ރަމަޟާން މަހު ފަލަސްތީންގެ ހަތަރު ކުދިންނާއި މާބަނޑު ދެ އަންހެނުން ޝަހީދުކޮށްލި

ފަލަސްތީން (ގުދުސް ނިއުސް ނެޓްވޯކް) – ނިމިދިޔަ ރަމަޟާން މަހުގެ ތެރޭގައި ފަލަސްތީންގެ ބިންތަކަށް ގަދަބާރުން ވެރިވެގެންފައިވާ އިޒްރޭލުގެ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީންގެ 29 މީހަކު ޝަހީދު ކޮށްލާފައިވާ ރިޕޯޓްތައް ބުނެފިއެވެ.

ފަލަސްތީންގެ ހައްގުގައި މަސައްކަތްކުރާ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނާގޮތުން، ޝަހީދު ކޮށްލި 29 މީހުންގެ ތެރެއިން 27 މީހުން ޝަހީދުވީ ޣާޒާގެ އާންމުން އުޅޭ ސަރަހައްދުތަކަށް އިޒްރޭލުންދިން ވައިގެ ހަމަލާތަކުގައެވެ.

ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ސިއްހީ ފަރުވާ ދޭން އުޅުނު މީހަކާއި ހަތަރު ކުޑަ ކުދިން ހިމެނޭއިރު މާބަނޑު ދެ އަންހެނުންނާއެކު ހަތަރު އަންހެނުން ހިމެނެއެވެ.

އަނެއް ދެ މީހުން ޝަހީދުކޮށްލީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގި އޮޕަރޭޝަންތަކުގައި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުން، މިދިޔަ މޭ މަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީންގެ 312 މީހަކު ވަނީ ޒަހަމްވެ ނުވަތަ އަނިޔާވެފައެވެ. އެ މީހުންނަކީ ވައިގެ ހަމަލާތަކުގަ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީން ރައްޔިތުން ސިލްސިލާ ގޮތެއްގައި ކުރަމުންދާ މުޒާހަރާތަކަށް އަމާޒުކޮށްދިން ހަމަލާތަކުގައި ޒަހަމްވި މީހުންނެވެ.

އަދި މެއި މަހުގެ ތެރޭގައި 370 ފަލަސްތީން ރައްޔިތުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ޕީއެލްއޯގެ ރިޕޯޓްގައި ބުނެފައިވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހަތް ކުޑަކުދިންނާއި ހަތަރު އަންހެނުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރަމަޟާން މަސް މިއަހަރު ދިމާވި މޭ މަހުގެ ތެރޭގައި އިޒްރޭލުން ދިން ވައިގެ ހަމަލާތައް އިތުރުކުރިއިރު، އެ ހަމަލާތަކުގައި ފަލަސްތީންގެ 100 ގެއެއް އެއްކޮށް ވަނީ ބިމާ ހަމަވެފައެވެ. އަދި 700 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު އޭގެ ތެރޭގައި ޣާޒާގައި ހުންނަ 13 ސްކޫލެއް ވެސް ހިމެނެއެވެ.

ފަލަސްތީންގެ މި ކުއްޖާގެ ފަހު އެދުމަކަށްވީ ޝަހީދުވި ބައްޕަގެ ގައިގާ ބައްދާލައި ބޮސްދޭން

ފަލަސްތީން ރައްޔިތުންގެ ބިމަށް ވެރިވެގެންފައިވާ ޔަހޫދީ އިސްރާއީލުން ހިންގާ ރަހުމުކުޑަ އަމަލުތަކަށް ހުއްޓުމެއް ނެތެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ކޮންމެ ދުވަހަކު ދެމުންދާ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.

ކުށެއް ނެތް ފަލަސްތީން ރައްޔިތެއްގެ ލޭ އޮހޮރާނުލާ އަދި ނިކަމެތިކޮށްނުލާ އެންމެ ދުވަހެއް ވެސް ނުދެއެވެ. މިދިޔަ އަހަރަށް އެކަނި ބެލިކަމުގައި ވިޔަސް، އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ގާތްގަނޑަކަށް 300 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

އޭގެ ތެރޭގައި މައުސޫމް ކުޑަކުދިންނާއި ސިއްހީ އޮފިސަރުން ހިމެނޭއިރު އިޒްރޭލުން ދިން ހަމަލާތަކުގައި މަރާ ހަނގުރާމަ ކުރަމުންދާ މީހުން ވެސް މަދެއްނޫނެވެ.

