ސަރުކާރުގެ ދުވެލި ރަނގަޅު، ވައުދުވި ކަންކަން ވާނެ: މަހުލޫފު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގުމުގެ ދުވެލި ޖުމްލަކޮށް ދަނީ ރަނގަޅަށް ކަމަށާއި ދެވެލީގައި މައްސަލައެއް ނޫޅޭ ކަމަށް ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަޑު ދުވެލި ދޫކޮށް ގިއަރު މަތިކޮށްލަންޖެހޭ ކަމަށް ރާއްޖެ އެމްވީ އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެން މިނިސްޓަރު މަހުލޫފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހަށް ވެވަޑައިގެންނެވި ވައުދުފުޅުގެ 93 ޕަސެންޓް ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.

ދެން ވެވަޑައިގެންނެވި ވައުދުފުޅުތަކަކީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ކޮށްދެއްވަން ވެވަޑައިގެންނެވި ކަންކަން ކަމަށާއި އެކަންކަން ރާވަމުން ގެންދަވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަދި ވިދަޅުވީ، ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ކަންކަން ވާނެ ކަމަށާއި އެހެންކަމުން ޖުމްލަ ގޮތެއްގައި ދުވެލީގެ މައްސަލައެއް ނޫޅޭ ކަމަށެވެ.

ސަރުކާރު ކުރިއަށްދާ ދުވެލި މަޑު ނޫން ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއިރު، ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކާ އަޅާބަލާއިރު މި ސަރުކާރުން އެއްވެސް ކަމެއް އަދި ކޮށްދީފައިނުވާ ކަމަށާއި މިއީ ތަސައްރަފު ނުފުދޭ ވެރިކަމެއް ކަމަށް ބުނެ އިދިކޮޅުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ގެންދަނީ ވިދާޅުވަމުންނެވެ.

ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު މޯދީއަށް

ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވުމަށް ރައީސް އިބްރާހިމް ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެ އިއްޒަތް މޯދީއަށް އެރުވުން އޮންނާނީ އެމަނިކުފާނު ރާއްޖެއަށް މިއަދު ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި މިއަދު ރައީސް އޮފީހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އަދި މޯދީއަށް އެ އިއްޒަތް އެރުވުމަށް ރައީސް ސޯލިހު ނިންމެވީ، ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާގެ މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މޯދީއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބް އެރުވުމަށް ރައީސް ސޯލިހު ނިންމެވިއިރު، މީގެ ކުރިން ވެސް ބޭރުގެ ބައެއް އިއްޒަތްތެރިންނަށް އެ ލަގަބް ވަނީ އަރުވާފައެވެ. ނަމަވެސް މިއީ 6 އަހަރަށްފަހު އެ ޝަރަފް އިއްޒަތްތެރިއަކަށް އަރުވާ ފުރަތަމަ ފަހަރެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ކުރިން ލިބިވަޑައިގަތް އިއްޒަތްތެރިން:

15، މާޗު 1972: ޑިއުކް އޮފް އެޑިންބަރާ/ އާލް މައުންޓްބެޓަން

16 ަރުނޮވެމްބަރު 1989: ކޮމެންވެލްތުގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް/ ޝްރީދަތު ރާމްޕާލް

2 ޑިސެމްބަރ 2009: ސައުދީ އަރަބިއްޔާގެ ޕްރިންސް/ އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައޫދު

4 ޖޫން 2013: ފަލަސްތީނުގެ ރައީސް/ ޑރ. މަހްމޫދު އައްބާސް

ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މޯދީ މިއަދު ރާއްޖެ ވަޑައިގަންނަވާއިރު، ރަސްމީކޮށް މަރުހަބާ ދެންނެވުން ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު 4:00 ގައެވެ.

އަދި އެއަށްފަހު ރައީސް އޮފީހަށް ވަޑައިގެން އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު އިންޑިއާއިން ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރު ސިސްޓަމްތަކާއި ޅ. މާފިލާފުށީގައި އެމްއެންޑީއެފްއަށް ގާއިމްކުރާ ސިފައިންގެ ޓްރެއިނިން ސިސްޓަމް އިފްތިތާހް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއަށްފަހު މިރޭގެ މަޣްރިބް ނަމާދަށްފަހު ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނެއެވެ.

