އަންނަ މަހު ފަހުކޮޅު ޓެކްސީތަކުގައި މީޓަރު ބޭނުންކުރަން ފަށަނީ

އަންނަ މަހު ފަހުކޮޅު ޓެކްސީތަކުގައި މީޓަރު ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ހިދާޔާ ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ޓެކްސީ މީޓަރުގެ އަގުތައް އިއުލާން ކުރުމަށްފަހު، ޓެކްސީގައި މީޓަރު ހަރުކޮށްގެން ދުއްވަން ފަށާނީ އަންނަ މަހުގެ ފަހުކޮޅުން ފެށިގެން ކަމަށެވެ.

ހިދާޔާ އިތުރަށް ވިދާޅުވީ، މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުންކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެއް ކަމަން ވުމުން ޓެކްސީ ހިދުމަތަށް ބޭރުންކުރާނެ އެޕްލިކޭޝަން ހަދަން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފައިވާ އިރު، އެ މުއްދަތު ހަމަވުމުން ޕްރޮޕޯޒަލްތައް ބަލައި ރަނގަޅު އެޕްލިކޭޝަނެއް ހޮވާނެ ކަމަށް ވިދާޅުވި އެވެ.

ޓެކްސީ ބުކްކޮށް، ދަތުރުކުރާ ގޮތް ބެލުމަށް ބައެއް މޮބައިލް އެޕްލިކޭޝަން މިހާރު ވެސް ގެންގުޅެ އެވެ. ނަމަވެސް ދެން ބޭނުންކުރެވޭނީ ސަރުކާރުން ހުއްދަ ދީފައިވާ އެޕްލިކޭޝަންތައް އެކަނި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޔުކްރެއިން މީހާގެ މަރު: ބަސް ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި

ހިނގާފައި ދަނިކޮށް އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ ފަތުރުވެރިޔަކު މަރުވި މައްސަލާގައި އެ ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ޓްރާންސްޕޯޓް މިނިސްޓްރީން ހިފަހައްޓައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ފަތުރުވެރިޔަކު މަރުވި އެކްސިޑްންޓްގައި ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ހިފަހައްޓާފައިވަނީ ކޯޓް މަރުހަލާ ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.

ހުޅުމާލޭގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓުގެ ކަންމަތީގައި ހިނގި އެ އެކްސިޑެންޓުގައި މަރުވީ ޖޮގިން އަށް ނިކުމެ އުޅުނު 31 އަހަރުގެ ޔޫކްރެއިން އަންހެނެކެވެ.

ނިދިފައި އިނދެ ބަސް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓާ ގުޅިގެން ބަސް ޑްރައިވަރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ބަސް ޑްރައިވަރުގެ އިތުރުން، މިދިޔަ ހަފްތާގައި މާލޭގައި ހިނގި އެކްސިޑެންޓްތަކާ ގުޅިގެން 12 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް ޑިޕާޓްމެންޓުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން، މާލޭ ސަރަހައްދުގައި މިދިޔަ ހަފްތާގައި ވަނީ 54 އެކްސިޑެންޓް ހިނގާފަ އެވެ. އެ އެކްސިޑެންޓުތަކާ ގުޅިގެން 12 މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާކަމަށްވެސް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ.

ހުރިހާ ޓެކްސީތައް އެއް ޑިޒައިނަކަށް ބަދަލުކުރަން ނިންމައިފި

މާލޭގައި ދުއްވާ ހުރިހާ ޓެކްސީއެއް އެއް ޑިޒައިނަކަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ، މާލޭގައި މިހާރު ދުއްވާ ޓެކްސީތައް ހުންނަނީ އެކީ ގޮތްގޮތަށް ކަމަށާއި ބައެއް ޓެކްސީތައް ވަރަށް ބޮޑަށް ބާވެ ކުލަ ވެއްޓިފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީން ނިންމާފައި ވަނީ، ހުރިހާ ޓެކްސީއެއް ވެސް އެއް ޑިޒައިނަކަށް އެއް ކުުލައަކަށް ބަދަލު ކުރުން ކަމަށެވެ.

އާދިލް ވިދާޅުވީ، ރޯދަ މަސް ނިމުމުން ޓެކްސީތަކުގެ ސާވޭ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މިހާރު ދުއްވާ ބައެއް ޓެކްސީތަށް ވަރަށް ފެންވަރު ދަށް ކަމަށާއި ޓެކްސީތަކަށް ބަދަލު ގެންނަ އިރު، އެކަން ކަމަށް ވެސް ސަމާލުކަން ދޭނެ ކަމަށެވެ.

ހަމަ އެހެންމެ މާލޭގެ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އަދި މީޓަރުގެ އަގުތައް ރޯދައިގެ ފަހުން އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓެކްސީ މީޓަރުގެ އަގުތައް ރޯދައިގެ ފަހުން އިއުލާން ކުރަނީ

ޓެކްސީތަކުގައި ހަރުކަން ނިންމި މީޓަރުތަކުން ނަގާނެ އަގުތައް ކަނޑައަޅާ ނިމިފައިވާ ކަމަށާއި ނަމަވެސް އެ އަގުތައް އިއުލާން ކުރާނީ ރޯދައަށް ފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވެފައިވާ ގޮތުގައި، އަގުތައް ކަނޑައެޅުމުގައި ހުރިހާ މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން، ޓެކްސީ މީޓަރުގައި ފެށޭ ރޭޓަކީ 25 ރުފިޔާ ކަމަށާއި ދެން ފައިސާ ނަގާނީ ދަތުރުގެ ދިގުމިނަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެކަމަކު ދިގުމިނަށް އަރާ އަދަދު ކަނޑައަޅާނީ މިނިސްޓްރީންނެވެ.

