ހަފްތާ ބަދިގެ – ފްރުޓް ފަޖް

ބޭނުންވާ ތަކެތި:

1 ދަޅު ގެރިކިރު

1 ދަޅު ފުރުޓް ކޮކްޓެއިލް

1 ދަޅު ނެސްލޭ ކްރީމް

1 ޕެކެޓް މާރީ ބިސްކޯދު

½ ޖޯޑު ދިޔާ ކިރު

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރެއްގައި ނެސްލޭ ކްރީމް އަދި ގެރިކިރު ރަނގަޅަށް އެއްކޮށްލާށެވެ.

ބިސްކޯދުތައް ދިޔާކިރުގައި ފޯކުރުމަށްފަހު ޓްްރޭއެއްގައި އަތުރާލާށެވެ. މީގެ މައްޗަށް ކުރިން ތައްޔާރުކުރި ކްރީމް މިކުސް އެޅުމަށްފަހު މީގެ މައްޗަށް ފުރުޓްކޮޅެއް ބުރުވާލާށެވެ. މިގޮތަށް ބިސްކޯދު ލޭޔާރއެއް، ކްރީމް ލޭޔާރއެއް އަދި ފުރުޓް ލޭޔާރ އަޅަމުން ގެންދާށެވެ. އެންމެ މަތީގައި ހުންނަންވާނީ ފްރުޓްކޮޅެވެ.

ފިނިކޮށްލަން ފްރިޖްގައި 2 ގަޑިއިރު ބަހައްޓާލަން ވާނެއެވެ. މިއީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ މީރު ފޮނިކާއެއްޗެކެވެ.

ހަފްތާ ބަދިގެ – ޗީޒީ ޗިކަން ޝަވަރުމާ

ކުކުޅު ކޮޅު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

½ ކިލޯ ބޯންލެސް ޗިކަން (ކޮށާފައި)

½ 1 ސައިސަމުސާ ތެޅި މިރުސް

¼ ސައިސަމުސާ ރީނދޫ

2 ސައިސަމުސާ ލޮނުމެދު-އިނގުރު ޕޭސްޓް

2 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް

2 ސައިސަމުސާ ލުނބޯ ހުތް

1 ސައިސަމުސާ ވިނެގާރ

ރަހަލާ ވަރަށް ލޮނު

ކުކުޅުކޮޅު ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރަކަށް ކުކުޅުކޮޅު، ތެޅި މިރުސް، ރީނދޫ، ލޮނުމެދު-އިނގުރު ޕޭސްޓް، ޔޯގަޓް، ލުނބޯހުތް، ވިނެގާރ އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި މެރިނޭޓް ކުރުމަށް 2 ގަޑިއިރު ވަންދެން ފްރިޖްގައި ބެހެއްޓުމަށްފަހު ކުޑަ ތެޔޮކޮޅެއްގައި މި ކުކުޅުކޮޅު ތެއްލާލާށެވެ.

އިތުރަށް ބޭނުންވާ ތަކެތި:

2 ޖޯޑު ކެބެޖް (ގާނާފައި)

1 ކެރެޓް (ގާނާފައި)

2 ޓޮމާޓޯ (ތުނިކޮށް ފޮތިކޮށްފައި)

½ 1 މޭޒުމަތީ ސަމުސާ ލުނބޯހުތް

ރަހަލާވަރަށް ލޮނު

4 މޭޒުމަތީ ސަމުސާ މަޔޮނައިސް

3 މޭޒުމަތީ ސަމުސާ ޔޯގަޓް

3 ލޮނުމެދު (ޗަސްކޮށްފައި)

1 ޕެކެޓް ކަވާން ފަރާޓާ

1 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރެއްގައި ކެބެޖް، ކެރެޓް، 1 މޭޒުމަތީ ސަމުސާ ލުނބޯހުތް އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ތެލުލި ކުކުޅުކޮޅުވެސް މީގެ ތެރެއަށް އަޅައި އެއްކުރުމަށްފަހު އަވަންގައި 3 މިނެޓް ވަންދެން ހޫނުކޮށްލާށެވެ. ދެން މީގެ ތެރެއަށް ޓޮމާޓޯކޮޅު އަޅައި އެއްކުރުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

