މުޙައްމަދު އީމާން
31 July 2018
މަޤްބޫލު ޙަބަރު

މަސައްކަތް ކުރަން އޭޝިޔާގައި އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަނެއްކާ ވެސް ހިމެނިއްޖެ އެވެ.

މިއީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގް އިންސްޓިޓިއުޓް އިން ދޭ ޝަރަފްވެރި “އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ބީއެމްއެލް އިން ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ.

ބީއެމްއެލް އަށް މި އެވޯޑް ދީފައިވަނީ އެ ބޭންކުން ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީންކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްފަ އެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވުނު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.  އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން އެ އެވޯޑާ ހަވާލުވެފައިވަނީ އެ ބޭންކުގެ  ޑައިރެކްޓަރ ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދާއި އިންޓަރނަލް ކޮމިޔުނިކޭޝަންސް މެނޭޖަރ ފާތިމަތު މައިޝާ އާދަމް އެވެ.

އެވޯޑް ލިބުމާ ގުޅިގެން ސަހާ ވިދާޅުވީ، ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“އޯގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުން ނަށް ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. އަދި ދެވަނަ ފަހަރަށް ވެސް މި އެވޯޑް ރާއްޖެއަށް ގެނެސްދިނުމަށް ޓަކައި އެޗްއާރު ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރަން. އެ ޓީމުގެ ދެވަނައެއް ނުވާ ޕްރޮފެޝަނަލް މަސައްކަތާ އެކު މި ކާމިޔާބު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކުގެ މެނޭޖަރުންނާއި މުވައްޒަފުންގެ ޓީމަކީ ވެސް އެކުއެކީގައި މަސައްކަތްކުރުމަށް އިސްކަންދީ އަދި އެކަށިގެންވާ މަސައްކަތުގެ މާހައުލެއް ބޭންކުގައި ގާއިމްކުރުމަށް ވަރަށް އިސްކަންދޭ މުވައްޒަފުން.” ސަހާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުނި، ބީއެމްއެލްއަކީ “އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް” ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހު މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ގެންދާ ކުންފުންޏެކެވެ.

މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތު ތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©