ކުރިއަށް ދެ ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ: މެޓް

ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް ބުނެފި އެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އުތުރާއި މެދުތެރެ އަދި ދެކުނަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު، މާދަމާ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ.

ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ.

ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވެ އެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތަށް އުތުރާއި މެދުތެރޭގައި ގަދަވެފައި ދެކުނގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މޫސުން ގޯސް، ކަނޑު ދަތުރުކުރުމުގައި ސަމާލުވޭ!

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށް ވާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލު ބާރުމިނުގައި ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް، މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު، ދަތުރުތައް ރޭއްވެވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

“ކަނޑުދަތުރު ކުރައްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވަމެވެ. އަދި ރޭގަނޑު ދަތުރުތައް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.،” ކޯސްޓްގާޑުގެ އިލްތިމާސުގައި ބުނެފައިވެ އެވެ.

ކޯސްޓްގާޑުން ބުނީ، މި ދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން އިންޖީނު ހުއްޓިގެންނާއި ދިޔަވެ ދިޔަގަނޑު ކޮންޓްރޯލް ނުވުމާއި ޕަންޕު މައްސަލަ ޖެހުންފަދަ ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެ އެވެ.

އަދި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ކޯސްޓްގާޑުން އެދެ އެވެ.

މޫސުން ގޯސްވެ މެދުތެރޭގެ އަތޮޅުތަކަށް ރީންދޫ އިންޒާރު!

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެދުތެރޭގެ އަތޮޅުތަކަށް މޯލްޑިވްސް މީޓިއޯރޮލޮޖީން ރީންދޫ އިންޒާރު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހަވީރު 4:00 އިން އިރުއޮއްސި 7:00 އާ ހަމައަށް އެ އިންޒާރު ނެރެފައިވަނީ ކ. އަތޮޅުން ތ. އަތޮޅާ ހަމައަށެވެ. އަދި އިންޒާރު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވޭރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް އިންޒާރުގައި ބުނެފައިވެއެވެ.

މެޓް އޮފީހުން މިއަދު މެންދުރުފަހު 2:15 ގައި އާންމުކުރި ސެޓަލައިޓް ފޮޓޯއަކުން ދައްކާ ގޮތުގައި، ދެކުނާއި މެދުތެރޭ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދެއްގެ ބޯވިއްސާރަވިލާ ވަނީ އުފެދިފައެވެ. އެހެންކަމުން އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހެމުންދާ ކަމަށް ބުނެފައިވެއެވެ.

މިއަދު ހެނދުން މާދަމާގެ ހެނދުނަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މެލާ ދެެމެދުގެ ބާރު މިނުގައެވެ.

އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

މެދުރާއްޖެ ތެރެއާއި އުތުރަށް މޫސުން ގޯސްވެ ހުދު އިންޒާރު!

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުދު އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ހަވީރު 3:30 އިން ފެށިގެން އިރާކޮޅު 20:00 އާ ހަމައަށް ހުދު އެލާޓް ނެރެފައިވަނީ ހދ. އަތޮޅުން މ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ، އެލާޓް ނެރެފައިވާ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވައިޓް އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ މިއަދު ވެސް މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މެޓް އޮފީހުން މިރޭ 8:00 އިން ފެށިގެން 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތުންނަމަ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއި ގުގުރުން އެކަށީގެންވެއެވެ.

ވައިޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

އެ އިދާރާއިން ބުނީ، ކަނޑުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެ

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ކުރަމުންދާ ވިއްސާރާގައި ގުރުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށެވެ. އަދި އުތުރުގެ އިތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރުކުރާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:30 ން ހަވީރު 3:30 ވަންދެން ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.

ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މިއަދު ފެށި ހުނޅަގު މޫސުމުގެ ހަތަރުވަނަ ނަކަތެ ކަމުގައިވާ ރޯނު ނަކަތެވެ. މި ނަކަތުގައި ގަދަ ވަޔާއިއެކު ވިއްސާރަކޮށް ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ މެދު ތެރެއާއި އުތުރުގެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ މައި އިދާރާ، މެޓް އޮފީހުން ފަތިރހު 4:30 އާ ހަމައަށް އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފ. އަތޮޅާ ދެމެދުގެ ދެމެދުގެ އަތޮޅުތަކަށެވެ.

އެލާޓްގައި ބުނާގޮތުން، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ އެ އެލާޓް ނެރޭ ސަރަހައްދު ތަކުގެ ދިރިއުޅޭ ރައްޔިތުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ސަމާލުވެ، ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެންގުމަށެވެ.

