ހައިވޭގައި ޕިކަޕެއްގެ ދެފުރޮޅު ފަޅައިގެންގޮސް އެކްސިޑެންޓް ވެއްޖެ

ހުޅުމާލެ އިން މާލެ އަށް ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ދެފުރޮޅު ފަޅައިގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 2:14 ހާއިރު ކަމަށެވެ.

އަދި އެކްސިޑެންޓް ހިނގީ ހުޅުމާލެ އިން މާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ދެ ފުރޮޅު ފެޅިގެން ކޮންޓްރޯލު ނުކުރެވި، މަގުގެ އަނެއްފަރާތުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހި ކަމަށް ފުލުހުން ބުންޏެވެ.

ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް ކޮންޓްރޯލުން ނެއްޓި، ހައިވޭގެ މެދުން ޖަހާފައިވާ ފެންސުގައި ޖެހި ފެންސްތައް ވެސް ވަނީ ހަލާކުވެފަ އެވެ.

މި އެކްސިޑެންޓުގައި ރޯޑް ޑިވައިޑަރުތައް ހަލާކުވެ، ޕިކަޕަށާއި ބަހަށް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ޕިކަޕުގެ ކުރީކޮޅު އެއްކޮންގޮސްފައިވާއިރު، ބަހުގައި ޕިކަޕު ޖެހުނު ތަން ވަނީ ބަނޑިވެފަ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށާއި އެކްސިޑެންޓުވި ޕިކަޕު ދުއްވަން އިން މީހާ އަތުގައި ލައިސެންސް ވެސް އޮތް ކަމަށެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ނައިފަރު ފިހާރައަކުން ވަގަށް ނެގި ފައިސާ ހޯދާ، އެކަކު ހައްޔަރުކޮށްފި

ޅ. ނައިފަރު ގައި ހިންގާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެއް، ވަގަށް ނެގި ފައިސާ ހޯދާ އެކަކު ހައްޔަރުކޮށްފި އެވެ.އެކު ތުހުމަތު  ހޯދައިފިއެވެ.

ފުލުހުން ބުނީ ނައިފަރު ފިހާރައަކުން ވައްކަން ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ 11:40 ހައިރު ކަމަށެވެ. އަދި އެއީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފިހާރަ ފަޅާލައިގެން ވަދެ ނަގާފައިވާ 1100 ރުފިޔާ އާއި 750 ޑޮލަރުގެ ތެރެއިން 556 ޑޮލަރު އަދި 20 ޔޫރޯ އާއި 845 ރުފިޔާ އާއިއެކު އެތަނުން ވައްކަން ކުރަން ބޭނުންކުރި ތަކެތިވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ މިމަހުގެ 12 ވަަނަ ދުވަހު ކަމަށެވެ.

ކުށްވެރިޔާގެ ހައްގު ނުގެއްލޭ ގޮތަށް، ހައްގު ޖަޒާދެވި އިންސާފު ގާއިމްކުރެވެންވާނެ: އިމްރާން

ކުށް ކުރާ މީހާގެ އިންސާނީ ހައްގު ނުގެއްލޭނެހެން އެ ކުރާ ކުށަކަށް އިންސާގު ގާއިމްކުރުމަކީ ގަބޫލުކުރ ފަލްސަފާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެ މިއަދު ޓުވީޓެއް ކުރައްވާފައި މިވަނީ، ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ހުއްދަ ދިނުމާ ގުޅިގެން އެތައް ބަޔަކު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

އަދި އެ ކަންބޮޑުވުންތަކާއެކު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ވެސް މިނިސްޓަރު އިމްރާން އިއްޔެ ވަނީ ހާޒިރުކޮށްފައެވެ.

“ކުށްކުރާ މީހާގެ އިންސާނީ ހައްގާ ކަރާމާތް ނުގެއްލޭނެހެން، ކުރާ ކުށަށް ހައްގު ޖަޒާ ދެވި އަދުލު އިންސާފު ގާއިމް ކުރެވުމަކީ އަޅުގަނޑުމެން ގަބޫލުކުރަ ފަލްސަފާއެވެ،” މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް ހޯމް މިނިސްޓަރުގެ އިތުރުން މިއަދުގެ ބޭއްވި ކޮމެޓީ ބައްދަލުވުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި އިމިގްރޭޝަންގެ އިސްވެރިއަކު ވެސް ހާޒިރުކުރިއިރު، އެ ކޮމެޓީގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އަދީބު ރާއްޖެއން ބޭރަށް ފުރާވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.

