ޔުކްރެއިން މީހާގެ މަރު: ބަސް ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި

ހިނގާފައި ދަނިކޮށް އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ ފަތުރުވެރިޔަކު މަރުވި މައްސަލާގައި އެ ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ޓްރާންސްޕޯޓް މިނިސްޓްރީން ހިފަހައްޓައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ފަތުރުވެރިޔަކު މަރުވި އެކްސިޑްންޓްގައި ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ހިފަހައްޓާފައިވަނީ ކޯޓް މަރުހަލާ ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.

ހުޅުމާލޭގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓުގެ ކަންމަތީގައި ހިނގި އެ އެކްސިޑެންޓުގައި މަރުވީ ޖޮގިން އަށް ނިކުމެ އުޅުނު 31 އަހަރުގެ ޔޫކްރެއިން އަންހެނެކެވެ.

ނިދިފައި އިނދެ ބަސް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓާ ގުޅިގެން ބަސް ޑްރައިވަރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ބަސް ޑްރައިވަރުގެ އިތުރުން، މިދިޔަ ހަފްތާގައި މާލޭގައި ހިނގި އެކްސިޑެންޓްތަކާ ގުޅިގެން 12 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް ޑިޕާޓްމެންޓުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން، މާލޭ ސަރަހައްދުގައި މިދިޔަ ހަފްތާގައި ވަނީ 54 އެކްސިޑެންޓް ހިނގާފަ އެވެ. އެ އެކްސިޑެންޓުތަކާ ގުޅިގެން 12 މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާކަމަށްވެސް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ.

ޔުކްރެއިން މީހާ މަރުވި އެކްސިޑެންޓުގައި ބަސް ދުއްވި ޑްރައިވަރު ދޫކޮށްލައިފި

ހުޅުމާލޭގައި ދުއްވި ބަހެއް ދަށުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި، ޔުކްރެއިން އަންހެން މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ބަސް ދުއްވަން އިން ޑްރައިވަރު ކޯޓުން ދޫކޮށްލައިފިއެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި މިމަހުގެ ހަ ވަނަ ދުވަހު ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި މަރުވީ ހެނދުނު ޖޮގިންއަށް ނުކުމެ އުޅުނު 31 އަހަރުގެ އަންހެނެކެވެ. އޭނާގެ ގައިގާ ބަސް ޖެހުނީ، ބަސް ދުއްވަން އިން ޑްރައިވަރު ނިދިޖެހި އިނދެފައި ސިއްސައިގެން ގޮސް ސްޕީޑް ބާރުކޮށްލެވުނު ވަގުތު ކޮންޓްރޯލުން ނެއްޓިގެން ގޮސްގެންނެވެ.

އެ މައްސަލާގައި ޑްރައިވަރު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެ ފަހަރު އިތުރުކުރިއެވެ. އެއީ ފުރަތަމަ ފަހަރު ތިން ދުވަހަށް އަދި ދެވަނަ ފަހަރު ހަތް ދުވަހަށެވެ.

ފުލުހުން ބުނީ، އެމްޓީސީސީ ބަސް ދުއްވަން އިން މީހާ ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. އަދި ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް މައުލޫމާތު ލިބެއެވެ.

ބަސް ޑްރައިވަރުގެ އިހުމާލުން ހިނގި އެ އެކްސިޑެންޓުގައި ޑްރައިވަރު ދޫކޮށްލާފައިވާއިރު، މަރުވި ޔުކްރެއިން އަންހެން މީހާގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރުމަށްފަހު މިހާރު ވަނީ ގައުމަށް ފޮނުވާލައިފައެވެ.

ޔުުކްްރެެއިިންް މީހާގެ ހަށިގަނޑު މިިއަަދުު ގައުމަށް ގެންދަނީ

ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު، ހުޅުމާލޭގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ހަށިގަނޑު މިއަދު ގައުމަށް ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އާއިލާގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އާއިލާއާ އެކު ހަށިގަނޑު ރާއްޖެއިން ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންހެން މީހާ މަރުވީ، ޑްރައިވަރަށް ނިދިގެން ބަސް ދުއްވަމުން ދަނިކޮށް އަންހެން މީހާގެ ގައިގައި ޖެހި، އޭނާ ބަސް ދަށުވެގެން އެވެ.

