އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުން ސިޔާމަށް

ނަވާރަ ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުކުރި މެންބަރުން ހުވާ ކުރުމަށްފަހު ބާއްވާ އެ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަހުމަދު ސިޔާމް މުހައްމަދު ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިއްޔެ ނިމިފައިވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި 87 މެންބަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު ރޭ 9:30 ގައި ރައްޔިތުން މަޖިލިސްކުރާ ގޭގައެވެ.

ރައްޔިތުން މަޖިލީހުން މިއަދު ބުނީ، ހުވާ ކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނެ ކަމަށާއި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށެވެ.

އެމްޑީއޭގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ސިޔާމް ރިޔާސަތު ބަލަހައްޓާ ގޮތަށް ހަމަޖެއްސީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސާއި ނައިބުރައީސް ކަނޑައެޅުމާ ބެހޭ އެ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އާންމު އިންތިހާބަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އެ ޖަލްސާ އަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލިހުގެ މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރު ކަމަށެވެ.

އަދި މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ އެ މެންބަރުންގެ ތެރެއިން އެންމެ ދޮށީ މެންބަރު ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި މެންބަރުންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ މެންބަރަކަށް ހުންނަވާނީ ސިޔާމްގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމެވެ. ނަމަވެސް ސިޔާމާއި އަސްލަމްގެ ތެރެއިން ދޮށި ވާނީ ސިޔާމެވެ.

ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީއަށް 65 ގޮނޑި ލިބިފައިވާއިރު މިއީ ޕާޓީއަކުން މިހާ ގިނަ އަދަދެއްގެ ގޮނޑި ނެގި ފުރަތަމަ ފަހަރެވެ.

ޝައިހް ރަޝީދަށް އިނާޔަތާއި ރައްކާތެރިކަން ދޭން ހުށަހެޅި އިސްލާހު ފާސްކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު ޝައިހް މުހައްމަދު ރަޝީދު އިބްރާހިމްއަށް އިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި 18 ވަނަ ރައްޔިތުން މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ ވޯޓާއެކުއެވެ.

ބިލާ ދެކޮޅަށް 20 މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވިއެވެ. ބިލް ފާސްވީ އެ އިސްލާހު ދިރާސާ ކުރި ފަސް މެންބަރުންގެ ވަގުތީ ކޮމެޓީން ނިންމި ގޮތަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅި އިސްލާހުގައި ބުނެފައިވާގޮތުން، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި އެ މަގާމުން ނިމުމަކަށް ގެނެވޭ ކޮންމެ މީހަކަށްވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ދޭންޖެހޭނެއެވެ.

އެގޮތުން އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންނަށް އިނާޔަތް ދޭން ހުށަހެޅުއްވީ ހިދުމަތުގެ އަގުވަޒަން ކުރުމަށް ކަމަށާއި އެ ބިލަށް އަމަލުކުރަން ފަށާނީ ބިލު ފާސްވުމަށްފަހު ރައީސް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުން ކަމަށްވެސް ބުނެފައިވެއެވެ.

ބިލް ހުށަހަޅަމުން ރިޔާޒު ވިދާޅުވެފައިވަނީ، 2008 ވަނަ އަހަރު ތަސްދީގުކުރި އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރު، ޝައިހް މުހައްމަދު ރަޝީދަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރުމުގައި ދެމި ހުރި ބޭފުޅެއް ކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން އެމްޑީޕީއާ ގުޅެނީ

ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން އުޅޭކަމުގެ މައުލޫމާތުތަކެއް ލިބިއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިސް އަދި ޕީޕީއެމްގައި ވެސް އިސްކޮށް ހަރަކާތްތެރިވި ހުސެއިން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ފަރެސްމާތޮޑާ ދާއިރާއަށް އިތުރު ދައުރަކަށް އިންތިހާބު ކުރިއިރު، އޭނާ އިންތިހާބުގައި ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އެގޮތުން އެ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބު ކުރެއްވީ ވާދަވެރި އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރައްވާ 331 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