މާލެ ހިމެނޭ ސަރަހައްދަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާއިރު، މިރޭ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގަ، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް މިއަދު ހެނދުނު 8:45 އިން މެންދުރުފަހު 2:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުތެރޭ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަދަވެފައި ވައި ޖެހެނީ ހުޅަނގުދެކުނާއި ހުނޅަގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ކެރި ގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ. .

ވައިޓް އެލާޓު ނެރުމުން މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ކަނޑު ދަތުރު ފަތުރުކުރާއިރު މޫސުމަށް ސަމާލުވާތި : މެޓް އޮފީސް

ރާއްޖޭގެ ބޮޑުބަޔަކަށް ކުރަމުންދާ ވިއްސާރައިގާ ބައެއް ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުގަދަވުމުގެ ސަބަބުން ކަނޑު ދަތުރު ފަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެދެފިއެވެ.

މެޓުން މިއަދު މައުލޫމާތުދޭ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހެނީ ދެކުނުގެ އަތޮޅުތަކަށް ހުނޅަގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އެހެންހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 07 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭއިރު ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

އެންމެ ދެކުނުގެ ސަރަހައްދުތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މުޅިރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނުން މެންދުރު 12:30 އާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަނީ ވައިޓް އެލާޓުވެސް ވަނީ ނެރެފައެވެ.

އިސްތިސްގާ ނަމާދާއެކު ބޯކޮށް ވާރޭ ވެހެން ފަށައިފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް އިއްޔެ އިސްތިސްގާ ނަމާދު ކުރަމުން ދިޔަ ވަގުތުން ފެށިގެން އަންނަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ. އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓު އޮފީހުން ބުނީ މިއަދު މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ވެސް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އޭގެ އިތުރުން މުޅި ރާއްޖެއަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު ފަސް މެއިލާއި 15 މެއިލާ ދެމެދުގެ ބާރު މިނެއްގައި ކަމަށާއި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ، މިއަދު މެންދުރުފަހު 3:15 އާހަމައަށް ޅ.އަތޮޅާއި ލ.އަތޮޅާ ދެމެދުގެ ސަރަހައްދު ތަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.

ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަަމަށް ވާ އައްސިދައިގެ ދުވަސްތައް މިހާރު ގުނަމުންދިޔަ ނަމަވެސް މިހާރު ރާއްޖެއަށް ކުރަމުން މިދަނީ އެ ނަކަތުގެ ނޫނެވެ. މިއީ ދެ މޫސުން ބެދޭ ވިއްސާރައެވެ.

ހޫނު ގަދަ ދުވަސްކޮޅަކަށްފަހު ވިއްސާރަވުމުގެ އަލާމާތްތަކެއް!

ހޫނު ގަދަ ދުވަސްކޮޅަކަށްފަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރުކުރަން ފަށާފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

ރާއްޖެއަށް ވިއްސާރަވުމުގެ އަސަރުތައް ފެންނަން ފަށާފައިވާއިރު، މިދިޔަ މާޗް މަހަކީ މި ފަހުން މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ހޫނު ގަދަވި މަހެވެ. އެގޮތުން ރާއްޖޭގައި ވެސް މިދިޔަ މަސްތަކުގެ ތެރޭގައި ހޫނު މިން 33 ޑިގްރީއަށް އަރާނެ ކަމަށް އޮތީ ލަފާކޮށްފައެވެ.

މޫސުމާބެހޭ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ހޫނު ގަދަ ދުވަސްތަކަކަށްފަހު މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ވިއްސާރަ ވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިރޭ ވެސް ވިއްސާރަވާނެ ކަމަށް ލަފާކުރެވޭއިރު ހޫނު މިން ވެސް ދަނީ ދަށްވަމުން ކަމަށް އެ އިދާރާއިން ބުނެއެވެ.

ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާއްޖޭގެ ބައެއް ރަށްރަށަށް މިހާރު ވެސް ކޮންމެވެސް އަރަކަށް ވާރޭ ވަނީ ވެހިފައެވެ. އަދި މާލެއަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މިއަދު ހެނދުނު ވިއްސާރަކޮށްފައިވެއެވެ.

މެޓް އޮފީހުން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ވެސް މިއަދުގެ މެންދުރުފަހު ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި އެހެން ހިސާބުތަކަށް މެންދުރުފަހު ކެރީގެ އަސަރު ފޯރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގު އުތުރާއި އުތުރުން ގަދިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަަމަށް ވަނީ ލަފާކޮށްފައެވެ.