އިތުރު ކޮންޓެއިނަރެއްގައި މަޔޮނައިސް، ޔޯގަޓް، ލޮނު، އަދި ލުނބޯހުތުގެ 3 ތިކި ޖެހުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ކަވާން ފަރާޓާތައް ތަވާގައި ފިހުމަށްފަހު މީގެ މައްޗަށް ދެންމެ ތައްޔާރުކުރި މަޔޮނައިސް މިކްސްގެ އެތިކޮޅެއް އެޅުމަށްފަހު މީގެ މައްޗަށް ކުރިން ތައްޔާރުކުރި ކުކުޅު އަދި ތަރުކާރީކޮޅެއް އަޅާލާށެވެ. އަދި މީގެ މައްޗަށް ގާނާފައި ހުރި ޗީޒްކޮޅު އަޅައި މި ފަރާޓާ ބާރަށް އޮޅާލުމަށްފަހު އަވަންގައި 5 މިނެޓް ވަންދެން ހޫނުކޮށްލާށެވެ.

ހަފްތާ ބަދިގެ – ޗީޒީ ޓޫނާ ޓޯސްޓް

ބޭނުންވާ ތަކެތި:

1 ޕާން (ބޮޑު)

2 ފިޔާ (ކޮށާފައި)

ހިކަނދިފަތްކޮޅެއް

2 ދަޅު މަސް (ތެޔޮ)

1 މިރުސް (ކުދިކޮށް ކޮށާފައި)

1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)

ކުޑަ ރާނބާފަތް ކޮޅެއް

ރަހަލާވަރަށް ލޮނު

ކުޑަ އަސޭމިރުސްކޮޅެއް

ސްލައިސް ޗީޒް

މަޔޮނައިސް

ތައްޔާރުކުރާނެ ގޮތްް:

ތަވައަކަށް ފިޔާ، މިރުސް، ހިކަނދިފަތް، ރާނބާފަތް އަދި ކެޕްސިކަމް އެޅުމަށްފަހު މަސްދަޅުގެ ތެޔޮ އަޅައި ފިޔާގަނޑު ރަތްކޮށްލާށެވެ. ފިޔާކޮޅު ރަތްވެ މަޑުވުމުން މީގެ ތެރެއަށް މަސްދަޅުގެ މަސް އަޅައި މަސްތައް ދޭފަތެއް ބޭނުންކޮށްގެން ކުދިކޮށްލާށެވެ.

މެދު ގިނީގައި މަސްތައް ވެސް ފިޔާތަކާއި އެއްކޮށް ހަލަމުން މީގެ ތެރެއަށް ކުޑަ ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އެޅުމަށްފަހު މަސްގަނޑަށް ހަނާވަންދެން ކައްކާލާށެވެ.

މަސްގަނޑު ރަނގަޅަށް ހަނާވުމުން ކޮންޓެއިނަރަކަށް މިމަސްގަނޑު އެޅުމަށްފަހު މީގެ ތެރޭގައި ހުރި ހިކަނދިފަތް އަދި ރާނބާފަތްކޮޅު އަތުން ހޮވާލާށެވެ. އެއަށްފަހު މީގެ ތެރެއަށް މަޔޮނައިސްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ޕާން ފޮއްޗެއް ނަގައި މީގެ މަތީގައި މަސްގަނޑު ފަތުރާލުމަށްފަހު ސްލައިސް ޗީޒް ފޮއްޗެއް ބާއްވައި އިތުރު ޕާން ފޮއްޗެއް މީގެ މަތީގައި ބާއްވާލަށެވެ. އެއަށްފަހު ޓޯސްޓަރެއް ބޭނުންކޮށްގެން ޓޯސްޓްކޮށްލާށެވެ. ބޭނުންނަމަ ސޭންްޑްވިޗެއް ގޮތުގައި ޓޯސްޓުނުކޮށް ވެސް ކާލަން ވަރަށް މީރުވާނެއެެވެ.