“ހަފްތާ” އަށް މައުލޫމާތު ދިން މެންބަރު ހުސެއިންގެ ގާތް މީހަކު ބުނީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ އޭނާ ގުޅިވަޑައިގަންނަވަން ނިންމާފައިވާ ކަމަށާއި އަދި މިވަގުތު މެންބަރު ހުސެއިންއަށާއި ދާއިރާއަށްވެސް އެންމެރަގަޅުގޮތަކީ އެއީކަމަށެވެ. ނަމަވެސް އޭގެ އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

މެންބަރު ހުސެއިން އެމްޑީޕީއާ ގުޅިއްޖެނަމަ، އާ މަޖިލީހުގެ 65 ގޮނޑި ކަށަވަރުކޮށް ސުޕަ މެޖޯރިޓީ ހޯދާފައިވާ އެމްޑީޕީއަށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު ލިބޭނެއެވެ. އެއީ އެޕާޓީއަށް ލިބޭ 66 މެންބަރުންނާއެކުއެވެ.

ގާނޫނުއަސާސީގެ އިސްލާހު ކުރުމުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބުނެފައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ ރައްޔިތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައި އަޣުލަބިއްޔަތު ލިބިގެންކަމަށެވެ.

އެގޮތުން އާ މަޖިލީހުން އެކަން ކުރާނަމަ 87 މެންބަރުންގެ ތެރެއިން 66 މެންބަރުންގެ އަގުލަބިއްޔަތު ބޭނުންވާނެއެވެ.

މެންބަރު ހުސައިން ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީއާއި ގުޅިވަޑަިގަންނަވަންއުޅޭކަމުގެ މައުލޫމާތު ލިބިފައިވާއިރު ހުސައިންއަކީ ރައީސްޔާމީންސަރުކާރުގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޓިލަށް ބޭނުންވާ އަގުބޮޑު ބައެއް އެކްއިޕްމަންޓް ގެނެސްދިނުމުގައި ސަރުކާރުގެ ތެރެއިން ވަރަށްބޮޑެތި ނާޖާއިޒްފައިދާ ނަންގަވާފައިކަމަށްބުނެ ބައެއްފަރާތްތަކުން ސޯޝަލްމީޑިއާގައި އިގިދިއްކޮށްފައިވާ އެއްފަރާތެވެ.

ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާކަށް ނުފެނޭ: ހުސްނު ސުއޫދު

ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ނުފެންނަ ކަމަށް ކުރީގެ ބަންޑާރަ ނައިބް ހުސްނު ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު އެހެން ވިދާޅުވީ، ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުމުގެ ބާރު، އަންނަ މަހު ހުވާކުރާ ރައްޔިތުންގެ މަޖިލިހަށް ދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރުމާ ގުޅިގެން އެކަމަށް އޭނާގެ ހިޔާލު ޓުވިޓާގައި ހިއްސާ ކުރައްވަމުންނެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި ސުއޫދު ވިދާޅުވީ، ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ނުފެންނަ ކަމަށެވެ.

އަދި އެއަށްވުރެ ކޯޓުތަކުގެ ވަސީލަތްތައް ތަރައްގީ ކުރުން މާ މުހިންމު ކަމަށް ރާއްޖޭގެ ޖުޑިޝަރީ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އަބްދުﷲ ނަޒީރު ޓެގް ކުރައްވާ ސުއޫދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުމުގެ ބާރު، އަންނަ މަހު ހުވާކުރާ ރައްޔިތުންގެ މަޖިލިހަށް ދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނަށް ދެމުން އަންނަ މުސާރައިގެ އޮނިގަނޑެއް ކަނޑައަޅައި އެކަމާމެދު ގޮތެއް ނިންމުމަށް ކޮމެޓީއަށް ސިޓީ ފޮނުވާފައިވުމުންނެވެ.

