ޑުރަގާއި ވައްކަމުގެ މައްސަލައަށް 2023 ގައި ހައްލު ގެންނާނަން: އުމަރު

ޑުރަގާއި ވައްކަމުގެ މައްސަލައަށް 2023 ވަނަ އަހަރު ހައްލު ގެންނާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވައިފިއެވެ.

ދިއްފުށީގައި ހިނގި ވައްކަމުގެ މައްސަލާގައި ހިމެނޭ މީހަކަށް ހަމަލާދިން ހަބަރެއް ޝެއާ ކުރައްވާ އުމަރުގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވީ، ޑުރަގާއި ވައްކަމާ “ހައްލު” ކޮށްދެވޭ ވަރުގެ ހަރުދަނާ ވެރިކަމެއް އަދި ނާންނަ ކަމަށެވެ.

ނަމަވެސް ދިވެހިންގެ އެ އިންތިޒާރަށް 2023 ވަނަ އަހަރު ނިމުން އަންނާނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

“މީހުން މެރުމާއި، ޑުރަގް ވިއްކުމާއި، ގޭންގުތައް ފުނޑިގެން ދާނެ. އަމާން ގައުމަކަށް ރާއްޖެ ބަދަލުވާނެ،” އުމަރުގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އުމަރުގެ މި ޕޯސްޓަށް ގިނަ ބަޔަކު ތާއީދުކޮށް އުމަރާއެކު ތިބިކަން ހާމަކުރި ނަމަވެސް، ބައެއް މީހުން ގެންދަނީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އެކަމަށް ހައްލު ނުގެނައީ ކީއްވެގެންތޯ ސުވާލު އުފައްދައިފައެވެ.

އަދި ޑުރަގާއި ވައްކަމާއި ގޭންގުތަކުގެ މައްސަލައަކީ ކޮންމެ ވެރިކަމެއް އަޔަސް ހުއްޓުވޭނެ ކަންތައްތަކެއް ނޫން ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

ވައްކަމާއި ޑުރަގްގެ މައްސަލަ ހައްލު ކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އުމަރު މީގެ ކުރިން ވެސް ވަނީ، ޑުރަގު ރާއްޖެއަށް އެތެރެކުރާ މީހުންގެ މުދާ ނަގާ، މަރުގެ އަދަބު ތަންފީޒު ކޮށްގެން މެނުވީ އެކަމަށް ހައްލެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.

އަތުލައިގެން ބޯޓު ފަރަށް އަރައިފި، ބޯޓުން 50 ކިލޯގެ ޑުރަގް ވަނީ ފެނިފައި!

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑުރަގް ޓްރެފިކް ކުރަން އުޅެނިކޮށް އިއްޔެ އަތުލައިގެން އިރާނުގެ ބޯޓު މާލެ ގެންނަނިކޮށް ފަރަށް އަރައިފިއެވެ.

ރާއްޖޭގެ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގަތީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެ ބޯޓަކީ އޭޝިއާ ސަރަހައްދުގައި މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ޓްރެފިކް ކުރާ ބޯޓެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ބުނީ، އެ ބޯޓު މާލެ ބަދަރަށް ގެންނަނިކޮށް ކ. ވިލިނގިލި ކައިރީގައި އޮންނަ ފަރަކަށް އަރާފައިވާ ކަމަށެވެ. އެގޮތުން ބޯޓު މިހާރު ސާޗް ކުރަމުންދަނީ ފަރުމަތީގައި ބާއްވައިގެން ކަމަށް ފުލުހުުން ބުނެއެވެ.

ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި، އެ ބޯޓުން ގާތްގަނޑަކަށް 51 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް ވަނީ ފެނިފައެވެ.

އަދި ވެސް ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މަސްތުވާތަކެތި ފޮރުވާފައިވަނީ ކޮމްޕާޓްމަންޓްސްގެ އިތުރުން ފައިބަރު ލޭޔަރަށް އަޅައިގެން ނުފެންނަ ގޮތަށް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ބޯޓު ފަރަށް އެރުމާ ގުޅިގެން އެ ބޯޓު ފުންކުރުމާއި ބަލައި ފާސްކުރުމުގެ މަސައްކަތް ހިންގާ ގޮތް ބައްލަވާލެއްވުމަށް މިއަދު މެންދުރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިސްވެރިން ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.

ޑުރަގްގެ މައްސަލަ ހައްލުވާނީ އެތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން: އުމަރު

ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން ނޫނީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އެހެން ވިދާޅުވީ، ރާއްޖެއަށް ކަނޑުމަގުން އެތެރެކޮށް ގދ. އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ 150 ކިލޯގެ މަސްތުވާތަކެތީގެ ފުލުހުން ހޯދި ހަބަރު ޝެއާ ކުރައްވާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ، ފުލުހުންނާއި ކޯޓްތަކާއި ސިވިލް ސަރވެންޓުން އަތަށް ދޫކޮށްލާ، ސިޔާސީ ވެރިންގެ ހިޔަލަށްޖެހި ތިބެގެން، މަސްތުވާ ތަކެތިން ރާއްޖެ ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ވެރިންނަކީ އިހުލާސްތެރިކަމާއި ބުންވަރާއި ޖެހިލުންކުޑަ ބަޔަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެގޮތުން ރާއްޖެއަށް ޑުރަގް އެތެރެކުރާ އެމީހުންނަށް މަރުގެ އަދަބު ދީގެން މެނުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް އުމަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

“(މަސްތުވާތަކެތި) އެތެރެކުރާ މީހުންގެ މުދާ ނަގާ، މަރުގެ އަދަބު ތަންފީޒުކޮށްގެން މެނުވީ މިކަމަށް ހައްލެއް ނެތް. އިރާދަ ކުރެއްވިއްޔާ ދިވެހިން އަދި އެ ދުވަސް ދެކޭނެ.” މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އަބަދުވެސް ގޮވާލަމުން ގެންދަވާ އުމަރު ވިދާޅުވެފައިވެއެވެ.

