނީ މަރުވެއްޖެ!

މިދިޔަ މަހު 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތައް ރޭވި އެންމެން ވާނީ ހައްޔަރުކުރެވިފައި ނުވަތަ މަރުވެފައި ކަމަށް އެގައުމުގެ އެކްޓިން ޕޮލިސް ޗީފް ވިދާޅުވެއްޖެއެވެ.

ހޯމަދުވަހު ލަންކާގެ ދިފާއީ ވުޒާރާއިން އާންމު ކުރި އޯޑިއޯ މެސެޖެއްގައި އެކްޓިން ޕޮލިސް ޗީފް ޗަންދުރާ ވްރަމަރަތްނޭއާއި ހަވާލާދީ މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި ލަންކާގެ އީސްޓާ ސަންޑޭއާއި ދިމާކޮށް ދިން ބޮމުގެ ހަމަލާ ރޭވި މީހުން މިހާރު ވާނީ ހައްޔަރުކުރެވިފައި ކަމަށާއި އޭގެ ތެރެއިން އެއްބަޔަ ހަމަލާދިނީ އަމިއްލައަށް ދާނުން ފިދާވެގެން ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ހިނގި އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި ހަތިޔާރުް އަތުލައި ގެންފައިވާ ކަމަށާއި ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންތަކާއި ތަހުޤީޤުތައް އަދިވެސް ދަނީ ކުރިޔަށް ކަމަށް ޗަންދުރާ ވިދާޅުވި އެވެ.

ލަންކާއަށް ދިން ހަމަލާއާއި ގުޅިގެން 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މިހާތަނަށް ހަމަލާއާއި ގުޅިގެން ހޯދާ މީހުންނާއި ޝައްކު ކުރެވޭ މީހުން ހިމެނޭގޮތަށް 150 އަށްވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ކޮލަމްބޯގެ ބަައެެއްް ބްރިޖްތަކަށް ހަމަލާއެއް ދޭން އުޅޭކަމުގެ އިންޒާރު!

ކޮލަމްބޯގެ ބަައެެއްް ބްރިޖްތަކަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.

ލަންކާގެ މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ކޮލަންބޯގެ އެކި ބްރިޖްތަކަށް ހަމަލާ ދޭން އުޅޭކަމުގެ އިންޓަލިޖެންސް ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ކޮލަމްބޯގެ އެކި ސްޓޭޝަންތަކަށް އިތުރު ސިފައިން ފޮނުވުމަށް އަންގާފައިވާ ކަމަށާއި ކޮލަންބޯގެ ކޯރުތައްް ޕެޓްރޯލް ކުރުމަށް ވެސް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޓެރަރިޒަމްގެ ހަމަލާތައް ކޯޑިނޭޓް ކުރުމަށް ލަންކާ ސިފައިން މިހާރު ވަނީ ޚާއްސަ ކޮމާންޑް ސެންޓަރެއް ވެސް ގާއިމްކޮށްފަ އެވެ.

ލަންކާގައި ފުލުހުންގެ ސަލާމަތީ ބާރުތައް ވަރުގަދަކޮށް، މިހާރު ހިންގާ އޮޕަރޭޝަންތަކުގައި ބަލައި ފާސްކުރުމުގެ އިތުރުން ޗެކް ޕޮއިންޓްތަކުން މީހުން ޗެކް ކުރަމުންދެއެވެ. އެގޮތުން ބައެއް ގޭގެއިންނާއި މީހުންއެއްވާ ތަންތަނުން ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި ހަތިޔާރު އަތުލައިގަނެފައި ވެއެވެ.

އޭގެ އިތުރުން ލަންކާގައި މަގުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނާއި ދުއްވާ އެއްޗެއްސަށް އަރާއިރު ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވުމަކީ މަނާކަމެއް ކަމަށެވެ. އެގޮތުން ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އަޅައިގެންނާއި މޫނު ބުރުގާއެޅުމުގެ އިތުރުން ފުލް ފޭސް ހެލްމެޓު އެޅުންވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

ލަންކާގައި ދިން ޓެރަރިސްޓު ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ވިސާގެ މުއްދަތު ހަމަވެގެން ގިނަ ދިވެހިން ލަންކާ އިން ހައްޔަރުކޮށްފަ!