މޯދީގެ ދަތުރުފުޅު: ރާޑާރު ސިސްޓަމާއި ސިފައިންނަށް ތަމްރީން މަރުކަޒެއް އިފްތިތާހް ކުރައްވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެ މަޝްރޫއުއެއް އިފްތިތާހް ކުރައްވާނެ ކަމަށް އެގައުމުގެ ފޮރިން އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

ދެވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަންނަ ހޮނިހިރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާނެއެވެ.

އެ ދަތުރުފުޅާ ގުޅޭގޮތުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ އެގައުމުގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް ވިދާޅުވީ، ދަތުރުފުޅުގައި އިފްތިތާހްކުރާ ދެ މަޝްރޫއަކީ ކޯސްޓަލް ސަވަޔަލެންސް ރާޑާ ސިސްޓަމާއި އެމްއެންޑީއެފްއަށް ޓްރެއިނިން ސިސްޓަމެއް ގާއިމް ކޮށްދެއްވުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އިފްތިތާހް ކުރާ އެ ދެ މަޝްރޫއުގެ އަގަކީ 26 މިލިއަން އެމެރިކާ ޑޮލަރު (401.7 މިލިއަން ދިވެހި ރުފިޔާ) ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިންޑިއާއިން ބަހައްޓާފައިވާ ކޯސްޓަލް ސަވައިލަންސް ރާޑަރު ސިސްޓަމް (ސީއެސްއާރުއެސް)އަކީ 2005 ވަނަ އަހަރުން ފެށިގެން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ރާޑަރުތަކެކެވެ.

އެގޮތުން ރާއްޖޭގައި އޭގެ 10 ރާޑަރު ބަހައްޓަން ނިންމާފައިވާއިރު، 2015 ވަނަ އަހަރާ ހަމައަށް ބެހެއްޓިފައިވަނީ ތިން ރާޑަރު ސިސްޓަމެކެވެ. އަދި މި ސަރުކާރު އައުމަށްފަހު އެ ރާޑަރުތައް ހަރުކޮށް ނިންމުމުގެ މަސައްކަތް ހަލުވިކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބެލެވޭ ގޮތުގައި، މޯދީގެ ދަތުރުފުޅުގައި އެ ހުރިހާ ރާޑަރެއްގެ އޮޕަރޭޝަން އިފްތިތާހް ކުރާނެއެވެ.

ހޮނިހިރު އަދި އާދީއްތަ ދުވަހު މޯދީ ރާއްޖެއަށް ކުރައްވާ ކުރު ދަތުރުފުޅުގައި ރައީސް ސޯލިހާއެކު ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.

އޭގެ އިތުރުން މޯދީގެ ދަތުރުފުޅުގައި އަންނަ ހޮނިހިރު ދުވަހު ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ނިންމަވައިފައެވެ.

މިދިޔަ ސަރުކާރުން ހީނަރުވެފައިވާ އޮތް އިންޑިއާ އާއި ރާއްޖޭގެ ގުޅުން މި ސަރުކާރާއެކު ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، ރައީސް ސޯލިހު މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖޭން ބޭރަށް އެންމެ ފުރަތަމަ ވަޑައިގަތީ ވެސް އިންޑިއާއަށެވެ.

އަދި ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާއިރު، އޭގެ ތެރެއިން 50 މިލިއަން ޑޮލަރު މިހާތަނަށް ވަނީ ދީފައިވެއެވެ.

އަދި މޯދީގެ ދަތުރުފުޅުގައި އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި 14 މަޝްރޫއެއް ކުރިއަށް ގެންދަން މިހާތަނަށް އެއްބަސްވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އެ މަޝްރޫއުތަކުގެ ތަފުސީލެއް އަދި ދެ ގައުމުން ވެސް ހާމަ ނުކުރިނަމަވެސް، އިންޑިއާއިން ވެދޭން ނިންމާފައިވާ ބައެއް އެހީތަކުގެ ތަފްސީލް ފޮރިން މިނިސްޓްރީން ދަނީ އާންމު ކުރަމުންނެވެ.