ޔޫކުރެއިންގެ އެ އަންހެން މީހާގެ މަރުވުމުން އޭނާގެ އާއިލާއިން ރާއްޖެއައިސް ހުރި ހުރުމާއި، އޭނާގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދިޔުމަށް އާއިލާގެ މީހުން ނިންމަން ޖެހޭ ރަސްމީ އެކި ކަންކަން ނިންމުމުގެ އިތުރުން އެމީހުންގެ ދަތުރުގެ ހުރިހާ ހަރަދުތަކެއް ކުރުމަށް އެމްޓީސީސީން ވަނީ ނިންމާފަ އެވެ.

ބަސް ޑްރައިވަރަށް ނިދިގެން މިމަހު ދެ އެކްސިޑެންޓު ވުމާއި ގުޅިގެން އެމްޓީސީސީއަށް މީހުންކުރާ އިތުބާރު ގެއްލި، ގިނަ ފާޑުކިިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެމްޓީސީސީގެ އިސްނެގުމުގެ މަތިން ފުލުހުންނާއި ގުޅިގެން އެ ކުންފުނީގެ ބަސް ޑްރައިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ފަށައިފަ އެވެ.

މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެމްޓީސީސީގެ ޑްރައިވަރުންނަށް މައުލޫމާތު ދެނީީ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އިސްނެންގެވުމުގެ މަތިން ފުލުހުންނާއި ގުޅިގެން އެމްޓީސީސީ ޑްރައިވަރުންނަށް އަމާޒުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ަ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ، މިތަމްރީން ޕްރޮގްރާމްގައި އެކްސިޑެންޓްތައް ކުރިމަތިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ޑްރައިވަރުންނަށް ކުރެވިދާނެ ކަންކަމާއި ރޯޑްކޯޑް އަދި ރައްކާތެރިކަމާއިއެކު މަގު ބޭނުންކުރާނެ ގޮތްތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ޑްރައިވަރުންނަކީ މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައި ބަޔަކަށް ހެދުމާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ރިވެތި ސުލޫކީ މިންގަނޑެއް ގެންގުޅުމާއި ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމްކުރާ ބަޔަކަށް ޑްރައިވަރުން ވުމަށް މިތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ޓްރެފިކް މައްސަލަތައް މަދުކުރުމާއިއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކޮށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އޭގެ އިތުރުން ޑްރައިވަރުންނާއި ޓްރެފިކް ފުލުހުންނާއި ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިކުރުމަށްވެސް މިތަމްރީން ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި 60 ޑްރައިވަރުން ބައިވެރިވެފައިވެއެވެ.

ބަސް ދަށުވެ މަރުވި ޔުކްރެއިން މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

ހުޅުމާލޭގައި މިދިޔަ ހޯމަ ދުވަހު ހިނގި ބަސް އެކްސިޑެންޓުގައި މަރުވި ޔުކްރެއިން މީހާގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި އެ އެކްސިޑެންޓުގައި މަރުވީ ހެނދުނު ޖޮގިންއަށް ނުކުމެ އުޅުނު 31 އަހަރުގެ އަންހެނެކެވެ. އޭނާގެ ގައިގާ ބަސް ޖެހުނީ، ބަސް ދުއްވަން އިން ޑްރައިވަރު ނިދިޖެހި އިނދެފައި ސިއްސައިގެން ގޮސް ސްޕީޑް ބާރުކޮށްލެވުނު ވަގުތު ކޮންޓްރޯލުން ނެއްޓިގެން ގޮސްގެންނެވެ.

މްޓީސީސީން ބުނީ، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހަށިގަނޑު ޔިކްރެއިންއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭގައި ހުންނަ މޯޗަރީގައި އޮތް ޔުކްރެއިން މީހާގެ ހަށިގަނޑު މާލެ ގެންދިއުމަށް އޭނާގެ މަންމަ ވަނީ ރާއްޖެ އައިސްފައެވެ. އަދި ހަށިގަނޑު ފޮނުވާލުމުގެ ހުރިހާ ހަރަދަކާއި މަރުވި މީހާގެ އައިލާ ރާއްޖޭގައި ތިބުމުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ އެމްޓީސީސީންނެވެ.

ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ބަސް ދުއްވި ޑްރައިވަރު ވަނީ ހައްޔަރުކޮށްފައެވެ.