ޒަހަމްވި މީހުން އުފުލުމުގެ މަސައްކަތުގައި އުޅެނިކޮށް އިޒްރޭލުން ދިން ހަމަލާއެއް އަމާޒުވެ މަރާ ހަނގުރާމަ ކުރަމުންދިޔަ ފަލަސްތީންގެ އެމްބިއުލާންސް އޮފިސަރަކު މިދިޔަ ހޯމަ ދުވަހު ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓް ޖަމިއްޔާގައި މަސައްކަތްކުރާ މުހައްމަދު އަލް ޖުދެއިލީ ނަމަކަށް ކިޔާ އުމުރުން 36 އަހަރުގެ އެ މީހާގެ މޫނަށް އަމާޒުކޮށް އިޒްރޭލުގެ ސްނައިޕަރަކު ބަޑި ޖެހީ އުތުރު ޣާޒާ ސަރަހައްދުގައި މަސައްކަތް ކުރަމުންދަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުން، މިދިޔަ މަހުގެ ތިން ވަނަ ދުވަސްވީ ހުކުރު ދުވަހު، ޖުދެއިލީ ގަޔަށް އިޒްރޭލުން ބަޑި ޖެހީ، އެދުވަހު ފަލަސްތީން ރައްޔިތުން ނުކުމެ ކުރި މުޒާހަރާގައި އަނިޔާވި ބަޔަކަށް ސިއްހީ ފަރުވާ ދެމުންދަނިކޮށެވެ.

އޭނާގެ ކަށުކަމާ ކެމީގެ ކަންތައް އިއްޔެ ބޭއްވިއިރު، އޭނާގެ ހަތަރު ކުދިން މިއަދު ވަނީ ޔަތީމުވެފައެވެ. ލޯބިވާ ބައްޕަ ޝަހީދުވީ ކުށެއް ކޮށްގެންނެއް ނޫނެވެ. ދަރިންގެ މުސްތަގްބަލަށް ފުރާނަ އަތްމައްޗަށް ލައިގެން ގައުމީ ހިދުމަތުގައި އުޅެނިކޮށެވެ. އެކުދިން މިއަދު އަޅާނެ ކަރުނަ އިހުސާސް ކުރެވޭތޯއެވެ.

ޖުދެއިލީގެ ޖަނާޒާގެ ތެރެއިން ވެސް ފާހަގަވީ އެ މަންޒަރެވެ. އޭނާގެ ހަތަރު ކުދިން ތިބޭއިރު އެންމެ ބޮޑަށް ހުންނަ ފިރިހެން ކުއްޖާގެ ފަރާތުން ފެނުނު މަންޒަރުން ހިތައް އަސަރުކުރުވިއެވެ. ގައިން ހީބިހި ނެގުވިއެވެ.

ފަލަސްތީންގެ ހަބަރުތައް ގެނެސްދޭ ޤުދުސް ނިއުސް ނެޓްވޯކަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ޝަހީދުވި ޖުދެއިލީގެ ޖަނާޒާގެ ކަންތައް ކުރިއަށްދާ ވަގުތު ގިނަ ބަޔަކު އޭނާއަށް ފަހުގެ އިހްތިރާމް އަދާކުރަމުންދާ ތަނެވެ. ހުދު ފޮތިން އޭނާ ނިވާކޮށްފައި އޮތްއިރު ގިނަ ބަޔަކު ދިޔައީ އޭނާއަށް ފަހުގެ ލޯތްބާއި އިހްތިރާމް އަދާކުރުމުގެ ގޮތުން ބޮސްދެމުންނެވެ.

ވީޑިއޯގެ ކުޑަ އިރުކޮޅެއް ފަހުން ޝަހީދުވި މީހާގެ ދަރިފުޅު ގިސްލާ ރޯ ހާލުގައި އޭނާގެ ބައްޕަ ދެކިލުމަށް އެތަނަށް ވަންނަތަން ފެނެއެވެ. މީހަކު އެ ކުއްޖާ އުރައިގެން ހުރިއިރު، “ބާބާ، ބާބާ” އޭ ކިޔާ އެ ކުއްޖާ ރޯ އަޑު އިވެއެވެ.

އެ ވީޑިއޯއާއެކު ޤުދުސް ނިއުސް ނެޓްވޯކުން ބުނެފައިވަނީ، އެއީ ޝަހީދުވި މީހާގެ ދަރިފުޅު، އޭނާގެ ބައްޕަ ގައިގަ އެންމެ ފަހު ބައްދާލުން ބައްދާލުމަށް ރޮމުންދިޔަ މަންޒަރު ކަމަށެވެ. ލޮލުން ކަރުނަ ހިލި ފެންކަޅި ކުރުވައިފި ދެއްތޯއެވެ.

މިއީ މީޑިއާތަކަށް ތިލަވާ މަދު މަންޒަރުތަކެކެވެ. ގުދެއިސީ ފަދައިން ފަލަސްތީންގެ އެތައް ބައްޕައިންނެއް މިއަދު ޝަހީދުކޮށްފިއެވެ. އެ ބައްޕައިންގެ ލޯބިވާ އެތައް ދަރިންނެއް ޔަތީމު ކޮށްފިއެވެ. ނިކަމެތި ހާލައިގެން އުޅެން މަޖުބޫރުކޮށްފިއެވެ.