ހަފްތާ ބަދިގެ – ޗޮކޯ ކަސްޓަޑް ޕުޑިންގް

ބޭނުންވާ ތަކެތި:

1 ޕެކެޓް މާރީ ބިސްކޯދު

100 އެމްއެލްގެ ހޫނު ފެން

2 މޭޒުމަތީ ސަމުސާ ކޮފީ ޕައުޑަރު (ނެސްކެފޭ)

500 އެމްއެލް ދިޔާ ކިރު

3 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރު

3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

½ ޖޯޑު ހަކުރު (ބޭނުންނަމަ އިތުރުކުރެވިދާނެ)

1 ޖޯޑު ވިޕްޑް ކްރީމް

2-3 މެޒުމަތީ ސަމުސާ އައިސިންގް ޝުގަރ

2 މޭޒުމަތީ ސަމުސާ ނިއުޓެއްލާ (ދިޔާކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

ޓްރޭއެއްގެ ފުލުގައި މާރީ ބިސްކޯދުތައް އަތުރާލާށެވެ.

ކޮންޓެއިނަރެއްގައި ކޮފީކޮޅު އަދި ހޫނުފެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކޮފީކޮޅުން ސަމުސަލެއްގެ މިންވަރު ބެހެއްޓުމަށްފަހު ބާކީބައި ކުރިން ޓްރޭގައި އެތުރި ބިސްކޯދުތަކުގެ މައްޗަށް އަޅާލާށެވެ.

ތަވައެއްގައި ކިރު، ކަސްޓަޑް ޕައުޑަރު، ކޮކޯ ޕައުޑަރު އަދި ހަކުރު ރަނގަޅަށް އެއްކޮށްލުމަށްފަހު މަޑު ގިނީގައި މިމިކުސް އޮލަވަންދެން ކައްކާލާށެވެ. އެއަށްފަހު ހިހޫވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ. ހިހޫވުމުން ކުރިން ޓްރޭގައި އަތުރާލި ބިސްކޯދުތަކުގެ މައްޗަށް މިމިކުސް ފަތުރާލާށެވެ.

އިތުރު ކޮންޓެއިނަރެއްގައި ވިޕިންގް ކްރީމް، އައިސިންގް ޝުގަރ އަދި ކުރިން ނަގާފައި ބެހެއްޓި ސަމްސަލެއްގެ ކޮފީ އަޅައި ރަނގަޅަށް ވިޕްކޮށްލާށެވެ. އެއަށްފަހު ޓްރޭގައި ހުރި ކަސްޓަޑްކޮޅުގެ މަތީގައި މިމިކުސް ފަތުރާލާށެވެ. މީގެ މައްޗަށް ދިޔާކޮށްފައި ހުރި ނިއުޓެއްލާކޮޅު އަޅައި ސަމުސަލެއް ބޭނުންކޮށްގެން ކްރީމްގެ މަތީގައި މަޑުމަޑުން ފަތުރާލާށެވެ.

ކެއުމުގެ ކުރިން ސެޓްކޮށްލުމަށް ފްރިޖްގައި 2 ގަޑިއިރު ބަހައްޓާލަން ވާނެއެވެ.

ހަފްތާ ބަދިގެ – ޕާން ޕައި

ބޭނުންވާނެ ތަކެތި

6 ފޮތި ޕާން

2 ދަޅު މަސް

2 ޓޮމާޓޯ  (ފޮތިކޮށް ކޮށާފައި)

4 ބިސް

1 ފިޔާ (ކުދިކޮށް ކޮށާފައި)

1 މިރުސް (ކުދިކޮށް ކޮށާފައި)

ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

ރަހަލާވަރަށް ލޮނު

ރަހަލާވަރަށް އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕާން ފޮތިތައް ރޮށިތަމާ އެތިން ދަމާލުމަށްފަހު ތަވައެއްގައި ފަތުރާލާށެވެ. ދެން ކޮންޓެއިނަރެއްގައި ފިޔާ، މިރުސް، ހިކަނދިފަތް، ލޮނު، އަސޭމިރުސް އަދި މަސްކޮޅު އެއްކޮށް މޮޑުމަށްފަހު ފާންފޮތިމަތީގައި ފަތުރާލާށެވެ.