ޖޭއެސްސީ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް މިހާތަނަށް އައި އިރު ރިވިއުކޮށްފައި ނުވާ ކަމަށާއި މިހާރު ފަނޑިޔާރުންނަށް ލިބޭ މުސާރައަކީ ދިރިއުޅުމުގެ ހަރަދުތަކާއި އެބޭފުޅުންގެ މަސްއޫލިއްޔަތާ އަޅާބަލާއިރު ކުޑަ މުސާރައެއް ކަމަށެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގައި ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވަނީ ފަނޑިޔާރުންނަކީ އެންމެ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާގެ އިތުބާރު ލިބިފައިވާ ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރަށް ދައުލަތުގެ ބަޖެެޓް ފާސްކޮށްފައި އޮއްވައި، މުސާރައަށް ބަދަލު ގެންނަން ތާއީދުނުކުރައްވާ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަސްއޫލިއްޔަތާ އަޅާބަލާއިރު ކުޑަ މުސާރައެއް ލިބޭ ކަމަށް ޖޭއެސްސީން ބުނާއިރު، މަޖިލީހުން ފާސްކުރި ފަނޑިޔާރުންގެ މުސާރައަށް ބަލާއިރު އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،125 ރުފިޔާ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 71،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

އަދި ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 56،300 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށް 54،300 ލިބިވަޑައިގަންނަވާނެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަށް މުސާރައާ އިނާޔަތުގެ ގޮތުގައި 49،300 ރުފިޔާ ލިބިލައްވާއިރު، އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށް 48،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން ސިވިލް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 46000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އިސް މެޖިސްޓްރޭޓަކަށް 25،600 ރުފިޔާ އަދި މެޖިސްޓްރޭޓަކަށް މަހަކު 23،450 ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.

ބޭރު ފަރާތްތަކަށް ރާއްޖޭން ބިން މިލްކު ނުކުރެވޭ ގޮތަށް ހަދަން ފާސްކޮށްފި

ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަނެއްކާވެސް އިސްލާހުކޮށްފިއެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި އެންމެ ކުރިން އޮންނަ ގޮތުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.

ނަމަވެސް 2015 ވަނަ އަހަރުގެ ޖޫން މަހު ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި، އެމްޑީޕީ އާއި ޖޭޕީގެ ބައެއް މެންބަރުން ވެސް ހިމެނޭ ގޮތަށް ވަނީ އެ މާއްދާ ބަދަލުކޮށް ބާބެއް އިތުރުކުރިއެވެ.

އެގޮތުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށް ކަމަށް ކަނޑައަޅާ އެ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރިއެވެ.

ނަމަވެސް އެކަމާ ގުޅިގެން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔަ އެވެ. އެއާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ އިސްލާހު އުވާލަން މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވިއެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި އެ އިސްލާހު އުވާލަން ފާސްވީ ގާނޫނުއަސާސީއަށް ބަދަލެއް ގެންނަން ބޭނުންވާ އަދަދު ހަމަވުމުންނެވެ. އެއީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައި ކުޅަ ދެ ބައި ވޯޓު ނުވަތަ 64 މެންބަރުންގެ ވޯޓާއެކުއެވެ.

ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދެކެވެ. އަދި ގާނޫނު އަސާސީގެ 251 ވަނަ މާއްދާ އިސްލާހުކުރުމުން ކުރިން އެ މާއްދާއަށް އިތުރު ކުރި ބާބު އުވިގެންދާނެއެވެ.

ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ ފާރިސް ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމުގެ ހުވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުކަމަށް ފާރިސް އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ފާރިސް ޖޭއެސްްސީގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ ހުންނެވި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރުމަށްފަހުއެވެ.

އެގޮތުން ޖޭއެސްސީގެ މެންބަރުކަމަށް ފާރިސް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވިއެވެ.

މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބުނެފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުން މަތީ ދެމިހުންނާނެ ކަމަށެވެ.

އަދި ޖުޑިޝަރީ ކުރިއަރުވައި، އާންމުންގެ މެދުގައި ޖުޑިޝަރީއަށް އޮތް އިތުބާރު އިތުރުކުރުމަށް މަސައްކަތްކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.

ޖޭއެސްސީގައި ދެން ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.