ރަމަޟާން މަހުގައި ނުވަ ކުޑަކުދިންނާއެކު 53 ފަަލަސްތީން ރައްޔިތުން ހައްޔަރުކުރި

ރާމަﷲ (ގުދުސް ނިއުސް ނެޓްވޯކް) – އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ހިބްރޮން ސިޓީއިން މިދިޔަ ރަމަޟާން މަހު އެކަނިވެސް 53 ފަލަސްތީން ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށް ޕްރިޒަނާސް އިންފޮމޭޝަން އޮފީހުން ބުނެފިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ނުވަ ކުޑަކުދިންނާއި އަންހެނަކު ވެސް ހިމެނެއެވެ.

އެ އޮފީހުން މިއަދު އާންމުކުރި ރިޕޯޓެއްގައި ބުނީ، ހިބްރޮންގެ އެކި ސަރަހައްދުތަކުގައި ހުންނަ ފަލަސްތީން ރައްޔިތުންގެ ގެ ތަކަށް އިޒްރޭލުގެ ޔަހޫދީ ސިފައިން ވަދެގަނެ އެ ގެތަށް ބަލައި ފާސްކޮށް ހައްޔަރުކުރުމުގެ ކެމްޕެއިނެއް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިންގާފައިވާ ކަމަށެވެ.

އަދި އެ ކެމްޕެއިނުގެ ތެރެއިން ފަލަސްތީން ރައްޔިތުންގެ ގެތަކަށް ގެއްލުންދީ ބައެއް ތަކެތި ވެސް ވަގަށް ގެންގޮސްފައިވާ ކަމަށާއި އަދި ހައްޔަރުކުރުމުގެ ބައެއް ފަލަސްތީން ރައްޔިތުންނަށް އަނިޔާވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، މިދިޔަ މެއި މަހުގެ ތެރޭގައި އިޒްރޭލު ސިފައިން ހައްޔަރުކުރި ނުވަ ކުޑަކުދިންގެ ތެރެއިން މޫސާ ރަމަޟާން ނަމަކަށް ކިޔާ 9 އަހަރުގެ ކުއްޖެއް ވެސް ހިމެނޭ ކަމަށެވެ.

އަދި އެކުދިން ހައްޔަރުކޮށް ތަހުގީގު ކޮށްފައިވަނީ، އެކުދިންގެ އާއިލާ މެންބަރެއްގެ ހާޒިރުގައި ނޫންކަން ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރަށް މިދިޔަ މެއި މަހުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ތެރެއިން އުމުރުން ހަމްދީ ރަޖަބީ ނަމަކަށް ކިޔާ 41 އަހަރުގެ ފިރިހެނަކާއި މުހައްމަދު މުރްގާލް ނަމަކަށް ކިޔާ 36 އަހަރުގެ މީހަކު ހިމެނޭ ކަމަށެވެ.

އެ ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ އިޒްރޭލުގެ ޖަލުތަކުގައި 15 އަހަރު ބަންދުކޮށްފައި ހުރުމަށްފަހު މިނިވަންކުރިތާ އަހަރެއް ވެސް ނުވަނީސްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން އިޒްރޭލުގެ ސިފައިން ހައްޔަރުކުރި މުހައްމަދު މަހަރްމާ ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރުކުރުމުގެ އޭނާގެ ކޮނޑުހުޅު ނެއްޓިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ދަތިކުރުންތަކާއެކު ވެސް ރޯދައިގެ ފުރަތަމަ ހުކުރު ނަމާދަށް އަލް އަގްސާ ފުރާލައިފި

އިސްރާއީލުން ސެކުރިޓީއަށްޓަކާ ބުނެ ގާއިމްކޮށްފައިވާ ހުރަސްތަކާއެކު ވެސް މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހު، އެތައް ހާސް ބަޔަކު ގުދުސްގައި ހުންނަ މަސްޖިދުލް އަލް އަގްސާއަށް ޖަމާވެ ސުލްހަވެރިކަމާއެކު ހުކުރު ނަމާދު ކޮށްފިއެވެ.

އަލް މަސްޖިދުލް އަގްސާ އަކީ މުސްލިމްގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާއެވެ. އަދި  ޔަހޫދީން ބުނާގޮތުން އެމަތިވެރި މިސްކިތަކީ އެމީހުންގެ ފައްޅިއެކެވެ.

އަދި މަސްޖިދުލް އަގްސާ ހުންނަނީ އިސްރާއީލުން ވެރިވެގަނެ، ވެރިރަށުގެ ގޮތުގައި ބުނާ ގުދުސްގައި ކަމުގައި ވީނަމަވެސް، ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނު ރައްޔިތުންނަށް ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު އެ މިސްކިތަށް ދިއުމަށް އޮންނަ ހުރަސްތައް އިސްރާއީލުން ނަމެއްގައި ލުއިކޮށްދެއެވެ.

އެގޮތުން ފަލަސްތީނުގެ ރައްޔިތުން އެ ތަނަށް ވަދެވެނީ ވަރުގަދަ ސެކިއުރިޓީތަކެއް  ޗެކްކުރުމަށްފަހުއެވެ. އަދި އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށާއި 12 އަހަރު ދަށުގެ ކުޑަކުދިންނަށް އެތަނަށް ވަދެވެނީ ހުކުރު ދުވަހު އެކަންޏެވެ. އަންހެނުންނަކަށް ހުރަސްތަކެއް ނޯވެއެވެ.

