ހިޔާލު ތަފާތުވުމާއެކު ނޫޅެވޭނަމަ ރާއްޖެއިން ހަނގުރާމައިގެ މަންޒަރު ފެނިދާނެ: ނަޝީދު

ހިޔާލު ތަފާތުވުންތަކާއެކުގައި އެންމެނަށް އެކީގައި އުޅެވެން ޖެހޭނޭ ކަމަށާއި ނޫޅެވޭނަމަ ހިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދި ހަނގުރާމައިގެ ހާލަތަށް ރާއްޖެ ވެއްޓިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާގެ އިނާމު ދިނުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މިއަދު ރާއްޖޭގައި ދިމާވެފައިވާ އޮތް އެންމެ މުހިންމު ކަމަކީ ދީނީ ގޮތުން ރަނގަޅާއި ގޯހަކީ ކޮބައިކަން ނޭނގުން ކަމަށާއި އެކަމުގެ ހިޔާލު ތަފާތު އިންތިހާއަށް ގޮސްފި ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެއްބަޔަކު އަނެއްބަޔަކު ވަރަށް އަނިޔާވެރި ވާހަކަތަކެއް ދައްކަން ފެށި ނަމަވެސް ރަނގަޅާއި ނުބަޔަކީ އެކި މީހުން އެކި ގޮތަށް ދެކޭނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ހިޔާލު ތަފާތުވުންތަކާއެކު އެންމެންނަށް އުޅެވެން ޖެހޭނެ ކަމަށާއި އެހެން ނޫނީ ހަނގުރާމަ ހިނގަމުންދާ ގައުމުތަކުގައި ފެންނަ މަންޒަރުތައް މާލެއިން ފެނިގެން ގޮސްދާނެ ކަމަށެވެ.

“ދަންނަވަން އޮތް ވާހަކައަކީ ހިޔާލު ތަފާތުވާނޭ. ރަނގަޅާއި ނުބައި ވެސް އެކި މީހުން އެކި ގޮތަށް ދެކޭނޭ. އެހެން ނަމަވެސް އެ ހިޔާލު ތަފާތުވުންތަކާއެކުގައި އެންމެނަށް އެކީގައި އުޅެވެން ޖެހޭނޭ. އަޅުގަނޑުމެން އެންމެނަށް އެކެއްގެ ހިޔާލު އެއީ ހަޖަމު ނުކުރެވޭ ހިޔާލެއް ކަމަށްވެ އެއާއެކީގައި ނޫޅެވޭ ތަނަށް ދިޔައީމާ ހިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބަށް. އެއީ އަޅުގަނޑުމެން ދާން ބޭނުންވާނެ ތަނެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ވަރަށް ބުއްދިވެރިކަމާއި ވިސްނުންތެރި ކަމާއެކީގައި ދިވެހިންގެ ކަންކަން ނުގެންގޮސްފިނަމަ ހަރާބުގެ އައްސޭރިއަށް ދިވެހި މުޖުތަމައުގެ ޖީލު ގޮސްފާނެ ކަމަށެވެ.  އަދި ސަލާމަތުގެ އައްސޭރިއަށް ރާއްޖެ ގެންގޮސްދިނުމަކީ މިއަދު ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

“ތިބޭފުޅުން ތިދެކޭ ރަނގަޅުގައި އުޅެވިދާނެތޯ؟ އެއީ ގޯހަށް މާދަމާ ބަދަލުވެދާނެތޯ؟ އެ ގޯހާ ޖަދަލު ކުރަންވެގެން ކިތަންމެ ބަޔަކު ނުކުންނާނެ. އަދި އެ ރަނގަޅު ބުނެދޭން ވެސް އެތައް ބަޔަކު ނުކުންނާނެ. އަޅުގަނޑުގެ އިލްތިމާސްއަކީ އެ ހިޔާލު ތަފާތުވުމުގައި ހުރިހާ ކުދިން ވެސް އުޅެއްޗޭ،” ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އަނިޔާވެރިވުމަށް ގޮވާލާ، ޓެރަރިޒަމް ޕްރޮމޯޓް ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލަމުންދިޔަ ޒުވާނަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ، މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެއްދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ހާމަކުރަމުންދިޔަ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

ޓެރަރިޒަމް ޕްރޮމޯޓް ކުރަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ވަނީ މީގެ ދެ ދުވަސް ކުރިން ތަސްދީގު ކުރައްވައިފައެވެ.

