ސައުދީން ހަވާލުކުރި ކަދުރު، ފަގީރުންނަށް ބަހަށް ކައުސިލްތަކާ ހަވާލުކުރަނީ

ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ކަދުރު ބަހާއިރު ފުރަތަމަ އިސްކަން ދޭނީ ފަގީރުންނަށް ކަމަށާއި ކަދުރުތައް ބެހުމަށް ކައުންސިލްތަކާ ހަވާލުކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ބުނެފި އެވެ.

ޑެޕިއުޓީ މިނިސްޓަރ އަހުމަދުﷲ ޖަމީލް، ވިދާޅުވީ އެރަށެއްގެ ފަގީރުންގެ ލިސްޓަށް ބެލުމަށްފަހު ކައުންސިލްތަކާ ކަދުރު ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ކުރިން ބުނިގޮތުގައި ސައުދީން ލިބިފައިވާ ކަދުރުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ނުބެހޭނެ ކަމަށާއި އެހެންކަމުން އެންމެންނަށް ބެހުމަށްޓަކައި އެހެން ގައުމުތަކުން ކަދުރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސައުދީން މިހާރު ހަދިޔާކޮށްފައި ހުރި ކަދުރުން އިތުރު މީހުންނަށް ކަދުރު ބަހާނީ ފަގީރުންނަށް ބަހައީ ބާކީވާނަމަ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި، ހުރިހާ ރައްޔިތުންނަށް ބެހޭ ވަރު ނުވާނެ!

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

މާލޭގައި ހުންނަ ސައުދީ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސައުދީން ހަދިޔާކުރާ ކަދުރުތައް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީއާ ހަވާލުކޮށްދެއްވީ ސައުދީގެ ޖާޗް ޑި އެފެއާޒް މެޓްރިކް އަލްޑޮސާރީއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ، ރޯދަމަސް ފެށުމުގެ ކުރިން ރައްޔިތުންނަށް ކަދުރު ބަހަން ފަށާނެ ކަމަށެވެ. ނަމަވެސް 50 ޓަނުގެ ކަދުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަދުރު ބެހޭ ވަރު ނުވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ރަށަކުން ވެސް ބަހަން ހަމަޖެހިފައިވާ ކަދުރުތަކާ ހަވާލުވާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

ރަމަޟާން މަހަށް ސައުދީން ހަދިޔާކުރި މި ކަދުރަކީ ކޮންމެ އަހަރަކުވެސް ސައުދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒް ރާއްޖެއަށް ދެއްވާ ހަދިޔާއެކެވެ. އެގޮތުން ސައުދީން ވަނީ މިދިޔަ އަހަރު ވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރައްވައިފައެވެ.

ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ސައުދީގެ އިތުރު ރާއްޖޭގެ ވިޔަފާރިވެރިންވެސް ރައްޔިތުންނަށް ކަދުރު ބަހައެވެ.