ގުދުސްގައި ހަރަކާތްތެރިވާ އިސްލާމިކް ވަޤްފު ޖަމިއްޔާއިން ބުނީ، މިއަދުގެ ހުކުރު ނަމާދަށް 180،000 މީހުން ޖަމާވި ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދާ އަޅާބަލާއިރު 50 ޕަސެންޓަށްވުރެ މަތި އަދަދެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެގޮތުން އަލް އަގްސާ މިސްކިތަށް ހުކުރު ނަމާދު ކުރުމަށް މިއަދުގެ ހެނދުނު ހެނދުނާ، އުމުރުން ދުވަސްވީ މީހުންނާއި ފުރޮޅުލީ ގޮނޑީގައި ވެސް އެތައް ބަޔަކު ކިއު ހެދި ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި އޭއެފްޕީގެ ފޮޓޯގުރާފަރަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ވަޤްފުގެ ޑިރެކްޓަރު ޖެނެރަލް އައްޒާމް އަލް ކާތިބް ވިދާޅުވީ، މަސްޖިދުލް އަގްސާއަށް މިއަދު އެހާ ގިނަ އަދަދެއްގެ ބަޔަކު ޖަމާވީ ވެސް، ޔަހޫދީ އިސްރާއީލު ސިފައިން އެތައް ސެކިއުރިޓީ އަކާއި ޗެކްޕޮއިންޓެއް ކަނޑަތުކުރުމަށްފަހު ކަމަށެވެ. އަދި ހުކުރު ނަމާދުގައި އެއްވެސް ބޮޑު ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސްއިން ބުނާގޮތުގައި، މިއަދުގެ ހުކުރު ނަމާދަށް ދިއުމަށް ހުޅަނގު އައްސޭރީން އިސްރާއީލަށް 75000 އަށްވުރެ ގިނަ މީހުން ވަނީ އެތެރެވެފައެވެ.

އަދި މަސްޖިދުލް އަގްސާއަށް އަޅުކަން ކުރާ މީހުންނަށް ދިއުމުގެ މަގު ފަހިކޮށްދިނުމަށާއި ހަމަނުޖެހުމަކަށް ޖާގަ ނުދިނުމަށް އެތައް ސަތޭކަ އޮފިސަރުންނަކާއި ބޯޑަރު ފުލުހުންނެއް ނެރުނު ކަމަށް އިސްރާއީލުގެ ފުލުހުން ބުނެފައިވެއެވެ.

ދިވެހިން ފޮނުވި އެހީތަކުން ޣާޒާ ކުޑަކުދިންގެ މޫނު މައްޗަށް ހިނިތުންވުން!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ ތެރެއިން ފަލަސްތީނަށް ބަލާލަމާތޯއެވެ. ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަށް އަހަރެއްވަނީއެވެ. ގައުމާއި ދީނަށްޓަކާ ނުކުމެ އެތައް ބަޔަކު ޝަހީދުވެއްޖެއެވެ. ގިނަ ބަޔަކު ނުކުޅެދޭ ހާލަށް ގޮސްފިއެވެ. ބުރަ މަސައްކަތުން ކޮޅަށް ނެގި ދިރިއުޅުން ސުންނާފަތިކޮށް، އެތައް އާއިލާއެއް ބިކަކޮށް، ހިތްދަތި ކޮށްފިއެވެ. މުޅި އިސްރާއީލު އޮތީ ބިރުވެރިކަމެއްގައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތިކަމާއި ނިކަމެތިކަން ހައްލުކުރުމަށް ގިނަ ޖަމާއަތްތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އޭގެ ތެރެއިން ޣާޒާއަށް ދިމާވާ ކޮންމެ ކަމެއްގައި އެހީވާ އެންމެ ފުރަތަމަ ގައުމަކީ މި ކުޑަ ރާއްޖެއެވެ. މީސްކޮޅު ކިތަންމެ މަދަސް ގައުމު ކިތަންމެ ކުޑައަސް ދިވެހިން ފޯރުކޮށްދޭ އެހީތެރިކަން މުޅި ދުނިޔެ ބަލައިގަނެއެވެ. ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުން އެކަން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ.

އެގޮތުން މިފަހުން އިސްރާއީލުގެ ޔަހޫދީ ދައުލަތުން ޣާޒާއަށް އަމާޒުކޮށްދިން ވަރުގަދަ ހަމަލާތަކުގައި ވެސް އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިން ބަޔަކީ ދިވެހިންނެވެ. ދިވެހިންގެ ފަރާތުން އެކަން އިސްވެ ހިންގީ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިންނެވެ.

އިސްރާއީލުގެ ހަމަލާއަށް އެއް ދުވަސް ނުވަނީސް ދިވެހިން ވެދީފައިވާ އެހީތެރިކަމުގެ ފައިސާއިން އެ ޖަމިއްޔާގެ ފަރާތުން ޣާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ.