އެމްޑީއެންގެ ރިޕޯޓުން ފެންނަ މަންޒަރަށް ޖާގަ ދެވިގެން ނުވާނެ: ނަޝީދު

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ ބޭރުގަނޑުގައި ބޭނުންކޮށްފައިވާ މަންޒަރުން ދޭހަވާ ކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގައި ބޭރުގަނޑުގައި ފެންނަނީ ކުޑަކުއްޖަކު ކުރަހާފައިވާ ގައުމީ ދިދަ އަކާއި ކަޅު ދިދައެކެވެ. އަދި ގައުމީ ދިދާގައި ރަސްގެ ލާފައި އިންނައިރު ކަޅު ދިދާގައި ޖަހާފައި އިންނަނީ ރަނގަޅު ފާހަގައެކެވެ.

މިއީ ދީނީ ހަރުކަށި މީހުން ރާއްޖެ ބަދަލު ކުރަން ބޭނުންވާ ގޮތްކަން ހާމަ ކޮށްދިނުމުގެ ގޮތުން ރިޕޯޓްގައި ބޭނުން ކޮށްފައިވާ ފޮޓޯއެއް ކަމަށް ބެލެވެއެވެ.

“މި މަންޒަރަށް، މި ތަސައްވަރަށް، މި ވިސްނުމަށް އެއް ގޮތަކަށް ވެސް ޖާގަ ދެވިގެން ނުވާނެ. ހަރުކަށި ފިކުރުގެ މަދު ބަޔަކު އިސްލާމް ދީނަށް ލޯބި ކުރުމުގެ ނަމުގައި ވިއްކަނީ މި ވިސްނުން،” އެ ފޮޓޯއާއެކު ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާތީ އެ ޖަމިއްޔާ ވަނީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެ ރިޕޯޓާ ގުޅުވައިގެން އެންމެ ގިނަ ތަފާތު ވާހަކަތައް އެކި މާނައިގައި ދައްކަވަމުންދާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ.

އެގޮތުން ޝެއިހް ހުސެއިން ރަޝީދު ލިޔުއްވާފައިވާ ޝަހީހް މުސްލިމްގެ ދިވެހި ތަރުޖަމާ އިފްތިތާހް ކުރުމަށް ބުދަ ދުވަހު ބޭއްވި ހަފްލާއެއްގައި ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓާއި އެ ރިޕޯޓް ހެދި “ކުދިން” ދިފާއު ކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ، އެ ރިޕޯޓްގައި މާތްﷲ އާއި ކީރިތި ރަސޫލާ صلى الله عليه وسلم  ގެ އިސްމަފުޅުގެ އިތުރުން ދީނީ ވާހަކަތައް ގެނައުމުގައި ބޭނުންކުރި ބަސްތައް ބޭނުންކުރި ބައްތައް ރަނގަޅު ނޫން ކަމަށާއި ނަމަވެސް އެމްޑީއެންގެ ރިޕޯޓް ލިޔުނު މީހުން ނުރަނގަޅު ގޮތުގައި ބަސްތައް ބޭނުންކޮށްފައިވަނީ، އިސްލާމްދީން ބަލިކަށި ކުރުމުގެ މާނައިގައި ކަމަކަށް އެ ރިޕޯޓް ކިޔައިގެން ނުފެނުނު ކަމަށެވެ.

އަދި ވިދާޅުވީ، އެ ރިޕޯޓުގައި އެފަދަ ބަސްތަކެއް ހުރީ އިނގިރޭސި ބަހުން އެއްޗެއް ލިޔަން ވެގެން އުޅެގެން ވެފައިހުރި ގޮތެއް ކަމަށެވެ.

“މާތް ﷲ އާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ލިޔަންޖެހޭ ގޮތްތައް ނުފެހެއްޓޭ ސަބަބުތަކެއް ވެސް ވާނެ. އަޅުގަނޑެއް ނުދެކެން އެއީ އެއްވެސް ހާލެއްގައި އިސްލާމްދީނަށް ނަފްރަތު ކުރުމަށް، ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް. އަޅުގަނޑުމެންގެ ކުދިންނެއް ވެސް އަދި ރިޕޯޓް ލިޔުނު ކުދިން ވެސް އެއްވެސް ހާލަތެއްގައި އެ ބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނައިގައި ކަމަކަށް އެ ރިޕޯޓް ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު،” ނަޝީދު ވިދާޅުވިއެވެ.

ޖަމިއްޔާތަކުގެ މަސައްކަތް ހުއްޓުވައި އުވާލަން ތަރުހީބެއް ނުދެން: އެމްޑީޕީ

އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ، އިސްލާމްދީނަަށާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލާގައި އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ކުށްވެރިކޮށް، އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަ ކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރާ ކަމަށެވެ.

އަދި ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އަބަދުވެސް ގަބޫލުކުރާނެ ކަމަށް ބުނެފައެވެ. ހަމައެއާއެކު އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައެވެ.

