މަސްދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއަކުން ޖެހިގެން ފަރުވާދެނީ

ހދ. ކުޅުދުއްފުށީ ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއަކުން ޖެހުމުން އިތުރު އަވަސް ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 10:46 ހާއިރު ރިޕޯޓްކުރި އެ ހާދިސާގައި ލޮލުގައި ބުޅިން ޖެހިފައިވަނީ ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ “ރޯދި 3” ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 58 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލުގައި ކަމަށެވެ.

އަދި ސިއްހީ އިތުރު އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމަކާއެކު ނޮދަން އޭރިއާގެ ސީ އެމްބިއުލާންސްގައި ދޯނި އޮތް ސަރަހައްދަށް ގޮސް، އޭނާ ނަގައިގެން ހދ. ކުޅުފުއްފުއްޓަށް މިއަދު މެންދުރު 12:10 ހާއިރު ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޫސުން ގޯސް، ކަނޑު ދަތުރުކުރުމުގައި ސަމާލުވޭ!

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށް ވާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލު ބާރުމިނުގައި ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް، މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު، ދަތުރުތައް ރޭއްވެވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

“ކަނޑުދަތުރު ކުރައްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވަމެވެ. އަދި ރޭގަނޑު ދަތުރުތައް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.،” ކޯސްޓްގާޑުގެ އިލްތިމާސުގައި ބުނެފައިވެ އެވެ.

ކޯސްޓްގާޑުން ބުނީ، މި ދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން އިންޖީނު ހުއްޓިގެންނާއި ދިޔަވެ ދިޔަގަނޑު ކޮންޓްރޯލް ނުވުމާއި ޕަންޕު މައްސަލަ ޖެހުންފަދަ ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެ އެވެ.

އަދި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ކޯސްޓްގާޑުން އެދެ އެވެ.

ދެ ބިދޭސީއަކު ދުއްވަން ތިބި ދޯންޏެއް ހިފަހައްޓައިފި، ކެޕްޓަން އެއް ނަމެއް ނެތް!

ދެ ބިދޭސީއަކު ތިބި ތެޔޮ ދޯންޏެއް ހުއްޓުވާ ބިދޭސީންނައި ދޯނި ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި ހިފެހެއްޓީ ފުލުހުންނާއެކު ގުޅިގެން ކުރިއަށްގެންދާ ތަމްރީންތަކުގެ ތެރެއިން އެމްއެންޑީއެފް ސައުތާން އޭރިއާގައި ހިންގަމުންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެގޮތުން ފޭދޫއިން ފުރައިގެން ދިޔަ އެ ދޯނި ހުއްޓުވާ ބަލައި ފާސްކުރިއިރު ދޯނީގައި ދިވެއްސަކު ނެތް ކަމަށާއި ތިބީ ވޯކް ޕާމިޓް ނެތް ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ދޯނީގައި ނަމެއް ނެތްއިރު، ދޯނީގެ ނަން އެނގޭ މީހެއް ވެސް ދޯނީގައި ނެތް ކަމަށާއި އެއްވެސް ސެޓްފިކެޓެއް ވެސް ނެތް ކަމަށް މައުލޫމާތު ދިނެވެ.

އެމްއެންޑީއެފުން ބުނީ، އެދޯނީގައި ހުރީ ހުޅުމީދޫ ފެނަކައަށް ގެންދާ 6000 ލީޓަރުގެ ޑީސަލް ތެލާއި ފިހާރައަކަށް ގެންދާ އައިސް ކުރި ކުކުޅު ކޮޅެއް ކަމަށެވެ. އަދި ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައި ކަމަށް އެ ފަރާތުން ބުންޏެވެ.

މި މައްސަލާގައި ދޯންޏާއި ދޯނީގައި ތިބި ދެ ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުންދަނީ މި މައްސަލަ ބަލަމުންނެވެ.

ސަވައިލަންސް ޕެޓްރޯލެއް ކުރަން އިންޑިއާގެ މަނަވަރެއް ރާއްޖޭގައި

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އިންޑިއަން ނޭވީ ޝިޕް “އައިއެންއެސް ސާވިތްރީ” ރާއްޖެއަށް ކުރާ ދަތުރުގައި، މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕެޓްރޯލަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ.

މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.