އެގޮތުން “ޣާޒާ އެމަޖެންސީ ރިލީފް”ގެ ނަމުގައި ނިކަމެތިންނާއި ޒަހަމްވެފައިވާ މީހުންގެ އިތުރުން ހުވަފެންވެފައި ތިބި އަންހެނުންނަށް ކާނަ ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެމަޖެންސީ ހާލަތްތަކުގައި ފަރުވާދޭ ނަރުހުންނާއި މެޑިކަލް އޮފިސަރުންނަށް ފުރަތަމަ އެހީގެ ކިޓްތައް ފޯރުކޮށްދޭން ފެށިއެވެ.

މި އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު އެހީއާއެކު ޣާޒާގެ ރައްޔިތުންގެ އިހުސާސްތަކާއި ފޮޓޯތައް އައިއޭސީން ދިޔައީ ހިއްސާ ކުރަމުންނެވެ. ފޮޓޯތަކުގައި ލިބުނު އެހީއާއި ދިދައާއެކު ޣާޒާގެ އާއިލާތައް ފެނިގެންދާއިރު އެ މީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

ހާއްސަކޮށް ޣާޒާގެ ކުޑަކުދިންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމާއި އުއްމީދެވެ. އެމީހުންނާއެކު ދިވެހިން ތިބިކަމުގެ އިހުސާސް ކުރެވޭތީއެވެ.

އައިއޭސީން މީގެ ކުރިން ވެސް ވަނީ، ޣާޒާގެ ރައްޔިތުންނަށް ދިވެހިން ހަދިޔާކުރާ ފައިސާއިން އެތައް އެހީތެރިިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން ޣާޒާގެ 4710 އާއިލާއަކަށް 10 ދުވަހުގެ ކެއުން ފޯރުކޮށްދީފައިވާއިރު، ސާފު ބޯފެން ފޯރުކޮށްދިނުމުގެ އަމާޒާއެކު ހިންގި ފެންތާނގި ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަސުން 623 އާއިލާއަކަށް 50 ލީޓަރުގެ ފެންތާނގި ވަނީ ހަދިޔާކޮށްފައެވެ.

މީގެއިތުރުން ކަރަންޓް ފޯރުކޮށްދިނުމުގެ ގޮތުން 268 އާއިލާއަކަށް 10 ގަޑިއިރުގެ ބެޓެރި ޕަވަރު ޔުނިޓެއް ފޯރުކޮށްދީފައިވާއިރު، އަލްހާ އީދުގައި ޤުރުބާން ކުރުމަށް 66 ކަންބަޅި ކަތިލައި 2640 އާއިލާއަކަށް ވަނީ ހަދިޔާކޮށްފައެވެ.

އަދި ފިތްރު އީދުގައި ކާނާއަށް އެންމެ ބޭނުންވެފައި ތިބި އާއިލާއަކަށް ހަނޑުލާއި ފުށް ފޯރުކޮށްދިނުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން 616 އާއިލާއަކަށް އެތަކެތި ވަނީ ހަދިޔަކޮށްފައެވެ.

ފަަލަސްތީނުގެ ސްކޫލަކަށް ވަދެގަނެ، ކުޑަ ކުއްޖަކު ހައްޔަރުކުރާ ވީޑިއޯއެއް!

އިސްރާއީލުގެ ޔަހޫދީ ސިފައިން، ފަލަސްތީނުގެ ސްކޫލަކަށް ވަދެގަނެ، ކުލާސްރޫމުގައި ހުރި ކުޑަ ކުއްޖަކު ގަދަކަމުން ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޒިއާދް ޖަބީރް ސްކޫލުގެ ގުރޭޑް ހަތަރެއްގައި ކިޔަވާ އުމުރުން 10 އަހަރުގެ އެ ކުއްޖާ ހައްޔަރުކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ކުއްޖާ ކުލާސް ދޮރުމަތީގައި ހުއްޓާ އިސްރާއީލުގެ ސިފައިން ދެ މީހަކު އައިސް ކުއްޖާ ކޮނޑުގައި އަޅުވާފައިވާ ދަބަހުގައި ހިފައިގެން ގަދަކަމުން ގެންދާ މަންޒަރެވެ.

އަދި އެކަން ހުއްޓުވުމަށް ސްކޫލުގެ ބައެއް ބޮޑެތި މީހުންނާއި ވައިސް ޕްރިންސިޕަލް ވެސް މަސައްކަތް ކުރުމުން، ބަޑި ހިފައިގެން އުޅޭ އިސްރާއީލުގެ ސިފައިން އެމީހުންނަށް ބަޑިން ބިރު އިންޒާރުދީ ކޮއްޕާ ހަދާތަން ފެނެއެވެ.

އޭރު ކުއްޖާގެ މޫނު މަތިން ފެންނަނީ ބިރުވެރިކަމެވެ. އެ ކުއްޖާ ހުރީ ކޮންމެވެސް މީހެއްގެ ގައިގާ ބައްދައިގަނެގެން ދޫނުކުރަން ވެގެންނެވެ.