އާދިލް ވިދާޅުވީ، މީޓަރުގެ އަގުތައް ކަނޑައެޅުމުގައި ޑްރައިވަރުންނާއި ރައްޔިތުންގެ އިތުރުން ދަތުރަކަށްދާ ހަރަދުތަކަށް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިހާރު ޓެކްސީތަކުން ހުޅުލެ އަދި ހުޅުމާލެއަށް ކުރާ ދަތުރަކަށް ނަގާ 100 ރުފިޔާއަށްވުރެ އަގު ހެޔޮވާނެ ކަމަށް ވިދާޅުވިއެވެ.

ޓްރާންސްޕޯޓުން މީޓަރުގެ ގޮތުގައި ބޭނުން ކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެކެވެ. ކަސްޓަމަރުގެ ފޯނަށް ވެސް އަޅައިގެން ބޭނުން ކުރެއްވޭނެ ގޮތަށް ތައްޔާރުކުރާ އެ އެޕްލިކޭޝަނާ ބެހޭ މައުލޫމަތު މިހަފްތާގެ ބުރާސްފަތި ދުވަހު އިއުލާން ކުރާނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

ބޮޑުތަކުރުފާނު މަގު، ޕޯސްޓް އޮފީސް ކުރިމަތިން ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސައިފިި

ކުރިން އެއްކޮޅަށް ދުއްވޭ ގޮތަށް އޮތް، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އައިފާނު ބިލްޑިންގުން ފެށިގެން އަލިމަސް ކާނިވަލާއި ހިސާބަށް އޮތް ސަރަޙައްދު ދެކޮޅަށް ދުއްވޭގޮތަށް ހަމަޖައްސައިފިއެވެ.

އެ ސަރަހައްދަކީ ކުރިން ހުޅުލޭ އަދި ހުޅުމާލޭ ފެރީ ޓާމިނަލްގެ ސަބަބުން ތޮއްޖެހުން އިތުރުވާތީ އެއްކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސާފައި އޮތް ސަރަހައްދެކެވެ. ނަމަވެސް ހުޅުލޭ ފެރީ ޓާމިނަލް، މިހާރު ހުޅުމާލޭ ފެރީ ޓާމިނަލް ހުރި އިމާރާތަށް ބަދަލުކުރުމުން އެ ސަރަހަދުގެ ޓްރެފިކަށް ވަނީ ލުޔެއް ލިބިފައެވެ.

ޓްރެފިކް ފުލުހުން ގެނައި މި ބަދަލަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ މާލެ ވަށާއިގެން ދުއްވޭގޮތަށް ރިންގް ރޯޑެއް ހެދުމުގެ ވައުދުގެ ދަށުންނެވެ.

އަދި މި ބަދަލާއެކު މިހާރު ބޮޑުތަކުރުފާނު މަގުގައި ދެކޮޅަށް ނުދުއްވޭނީ އައިޖީއެމްއެޗްގެ ފުރަގަހުގައި އޮންނަ ސަރަހައްދު އެކަންޏެވެ.

މިރޭ 12 އިން ފެށިގެން ހެލްމެޓް ނާޅާ ބްރިޖަށް އަރާނަމަ ފިޔަވަޅު އަޅާނެ!

މިރޭ 12:00 އިން ފެށިގެން ހެލްމެޓް ނާޅައި ބްރިޖާއި ހުޅުލެއާއި ހުޅުމާލެ ގުޅާލައި ހަދާފައިވާ ހައިވޭގައި ދުއްވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ބްރިޖާއި ހައިވޭގައި ދުއްވާއިރު، ހެލްމެޓް އަޅައިގެން ނޫނީ ބްރިޖަށް ނޭރޭގޮތަށް އަމަލުކުރަން ފެށީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ފުލުހުން އަންނަނީ ހެލްމެޓް ނާޅައި ބްރިޖަށް އަރާ ފަރާތްތައް ޗެކްކުރަމުންނެވެ. ނަމަވެސް ފިޔަވަޅެއް ނާޅައެވެ.

ފުލުހުން ބުނީ، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމާބެހޭ ގަވައިދަށް ގެނައި އިސްލާހާ ހިލާފުވާ ފަރާތްތަކާމެދު މިރޭ 12:00 އިން ފެށިގެން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި އިސްލާހުގައި ބުނެފައިވާގޮތުން، 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލްގެ ދުއްވަންވާނީ ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ވެސް ހެލްމެޓް އަޅައިގެންނެވެ.

އޭގެ އިތުރުން އުމުރުން ދެ އަހަރުން މަތީގެ ކުޑަކުދިންވެސް ސައިކަލްގެ ކުރިއަށް ނުވަތަ ފަހަތަށް އަރުވާނަމަ ހެލްމެޓް އަޅުވަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

މި ގަވާއިދާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރަށް ކުރާނީ 500 ރުފިޔާގެ ޖޫރިމަނާއެކެވެ. އަދި ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި ދެފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

މީގެ އިތުރުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ، އެމީހަކަށް ބަދަލު ދިނުމުގެ އިތުރުން 10 އަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާއިރު، މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންވާގޮތަށް ދުއްވައިފިނަމަ އެއް އަހަރު ނުވަތަ ދެއަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އެ ގަވާއިދުގައި ކަނޑައަޅާފައިނުވާ ކަމަކާވެސް ހިލާފުވެއްޖެނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވެއެވެ.