ނައިބް ރައީސުންނަށް އިނާޔަތް ދިނުމަށް ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލައިފި

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން އިނާޔަތެއް ދިނުމަށް ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި ބިލަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ބިލުގައި ގާނޫނުއަސާސީއާ އާރުޒު ކަންތައްތަކެއް ހުރުމުން އަލުން ވިސްނެވުމަށް އެދިވަޑައިގެން ތަސްދީގު ނުކުރައްވާ އާ މަޖިލީހަށް ފޮނުވާލައްވައިފައެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) 18 ވަނަ މަޖިލިހަށް ހުށަހެޅުއްވި ބިލް ފާސްކުރިއިރު، ނައިބު ރައީސްއަކަށް ދައުލަތުން މަހަކު 35،000 ރުފިޔާ ގެ އިނާޔަތެއް ދޭން ނިންމި އެވެ.

ނަމަވެސް ރައީސް ސޯލިހު، އެ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުވާލީ އެ ބިލަކީ ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ބިލެއް ކަމަށް ވިދާޅުވެއެވެ.

އެގޮތުން އެ ބިލް މަޖިލިހުން މިއަދު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ ތެރެއިން 74 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސްކުރަން ފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު އިންނެވިއެވެ.

ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މިވަގުތު ދުނިޔޭގައި އެބަ ތިއްބެވެ. އެ ބިލް ފާސްވިނަމަ އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މުހައްމަދު ވަހީދުއްދީނާއި އަދި އަބްދުﷲ ޖިހާދަށެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ކުރިން އިއްވި 33 އަހަރުގެ ޖަލު ހުކުމް މިހާރު ބާތިލްކޮށްފައިވާއިރު، އިތުރު ދައުވާއެއް ނުއުފުލައިފިނަމަ އަދީބަށް ވެސް އެ އިނާޔަތާއި ރައްކާތެރިކަން ލިބިލައްވާނެއެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

މޯދީ މިއަދު މަޖިލީހުގައި ތަޤުރީރު ކުރައްވާނީ ހިންދީ ބަހުން!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަވީރު ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާނީ ހިންދީ ބަހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މޯދީގެ ތަގުރީރު ކުރަންވަމުން ގެންދާނީ ހިންދީ ބަހުން ކަމަށެވެ. އެގޮތުން ތަގުރީރު ދެއްވަމުންދާއިރު، މަޖިލީހުގެ މެންބަރުންނަށް ވަގުތުން ދިވެހި ތަރުޖަމާ އަޑުއިވޭޭނެ އިންތިޒާމު އެ އިދާރާއިން ހަމަޖައްސަވާނެ ކަމަށެވެ

މޯދީ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކުގައި ސޮއި ކުރައްވާ، ބައެއް މަޝްރޫޢުތައް އިފްތިތާހް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިރޭ އިރުއޮއްސި 18:45 ގައި އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު ޖަލްސާ ބޭއްވުމުގެ ކުރިން މޯދީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާނެއެވެ.

މަޖިލީހުގެ ގަވައިދު އިސްލާހުކުރަން 11 މެންބަރުންގެ ކޮމެޓީއެއް!

ރައްޔިތުން މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް 11 މެންބަރުންގެ ކޮމެޓީއެއް އެކުލަވާލަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މަސް ދުވަސް ތެރޭގައި މަޖިލީހުގެ ގަވައިދު އެކުލަވާލަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހަޅުއްވާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްވެފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުންނެވެ.

އެގޮތަށް ފާސްވުމާއެކު ގަވާއިދު އިސްލާހު ކުރާ ކޮމެޓީއަށް 11 މެންބަރުން ނަގައި އެ ނަންތައް ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. އެ ނަންތައް މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ގަވާއިދު އެކުލަވާލާ ކޮމެޓީގެ މެންބަރުން:

1. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

2. ނައިފަރު ދާއިރާގެ މެމްބަރު އަހްމަދް ޝިޔާމް

3. ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

4. ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސައިން

5. ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދް އާމިރު

6. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

7. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

8. ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު

9. ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރް މޫސާ

10. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

11. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު

މަޖިލީހުގެ ގަވައިދު އިސްލާހުކޮށް ނިމެންދެން މަޖިލީހުން އަމަލުކުރާނެ އުސޫލުތައް ދުވަހުން ދުވަހަށް ތަޅުމަށް ހުށަހެޅުމަކީ ވެސް މިކޮމިޓީގެ ޒިންމާއެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

މަޖިލީހުގެ ގަވައިދުގެ މައްސަލާގައި މިއަދު ބަހުސް ކުރެއްވި ގިނަ މެންބަރުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އަމަލުކުރަމުންދަނީ 2010 ވަނަ އަހަރު އެކުލަވާލި ގަވައިދަކަށް ކަމަށްވާތީ މިގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށެވެ.