އެކްޓިވިސްޓަކު ނަގާފައިވާ 11 މިނެޓާއި 44 ސިކުންތުގެ އެ ވީޑިއޯގައި ދެން ފެންނަނީ އިތުރު ސިފައިންގެ ބަޔަކާއެކު ކުއްޖާ ގޮވައިގެން ހުރި އިސްރާއީލުގެ ސިފައިންގެ މީހާ ސްކޫލުން ނުކުމެގެން ގޮސް ސިފައިންގެ ވެހިކަލަކަށް އަރުވާތަނެވެ.

އެވަގުތު އެތަނަށް ބަޔަކު އެއްވުމުން އިސްރާއީލުގެ ސިފައިން އެއްވެފައިތިބި މީހުންގެ ގަޔަށް ކަރުނަ ގޭސް ކެނިސްޓަރެއް ކަމަށް ބެލެވޭ އެއްޗެއް އެއްލާތަން ފެނެއެވެ. އޭރުވެސް ކުއްޖާ އެރުވި ވެހިކަލް ކައިރީގައި 7 ވަރަކަށް އިސްރާއީލުގެ ޔަހޫދީ ސިފައިން ތިއްބެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ކުއްޖާ ހައްޔަރުކުރީ އެ ދުވަހު ސްކޫލަށް ދިއުމުގެ ކުރީން އިސްރާއީލު ސިފައިންގެ ބަޔަކާ ދިމާލަށް ގާ އުކި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ފަލަސްތީނުގެ ސިވިލް އެފެއާޒް އާއި ކަމާ ގުޅުންހުރި އިދާރާތަކުން މަސައްކަތް ކޮށްގެން ފަހުން އެ ކުއްޖާ ވަނީ މިނިވަން ކޮށްފައެވެ.

މަސްދަރުތަކުން ބުނާގޮތުގައި، މިއީ އިސްރާއީލުގެ ސިފައިންގެ ބަޔަކު ސްކޫލަކަށް ވަދެގަނެ، ސްކޫލު ކުއްޖަކު ގަދަކަމުން ހައްޔަރުކޮށް ސްކޫލުގެ ޓީޗަރުންނަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. އަދި އެކަހަލަ ކަމެއް ތަކުރާރުވުމުގެ ކުރިން ރަނގަޅަށް ތަހުގީގު ކުރުމަށްފަހު އަމަލު ކުރުމަށް ފަލަސްތީނުގެ ސިވިލް އެފެއާޒް އިން ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާއިރު ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕެއް ކަމަށްވާ އައްދަމީރުން މިދިޔަ އަހަރު ބުނީ، އިސްރާއީލުގެ ޖަލުތަކުގައި 270 ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުގައި އެބަތިބި ކަމަށެވެ.

އަދި އޭގެ ތެރެއިން 50 ކުދިންނަކީ އުމުރުން 16 އަހަރުން ދަށުގެ ކުދިން ކަމަށް އެ ގުރޫޕުން ބުނެއެވެ.

ޣާޒާއަށް ދޭ ހަމަލާތައް ކުރިއަށް ގެންދާނަން: އިސްރާއީލުގެ ސަފީރު

ޔުނައިޓެޑް ނޭޝަންސް: ފަލަސްތީނުގެ ޣާޒާއިން އިސްރާއީލަށްދޭ ހަމަލާތައް ހުއްޓާލަންދެން، ޣާޒާއަށް ބޮން އަޅަމުންދާނެ ކަމަށް އިސްރާއީލުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

ޣާޒާއިން އިސްރާއީލަށް ފޮނުވާލި ކަމަށް ބުނާ ހަމަލައެއް އެގައުމުގެ ގެއަކަށް އަމާޒުވެ ހަތް މީހުން ޒަހަމްވުމާ ގުޅިގެން އިސްރާއީލުން އިއްޔެ އިން ފެށިގެން ޣާޒާއަށް ދަނީ ބޮން އަޅަމުންނެވެ.

އިސްރާއީލުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނީ ޑެނޮން ވިދާޅުވީ، އެ ހަމަލާގައި އަނިޔާވި މީހުންގެ ތެރޭގައި މުސްކުޅި އަންހެނަކަށާއި ތުއްތު ކުއްޖަކާއި ދެ ކުޑަކުދިން ހިމެނޭ ކަމަށެވެ.

“ގޯހެއް ނަހަދާތި. ހަމާސްގެ އަމާޒަކަށް އަހަރެމެންގެ ކުޑަކުދިން ވެއްޖެނަމަ އެކަން ބަލައެއް ނުގަންނާނަން. އަހަރެމެންގެ މިތީ ގައުމުގެ ރައްޔިތުން ހިމާޔަތް ކުރަން އަޒުމް ކަނޑައަޅައިގެން. މި ހަމަލާތައް ކުރިއަށްދާނަމަ، އިސްރާއިލް ޑިފެންސް ފޯސްގެ ވަރުގަދަކަން ހަމާސްގެ ލީޑަރުންނަށް ފެނިގެންދާނެ. އަދި އެމީހުން ޣާޒާގެ ބިންގަރާސްތަކުގައި ވަޅުލެވިގެންދާނެ،” ޑެނޮން ވިދާޅުވެފައިވެއެވެ.

އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ޣާޒާގައި ކުރިއަށް ގެންދާނަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ހުރިހާ ހާލަތަކަށް ވެސް ތައްޔާރަށް އޮތް ކަމަށެވެ. ހަމާސްގެ އަމާޒުތަކަށް ޓާގެޓް ކޮށްފައިވާއިރު އެކަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވެސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިން އަސްކަރީ ލީޑަރުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ނަތަންޔާހޫ އެނބުރި ގައުމަށް ވަޑައިގަތީ ހޯމަ ދުވަހު އިސްރާއީލަށް ދިން ކަމަށްބުނާ ހަމަލާއާ ގުޅިގެންނެވެ.

ފަލަސްތީން ރައްޔިތުންގެ ހިތްވަރު ބަލި ނުވުމުން، އިސްރާއީލުގެ އަމާޒު މިސްކިތްތަކަށް!

އިސްރާއީލުގެ ޔަހޫދީ ދައުލަތުން، ފަލަސްތީން އަޅުވެތިކޮށްގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ފަލަސްތީނުގެ އުފަން ބިމުން ނެރެ އެއްލާލާ އެ ބިމަށް ވެރިވެގަންނަން އެތައް މަސައްކަތެއް ކުރިއެވެ. އަދިވެސް ދަނީ ކުރަމުންނެވެ.

އެގޮތުން 2014 ވަނަ އަހަރު ޣައްޒާއަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި މައުސޫމް އެތައް ބަޔަކު ޝަހީދުވެގެން ދިޔައެވެ. ލޯބިވާ އެތައް ބަޔަކު ގެއްލިގެން ދިޔައެވެ. ގެތައް ސުންނާފަތިވެ ދިރިއުޅުން ވެއްޔާ މޮޑެވުނެވެ. ދެކެމުންދިޔަ ހުވަފެންތައް ފުޑުފުޑުވިއެވެ.

އެއަށްފަހު ވެސް ފަލަސްތީން ރައްޔިތުންގެ ހިތްވަރެއް ބައްޔެއް ނުވިއެވެ. ބަދަލުގައި ތެދުވީ އާ ހިތްވަރަކާއެކުއެވެ.

ޣާޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ މިދިޔަ އަހަރުގެ މާޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން ކޮންމެ ހަފްތާއަކު އެ ދައްކަނީ އެ ހިތްވަރެވެ.

އެ ސިލްސިލާ މުޒާހަރާތައް ފެށިފަހުން އަޅުވެތިކޮށްގެން އުޅޭ އިސްރާއީލުގެ ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި 200 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އެތައް ބަޔަކު ޒަހަމްވެއްޖެއެވެ. ހަމަލާތަކުގައި އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ގޮސްފިއެވެ. ނަމަވެސް އެ ހާލުގައި ވެސް ނުކުމެ ގައުމާއި ދީނަށްޓަކާ އެ ވަމުންދާ ޤުރުބާނީ ހުރި އީމާންތެރިކަން އިސްރާއީލަކަށް މުގުރައެއް ނުލެވުނެވެ.

ޣާޒާއަށް ރޭ ދިން ވަރުގަދަ ހަމަލާތަކަކީ ވެސް އޭގެ ސަބަބެކެވެ. ޣާޒާއިން އިސްރާއީލަށް ފޮނުވާލި ކަމަށް ބުނާ ހަމަލައެއް އެގައުމުގެ ގެއަކަށް އަމާޒުވެ ހަތް މީހުން ޒަހަމްވުން އެއީ އިސްރާއީލަށް ލިބުނު ފުރުސަތަކަށް ހެދިއެވެ. ބަދަލުގައި ދިން ވަރުގަދަ ހަމަލާތަކުން މުޅި ޣާޒާ ގުގުމާލިއެވެ.

އިސްރާއީލުން ބުނާ ގޮތުންނަމަ، އެ ހަމަލާތަކަކީ ހަމާސްއަށް ރައްދުކޮށްދޭ ހަމަލާތަކެކެވެ. ނަމަވެސް އިއްޔެ ދިން ހަމަލާތަކެއް ފަލަސްތީނުގެ މިސްކިތްތަކަށާއި އާންމުން އުޅޭ ތަންތަނަށް ވެސް އަމާޒުވެފައިވެއެވެ.