ފުލުހުން ހިންގި 72 ގަޑިއިރު ހާއްސަ އޮޕަރޭޝަނެއްގައި 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެ އެތެރެކޮށް، ގދ. ހުޅުވާރުދު ނަމަކަށް ކިޔާ ފަޅުރަށެއްގެ ގޮނޑުދޮށުގައި ވަޅުލަން އުޅެނިކޮށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ޕެކިންގައި ހުރި 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް ފެނުނުއިރު، އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިއަން ރުފިޔާ އަރާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި މިހާރު ފަސް މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން އެކަކުގެ ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްފައި އެވެ. އަނެއް ހަތަރު މީހުންގެ ޝަރީއަތް ނިމެއްދެން ބަންދުކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ރޭ އަމުރުކޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފަޅު ރަށުން ފެނުނު މަސްތުވާތަކެތީގެ މައްސަލާގައި 5 މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރުމަށްފަހު ގދ. ގެ ފަޅު ރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައިގަ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވާ ކަމަށާއި އަނެއް ހަތަރު މީހުންގެ ޝަރީއަތް ނިމެއްދެން ބަންދުކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ރޭ އަމުރުކޮސްފައިވާ ކަމަށެވެ. އެމީހުންގެ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެވެ،

ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ވިދާޅުވި ކަމަށް ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ކޮށްފައިވާ ޓުވީޓްތަކެއްގައި ބުނެފައިވަނީ، ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާ ކަމަށެވެ.

“މި އޮޕަރޭޝަނަކީ ފާއިތުވި 72 ގަޑިއިރު މެދުކެނޑުމެއްނެތި ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރައްތަކުގައި ފުލުހުން ހިންގާފައިވާ އޮޕަރޭޝަނެއް،” ސީޕީ ހަމީދު ވިދާޅުވި ކަމަށް ފުލުހުންގެ ޓުވިޓާ އެކައުންޓުގައި ބުނެފައިވެއެވެ.

އެތަކެތި އަތުލައިގަތީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑް އަދި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައިވަނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕިކަޕެއްގައި މާލޭ ގެއަކަށް ގެންދިޔަ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

މާލޭގެ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ ތަކެތި އަތުލައިގަތީ ޕިކަޕަކަށް އަރުވައިގެން މައްޗަންގޮޅި ގެއަކަށް ގެންދާ ފޮށިގަނޑުތަކެއްގައި މަސްތުވާތަކެތި ހުރިކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި މައްޗަންގޮޅީގެ ގެއެއް ބަލައި ފާސްކުރިއިރު، މައުލޫމާތު ލިބުނު ފޮށިގަނޑުތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ނަމަވެސް އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ ހަޝިޝް އޮއިލްއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝް އާއި އިންޑިއާގެ ބިދޭސީއަކާއި ދެ ދިވެހި ފިރިހެނުންގެ އިތުރުން ދިވެހި އަންހެނެކެވެ.

އަދި އެ އެންމެންގެ ބަންދަށް ވެސް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޕޯސްޓުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑުރަގްސް އަތުލައިގެންފި

ޕޯސްޓުގެ ޒަރީއާއިން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑުރަގްސްތަކެއް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި އެތަކެތި އަތުލައިގަތީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ތަފާތު ފަސް ފަހަރެއްގެ މަތިންކަމަށެވެ.

މި ހުރިހާ ޕާރުސަލްއެއްގައި ވެސް ހުރީ ޕާޓީ ޑުރަގެއްގެ ގޮތުގައި ބޭނުންކުރާ އެކްސްޓެސީ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެގޮތުން ޖަރުމަނުވިލާތުން ރާއްޖެ އެތެރެކުރަން އުޅުނު ޕާރުސަލްއަކުން އޭގެ 10 ގުޅަ ފެނިފައިވާއިރު ފަރަންސޭސިވިލާތުން އެތެރެކުރަން އުޅުނު ޕާރުސަލްއަކުން ފެނިފައިވަނީ 20 ގުރާމް އެކްސްޓެސީ ޕައުންޑަރެވެ.

އަދި ނެދަލެންޑްސް އިން އެތެރެކުރަން އުޅުނު ދެ ޕާރުސަލްގެ ތެރެއިން އެއް ޕާރުސަލްގައި 62 ގުރާމް އެކްސްޓެސީ ޕައުޑަރު ފެނުނުއިރު ދެވަނަ ޕާރުސަލުން ވަނީ 27 ގުޅަ ފެނިފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން އެތެރެކުރަން އުޅުނު ޕާރުސަލްއަކުން 8 ގުރާމް އެކްސްޓެސީ ޕައުޑަރު ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެ އިދާރާ އިން ބުނީ، އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 111 ގުރާމް ހުރިއިރު، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.