ޖޭއެސްސީގެ މެންބަރަކަށް ހިސާން އައްޔަންކުރަން ރުހުންދީފި

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކުރާ މެންބަރަކަށް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ހިސާން އެ މަގާމަށް ކަނޑައަޅަން ރައްޔިތުން މަޖިލީހުން ފާސްކުރީ، މިއަދުގެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރެއިން 81 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުން މަޖިލީހަށް ހިސާންގެ ނަން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އެ ނަމަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ހިސާން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގައެވެ. އެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވުމަށްފަހު މަކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.

މީގެ އިތުރުން ހިސާން ވަނީ، މިދިޔަ ސަރުކާރުގައި ޖަލު ހުކުމްތަކާއި ބަންދުތަކާ ކުރިމަތިލާންޖެހިވަޑައިގެންނެވި ބައެއް ސިޔާސީ ލީޑަރުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަކަށް އީވާ އިންތިހާބުކޮށްފި

ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ނައިބް ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިންތިހާބު ކުރައްވައިފިއެވެ.

މަޖިލީހުގެ ނައިބް ރައީސް އަކަށް އީވާ އައްޔަން ކުރައްވަން ރައްޔިތުން މަޖިލީހުން ފާސްކުރީ މިރޭ ބޭއްވި ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. އެގޮތުން މިރޭގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 85 މެންބަރުންގެ ތެރެއިން އީވާއަށް ތާއީދުކޮށް 76 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

އެ މަގާމަށް އީވާ ގެނައުމަށް ނުފެންނަ ކަމަށް 9 ބޭފުޅަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންފުޅު ނުވާ މެންބަރަކު ނެތެވެ.

މަޖިލީހުގެ ނައިބް ރައީސް އަކަށް އީވާގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކޮށްފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މަޖިލީހުގެ ނައިބް ރައީސް އަކަށް ހުށަހެޅުއްވީ ވެސް އީވާގެ ނަންފުޅު އެކަންޏެވެ.

މަޖިލީހުގެ ނައިބް ރައީސް އަކަށް ތިން ވަނަ ދައުރަކަށް ގަލޮޅު އުތުރު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އީވާ މިރޭ އިންތިހާބުކުރިއިރު، އެކަމަނާއަކީ އެ މަގާމަށް އެމްޑީޕީން އައްޔަންކުރުމަށް އެޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި ނަމެވެ.

އަދި މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް އީވާ އިންތިހާބުވުމުން، އެކަމަނާ ވެގެން ގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ދެވަނަ އަންހެން ބޭފުޅާއެވެ. މީގެ ކުރިން 2008 ވަނަ އަހަރު މަޖިލީހުގެ ރިޔާސަތުން އަނީސާ އަޙްމަދު ފެނިވަޑައިގެންފައިވެއެވެ.

ނަޝީދާއި އީވާއަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް އަށާއި ނައިބް ރައީސަކަށް އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲގެ ނަން ހުށަހަޅަން ފާސްކުރުމާ ގުޅިގެން އެ ދެބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ކަމަށާއި ނައިބް ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާނެ ބޭފުޅަކު ފާސްކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްކަން އަދި އީވާ އަށް މަޖިލީހުގެ ނައިބް ރައީސްކަން ދޭން ފާސްކުރީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް ބޭފުޅާގެ ހައިސިއްޔަތުން ރައީސް ނަޝީދަށާއި މެންބަރު އީވާ އަބްދުﷲ އަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަދި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕަށް ވެސް ރައީސް ސޯލިހުގެ ޓުވީޓުގައި މަރުހަބާ ދަންނަވާ ރައީސްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ފަރާތުން އާ މަޖިލީހާއެކު މަސައްކަތް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުން އޮންނާނީ މާދަމާ ރޭ އާ މަޖިލިސް ހުވާ ކުރަން ބާއްވާ ޖަލްސާގައެވެ. މެންބަރުން ހުވާކުރުމަށްފަހު މާދަމާ ރޭ ނަވާރަ ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނެއެވެ.

އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، އެންމެ ގިނަ ދުވަހު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވި އަދި އެންމެ ދޮށީ މެންބަރުގެ ހައިސިއްޔަތުން އިތުރު ދައުރަކަށް މީދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެން މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ.

ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްކަން ދޭން އެމްޑީޕީން މިރޭ ފާސްކުރިއިރު، މިހާރު އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެސް އެމްޑީޕީ އަށެވެ. އެޕާޓީގެ ޓިކެޓްގައި މަޖިލީހަށް 65 މެމްބަރުން ވަނީ އިންތިހާބުވެފައެވެ.

ރައީސް ސޯލިހާއެކު އޮތް ގުޅުމަށް ބަދަލެއް ނާދޭ، ބުރުލެއް ވެސް ނާރާނެ: ނަޝީދު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއެކު، ކުރިން ވެސް އޮތް ފަދަ ވަރުގަދަ ގުޅުމެއް މިހާރު ވެސް އެބައޮތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް 19 ވަނަ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ފަރާތްތައް ހޮވުމާ ގުޅޭ ގޮތުން ރައީސް ސޯލިހުއާ ހިޔާލު ތަފާތުވުން އުފެދި ސަޕޯޓަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގާފައި ވަނިކޮށެވެ.

“ކުޑަކޮށް ވެސް އަޅުގަނޑުމެންގެ އެކުވެރިކަމަށް ރަހުމަތްތެރިކަމަށް ކުޑަކޮށްވެސް ބުރުލެއް ނާރާނެ އަދި ކުރިއަށް އޮތް ތަނުގައި ވެސް އިރާދަކުރެއްވިއްޔާ ނާރާނެ. އަޅުގަނޑުމެން ދެ މީހުންނަނީ ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތް ކޮށްފައިވާ ދެ މީހުން،” އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމަށް ނަޝީދުގެ ނަންފުޅު ފާސް ކުރެއްވުމުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ތަފާތު ހިޔާލުތަކަށް ޖާގަ ދޭ ޕާޓީއެއް ކަމަށާއި ހިޔާލު ތަފާވުންތަކުގެ ތެރެއިން ވެސް ކުރިއަށް ވަޑައިގަތުމުގެ ހިތްވަރު ހުރި ޕާޓީއެއް ކަމަށެވެ.

ރައީސް ސޯލިހާއެކު ކޮންމެ ދުވަހަކު ވެސް މަޝްވަރާ ކުރައްވާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެ ގުޅުން އަބަދުވެސް އެގޮތުގައި އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސަކަށް ނަޝީދު އެންމެ ފުރަތަމަ ތާއިދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށެވެ. އަދި ރައީސް ސޯލިހު ވަނީ ދާދި ފަހުން އެމަނިކުފާނު ތާއިދު ކުރައްވަނީ ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ނަޝީދުއަށް ސަޕޯޓްކުރާ ފަރާތްތަކާއި ރައީސް ސޯލިހުއަށް ތާއިދު ކުރާ ފަރާތްތަކުގެ ދެމެދުގައި ވަނީ ހޫނު ‘ޒުވާބު’ ތަކެއް ހިގައިފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަސްލަމާއި އަފީފް ވެސް ނިންމެވީ ޕާޓީ އާއި ގައުމު އިސްކޮށް މަޖިލީހުގެ ރައީސް ކަމަށް ވާދަކުރުމުގެ ބަދަލުގައި އެ މަގާމު ރައީސް ނަޝީދު ގެނައުމަށެވެ.

އެމްޑީޕީން މަޖިލީހުގެ ނައިބް ރައީސްއަކަށް ނެރެން ފާސްކުރީ އީވާ!

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސަކަށް އެމްޑީޕީން ކަނޑައަޅާ މެންބަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަން ފާސްކޮށްފިއެވެ.

އެގޮތަށް އެމްޑީޕީން ފާސްކުރީ، ރައްޔިތުން މަޖިލީހުގެ ރައީސެއް ކަނޑައަޅަން އެމްޑީޕީން މިރޭ ކުރިއަށްދާ ވޯޓުގައި ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ނައިބް ރައީސް އަކަށް އީވާގެ ނަން އެމްޑީޕީން ފާސްކުރިއިރު، އެޕާޓީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ރައީސް ކަމަށް ނަޝީދުގެ ނަން ހުށަހެޅުއްވީ އެމަގާމަށް އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެންމެ ބޮޑަށް ވާދަކުރެއްވި ވިލިފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޙަޞަން އަފީފު އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް އެމަނިކުފާނަށް ތާއީދު ކުރައްވަން ނިންމެވުމުންނެވެ.

އެގޮތުން މަޖިލީހުގެ ރައީސް އަކަށް މުހައްމަދު ނަޝީދުގެ ނަން ހުށަހަޅަން އެމްޑީޕީން ފާސްކުރީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އާ މަޖަލީހަށް ހޮވުނު މެންބަރުންނަށް އޮރިއަންޓޭޝަން ބާއްވައިފި

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބްވެ ވަޑައިގަތް ފަރާތް ތަކަށް އޮރިއަންޓޭޝަން ޕްރޮގްރާމެއް ބާއްވައިފި އެވެ. އެ ޕްރޮގްރާމް އޮތީ ރޭ މަޖިލިސް ތަޅުމުގަ އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ކުރިއަށް އޮތް މަޖިލީހަށް އިންތިހާބްވެވަޑައިގެންފައިވާ މެންބަރުންނަށް ބޭއްވި އެރިއަންޓޭޝަން ޕްރޮގަރާމަކީ މަޖިލީހަށް އެ ފަރާތްތަކުން އަހުލުވުރި ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

“އެ ޕްރޮގްރާމްގެ ތެރެއިން އިންތިހާބީ މެންބަރުންނަށް ވާނީ މަޖިލީހުގެ ތަޅުމުގައި ހުރި މައިކް ސިސްޓަމް ބޭނުން ކުރާނެ ގޮތާއި އަދި ވެސް މަޖިލީހުގެ އެހެނިހެން ކަންކަން ކިޔައިދީ ހަދާފައި،” ޒިޔާއު ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ކުރިއަށް މަޖިލީހަށް އިންތިހާބްވެވަޑައިގަތް ގިނަ ފަރާތްތަކަކުން ބައިވެރިވިކަން ޒިޔާއު ފާހަގަކުރެއްވި އެވެ.

މިރޭގެ އޮރިއަންޓޭޝަން ޕްރޮގްރާމްގެ ތެރެއިން ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި ގުޅޭ ފޮތެއް ނެރިފަ އެވެ. އެ ފޮތުގައި ވަނީ 18 ވަނަ މަޖިލީހުން ނިންމާފައިވާ ކަންކަމާއި ނުނިމި ހުރި މަސައްކަތްތައް ހިމަނާފަ އެވެ.

އާ މަޖިލީހަށް އިންތިހާބްވި ފަރާތްތައް ހުވާކުރުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 9:00 ދަރުބާރުގޭގަ އެވެ.

އަސްލަމާއި އަފީފްއާއެކު ކުރެވުނު ތަޖުރިބާ އިން ރައީސް ހޮއްވެވީ އަފީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ކުރައްވަނީ ވިލިފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފު އަށް ކަމަށް ވިދާޅުވެއްޖެ އެވެ.

ރައީސްގެ ތާއީދު އަފީފަށް އޮތްކަން ހާމަކޮށްފައިވަނީ، މި ހިނގާ 18 ވަނަ މަޖިލީހުގެ މެންބަރުންނާއި ކުރިއަށް އޮތް 19 ވަނަ މަޖިލީހަށް ހޮވިފައިވާ ފަރާތްތަކަށް، މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމް ދެއްވި ތަރާވީހަކަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރައީސް ތާއިދު ކުރައްވަނީ ކޮން ބޭފުޅަކަށްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި މީހެއްގެ ނަން ބުނަމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހަސަން އަފީފަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށް ރައީސް ވިދާޅުވި އެވެ.

“އަޅުގަނޑަށް ހަސަން އަފީފް ގެ މަސައްކަތް މީގެ ކުރިން ފެނިފަ އެބަހުރި. އަޅުގަނޑަށް އަސްލަމާއި އެކީގައި ވެސް މަސައްކަތް ކުރެވިފައި އެބަހުރި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަސަން އަފީފަކީ މިކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ،” ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިރޭ އަފީފްއަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ކުރިއަށް އޮތް މަޖިލީހަށް ތަޖުރިބާ ހުރި ފަރާތްތައް ހޮވިފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އަފީފް އާއި ގާސިމް އިބްރާހިމް ފަދަ ތަޖުރިބާ ހުރި މެންބަރުން ދައްކަވާ މަގުން ކުރިއަށް ވަޑައިގަތްފި ނަމަ އެ މަޖިލީހަކީ ކާމިޔާބް މަޖިލީހަކަށް ވެގެން ދާނެ ކަމަށެވެ.

އަފީފް އާއި އަސަލަމްގެ އިތުރުން ދެން މަޖިލީހުގެ ރައީސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާރީފް އާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރު އެވެ.

އާ މަޖިލިސް ހުވާ ކުރުން އޮންނާނީ މި މަހުގެ 28 ގައެވެ. އަދި އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރިއީސް އާއި ނައިބް ރައީސް އިންތިހާބް ކުރަން އޮންނާނެ އެވެ.