ފަލަސްތީނުގެ އިސްލާމިކް މިނިސްޓްރީން ބުނާގޮތުގައި، އިސްރާއީލުން ދިން ހަމަލާތަކުގައި ޣާޒާގެ އުތުރުގައި އޮންނަ ބެއިތް ހަނޫންގައި ހުންނަ އުމަރު ބިން އަބްދުލް އަޒީޒް މިސްކިތަށް ވަނީ އަމާޒުވެފައެވެ. ހަމަލާގެ ސަބަބުން އެ މިސްކިތުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނާގޮތުގައި، އިސްރާއީލުގެ އެ އަމަލަކީ ފަލަސްތީނުގެ ރައްޔިތުންނާއި ދީނީ ތަންތަނާ ދެކޮޅަށް ހިންގާ އަނިޔާވެރި ކުށްތަކަށް އިތުރުވި އެއް ކަމެވެ. އަދި އެ ހަމަލާތަކަކީ މިސްކިތްތަކަށާއި އަޅުކަން ކުރަން ބޭނުންކުރާ ތަންތަނަށް އަމާޒުކޮށްދޭ ހަމަލާތަކަކީ ބައިނަލްއަގްވާމީ ހުރިހާ ގާނޫނަކާއި ގަވާއިދުތަކާ ހިލާފު އަމަލެއް ކަމަށް ބުނެފައިވެއެވެ.

އެގޮތުން ބައިނަލްއަގްވާމީ މުޖުތަމައުންނާއި ބައިނަލްއަގްވާމީ އަދި ސަރަހައްދީ ހިއުމަން ރައިޓްސް އިންސްޓިޓިއުޓްތަކުން އިސްރާއީލުގެ އަނިޔާވެރިކަން ވަގުތުން ހުއްޓާލުމަށް މަސައްކަތް ކޮށްދެއްވުމަށް ފަލަސްތީނުން ވަނީ ގޮވާލައިފައެވެ.

އަދި ބައިނަލްއަގްވާމީ ކޯޓުތަކުން އެ އަނިޔާވެރި އަމަލުތައް ދޭ ލީޑަރުންނާއި ސިފައިން ޖަވާބުދާރީ ކުރުވާ ހައްގު އަދަބު ދިނުމަށް ވެސް ގޮވާލައިފައިވެއެވެ.

ފަލަސްތީން ދެ ޒުވާނެއްގެ ބޮލަށާއި މެޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފި

ޣައްޒާގެ ބޯޑަރު ސަރަހައްދުގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއަށް އިސްރާއީލުު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ދެކުނުގައިވާ އިސްރާއީލާއި ފަލަސްތީނު ގުޅޭ ބޯޑަރު ކައިރީގައި ”ގްރޭޓް މާޗް އޮފް ރިޓާންސް“ގެ ނަމުގައި ކުރިޔަށް ގެންދާ މުޒާހަރާތަކަށް އިއްޔެއަކީ 51 ވަނަ ހަފްތާއެވެ.

އަދި ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ވެސް އިސްރާއީލުގެ ޔަހޫދީ ސިފައިން ގެންދަނީ ހުރަސްއަޅާއި ބާރުގެ ބޭނުންކުރަމުންނެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ގިދްރާ ވިދާޅުވީ، ޣާޒާގެ އިރުމަތީ ފެންސުގެ ދެ ފަރާތަކަށް އިސްރާއީލުގެ ސިފައިން ދިން ތަފާތު ދެ ހަމަލާއެއްގައި ޝަހީދު ކޮށްލާފައިވަނީ މުޒާހަރާ ކުރަމުންދިޔަ އުމުރުން 18 އަހަރުގެ ޒުވާނަކާއި 29 އަހަރުގެ ޒުވާނެއް ކަމަށެވެ.

އޭގެ ތެރެއިން އުމުރުން 18 އަހަރުގެ ޖިހާދް ހަރާރާ ނަމަކަށް ކިޔާ ޒުވާނާގެ ބޮލަށް ބަޑި ޖަހާފައިވާއިރު، ނިދާލް ޝަތަތް ނަމަކަށް ކިޔާ ދެވަނަ މީހާގެ ބަޑިގެ ގަޔަށް ބަޑި ޖަހާފައިވަނީ ސެންޓުރަލް ޣާޒާގައި ހުންނަ އަލް ބުރެއިޖް ރެފިއުޖީ ކޭމްޕު ކައިރިންނެވެ. އިސްރާއީލު ސިފައިން ފޮނުވާލި ހަމަލާ އަމާޒުވީ އޭނާގެ މެޔަށެވެ.

ތަރުޖަމާން އިތުރަށް ވިދާޅުވީ، އިއްޔެގެ މުޒާހަރާގެ ތެރެއަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި މަދުވެގެން 62 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ފެންސް ކައިރީގައި ތިބޭ މެޑިކަލް މީހުންނަށާއި އެމްބިއުލާންސްތަކަށް ސީދާ އަމާޒުކޮށް އިސްރާއީލުން ކަރުނަ ގޭސް ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ މިދިޔަ އަހަރުގެ މާޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން ކޮންމެ ހަފްތާއަކު ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ފެށިފަހުން އިސްރާއީލު ސިފައިން ވަނީ، އެމީހުންގެ ރައްކަލަކަށް ކަމަށް ބުނެ މިހާތަނަށް 250 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައެވެ.