މުޙައްމަދު އީމާން
06 December 2018
މަޤްބޫލު ޙަބަރު

މިއަދު މެދުނުކެނޑި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމަށް ދިރާގުން ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ބުނީ، މިއަދުގެ ކާރިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް އެ ކުންފުނިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ)އަށް ދެ ލައްކަ ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ފެންބޮޑުވުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންޑީއެމްސީގައި އެމަޖެންސީ ހޮޓްލައިން ނިޒާމެއް ގާއިމްކުރުމަށް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ އެހީތައް ހަވާލުކުރުމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އެ ކުންފުނީގެ އެހެން އިސްވެރިން ވަނީ، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ މިރޭ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމަށްފަހު މިނިސްޓަރު މާރިޔާ ވިދާޅުވީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދިރާގުން އެހީވެދިނުމަށް އިސްނެގީތީ އެ ކުންފުންޏަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ދިރާގުން ވެދިން އެހީތެރިކަން ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގޮވާލެއްވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެކަން ފާހަގަކުރައްވާ ދިރާގުގެ ސީއިއޯ ރަޝީދު ވިދާޅުވީ، ދިރާގަކީ މިކަހަލަ ކާރިސާތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއެކު މަސައްކަތްކުރަމުންދާ ބައެއް ކަމަށެވެ. އަދި އެ އެއްބާރުލުން އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

haftha.mv ©