ހަތްދިހަ ކިލޯގެ ޑުރަގް މައްސަލައިގެ ތަހުގީގަށް އިންޓަޕޯލްގެ ޓީމެއް ރާއްޖެއަށް

ކަނޑު ބޯޓަކުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 70 ކިލޯގެ ޑުރަގް މައްސަލަ ތަހުގީގު ކުރަން ދަ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން (އިންޓަޕޯލް)ގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ، ލަންކާ އާއި ރާއްޖޭގެ ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތީ އީރާނުގެ ދިދަ ނަގާފައިވާ ބޯޓެކެވެ.

ބޯޓު ހިފެހެއްޓީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. މި މައްސަލާގައި ބޭރުގެ ބޯޓުން މަސްތުވާތަކެތި ނަގަންދިޔަ “ހެދޭކުރި-7” ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެއް ވެސް ވަނީ ހިފަހައްޓައިފައެވެ.

ބޯޓުގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސްދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.

އިންޓަޕޯލްގެ ވެސްޓު ލައިގެން ތިބި ހަތަރު ބޭފުޅުންނާއެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ޓީމުތަކާއެކު އިންޓަޕޯލްގެ އިންސިޑެންޓް ރެސްޕޯޓްސް ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި ޑުރަގް ޓްރެފިކް ކުރުން ހުއްޓުވުމުގައި ސާބިތުވެ ޑުރަގް ވިޔަފާރި ހުއްޓުވާނެ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.

މި ޑުރަގް އޮޕަރޭޝަންގައި ބޯޓުން ފެނުނު ތިން ގޯންޏަކަށް އަޅާފައިހުރި 70 ޕެކެޓް މަސްތުވާތަކެތީގެ ބަރުދަން 70 ކިލޯއަށް އަރައެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި ފުލުހުންގެ ބަންދުގައި މިވަގުތު 13 މީހަކު އެބަ ތިއްބެވެ. އަދި އެ އެންމެންނަށް ވެސް ބަންދުގެ މުއްދަތު ވަނީ ޖަހައިފައެވެ.

އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ދަނީ ހިންގަމުން: ހޯމް މިނިސްޓްރީ

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހެންވޭރު އަބަދަށްފަހި މަގުގައި ހުންނަ އަލިފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް ވަނީ އަނދާ ހުލިވެފައެވެ. އަދި ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ހާދިސާގައި އަލިފާނުގެ އަސަރު ކުރި ގެއެއްގައި ތާށިވި އުމުރުން 46 އަހަރުގެ އަންހެނަކަު ވަނީ ނިޔާވެފައެވެ.

އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނީ، އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރާ ކަމަށާއި އެ ތަހުގީގުގެ ކަންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްލަވާ ކަމަށެވެ.

އަދި އެ ތަހުގީގު ހިނގަމުންދާ ވަގުތު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ ހާދިސާގެ ސަބަބުން އުފެދޭ ނުތަނަވަސްކަން އިތުރުވެ ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަކަށްވާތީ އެފަދަ ކަންކަމުން އެއްކިބާވުމަށް ވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

މޫސުން ގޯސް، ކަނޑު ދަތުރުކުރުމުގައި ސަމާލުވޭ!

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށް ވާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލު ބާރުމިނުގައި ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް، މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު، ދަތުރުތައް ރޭއްވެވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

“ކަނޑުދަތުރު ކުރައްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވަމެވެ. އަދި ރޭގަނޑު ދަތުރުތައް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.،” ކޯސްޓްގާޑުގެ އިލްތިމާސުގައި ބުނެފައިވެ އެވެ.

ކޯސްޓްގާޑުން ބުނީ، މި ދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން އިންޖީނު ހުއްޓިގެންނާއި ދިޔަވެ ދިޔަގަނޑު ކޮންޓްރޯލް ނުވުމާއި ޕަންޕު މައްސަލަ ޖެހުންފަދަ ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެ އެވެ.

