ދެ ބިދޭސީއަކު ދުއްވަން ތިބި ދޯންޏެއް ހިފަހައްޓައިފި، ކެޕްޓަން އެއް ނަމެއް ނެތް!

ދެ ބިދޭސީއަކު ތިބި ތެޔޮ ދޯންޏެއް ހުއްޓުވާ ބިދޭސީންނައި ދޯނި ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި ހިފެހެއްޓީ ފުލުހުންނާއެކު ގުޅިގެން ކުރިއަށްގެންދާ ތަމްރީންތަކުގެ ތެރެއިން އެމްއެންޑީއެފް ސައުތާން އޭރިއާގައި ހިންގަމުންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެގޮތުން ފޭދޫއިން ފުރައިގެން ދިޔަ އެ ދޯނި ހުއްޓުވާ ބަލައި ފާސްކުރިއިރު ދޯނީގައި ދިވެއްސަކު ނެތް ކަމަށާއި ތިބީ ވޯކް ޕާމިޓް ނެތް ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ދޯނީގައި ނަމެއް ނެތްއިރު، ދޯނީގެ ނަން އެނގޭ މީހެއް ވެސް ދޯނީގައި ނެތް ކަމަށާއި އެއްވެސް ސެޓްފިކެޓެއް ވެސް ނެތް ކަމަށް މައުލޫމާތު ދިނެވެ.

އެމްއެންޑީއެފުން ބުނީ، އެދޯނީގައި ހުރީ ހުޅުމީދޫ ފެނަކައަށް ގެންދާ 6000 ލީޓަރުގެ ޑީސަލް ތެލާއި ފިހާރައަކަށް ގެންދާ އައިސް ކުރި ކުކުޅު ކޮޅެއް ކަމަށެވެ. އަދި ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައި ކަމަށް އެ ފަރާތުން ބުންޏެވެ.

މި މައްސަލާގައި ދޯންޏާއި ދޯނީގައި ތިބި ދެ ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުންދަނީ މި މައްސަލަ ބަލަމުންނެވެ.

ތަމްރީންތައް ހިންގަން ފެށީ ލިބުނު އިންޒާރަކާ ގުޅިގެންނެއް ނޫން: ފުލުހުން

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ ސިލްސިލާ ފަރިތަކުރުންތަކަކީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ، ރާއްޖޭގައި ނުރައްކާތެރި ހަމަލާއެއް ހިންގަން އުޅޭކަމަށް މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ފުލުހުން ބުނީ، އެމްއެންޑީއެފްއާ ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީންތަކެއް ނޫން ކަމަށެވެ.

ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހު އަވަށްޓެރި ސްރީ ލަންކާއަށް ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިން މިމަހުގެ 5 ވަނަ ދުވަހު ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ބުނީ، މި ފަރިތަކުރުންތަކުގެ މަގްސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުވައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި އަދި މަލްޓި އޭޖެންސީ ކޯޑިނޭޝަން ރަނގަޅު ކުރުމަށްޓަކާ ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށެވެ.

“މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫންކަން ދަންނަވަމެވެ،” ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ސިފައިންނާ ގުޅިގެން ހިންގާ ތަމްރީންތަކަކީ އެ ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވުނު ސްޓްރެޓިޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ “އޮޕަރޭޝަނަލް ރެޑީނެސް”ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.