ދެން ޕާންފޮތިތަކުގެ މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލުމަށްފަހު އޭގެ މައްޗަށް ބިސްތައް ގިރާލާފައި އަޅާލާށެވެ. އަނެއްކާވެސް މަސް ފަށަލައެއް، ޓޮމާޓޯ ފަށަލައެއް ހަދާލުމަށްފަހު ބާކީހުރި ޕާންފޮތިތައް ވެސް ރޮށިދަމާއެތިން ދަމާލުމަށްފަހު މި މަސްގަނޑުމަތީގައި އަތުރާލާށެވެ.

އެއަށްފަހު ތަވާފައި މި ތައްޔާރުކުރި ޕައިގެ ދެފުށް ފިހެލާށެވެ.

ހަފްތާ ބަދިގެ – ކްރީމީ ބިސްކަޓް ޕުޑިން

ބޭނުންވާނެ ތަކެތި

1 ޕެކެޓް މާރީ ބިސްކޯދު

1 ލީޓަރުގެ ފުލް ކްރީމް (ޗޮކްލެޓް މިލްކު ވެސް ބޭނުންކުރެވިދާނެ)

2 ސައިސަމްސާ ބަޓަރު

2 ސައިސަމްސާ ކޯންފުލަރ

1 ދަޅު ގެރިކިރު

1 ބިސް

ކެޝޫނަޓްކޮޅެއް

ތައްޔާރުކުރާނެ ގޮތް

ބިހާއި ބަޓަރާއި ކޯން ފްލާރ އަދި ގެރިކިރު އެއްކޮށް މިކްސަރުގައި ގިރާލާށެވެ. އަދި ތެއްޔަކަށް ފުލް ކުރީމް އަޅައި ހޫނުވާން ފެށުމުން ކުރިން ގިރި މިކްސްޗަރ ތެއްޔަށް އަޅައި އެއްކޮށްލާށެވެ. އަދި އޮލަވަންދެން މަޑު ގިނީގައި ކައްކާލާށެވެ.

އެއަށްފަހު ޓްރޭއެއްގެ ފޫ ފޮރުވޭ ވަރަށް މި ކްރީމް އެޅުމަށްފަހު ބިސްކޯދުތައް އޭގެ މަތީގައި އަތުރާލާށެވެ. މިގޮތަށް ބިސްކޯދުތައް އަތުރާއިރު ކިރަށްލާ ފޯކުރާކަށް ނުޖެހޭނެއެވެ.

މިގޮތަށް ކްރީމް ލޭއާރ އަކަށްފަހު ބިސްކޯދު ލޭޔާ ހަދާ ރިޕީޓް ކޮށްލާށެވެ. މަތީގައި ހުންނަންވާނީ ކްރީމް ލޭޔާރ އެކެވެ. އަދި ޗޮކްލެޓް ކްރީމްގެ މަތި ފޮރުވޭ ވަރަށް ކެޝޫ ނަޓްސްކޮޅު ކޮށާފައި ބުރުވާލާށެވެ. އެއަށްފަހު ހިހޫވުމުން ފިރަޖަށްލާށެވެ.

“ރޯދަ މަހަށްފަހު ވެސް ހެޔޮކަމުގައި ދެމިހުރި މީހަކީ އޭނާގެ ރޯދަ ﷲ ގަބޫލު ކުރެއްވި ކަމުގެ އަލާމާތެއް”

ރަމަޟާން މަސް ނިމުމަށްފަހުގައި ވެސް ހެޔޮކަންތައް ކުރުންމަތީ ދެމި ހުރެއްޖެނަމަ އެއީ އޭނާގެ ރޯދަ ﷲ ގަބޫލު ކުރެއްވި ކަމުގެ އަލާމާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ރަމަޟާންމަހަށް ފަހު ހެޔޮއަމަލުކުރުންމަތީ ދެމިތިބުން” މި މައުޟޫއަށް މިއަދު ރާއްޖޭގައި ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ބަރަކާތުން ފުރިގެންވާ ރަހްމަތާއި ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުމުގެ މައްސަރު ހެޔޮގޮތުގައި ހޭދަކުރި މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުރި ކަމަށެވެ. އަދި ހެޔޮގޮތުގައި ހޭދަ ނުކުރެވުނު މީހަކަށް ބޮޑު ހިތާމައެއް ހުރި ކަމަށެވެ.

ރަސޫލާﷲ صلى الله عليه وسلم ހަދީޡް ކުރެއްވި ކަމަށް އަބޫ ހުރައިރާ ރަޟިﷲ އަންހު ރިވާކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ރަމަޟާން މަސް އެމީހަކާ ބައްދަލުވެ، އެމަސް ނިމުނުއިރު އެމީހެއްގެ ފާފަ ނުފެއްސެވުނު މީހާ ނިކަމެތިވެ، ގެއްލި ހަލާކުވެއްޖެއެވެ،”

ރަމަޟާން މަސް އަލްވަދާއު ކިޔުމަށް ތައްޔާރުވާއިރު، ރޯދައިގެ ފައިދާ ލިބިގަނެވުނީ ކިހާ މިންވަރަކަށްތޯ އަމިއްލަ ނަފްސުތަކާ ސުވާލުކުރަންޖެހޭ ކަމަށް އިޝާރާތްކުރައްވާ ހުތުބާގައި ވިދާޅުވީ، ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވި ހިކުމަތަކީ އަޅުތަކުން ހާލިގުވަންތަ ﷲއަށް ތަގުވާވެރިވުން ކަމަށެވެ.

އަދި ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެ ކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެ ﷲގެ ކޯފާ އާއި އަޒާބުން ތިމާ ރައްކާތެރިވުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެކަން ފުރިހަމަ ކުރެވުނުތޯ ބަލައިލެވިދާނެ ގޮތެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“އެއީ، ރަމަޟާން މަސް ނިމުމަށްފަހު ވެސް ހެޔޮކަންތައް ކުރުންމަތީ ދެމި ހުރުމެވެ. އެހެންވެއްޖެނަމަ އެއީ އޭނާގެ ރޯދަ ﷲ ގަބޫލުކު ކުރެއްވިކަމުގެ އަލާމާތެކެވެ. އެއާ ހިލާފަށް އެ މައްސަރު ނިމި ދިއުމަށްފަހު އަޅުކަމާއި ދުރަށް ދެވޭނަމަ އެއީ އޭނާގެ ރޯދަ ﷲ ގަބޫލު ނުކުރައްވާ ކަމުގެ އަލާމާތެކެވެ.،” ހުތުބާގައި ވިދާޅުވިއެވެ.

ނަމަވެސް މުސްލިމުންގެ ބައެއް މީހުންނަކީ ރަމަޟާންމަހަށް އަޅުކަންކުރާ ބައެކޭ ހީވާ ކަހަލަ ކަމަށާއި އެހެނީ ހަމަ އެ މައްސަރުގައި ނިމި ދިއުމާއެކު ނަމާދާއި، ރޯދައާއި، ﷲގެ މަގުގައި ހޭދަކުރުމާއި ޒިކުރު ކުރުން ފަދަ އަޅުކަންތައް ކުރުން ހުއްޓާލައި ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ރަމަޟާން މަހު ގިނަ ނަމާދުތަކެއް ޖަމާއަތުގައި މިސްކިތްތަކުގައިކޮށް ދަމުނަމާދު ވެސް ކުރާ އެ މީހުންނަކީ އީދު ނަމާދާއެކު މިސްކިތަށް އަލްވަދާއު ކިޔާ ބައެއް ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

“ރަމަޟާން މަސް މިވަނީ ތިބާއަށް މުޅި އަހަރުގައި ބޭނުން ކުރެވިދާނެ ރޫހާނީ ހަކަތައެއް ތިބާގެ ކިބައިގައި އުފައްދައިދީފައެވެ. މި ހަކަތަ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ރަމަޟާން މަސް ނިމުމާއެކު މި ކަންކަމާ ދުރުހެލި ވެގެން ނުވާނެއެވެ. މުއުމިނުންގެ ސިފައަކީ ހެޔޮ އަމަލު ކުރުން މަތީ ދެމި ތިބުމެވެ،” ހުތުބާގައި ނަސޭހަތްތެރިވެ ވަޑައިގެންފައިވެއެވެ.

