މުޙައްމަދު އީމާން
06 February 2019
މަޤްބޫލު ޙަބަރު

ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީއާ އެކައުންޓާއި އިންވެސްޓްމަންޓް އެކައުންޓްތަކުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މި މަހު އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކްގައި އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް 15000 ރުފިޔާ ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ އިތުރު 3 ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ވެސް ވަނީ ކަނޑައަޅައިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން އެކި ކުންފުނިތަކުގެ މުވައްޒަފުންނާއި ރާއްޖޭގެ އެކި ރަށްރަށުގައި ދިރި އުޅޭ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އެކައުންޓް ހުޅުވަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން އެކައުންޓް ހުޅުވުމަށް އެދި ހުށަހެޅޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.

ބީއެމްއެލް އިސްލާމިކް އިން ދާދި ފަހުން ވަނީ، ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓާއި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް އަދި ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ތައާރަފްކޮށްފައެވެ.

ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެ ފައިސާ އިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތައާރަފްކުރި ހިދުމަތެކެވެ.

އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގް ހިދުމަތް ދިނުމަށްޓަކާ ތައާރަފްކޮށްފައިވާ އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކީ ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށް އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ތައާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތް ފަރުމާކޮށްފައިވަނީ އިސްލާމިކް ބޭންކިންގްއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.

އެގޮތުން ބީއެމްއެލް އިސްލާމިކްގެ މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަދި ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ.

haftha.mv ©