“އަދި ހަމަ ކޮންމެ މީހަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތީން އަމަލު ކުރެވުމެވެ. ޤާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާއާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުސަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުމެވެ،” އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޤާނޫނާ ހިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އަދި ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކަ ދެއްކުމަކީ ގައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ވެސް ނޯންނާނެ ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމަކީ، ގައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެއް ކަމަށެވެ.

އަދި ޖަލްސާތަކުގަ އާއި އެކިއެކި ފޯރަމްތަކުގަ އާއި މީސްމީޑިޔާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށާއި އެފަދަ ހަރުކަށި އަމަލުތައް އަބަދުވެސް ކުށްވެރިކުރާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

“އެހެންކަމުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ތަހުގީގުކޮށް ގާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ.،” އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ތަމްރީންތައް ހިންގަން ފެށީ ލިބުނު އިންޒާރަކާ ގުޅިގެންނެއް ނޫން: ފުލުހުން

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ ސިލްސިލާ ފަރިތަކުރުންތަކަކީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ، ރާއްޖޭގައި ނުރައްކާތެރި ހަމަލާއެއް ހިންގަން އުޅޭކަމަށް މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ފުލުހުން ބުނީ، އެމްއެންޑީއެފްއާ ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީންތަކެއް ނޫން ކަމަށެވެ.

ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހު އަވަށްޓެރި ސްރީ ލަންކާއަށް ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިން މިމަހުގެ 5 ވަނަ ދުވަހު ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ބުނީ، މި ފަރިތަކުރުންތަކުގެ މަގްސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުވައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި އަދި މަލްޓި އޭޖެންސީ ކޯޑިނޭޝަން ރަނގަޅު ކުރުމަށްޓަކާ ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށެވެ.

“މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫންކަން ދަންނަވަމެވެ،” ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ސިފައިންނާ ގުޅިގެން ހިންގާ ތަމްރީންތަކަކީ އެ ސާވިސްގެ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވުނު ސްޓްރެޓިޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ “އޮޕަރޭޝަނަލް ރެޑީނެސް”ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއަށް އޮތް ސަލާމަތީ ގޮންޖެހުންތަކުގައި އެހީވާން ތައްޔާރު: އެމެރިކާ ސަފީރު

ދިވެހިރާއްޖެ ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެމެރިކާ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަފީރު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އަދުގެ ސަލާމަތީ ވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދެއްވަމުން ގެންދަވާ ހާއްސަ ސަމާލުކަން ފާހަގަކުރައްވައިފައެވެ.

އަދި ރާއްޖެއަށާއި ރާއްޖެ ހިމެނޭ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެމެރިކާ ސަރުކާރުން ތައްޔާރަށް އޮތް ކަން ސަފީރު ޓެޕްލިޓްޒް ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގަޔާއި އެނޫންވެސް ކަންކަމުގައި ދެއްވަމުން ގެންދަވާ އެހީތެރިކަމަށް އެމެރިކާއަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި ދިވެހި އަސްކަރިއްޔާއިން ދަނީ އަދުގެ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއާރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ކާނަލް އަބްދުލް މަތީން އަހުމަދު ބައިވެރިވެވަޑައިގަތެވެ.

އައިއެސް އިން އިންޑިއާގައި “ޕްރޮވިންސް” އެއް ގާއިމްކޮށްފި

ނިއު ދެއްލީ/ ސްރިނަގަރު، އިންޑިއާ (ރޮއިޓާސް) – އިންޑިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ “ޕްރޮވިންސް”އެއް ގާއިމްކޮށްފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

އައިއެސް ޖަމާއަތުން އެކަން ހާމަކުރީ، ހަނގުރާމަވެރިންތަކަކާއި އިންޑިއާގެ ސަލާމަތީ ފައުޖުތަކާ ދެމެދު ކަޝްމީރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކެއްގައި އައިއެސް ޖަމާއަތާ ގުޅުންހުރި ހަނގުރާމަވެރިއަކު މަރުވުމުންނެވެ.

އައިއެސްގެ އަމަގް ނިއުސް އެޖެންސީން ހުކުރު ދުވަހު ބުނީ، އިންޑިއާގައި ގާއިމްކުރި ޕްރޮވިންސްގެ ނަމަކީ “ވިލަޔާ އޮފް ހިންދް” ކަމަށެވެ.

އަދި ކަޝްމީރުގެ ޝޮޕިއަން ޑިސްޓުރިކްޓުގައި އޮންނަ އަމްޝިޕޯރާ ސަހަރުގައި ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ ސިފައިންނަށް ހަމަލާދިނީ އެ ޖަމާއަތުން ކަމަށް ވަނީ ބުނެފައެވެ.