އަދި ބޭސްފަރުވާ ކުރުމަށް އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނީ އެއް އަހަރު ދުވަހަށް ކަމަށާއި ފަރުވާއަށް މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާނަމަ މިމަހުގެ 26 ގައި އަދީބު އެނބުރި ރާއްޖެ ވަޑާއިގަތުމަށް ޓިކެޓް ނަގާފައިވާ ކަމަށެވެ.

އަދި އަދީބު އިންޑިއާއަށް ވަޑައިގަންނަވާތީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި އެކަމުގައި އެކަށީގެންވާ މިންވަރަކަށް ތައްޔާރުވެވިފައިވާ ކަމަށް ވެސް ކޮމެޓީއަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދީބު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވާއިރު އޭނާގެ ޕޯސްޕޯޓެއް ދުލެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ ފުރުވާލަނީ ޓްރެވަލް ޑޮކިއުމަންޓެއްގައެވެ. އަދި އެކަން އިންޑިއާގެ ސަރުކާރަށް ވެސް އަންގާފައިވާއިރު އެހެން އެއްވެސް ގައުމަކަށް އަދީބަށް ވަޑައިނުގެންނެވޭނެ ކަމަށް ކަރެކްޝަންސުން ބުނެއެވެ.

ރާއްޖޭން ބޭރަށް ވަޑައިގަތުމަށްފަހު އަދީބު ފިއްލަވާފާނެ ކަމުގެ ކަންބޮޑުވުން އޮތުމާއެކު އެކަމަށް ވެސް މިނިސްޓަރު އިމްރާން ވަނީ ކޮމެޓީއަށް ޖަވާބުދާރީވެފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ފިލުމުގެ އެއްވެސް ފުރުސަތެއް އަދީބަކަށް ނުދޭނެއެވެ. އަދި އެފަދަ އިންތިޒާމްތައް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ ތަމްރީނުތައް މިއަދު ނިންމާލައިފި

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ ސިލްސިލާ ފަރިތަކުރުންތައް މިއަދު ނިންމާލައިފި އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ތަމްރީނުތައް ނިންމާލިއިރު، އެ ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައެވެ.

ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވެފައިވާއިރު، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފައި އެވެ.

އެ ތަމްރީނުތައް ފެށުމާއިއެކު ރާއްޖޭގައި ނުރައްކާތެރި ހަމަލާއެއް ހިންގަން އުޅޭކަމަށް މީސް މީޑިއާގައި ވަނީ ފެތުރިފަ އެވެ. ނަމަވެސް އެކަން ދޮގުކޮށް ފުލުހުން ބުނީ، މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫން ކަމަށެވެ.

އަދި ފަރިތަކުރުންތަކުގެ މަގްސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުވައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި އަދި މަލްޓި އޭޖެންސީ ކޯޑިނޭޝަން ރަނގަޅު ކުރުމަށްޓަކާ ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ ތަމްރީންތަކަކީ އެ ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވުނު ސްޓްރެޓިޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ “އޮޕަރޭޝަނަލް ރެޑީނެސް”ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް ފުލުން މީގެ ކުރިން ބުނެފައިވެއެވެ.

އައްޑޫގައި ރޭ އެކްސިޑެންޓުވި އެކަކަށްް އައިސީޔޫގައި ފަރުވާދެނީ

އައްޑޫ ސިޓީގައި ރޭ ކާރަކާ ސައިކަލެއް އެކްސިޑެންޓުވި، އަނިޔާވި މީހާއަށް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން އުމުރުން 25 އަހަރުގެ މީހާއަށް ކަމަށެވެ. އަދި ކާރު ދުއްވަން އިން އުމުރުން 29 އަހަރުގެ މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހާއަށް މިހާރު ހިތަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާއިރު އިތުރު ފަރުވާއަށް އޭނާ މާލެ ގެންދިޔުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން އެކްސިޑެންޓުގައި އޭނާގެ ވާތު ފައި ބިނދި، ބޯ ވަނީ ފަޅައިގެން ގޮސްފައިވާއިރު އޭގެ އިތުރުންވެސް އެހެން އަނިޔާތަކެއް ލިބިފައިވާކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 2:42 ހާއިރު ކަމަށާއި ދެ މީހުންގެ އަތުގައިވެސް ލައިސެންސް އޮންނަ ކަމަށެވެ.

އަތުލައިގަތް އީރާނުގެ ބޯޓު އަދިވެސް ބަލައި ފާސްކުރަަނީީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑުރަގް ޓްރެފިކް ކުރަން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު އަތުލައިގަތް އީރާނުގެ ބޯޓު ފުލުހުން ދަނީ އަދިވެސް ބަލައި ފާސްކުރަމުން ކަމަށް މިއަދު ބުނެފި އެވެ.

ރާއްޖޭގެ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގަތީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެ ބޯޓު މާލެ ގެންނަނިކޮށް ވަނީ ވިލިމާލެ ކައިރީގައި އޮންނަ ފަރަކަށް ވެސް އަރައިފަ އެވެ. ނަމަވެސް މިހާރު އެ ބޯޓު ފުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ ބޯޓަކީ އޭޝިއާ ސަރަހައްދުގައި މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ޓްރެފިކް ކުރާ ބޯޓެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް ބޯޓު މާލެ ގެންނަނިކޮށް ވަނީ ވިލިމާލެ ކައިރީގައި އޮންނަ ފަރަކަށް އަރައިފަ އެވެ. ފުލުހުން ބުނީ އެ ބޯޓް މިހާރު ފުންކޮށްފައިވާ ކަމަށެވެ. ނަމަވެސް ބޯޓް ގެންދިޔަ ތަނަކާއި މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

އެ ބޯޓުން ގާތްގަނޑަކަށް 51 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް ވަނީ ފެނިފައެވެ. އަދިވެސް ބޯޓު ބަލައި ފާސްކޮށް ނުނިމޭއިރު، ފުލުހުން ކުރިން ބުނިގޮތުގައި މަސްތުވާތަކެތި ފޮރުވާފައިވަނީ ކޮމްޕާޓްމަންޓްސްގެ އިތުރުން ފައިބަރު ލޭޔަރަށް އަޅައިގެން ނުފެންނަ ގޮތަށް ކަމަށެވެ.

.އެ ބޯޓުގެ ހަތް ފަޅުވެރިން ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ

މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެމްޓީސީސީގެ ޑްރައިވަރުންނަށް މައުލޫމާތު ދެނީީ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އިސްނެންގެވުމުގެ މަތިން ފުލުހުންނާއި ގުޅިގެން އެމްޓީސީސީ ޑްރައިވަރުންނަށް އަމާޒުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ަ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ، މިތަމްރީން ޕްރޮގްރާމްގައި އެކްސިޑެންޓްތައް ކުރިމަތިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ޑްރައިވަރުންނަށް ކުރެވިދާނެ ކަންކަމާއި ރޯޑްކޯޑް އަދި ރައްކާތެރިކަމާއިއެކު މަގު ބޭނުންކުރާނެ ގޮތްތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ޑްރައިވަރުންނަކީ މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައި ބަޔަކަށް ހެދުމާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ރިވެތި ސުލޫކީ މިންގަނޑެއް ގެންގުޅުމާއި ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމްކުރާ ބަޔަކަށް ޑްރައިވަރުން ވުމަށް މިތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ޓްރެފިކް މައްސަލަތައް މަދުކުރުމާއިއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކޮށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އޭގެ އިތުރުން ޑްރައިވަރުންނާއި ޓްރެފިކް ފުލުހުންނާއި ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިކުރުމަށްވެސް މިތަމްރީން ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި 60 ޑްރައިވަރުން ބައިވެރިވެފައިވެއެވެ.

ވަޅުލާފައި ހުރި މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އެކަކުގެ ބަންދު އިތުރުކޮށްފި

ގދ. އަތޮޅުގެ ފަޅުރަށެއްގައި ކަނޑުމަގުން އެތެރެކުރުމަށްފަހު ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީ އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކުގެ ބަންދަށް ކުރިން 10 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދުގެ މުއްދަތު ހަމަވާތީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން އިތުރު ހަތް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނެއް ހަތަރު މީހުންގެ ޝަރީއަތް ނިމެއްދެން ބަންދުކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮސްފައި އެވެ. އެމީހުންގެ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެވެ،

ފަޅުރަށެއްގައި ވަޅުލާފައިވަނިކޮށް 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑް އަދި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ އޮޕަރޭޝަންގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ބުނެފައިވަނީ، އިތުރު މައުލޫމާތު ފަހުން ހިއްސާކުރެވޭނެ ކަމަށެވެ.

މިދިޔަ ހަފްތާ އެކަނިވެސް ޕާކިން ގަވައިދާ ހިލާފުވި 889 ވެހިކަލް، 67 އެކްސިޑެންޓް!

މިދިޔަ ހަފްތާގައި އެކަނިވެސް، ނުގަވައިދުން ޕާކުކޮށްފައިވާ 889 ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އިއްޔެ އާއްމުކޮށްފައި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 27 އިން މިމަހު ތިނަކަށް 889 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފައިވާ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި މާލޭގައި 67 އެކްސިޑެންޓް ހިނގި އެވެ. އަދި އޭގެ ތެރެއިން އަނިޔާވެފައި ވަނީ 16 އެކްސިޑެންޓެއްގައި އެވެ.

އަދި އެ މުއްދަތުގެ ތެރޭގައި 306 އުޅަނދު ބަލާ ފާސްކޮށް، ލައިސެންސް ނެތް 83 މީހުން ވަނި ހިފަހައްޓާފައި ކަމަށާއި ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 40 މީހަކު ހިފަހައްޓާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން ފާސް ހިސާބު ތަކުން ދައްކާގޮތުގައި، ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން 41 މައްސަލައަކާއި 18 އަހަރު ނުފުރޭ ކުދިން އެއްގައު އުޅަނދު ދުއްވި ދެ މައްސަލައެއް ފާހަގަކޮށްފައިވެއެވެ. އަދި ހަތަރު ފުރޮޅު ލީ ހަތަރު އުނޅަދަކާއި 21 ސައިކަލެއް ޓޯ ކުރެވިފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގާއި ގުޅޭ މައުލޫމާތު ފުލުހުން މިއަދު ހާމަކުރަނީ

މީގެ ދެމަސް ދުވަސް ކުރިން، ޑިންގީ ބަންޑުން ޖަހާލައިގެން މޫދަން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ގެއްލުނު މައްސަލައިގަ ފުލުހުން ހިންގި ތަހުގީގާއި ބެހޭ މައުލޫމާތު ހާމަކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީި 22 ފެބްރުއަރީ، 2019 ދުވަހުގެ ރޭ ދަރުތު ކުރަމުންދިޔަ ޑިންގީއެއް ބަންޑުންޖެހި ހާދިސާގައި ގެއްލިފައިވާ ޝިމާ ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކާއި އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު އޮންނާނެ ކަމަށެވެ.

އެގޮތުން މިއަދު މެންދުރުފަހު 14:30 ގައި އިސްކަންދަރުކޮށީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ކަމަށް ބަޔާނުގައި ވެއެވެ.

ޝިމާ ގެއްލުނީ އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލާއި އެކު ލ.ފޮނަދޫން ފުރައިގެން މާމެންދުއަށް ދަތުރު ކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން އިރުއޮއްސި 07:00 ހާއިރުއެވެ.

ފަޒީލް މައުލޫމާތު ދިން ގޮތުގައި ޑިންގީ ބަންޑުން ޖަހާލުމުން ފަޒީލް ވަނީ ޑިންގީގެ ޓޭންކާއި ފޯން ޝިމާގެ އަތައް ދީފައި، ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައެވެ. އަދި އެ ރިސޯޓަށް ގޮސް ހާދިސާގެ މައުލޫމާތު ހިއްސާ ކުރުމުން ވަގުތުން ޝިމާ ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް ޝިމާ ވެސް އަދި ޑިންގީ އާއި ޑިންގީގައި ހުރި އެއްޗެހީގެ ތެރެއިން އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.