އެޕްރީލް 21، ގައި ލަންކާއަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ލަންކާ ފުލުހުން ހިންގި އޮޕަރޭޝަން ތަކުގައި ވިސާގެ މުއްދަތު ހަމަވެގެން ގިނަ ދިވެހިން ތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކަން އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ލަންކާ އިން މުޅި ޖުމްލަ 13 ދިވެހިން ހައްޔަރުކުރި ނަމަވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ އަށް މީހެކެވެ. އޭގެ ތެރެއިން ގިނަ ދިވެހިން ހައްޔަރު ކުރީ ވިސާގެ މުއްދަތު ހަމަވެފައި އޮތުމުންނެވެ. އަދި ބައެއް މީހުންގެ ޕާސްޕޯޓުގެ މުއްދަތުވެސް ވަނީ ހަމަވެފަ އެވެ. އަދި ބައެއް މީހުން އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވިސާ އާ ނުކޮށް ތިބި ކަންވެސް ވަނީ އެނގިފައި އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ވިސާ އާ ނުކުރާ ދިވެހިންނާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށާއި އެހެންކަމުން ލަންކާގައި ދިރިއުޅޭ ދިވެހިން ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ވިސާ އާ ކުރުމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ ކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ ލަންކާގައި ހައްޔަރުކޮށްފައި ތިބި އެންމެންގެ ހާލު ވެސް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ލަންކާގައި ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އެޅުންވެސް މަނާކޮށްފި

ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާތަކަށްފަހު އެގައުމުގެ އާންމު ތަންތަނުގައި ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވުން މަނާކޮށްފި އެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، ޕަބްލިކް ސެކިޔުރިޓީ އަށްޓަކާ އެޅި ފިޔަވަޅުގެ ގޮތުން ނިންމީ، އެގައުމުގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނާއި ދުއްވާ އެއްޗެއްސަށް އަރާއިރު ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވުމަކީ މަނާކަމެއް ކަމަށެވެ.

އެގޮތުން ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އަޅައިގެންނާއި މޫނު ބުރުގާއެޅުމުގެ އިތުރުން ފުލް ފޭސް ހެލްމެޓު އެޅުންވެސް ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން ލަންކާގައި ބޭރަށް ނުކުމެ އުޅޭއިރު މޫނު ބުރުގާ އެޅުން މަނާ ކުރާ ގާނޫނެއް ޑްރާފްޓް ކުރުމަށް މީގެ ކުރިން ބޮޑުވަޒީރު ރަނިލް ވަނީ އެދިވަޑައިގެންފަ އެވެ.

އަދި އެގޮތަށް ޖަސްޓިން މިނިސްޓްރީގެ އަރިހުން އެދިވަޑައިގަތީ ލަންކާގެ ދީނީ އިލްމުވެރިންގެ މައި ޖަމިއްޔާ، އޯލް ސިލޯން ޖަމިއްޔަތުލް އުލަމާ (އޭސީޖޭޔޫ)އާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވެއެވެ.

ލަންކާގައި ދިން ޓެރަރިސްޓު ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ލަންކާގައި 3 ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލަންކާގައި ހިނގި ނިރުބަވެރު ހަމަލާތަކަށް ފަހު ކުއްލި ހާލަތު އިއުލާން ކޮށްފައިވާ ސްރީލަންކާއިން އިތުރު ތިން ދިވެއްސަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ލަންކާގައި ހުންނަަވާ ދިވެހިރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވީ ތިން ދިވެހިން ހައްޔަރެއް ނުކުރާ ކަމަށާއި އެމީހުން ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ކަމަށެވެ. އަދި މިކަމާއިގުޅޭ އިތުރު މައުލޫމާތު މިއަދު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ލަންކާގައި ފުލުހުން ހިންގާ އޮޕަރޭޝަންގައި ބަލައި ފާސްކުރުމުގެ އިތުރުން ޗެކް ޕޮއިންޓްތަކުން މީހުން ޗެކް ކުރަމުންދާއިރު ބައެއް ދިވެހީންގެ ވިސާގެ މުއްދަތު ހަމަވެފައިވާ ކަމުގެ މައްސަލަތަކެއް ފާހަގަވާކަމަށެވެ. އަދި އެފަދަ މީހުން ޗެކް ކުރުމަށްފަހު، ސުވާލުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގައި ހަ ދިވެއްސަކު އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު ދިވެހިން މިހާރު ވަނީ މިނިވަން ކޮށްފަ އެވެ. ނަމަވެސް އަނެއް ދެ މީހުންގެ ބަންދަށް ވަނީ 13 ދުވަސް ޖަހައިފަ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ އެ މީހުން ދިރިއުޅޭ ގެއިން އައިއެސް ޖަމާއަތާ ގުޅޭ ފޮތެއް ފެނުމުންނެވެ.

މިލިޓަރީ ޔުނީފޯމް އެޅި ބަޔަކު އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރާއެކު ލަންކާ އެލާޓަށް!

ކޮލަމްބޯ (ރޮއިޓާސް) – އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދިނުމުގެ ފަހަތުގައި ތިބި ހަނގުރާމަވެރިންތައް، އިތުރު ހަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމުގެ އިންޒާރު ސްރީ ލަންކާގެ ސަލާމަތީ އޮފިޝަލުންނަށް ދީފިއެވެ.

ލަންކާގެ ގާނޫނު ހަދާ މެންބަރުންނަށާއި ލަންކާގެ އެހެން ސެކިއުރިޓީ ސެކްޝަންތަކަށް އެކަމުގެ މައުލޫމާތު ދީފައިވަނީ، ލަންކާގެ ފުލުހުންގެ ޔުނިޓެއް ކަމަށްވާ މިނިސްޓްރިއަލް ސެކިއުރިޓީ ޑިވިޝަންގެ އިސްވެރިޔާ ފޮނުވި ސިޓީއެއްގައެވެ.

“އިތުރު ހަމަލާތަކެއް އައުން އެކަށީގެންވޭ. ލިބިފައިވާ މައުލޫމާތުތަކުގައި އިތުރަށް ބުނެފައިވަނީ ހަމަލާތައް ދިނުމަށް ރާވަމުންދާ ކަމަށް ބެލެވެނީ ވޭނަކާއި މިލިޓަރީ ޔުނީފޯމް އަޅައިގެން ތިބި ބަޔަކު ވެގެން ކަމަށް،” ސަލާމަތީ ބާރުތަކަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒު ކުރަން ރާވަމުންދަނީ ފަސް ތަނަކަށް ކަމަށާއި ހަމަލާދޭނެ ކަމަށް ބެލެވެނީ އާދީއްތަ ނުވަތަ ހޯމަ ދުވަހު ކަމަށެވެ.

ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް މިމަހުގެ 21 ވަނަ ދުވަހު ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގައުމުން ބޭރު 40 މީހުން ވެސް ހިމެނެއެވެ.

އަދި އެ ހަމަލާތަކަށްފަހު ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށް، ފުލުހުންނާއި ސިފައިން ގެންދަނީ  އެކި ސަރަހައްދުތަކުގައި ފޯރި މަރާ، ތުހުމަތު ކުރެވޭ ތަންތަނާއި މީހުން ހައްޔަރު ކުރަމުންނެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުގައި އެ ދުވަހުގެ ހަމަލާތައް ދީފައިވަނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތު މިއްލަތި އިބްރާހީމް (ޖޭއެމްއައި) ގުޅިގެންނެވެ. ނަމަވެސް އައިއެސް އިން ވަނީ އެކަމުގެ ޒިންމާ އުފުލާފައެވެ.