އައިއެސް އިން މިހެން ބުނެފައިވާއިރު، އިންޑިއާގެ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ޝޮޕިއަންގައި ހިނގި ކުރިމަތިލުންތަކެއްގައި އިޝްފާގް އަހުމަދު ސޮފީ ނަމަކަށް ކިޔާ ހަނގުރާމަވެރިއަކު މަރުވެފައިވާކަން ހާމަކޮށްފައެވެ.

އައިއެސް ޖަމާއަތުން އިންޑިއާގައި ޕްރޮވިންސެއް ގާއިމްކުރިކަން ހާމަކޮށްފައިވާއިރު، އިރާގު އަދި ސީރިއާގެ އެތައް ހާސް ސަރަހައްދެއް ކޮންޓްރޯލް ކޮށްގެން އުޅުނު އައިއެސް ޖަމާއަތް ބަލިކޮށް، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެ ސަރަހައްދުތަކުން ވަނީ ނެރެފައެވެ.

އަދި އޭގެ ފަހުން ވެސް އައިއެސް ޖަމާއަތުން ވަނީ ޖާނު ގޮއްވާލައިގެން އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ ނަގައިފައެވެ. އެގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީ ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާވެސް އައިއެސް ޖަމާއަތުން ވަނީ އުފުލައިފައެވެ.

އެ ހަމަލާތަކުގައި 253 މީހުން މަރުވެފައިވާއިރު، ހަމަލާއަށްފަހު މަރާލާފައިވާ ކަމަށް ބުނި އައިއެސްގެ އިސް ލީޑަރު އިބްރާހިމް އަބޫ ބަކްރު ބަޣުދާދީގެ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި ސްރީ ލަންކާގައި ހަމަލާދިން މީހުންނަށް ބަޣުދާދީ ވަނީ ތައުރީފް ކުރައްވައިފައެވެ.

ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެކަން އަދި ދެނެގަނެވިފައެއް ނެތް: މާރިޔާ

ދިވެހި ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކަލެއް އޮތްކަން އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އަވަށްޓެރި ސްރީލަންކާއަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށްފަހު ރާއްޖޭގެ ސަލާމަތީ ފިޔަަވަޅުތައް ވަރުގަދަކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީންތަކެއް ހަދަމުންދާތީ އެކަމާ ގުޅޭގޮތުން އިންޑިއާގެ ދަ ހިންދޫ ނޫހުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އީމެއިލް މެދުވެރިކޮށް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، ވަކި ހާއްސަ ނުވަތަ ދިމާވެދާނެ ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އޮތްކަން އަދި ދެނެގަނެވިފައިނުވާ ކަމަށެވެ.

ނަމަވެސް މިއަދުގެ ދުނިޔޭގައި އެފަދަ ކަމެއް ނުހިނގާނެ ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެގޮތުން ދިމާވެދާނެ ނުރައްކަލަކަށް ރައްކާތެރިވެ ސަމާލުވެގެން ތިބުމުގެ ގޮތުން ރާއްޖޭގެ ސަލާމަތީ ބާރު (އެމްއެންޑީއެފް) އާއި ފުލުހުން ގުޅިގެން އެކިކަހަލަ ސިނާރިއޯތަކަށް ހާއްސަ އެމަޖެންސީ ރެސްޕޯންސް ތަމްރީންތަކެއް ކުރިއަށް ގެންދަމުންދާކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އެއާޕޯޓްގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ އޭވިއޭޝަން ސެކުރިޓީ ކޮމާންޑް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަނުން ވެސް އެ އިދާރާތަކުގެ ސެކުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އިންޓަވިއުގައި މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ، އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ޓެރަރިސްޓް ހަމަލާތަކަކީ ރާއްޖެއަށާއި މުޅި ސަރަހައްދަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.

އަދި ލަންކާއަށް ދިން ހަމަލާތަކުގައި ނިރުބަވެރިން ގެންގުޅެފައިވާ އުކުޅުތަކާއި ރޭވުންތެރިކަމަކީ އެކަމާމެދު ކަންބޮޑުވާންޖެހޭ ކަންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އޭގެން ފާހަގަވަނީ ހައްދުފަހަނައަޅާ ދިއުމަށް ޓެރަރިސްޓުން ގޮސްފައިވާ އާ ހަރުފަތްތައް ކަމަށެވެ.

އަދި ވިދާޅުވީ، އަވަށްޓެރި ގައުމަކަށް ދިން އެފަދަ ހަމަލާއާ ގުޅިގެން، އެކަން ޓޫރިޒަމްއަށް ބަރޯސާވެފައިވާ ރާއްޖެއިން އާދައިގެ ގޮތަކަށް ނުނަގާނެ ކަމެއް ކަމަށެވެ.