ހުތުބާގައި އިތުރަށް ވަނީ، ރަމަޟާން މަހު ﷲގެ ވަޖްހުފުޅު އަދައިގެން ހެޔޮ ގޮތުގައި ރޯދަ ހިފައި، ރޭއަޅުކަން ކޮށް ހެޔޮ އަމަލުތައް ކޮށް އުޅުނުމީހާ އެކަންތައްތަކާ މެދު ބޮޑާވެ ނުގަތުމަށާއި އޭގެ ބަދަލުގައި އެ އަމަލުތައް ގަބޫލު ކުރައްވާތޯ ﷲއަށް ދުއާ ދެންނެވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ދުނިޔޭގައި ލިބިފައިވާ މިވާ ކުޑަ ދުވަސްކޮޅު ހެޔޮ އަމަލު ކުރުމަސް އަވަސްވެގަތުމަށް ގޮވާލާ ހުތުބާގައި ވިދާޅުވީ، ބުއްދިވެރިއަކީ އެމީހާގެ ނަފްސު ކިޔަމަންކޮށް، މަރުވުމަށްފަހު އޮތް ހަޔާތަށް ތައްޔާރުވާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ އެމީހާގެ ހަވާނަފްސު އެދޭހައި ކަމަކަށް އިޖާބަދިނުމަށްފަހު ﷲގެ ހަޟްރަތުން ފޮނި އުއްމީދުތައް ކުރާ މީހާ ކަމަށް ވިދާޅުވިއެވެ.

ހަފްތާ ބަދިގެ – މޮންގޯލިއަން ބީފް

ބޭނުންވާނެ ތަކެތި:

½ ބީފް (ތުނިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމްސާ ކޯންފުލާރ

2 މޭޒު މަތީ ސަމްސާ ތެޔޮ

½ މޭޒު މަތީ ސަމްސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒު މަތީ ސަމްސާ އިނގުރު (ޗަސްކޮށްފައި)

¼ ޖޯޑު ސޯޔާސޯސް

¼ ޖޯޑު ވިނެގާރ

¼ ޖޯޑު ބްރައުން ޝުގަރ

2 ލީކްސް (ކުދިކޮށް ކޮށާފައި)

¼ ޖޯޑު ފިނިފެން (ފެން)

ބޭނުންނަމަ ސެސަމީ ސީޑްސް ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ކޮންޓަނަރަކަށް 1 މޭޒު މަތީ ސަމްސާގެ ކޯން ފްލާރ އަދި ބީފް ކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ފަސް ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު މި ބީޗް ކޮޅު ތެއްލާލާށެވެ.

ތަވައެއްގައި ތެޔޮ ކޮޅެއް އެޅުމަށްފަހު މީގެ ތެރެއަށް ލޮނުމެދު އަދި އިނގުރު އަޅައި އޭގެ ވަސް ހިފަންދެން ކައްކާލާށެވެ. ދެން މީގެ ތެރެއަށް ސޯޔާސޯސް، ވިނެގާރ، ބްރައުން ޝުގަރ އެޅުމަށްފަހު ބޮކި ޖަހަންދެން ކައްކާލާށެވެ. އަދި އިތުރު ކޮންޓައިރަކަށް ބާކީ އިން ކޯންފްލާރ ކޮޅު ފެނާ އެއްކުރުމަށްފަހު ތަވާ ތެރެއަށް އަޅާލާށެވެ.

އެއަށްފަހު ތަވާގެ ތެރެއަށް ކުރިން ތެއްލި ބީފްކޮޅާއިި ލީކްސްކޮޅު އަޅައި ސޯސްގަނޑު ރަނގަޅަށް އޮލަވަންދެން ކައްކާލާށެވެ. މި ބީޗްކޮޅު ގާނިޝް ކޮށްލަން މީގެ މައްޗަށް ބޭނުންނަމަ ސެސަމީ ސީޑްސްކޮޅެއް ބުރުވާލެވިދާނެއެވެ.

ހަފްތާ ބަދިގެ – ކެރެޓް ޕިރިނީ

ބޭނުންވާނެ ތަކެތި

3/1 ޖޯޑު ހަނޑޫފުށް (ރާޅު)

½ ކެރެޓް (ގާނާފައި)

½ 2 ޖޯޑު ފެން

6 އިންޗި ރާންބާފަތް

2 ސައި ސަމްސާ ރޯސްވޯޓާރ (ބޭނުންނަމަ އިތުރުކުރެވިދާނެ)

½ ޖޯޑު ގެރިކިރު

2 މޭޒުމަތީ ސަމްސާ ހިކި މޭބިސް ކަދުރު (ބޭނުންނަމަ)

1-2 ސައި ސަމްސާ މުގުރި ފޮނިތޮށި، ކާފުރުތޮޅު

ތައްޔާރުކުރާނެ ގޮތް

ތެއްޔެއްގައި ފެނާއި ރާންބާފަތް ބޮކި ޖަހައި ކެކެންދެން ކައްކާލާށެވެ. މީގެ ތެރެއަށް ހަނޑޫފުށް އަޅާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ހަނޑޫފުށްކޮޅު މަޑުވަންދެން ކައްކާލާށެވެ.

އެއަށްފަހު ކެރެޓްކޮޅާއި ގެރިކިރު ތެއްޔަށް އަޅައި ކެރެޓް ކޮޅު މަޑުވަންދެން ކައްކާލާށެވެ. ދެން ރޯސްވޯޓާރ އާއި ހިކިމޭބިސް ކަދުރު ބޭނުންކުރާނަމަ، މި ދެ އެތި ވެސް ތެއްޔަށް އަޅާ އެއްކޮށްލާށެވެ. އުނދުން ނިވާލުމަށްފަހު ތެލީގައިވާ ތަކެތި ޓްރޭއަކަށް އަޅައި ފުރޭންޏެއް ބޭނުންކޮށްގެން އޭގެ މައްޗަށް މުގުރި ފޮނިތޮށި، ކާފުރުތޮޅު ބުރުވާލާށެވެ.

ހަފްތާ ބަދިގެ – އޮރެންޖް ކޭކް

ބޭނުންވާނެ ތަކެތިި

300 ގ. ފުށް

250 ގ. ހަކުރު

4 ބިސް

300 ގ. މާޖިރިން

2 ސައި ސަމްސާ ބޭކިން ޕައުޑަރ

2 މޭޒުމަތީ ސަމްސާ ހިކިކިރު

1 ސައި ސަމްސާ ވެނީލާ އެސެންސް

2 އޮރެންޖް (ދިޔަ ފެލާފައި)

1 އޮރެންޖުގެ ތޮށި (ގާނާފައި)

ތައްޔާރުކުރާނެ ގޮތް

ހަކުރު، ބިސް އަދި މާޖިރިން ރަނގަޅަށް ގިރާ އެއްކުރުމަށްފަހު އޮރެންޖުގެ ދިޔަ އަދި އޮރެންޖުގެ ތޮށި އަދި އެސެންސް އެޅުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.

ދެން ފުށްކޮޅު ބޭކިންޕައުޑަރާއެކު ފުރާނާލުމަށްފަހު ކުރިން ގިރި މިކްސްގެ ތެރެއަށް އަޅާލުމަށްފަހު އެއްކޮށްލާށެވެ.

150 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކުރުމަށްފަހު ކޭކް ފިހެލާށެވެ. ފިހެވުނުތޯ ބެލުމަށް ކޭކުގެ މެދަށް ޓޫތްޕިކެއް ހަރާލުމަށްފަހު އޭގައި ނުހޭކޭނަމަ އެހެރީ ފިހެވިފައެވެ.