ސަރުކާރުގެ ދުވެލި ރަނގަޅު، ވައުދުވި ކަންކަން ވާނެ: މަހުލޫފު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގުމުގެ ދުވެލި ޖުމްލަކޮށް ދަނީ ރަނގަޅަށް ކަމަށާއި ދެވެލީގައި މައްސަލައެއް ނޫޅޭ ކަމަށް ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަޑު ދުވެލި ދޫކޮށް ގިއަރު މަތިކޮށްލަންޖެހޭ ކަމަށް ރާއްޖެ އެމްވީ އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެން މިނިސްޓަރު މަހުލޫފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހަށް ވެވަޑައިގެންނެވި ވައުދުފުޅުގެ 93 ޕަސެންޓް ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.

ދެން ވެވަޑައިގެންނެވި ވައުދުފުޅުތަކަކީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ކޮށްދެއްވަން ވެވަޑައިގެންނެވި ކަންކަން ކަމަށާއި އެކަންކަން ރާވަމުން ގެންދަވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަދި ވިދަޅުވީ، ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ކަންކަން ވާނެ ކަމަށާއި އެހެންކަމުން ޖުމްލަ ގޮތެއްގައި ދުވެލީގެ މައްސަލައެއް ނޫޅޭ ކަމަށެވެ.

ސަރުކާރު ކުރިއަށްދާ ދުވެލި މަޑު ނޫން ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއިރު، ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކާ އަޅާބަލާއިރު މި ސަރުކާރުން އެއްވެސް ކަމެއް އަދި ކޮށްދީފައިނުވާ ކަމަށާއި މިއީ ތަސައްރަފު ނުފުދޭ ވެރިކަމެއް ކަމަށް ބުނެ އިދިކޮޅުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ގެންދަނީ ވިދާޅުވަމުންނެވެ.

މާލޭ ފަތާ ޓްރެކް ސަރަހައްދު ޒަމާނީ ފެންވަރަަކަަށްް ތަރައްގީ ކުރަނީ

މާލޭ އިރުދެކުނު ފަރާތުގައި އޮންނަ ފަތާ ޓްރެކް ސަރަހައްދުގައި ސިޑިބަރިއަކާއެކު ޒަމާނީ އިމާރާތެއް އަޅަން ނިންމައި، އެތަން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

ސްވިމިން އެސޯސިއޭޝަނުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލޭ ފަތާ ޓްރެކްގައި ސިޑިބަރިއަކާއެކު ފާހާނާ އާއި ފެންވަރާނެ ވަސީލަތްތައް ހިމެނޭގޮތަށް އިމާރާތެއް ހަދަން ބޭނުންވާ ކަމަށެވެ.

އެގޮތުން އެކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން، މަޝްރޫއުއާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސްވިމިން އެސޯސިއޭޝަންގައި އޮންނާނެއެވެ. އަދި އެ މަސައްކަތް ކުރަން އެދި ހުުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް ބުނެފައިވެއެވެ.

މަޝްރޫއަށް ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކުރިޓީގެ ގޮތުގައި 20،000 ރުފިޔާ ހުށަަހަޅަންޖެހެއެވެ.

ސްވިމިން އެސޯސިއޭޝަންގެ އެ އިއުލާނާއެކު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ، އެ އިމާރާތް ހުންނާނެ ގޮތުގެ ކުރެހުންތަކެއް މީސް މީޑިއާގައި ވަނީ އާންމު ކުރައްވައިފައެވެ.

ދެ މަހަށްފަހު އަކްރަމް އާއި މަހުލޫފުގެ ސަސްޕެންޝަން އުވާލައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގެވުމުން ސަސްޕެންޑްކުރި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން އުވާލައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ އެ ދެބޭފުޅުންގެ ސަސްޕެންޝަން ވެސް އުވާލިކަން މީޑިއާތަކަށް ވިދާޅުވެފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓުގައި ބުނާގޮތުން މަހުލޫފާއި އަކްރަމްގެ އެކައުންޓަށް ވެސް ފައިސާ ވަނީ ވަދެފައެވެ. އެގޮތުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނާއިރު އަކްރަމްގެ އެކައުންޓަށް ޖަމާވެފައި ވަނީ 30،000 ޑޮލަރު ކަމަށްވެއެވެ.

އެ މައްސަލައާ ގުޅިގެން ތަހުގީގު ނިމެންދެން މަހުލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން ރައީސް އެންގެވީ މިދިޔަ ފެބްރުއަރީ 14ގައެވެ.

ނަމަވެސް އެ މައްސަލާގައި މަހުލޫވު ވިދާޅުވެފައިވަނީ އޭނާގެ އެކައުންޓަށް ވަދެފައިވާ ޑޮލަރަކީ އޭނާގެ އާއިލާއިން ހިންގި ފިހާރައަކަށް ޑޮލަރު ހޯދުމަށްޓަކައި އޭނާގެ ކޮއްކޮ އަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން އެސްއޯއެފް އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ. އަދި އެކަމުގެ މުއާމަލާތް ހިންގިއިރު ބަދަލުކުރި ލިޔުންތައް ވެސް އޭނާ ވަނީ އޭސީސީއާ ހިއްސާކޮށްފަ އެވެ.

އަދި ފަހުން މަހުލޫފުގެ އެދިވަޑައިގަތުމަކަށް އޭނާގެ މައްސަލަ ބެލުމަށްފަހު އޭސީސީން ވަނީ އެކަމުގައި އޭނާގެ ހިޔާނާތުގެ ކަމެއް ނެތްކަމަށް ނިންމާފައެވެ. ނަމަވެސް އަކްރަމްގެ މައްސަލަ ނިންމި ގޮތެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅުން ހުރި މުއާމަލާތްތަކުގެ ސަބަބުން މަހުލޫފާއި އަކްރަމްގެ އިތުރުން ދެން ހިމެނެނީ ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމެވެ.

ނަމަވެސް މައުސޫމާއި އާޒިމްގެ ސަސްޕެންޝަން އަދި އުވާނުލާ ކަމަށް ހޫދު ވިދާޅުވެފައެވެ.