ޖޭއެސްސީގެ މެންބަރަކަށް ހިސާން އައްޔަން ކުރައްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އައްޔަން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރާ މެންބަރުގެ ގޮތުގައި ހިސާން އައްޔަން ކުރަން މަޖިލީހުން ރުހުންދިނީ މިދިޔަ ބުދަ ދުވަހުއެވެ. ހިސާން އެ މަގާމަށް އައްޔަންކުރުމަށް އެދުވަހުގެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރެއިން 81 މެންބަރުން ވޯޓު ދެއްވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފްލާގައި ހިސާން ވަނީ ޖޭއެސްސީ މެންބަރު ކަމުގެ ހުވާ ކުރައްވައިފައެވެ. ހިސާންއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޭއެސްސީ މެންބަރު ކަމުގެ ލިޔުން ހިސާންއަށް އަރުވައިފައެވެ.

އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ހިސާން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގައެވެ. އެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވުމަށްފަހު މަކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.

ޖޭއެސްސީގެ މެންބަރަކަށް ހިސާން އައްޔަންކުރަން ރުހުންދީފި

މީގެ އިތުރުން ހިސާން ވަނީ، މިދިޔަ ސަރުކާރުގައި ޖަލު ހުކުމްތަކާއި ބަންދުތަކާ ކުރިމަތިލާންޖެހިވަޑައިގެންނެވި ބައެއް ސިޔާސީ ލީޑަރުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވައެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކު އިންނަވަ އެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދަކީ މިހާރު ވެސް ޖޭއެސްސީގެ މެންބަރެކެވެ.

ޖޭއެސްސީގައި ދެން ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މީހެކެވެ.

ނަޝީދުގެ ލީޑަޝިޕާއެކު މަޖިލީހުން ކުރިއެރުން ހޯދާނެ: ރައީސް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ލީޑަޝިޕާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުރިއެރުން ހޯދާނެ މަޖިލީހަކަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު ހޮވުމަށް ބޭއްވި ވޯޓުން ބޮޑު އަޣުލަބިއްޔަތަކުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިންތިހާބުވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވީ، ކިތަންމެ ގޮންޖެހުމެއް ކުރިމަތިވެވަޑައިގެން ނަމަވެސް އެމަނިކުފާނާއި ނަޝީދުގެ ހަގީގީ މަގްސަދު ހަނދާނެއް ނުނެތޭނެ ކަމަށެވެ.

“ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ހަގީގީ މަގުސަދުގެ މަތިން ހަނދާނެއް ނުނެތޭ. އެއީ ޑިމޮކްރެޓިކް އަދި ފާގަތި ދިވެހިރާއްޖެއެއް ހޯދުން،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސްކަމުގައި ނަޝީދު ހުންނަވައިގެން 19 ވަނަ މަޖިލިސް ވެގެންދާނީ ފަހުގެ ތާރީހުގައި ވެސް ރާއްޖެ ދެކޭނެ އެންމެ ކާމިޔާބު އަދި ކުރިއެރުން ހޯދާނެ މަޖިލީހަށް ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އިންތިހާބު ވުމުން އެމަނިކުފާނު ވެގެން ގޮސްފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ ރާއްޖޭގެ ރައީސްކަން ކުރެއްވި ފުރަތަމަ ބޭފުޅަށެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އިތުރުން މަޖިލިސް ނައިބް ރައީސް ކަމަށް އިންތިހާބުވި އީވާ އަބްދުﷲ އަށް ވެސް ރައީސް ސޯލިހު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

އެކަމަނާއަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ސިޔާސީ ލީޑާޝިޕްގައި އަންހެނުންގެ ދައުރު އިތުރުވަމުންދިއުމަކީ އުފާ ކުރައްވާ ކަމަށާއި ނަމަވެސް އެ ދާއިރާއިން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އަދި ކުރިއަށް މަސްތަކުގައި އީވާއާއެކު މަސައްކަތްކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް ކަމަށް އީވާ އިންތިހާބުކުރިއިރު، އެ މަގާމަށް ހުށަހެޅުއްވި ހަމައެކަނި ނަމަކީ ވެސް އެއީއެވެ. އެގޮތުން މެންބަރުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުން އީވާ، މަޖިލީހުގެ ނައިބް ރައީސް ކަމަށް އިންތިހާބުވީ 85 މެންބަރުންގެ ތެރެއިން 76 މެންބަރުންގެ ވޯޓާއެކުއެވެ.

މަޖިލިސް ނައިބް ރައީސް އަކަށް އީވާ އައްޔަން ކުރެއްވުމުން، އެކަމަނާ ވެގެން ގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ދެވަނަ އަންހެން ބޭފުޅާއެވެ. މީގެ ކުރިން 2008 ވަނަ އަހަރު މަޖިލީހުގެ ރިޔާސަތުން އަނީސާ އަޙްމަދު ފެނިވަޑައިގެންފައިވެއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ނަޝީދު އައްޔަން ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އޮޓަމެޓިކުން ޖޭއެސްސީގެ މެންބަރުކަން ލިބޭނެއެވެ.

އެ މަގާމު ރައީސް ނަޝީދަށް ލިބިވަޑައިގަތީ، މަޖިލީހުގެ ރައީސަކު ހޮވުމަށް ރޭ ބޭއްވި އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނެގި ސިއްރު ވޯޓުގައި 68 މެންބަރުންގެ ތާއީދާއެކުއެވެ.

އެގޮތުން ޖޭއެސްސީގެ މެންބަރު ކަމަށް ނަޝީދު އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނު ވަނީ ރައީސްގެ ކުރިމަތިފުޅުގައި މެންބަރުކަމުގެ ހުވާ ކުރައްވައިފައެވެ.

ރައީސް ނަޝީދަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ. އަދި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސް ވަނީ ނަޝީދަށް ހަވާލުކުރައްވައިފައެވެ.

ނަޝީދާއި އީވާއަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް އަށާއި ނައިބް ރައީސަކަށް އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲގެ ނަން ހުށަހަޅަން ފާސްކުރުމާ ގުޅިގެން އެ ދެބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ކަމަށާއި ނައިބް ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާނެ ބޭފުޅަކު ފާސްކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްކަން އަދި އީވާ އަށް މަޖިލީހުގެ ނައިބް ރައީސްކަން ދޭން ފާސްކުރީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް ބޭފުޅާގެ ހައިސިއްޔަތުން ރައީސް ނަޝީދަށާއި މެންބަރު އީވާ އަބްދުﷲ އަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަދި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕަށް ވެސް ރައީސް ސޯލިހުގެ ޓުވީޓުގައި މަރުހަބާ ދަންނަވާ ރައީސްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ފަރާތުން އާ މަޖިލީހާއެކު މަސައްކަތް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުން އޮންނާނީ މާދަމާ ރޭ އާ މަޖިލިސް ހުވާ ކުރަން ބާއްވާ ޖަލްސާގައެވެ. މެންބަރުން ހުވާކުރުމަށްފަހު މާދަމާ ރޭ ނަވާރަ ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނެއެވެ.

އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، އެންމެ ގިނަ ދުވަހު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވި އަދި އެންމެ ދޮށީ މެންބަރުގެ ހައިސިއްޔަތުން އިތުރު ދައުރަކަށް މީދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެން މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ.

ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްކަން ދޭން އެމްޑީޕީން މިރޭ ފާސްކުރިއިރު، މިހާރު އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެސް އެމްޑީޕީ އަށެވެ. އެޕާޓީގެ ޓިކެޓްގައި މަޖިލީހަށް 65 މެމްބަރުން ވަނީ އިންތިހާބުވެފައެވެ.

ރައީސް ސޯލިހާއެކު އޮތް ގުޅުމަށް ބަދަލެއް ނާދޭ، ބުރުލެއް ވެސް ނާރާނެ: ނަޝީދު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއެކު، ކުރިން ވެސް އޮތް ފަދަ ވަރުގަދަ ގުޅުމެއް މިހާރު ވެސް އެބައޮތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް 19 ވަނަ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ފަރާތްތައް ހޮވުމާ ގުޅޭ ގޮތުން ރައީސް ސޯލިހުއާ ހިޔާލު ތަފާތުވުން އުފެދި ސަޕޯޓަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގާފައި ވަނިކޮށެވެ.

“ކުޑަކޮށް ވެސް އަޅުގަނޑުމެންގެ އެކުވެރިކަމަށް ރަހުމަތްތެރިކަމަށް ކުޑަކޮށްވެސް ބުރުލެއް ނާރާނެ އަދި ކުރިއަށް އޮތް ތަނުގައި ވެސް އިރާދަކުރެއްވިއްޔާ ނާރާނެ. އަޅުގަނޑުމެން ދެ މީހުންނަނީ ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތް ކޮށްފައިވާ ދެ މީހުން،” އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމަށް ނަޝީދުގެ ނަންފުޅު ފާސް ކުރެއްވުމުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ތަފާތު ހިޔާލުތަކަށް ޖާގަ ދޭ ޕާޓީއެއް ކަމަށާއި ހިޔާލު ތަފާވުންތަކުގެ ތެރެއިން ވެސް ކުރިއަށް ވަޑައިގަތުމުގެ ހިތްވަރު ހުރި ޕާޓީއެއް ކަމަށެވެ.

ރައީސް ސޯލިހާއެކު ކޮންމެ ދުވަހަކު ވެސް މަޝްވަރާ ކުރައްވާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެ ގުޅުން އަބަދުވެސް އެގޮތުގައި އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސަކަށް ނަޝީދު އެންމެ ފުރަތަމަ ތާއިދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށެވެ. އަދި ރައީސް ސޯލިހު ވަނީ ދާދި ފަހުން އެމަނިކުފާނު ތާއިދު ކުރައްވަނީ ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ނަޝީދުއަށް ސަޕޯޓްކުރާ ފަރާތްތަކާއި ރައީސް ސޯލިހުއަށް ތާއިދު ކުރާ ފަރާތްތަކުގެ ދެމެދުގައި ވަނީ ހޫނު ‘ޒުވާބު’ ތަކެއް ހިގައިފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަސްލަމާއި އަފީފް ވެސް ނިންމެވީ ޕާޓީ އާއި ގައުމު އިސްކޮށް މަޖިލީހުގެ ރައީސް ކަމަށް ވާދަކުރުމުގެ ބަދަލުގައި އެ މަގާމު ރައީސް ނަޝީދު ގެނައުމަށެވެ.

ތަފާތު ދާއިރާތަކުން ރާއްޖެއާއެކު އޮތް ގުޅުން ބަދަހިކުރުމަކީ އުއްމީދެއް: މޯދީ

ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމަކީ އުއްމީދެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް ކާމިޔާބު ކުރައްވާ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވި މޯދީ އެހެން ވިދާޅުވީ، އެމަނިކުފާނުގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ކޯލިޝަނަށް އިންތިހާބުގައި ލިބުނު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

މޯދީ ހޯއްދެވި ކާމިޔާބީއަކީ ބީޖޭޕީ އާއި ސަރުކާރަށް އޮތް ތާއީދު ހާމަވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހުގެ އެ ޓުވީޓް ރީޓުވީޓް ކުރައްވާ ޖަވާބު ދެއްވަމުން މޯދީ ވިދާޅުވެފައިވަނީ، ވިދާޅުވި މަރުހަބާއަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ރާއްޖެއާ އޮންނަ ގުޅުން އިންޑިއާއިން ވަޒަންކުރަނީ ވަރަށް ވެސް މަދީ ދަރަޖައެއްގައިކަން ފާހަގަކުރައްވާ ވިދާޅުވީ، އިތުރު ދާއިރާތަކުގައި އެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަަށް ރައީސް ސޯލިހާއެކު މަސައްކަތްކުރުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށެވެ.

އާންމު އިންތިހާބުގައި މޯދީގެ ޕާޓީ އާއި ކޯލިޝަނުން ހޯއްދެއްވި ކާމިޔާބީއަށް ރައީސް ސޯލިހުގެ އިތުރުން ދުނިޔޭގެ އެކި ލީޑަރުން މޯދީއަށް ގެންދަވަނީ މަރުހަބާއާއި ތަހުނިޔާ އަރިސްކުރަމުންނެވެ.

މަސް ދުވަހަށް ދިގު ދެމިގެންދިޔަ ވޯޓުލުން ނިންމައި މިއަދު ވޯޓު ގުނަން ފަށާފައިވާއިރު، މިހާތަނަށް ގުނުނު ވޯޓުގެ ނަތީޖާ ދައްކާގޮތުން 542 ގޮނޑީގެ ތެރެއިން މޯދީގެ ބީޖޭޕީއަށް އެކަނިވެސް 300 ގޮނޑި ވަނީ ކަށަވަރުވެފައެވެ.

އަދި ބީޖޭޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު އެ އަދަދު 350 އަށް އަރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިދިކޮޅު ނޭޝަނަލް ކޮންގުރެސް ޕާޓީ (ޔޫޕީއޭ)ގެ ކޯލިޝަނަށް ލިބޭނެ ކަމަށް ބެލެވެނީ 60 އަށްވުރެ މަދު ގޮނޑިއެކެވެ.

އިންޑިއާގައި ސަރުކާރު އެކުލަވާލުމުގެ ބާރު ލިބޭނީ 272 ގޮނޑި ލިބޭ ޕާޓީއެއް ނުވަތަ ކޯލިޝަނަކަށެވެ. އެހެންކަމުން މިހާރު ބީޖޭޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބިފައިވާއިރު، މިއީ 1984 ވަަނަ އަހަރުގެ ފަހުން ޖެހިޖެހިގެން އެއް ޕާޓީއަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ.

މޯދީ ހޯއްދެވި ކާމިޔާބަށް ރައީސް މަރުހަބާ ދަންނަވައިފި

އިންޑިއާގެ އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދެއްވި ކާމިޔާބީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

މަސް ދުވަހަށް ދިގު ދެމިގެންދިޔަ ވޯޓުލުން ނިންމައި މިއަދު ވޯޓު ގުނަން ފަށާފައިވާއިރު، މިހާތަނަށް 74.8 ޕަސެންޓް ވޯޓު ވަނީ ގުނާފައެވެ.

ގުނި ވޯޓުގެ ނަތީޖާއިން އެކަނިވެސް މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ކޯލިޝަނަށް ވަނީ 542 ގޮނޑީގެ ތެރެއިން 316 ގޮނޑި ކަށަވަރުކޮށްފައެވެ. އިދިކޮޅު ނޭޝަނަލް ކޮންގުރެސް ޕާޓީ (ޔޫޕީއޭ)ގެ ކޯލިޝަނަށް މިހާތަނަށް ލިބިފައިވަނީ 77 ގޮނޑިއެވެ.

މޯދީ ހޯއްދެވި އެ ކާމިޔާބީއަކީ ބީޖޭޕީ އާއި ސަރުކާރަށް އޮތް ތާއީދު ހާމަވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިންޑިއާގައި ސަރުކާރު އެކުލަވާލުމުގެ ބާރު ލިބޭނީ 272 ގޮނޑި ލިބޭ ޕާޓީއެއް ނުވަތަ ކޯލިޝަނަކަށެވެ. އެހެންކަމުން މިހާރު ބީޖޭޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބިފައިވާއިރު، މިއީ 1984 ވަަނަ އަހަރުގެ ފަހުން ޖެހިޖެހިގެން އެއް ޕާޓީއަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް އިންތިހާބުގައި ވޯޓުލާން 900 މިލިއަން މީހުން ރަޖިސްޓްރީކުރިއިރު، އިންތިހާބުގައި 2،000 އަށް ވުރެ ގިނަ ޕާޓީން 8،000 އަށް ވުރެ ކެންޑިޑޭޓުން ވާދަކުރިއެވެ.