ޑުރަގާއި ވައްކަމުގެ މައްސަލައަށް 2023 ގައި ހައްލު ގެންނާނަން: އުމަރު

ޑުރަގާއި ވައްކަމުގެ މައްސަލައަށް 2023 ވަނަ އަހަރު ހައްލު ގެންނާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވައިފިއެވެ.

ދިއްފުށީގައި ހިނގި ވައްކަމުގެ މައްސަލާގައި ހިމެނޭ މީހަކަށް ހަމަލާދިން ހަބަރެއް ޝެއާ ކުރައްވާ އުމަރުގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވީ، ޑުރަގާއި ވައްކަމާ “ހައްލު” ކޮށްދެވޭ ވަރުގެ ހަރުދަނާ ވެރިކަމެއް އަދި ނާންނަ ކަމަށެވެ.

ނަމަވެސް ދިވެހިންގެ އެ އިންތިޒާރަށް 2023 ވަނަ އަހަރު ނިމުން އަންނާނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

“މީހުން މެރުމާއި، ޑުރަގް ވިއްކުމާއި، ގޭންގުތައް ފުނޑިގެން ދާނެ. އަމާން ގައުމަކަށް ރާއްޖެ ބަދަލުވާނެ،” އުމަރުގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އުމަރުގެ މި ޕޯސްޓަށް ގިނަ ބަޔަކު ތާއީދުކޮށް އުމަރާއެކު ތިބިކަން ހާމަކުރި ނަމަވެސް، ބައެއް މީހުން ގެންދަނީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އެކަމަށް ހައްލު ނުގެނައީ ކީއްވެގެންތޯ ސުވާލު އުފައްދައިފައެވެ.

އަދި ޑުރަގާއި ވައްކަމާއި ގޭންގުތަކުގެ މައްސަލައަކީ ކޮންމެ ވެރިކަމެއް އަޔަސް ހުއްޓުވޭނެ ކަންތައްތަކެއް ނޫން ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

ވައްކަމާއި ޑުރަގްގެ މައްސަލަ ހައްލު ކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އުމަރު މީގެ ކުރިން ވެސް ވަނީ، ޑުރަގު ރާއްޖެއަށް އެތެރެކުރާ މީހުންގެ މުދާ ނަގާ، މަރުގެ އަދަބު ތަންފީޒު ކޮށްގެން މެނުވީ އެކަމަށް ހައްލެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.

ޑުރަގްގެ މައްސަލަ ހައްލުވާނީ އެތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން: އުމަރު

ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން ނޫނީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އެހެން ވިދާޅުވީ، ރާއްޖެއަށް ކަނޑުމަގުން އެތެރެކޮށް ގދ. އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ 150 ކިލޯގެ މަސްތުވާތަކެތީގެ ފުލުހުން ހޯދި ހަބަރު ޝެއާ ކުރައްވާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ، ފުލުހުންނާއި ކޯޓްތަކާއި ސިވިލް ސަރވެންޓުން އަތަށް ދޫކޮށްލާ، ސިޔާސީ ވެރިންގެ ހިޔަލަށްޖެހި ތިބެގެން، މަސްތުވާ ތަކެތިން ރާއްޖެ ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ވެރިންނަކީ އިހުލާސްތެރިކަމާއި ބުންވަރާއި ޖެހިލުންކުޑަ ބަޔަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެގޮތުން ރާއްޖެއަށް ޑުރަގް އެތެރެކުރާ އެމީހުންނަށް މަރުގެ އަދަބު ދީގެން މެނުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް އުމަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

“(މަސްތުވާތަކެތި) އެތެރެކުރާ މީހުންގެ މުދާ ނަގާ، މަރުގެ އަދަބު ތަންފީޒުކޮށްގެން މެނުވީ މިކަމަށް ހައްލެއް ނެތް. އިރާދަ ކުރެއްވިއްޔާ ދިވެހިން އަދި އެ ދުވަސް ދެކޭނެ.” މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އަބަދުވެސް ގޮވާލަމުން ގެންދަވާ އުމަރު ވިދާޅުވެފައިވެއެވެ.

ފުލުހުން ހިންގި 72 ގަޑިއިރު ހާއްސަ އޮޕަރޭޝަނެއްގައި 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެ އެތެރެކޮށް، ގދ. ހުޅުވާރުދު ނަމަކަށް ކިޔާ ފަޅުރަށެއްގެ ގޮނޑުދޮށުގައި ވަޅުލަން އުޅެނިކޮށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ޕެކިންގައި ހުރި 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް ފެނުނުއިރު، އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިއަން ރުފިޔާ އަރާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި މިހާރު ފަސް މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން އެކަކުގެ ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްފައި އެވެ. އަނެއް ހަތަރު މީހުންގެ ޝަރީއަތް ނިމެއްދެން ބަންދުކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ރޭ އަމުރުކޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.