އަދި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ކޯސްޓްގާޑުން އެދެ އެވެ.

ހަތިޔާރާއެކު ސިފައިން “ރަންނަމާރި ހަންޓް” އަށް ނުކުންނަނީ

ރާއްޖޭގެ ސަލާމަތީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮންމެ އަހަރަކު ވެސް ހިންގަމުން އަންނަ އަސްކަރީ ތަމްރީން “އެކްސަސައިޒް ރަންނަމާރި ހަންޓް” އަންނަ އާދީޢްތަ ދުވަހު ފަށަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ، އެ ތަމްރީން އޮންނާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކަމަށެވެ.

ތަމްރީން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލޭ އޭރިއާއިން މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި ކ. ތިލަފުށި ސަރަހައްދުގަ އެވެ. އަދި ނޮދަން އޭރިއާއިން ޅ. އަތޮޅާއި ރ. އަތޮޅުގައި ވެސް އެ ތަމްރީންތައް ކުރިއަށް ގެންދާނެ އެވެ.

މި ތަމްރީނުގައި ހަރަކާތްތެރިވާއިރު ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި އެއްގަމާއި ކަނޑުގައި ބޭނުންކުރާއިރު، މާލެ އާއި ހުޅުމާލޭގައި އާމަޑް ވެހިކަލް، ބޭނުންކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

މޯދީގެ ދަތުރުފުޅު: ރާޑާރު ސިސްޓަމާއި ސިފައިންނަށް ތަމްރީން މަރުކަޒެއް އިފްތިތާހް ކުރައްވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެ މަޝްރޫއުއެއް އިފްތިތާހް ކުރައްވާނެ ކަމަށް އެގައުމުގެ ފޮރިން އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

ދެވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަންނަ ހޮނިހިރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާނެއެވެ.

އެ ދަތުރުފުޅާ ގުޅޭގޮތުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ އެގައުމުގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް ވިދާޅުވީ، ދަތުރުފުޅުގައި އިފްތިތާހްކުރާ ދެ މަޝްރޫއަކީ ކޯސްޓަލް ސަވަޔަލެންސް ރާޑާ ސިސްޓަމާއި އެމްއެންޑީއެފްއަށް ޓްރެއިނިން ސިސްޓަމެއް ގާއިމް ކޮށްދެއްވުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އިފްތިތާހް ކުރާ އެ ދެ މަޝްރޫއުގެ އަގަކީ 26 މިލިއަން އެމެރިކާ ޑޮލަރު (401.7 މިލިއަން ދިވެހި ރުފިޔާ) ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިންޑިއާއިން ބަހައްޓާފައިވާ ކޯސްޓަލް ސަވައިލަންސް ރާޑަރު ސިސްޓަމް (ސީއެސްއާރުއެސް)އަކީ 2005 ވަނަ އަހަރުން ފެށިގެން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ރާޑަރުތަކެކެވެ.

އެގޮތުން ރާއްޖޭގައި އޭގެ 10 ރާޑަރު ބަހައްޓަން ނިންމާފައިވާއިރު، 2015 ވަނަ އަހަރާ ހަމައަށް ބެހެއްޓިފައިވަނީ ތިން ރާޑަރު ސިސްޓަމެކެވެ. އަދި މި ސަރުކާރު އައުމަށްފަހު އެ ރާޑަރުތައް ހަރުކޮށް ނިންމުމުގެ މަސައްކަތް ހަލުވިކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބެލެވޭ ގޮތުގައި، މޯދީގެ ދަތުރުފުޅުގައި އެ ހުރިހާ ރާޑަރެއްގެ އޮޕަރޭޝަން އިފްތިތާހް ކުރާނެއެވެ.

ހޮނިހިރު އަދި އާދީއްތަ ދުވަހު މޯދީ ރާއްޖެއަށް ކުރައްވާ ކުރު ދަތުރުފުޅުގައި ރައީސް ސޯލިހާއެކު ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.

އޭގެ އިތުރުން މޯދީގެ ދަތުރުފުޅުގައި އަންނަ ހޮނިހިރު ދުވަހު ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ނިންމަވައިފައެވެ.

މިދިޔަ ސަރުކާރުން ހީނަރުވެފައިވާ އޮތް އިންޑިއާ އާއި ރާއްޖޭގެ ގުޅުން މި ސަރުކާރާއެކު ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، ރައީސް ސޯލިހު މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖޭން ބޭރަށް އެންމެ ފުރަތަމަ ވަޑައިގަތީ ވެސް އިންޑިއާއަށެވެ.

އަދި ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާއިރު، އޭގެ ތެރެއިން 50 މިލިއަން ޑޮލަރު މިހާތަނަށް ވަނީ ދީފައިވެއެވެ.

އަދި މޯދީގެ ދަތުރުފުޅުގައި އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި 14 މަޝްރޫއެއް ކުރިއަށް ގެންދަން މިހާތަނަށް އެއްބަސްވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އެ މަޝްރޫއުތަކުގެ ތަފުސީލެއް އަދި ދެ ގައުމުން ވެސް ހާމަ ނުކުރިނަމަވެސް، އިންޑިއާއިން ވެދޭން ނިންމާފައިވާ ބައެއް އެހީތަކުގެ ތަފްސީލް ފޮރިން މިނިސްޓްރީން ދަނީ އާންމު ކުރަމުންނެވެ.

ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ ތަމްރީނުތައް މިއަދު ނިންމާލައިފި

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ ސިލްސިލާ ފަރިތަކުރުންތައް މިއަދު ނިންމާލައިފި އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ތަމްރީނުތައް ނިންމާލިއިރު، އެ ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައެވެ.

ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވެފައިވާއިރު، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފައި އެވެ.

އެ ތަމްރީނުތައް ފެށުމާއިއެކު ރާއްޖޭގައި ނުރައްކާތެރި ހަމަލާއެއް ހިންގަން އުޅޭކަމަށް މީސް މީޑިއާގައި ވަނީ ފެތުރިފަ އެވެ. ނަމަވެސް އެކަން ދޮގުކޮށް ފުލުހުން ބުނީ، މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫން ކަމަށެވެ.

އަދި ފަރިތަކުރުންތަކުގެ މަގްސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުވައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި އަދި މަލްޓި އޭޖެންސީ ކޯޑިނޭޝަން ރަނގަޅު ކުރުމަށްޓަކާ ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ ތަމްރީންތަކަކީ އެ ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވުނު ސްޓްރެޓިޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ “އޮޕަރޭޝަނަލް ރެޑީނެސް”ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް ފުލުން މީގެ ކުރިން ބުނެފައިވެއެވެ.

ދެ ބިދޭސީއަކު ދުއްވަން ތިބި ދޯންޏެއް ހިފަހައްޓައިފި، ކެޕްޓަން އެއް ނަމެއް ނެތް!

ދެ ބިދޭސީއަކު ތިބި ތެޔޮ ދޯންޏެއް ހުއްޓުވާ ބިދޭސީންނައި ދޯނި ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި ހިފެހެއްޓީ ފުލުހުންނާއެކު ގުޅިގެން ކުރިއަށްގެންދާ ތަމްރީންތަކުގެ ތެރެއިން އެމްއެންޑީއެފް ސައުތާން އޭރިއާގައި ހިންގަމުންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެގޮތުން ފޭދޫއިން ފުރައިގެން ދިޔަ އެ ދޯނި ހުއްޓުވާ ބަލައި ފާސްކުރިއިރު ދޯނީގައި ދިވެއްސަކު ނެތް ކަމަށާއި ތިބީ ވޯކް ޕާމިޓް ނެތް ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ދޯނީގައި ނަމެއް ނެތްއިރު، ދޯނީގެ ނަން އެނގޭ މީހެއް ވެސް ދޯނީގައި ނެތް ކަމަށާއި އެއްވެސް ސެޓްފިކެޓެއް ވެސް ނެތް ކަމަށް މައުލޫމާތު ދިނެވެ.

އެމްއެންޑީއެފުން ބުނީ، އެދޯނީގައި ހުރީ ހުޅުމީދޫ ފެނަކައަށް ގެންދާ 6000 ލީޓަރުގެ ޑީސަލް ތެލާއި ފިހާރައަކަށް ގެންދާ އައިސް ކުރި ކުކުޅު ކޮޅެއް ކަމަށެވެ. އަދި ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައި ކަމަށް އެ ފަރާތުން ބުންޏެވެ.

މި މައްސަލާގައި ދޯންޏާއި ދޯނީގައި ތިބި ދެ ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުންދަނީ މި މައްސަލަ ބަލަމުންނެވެ.

ސިފައިންނަށް 127 އަހަރު ފުރުން ފާހަގަކުރުމަށް، ހަވާ އަރުވަނީ

ސިފައިންނަށް 127 އަހަރު ފުރުމުގެ މުނާސާބަތުގައި މާދަމާ ރޭ މާލޭގައި ހަވާއަރުވަން ނިންމާފައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހަވާ އަރުވާނީ މާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި މާދަމާ 8:45 ގައި ކަމަށެވެ.

އޭގެ އިތުރުން ސިފައިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސިފައު އުފާ 2019” ޝޯ ވެސް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައި ކަމަށެވެ. އެގޮތުން ޝޯގައި ކޮޕްސް ބޭންޑުގެ މިޔުޒިކާއި، ހެއްވާމަޖާ އައިޓަމްތަކާއި، ޑްރާމާ އާއި ތަމްސީލް އަދި ޑާންސްގެ އައިޓަމްތައް ސިފައިން ގެނެސްދޭނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވި އެވެ.

މާލޭގައި މުސާބާތައް ފާހަގަ ކުރުމަށް ހަވާއެރުވުމަކީ މިހާރު އާންމު ކަމެކެވެ.

ލ. ގަމުގެ ގެއެއްގައި އަލިފާން ރޯވެ، އަދައިފި

ލ. ގަމުގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީފުން ބުނީ އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 12:58 ގައި ކަމަށާއި އަލިފާން ނިއްވާލެވުނީ އޭގެ ގަޑިއެއްހާ އިރު ފަހުން ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ރޯވީ އެރަށުގެ ދުންފިނިގޭގަ އެވެ. އަދި އެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެމްއެންޑީއެފުން ބުނީ، އެ ގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އެނގިފައި ނުވާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފި

ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާފަދަ މައުލޫމާތު ފެތުރުމުގައި ބައިވެރިނުވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދިވެހި ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު އެގޮތަށް އިލްތިމާސް ކުރެއްވީ، ލަންކާގައި އިއްޔެ އާއި މިއަދުވެސް ހިންގާފައިވާ ނިރުބަވެރި ހަމަލާތަކާ ގުޅިގެން ހަގީގަތެއްނެތް ވާހަކަތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމާ ގުޅިގެންނެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލަންކާގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތައް ނުރައްކާވާފަދަ ހަގީގަތާހިލާފު މައުލޫމާތު ފެތުރުމާއި އެފަދަ މައުލޫމާތު ފެތުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ހޯމް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ދިވެހި ރައްޔިތުން ސަމާލުވެގެން ތިއްބެވުމަށާއި ހަގީގަތެއް ނެތް ވާހަކަތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

އެކަމަނާ ވިދާޅުވީ، އެފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކަމާބެހޭ އިދާރާތަކާ އެކަން ހިއްސާ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ވެސް މިއަދު ވަނީ ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކާ ދިވެއްސަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އެ ހަމަލާއާ ގުޅިގެން ޔަގީން ނުވާ މައުލޫމާތު ނުފެތުރުމަށް އެ ސެންޓަރުން އެދިފައިވެއެވެ.