ނަސްވާ ހަސަން
14 April 2019
މަޤްބޫލު ޙަބަރު

މޯލްޑިވިއަންގެ ދަތުރުތަކަށް ޓިކެޓް ނެގުމަށް ފަހު ރީފަންޑުކުރާ ނަމަ އެއް ދުވަސް ތެރޭ ރީފަންޑު ލިބޭނެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ރިޒްވީ ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މޯލްޑިވިއަންގެ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ގިނަ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މޯލްޑިވިއަންގެ ރީފަންޑު ދިނުން ލަސްވާ ޝަކުވާއަށް ހައްލެއް ގެނައުމަށް އަންނަ ހަފްތާއިން ފެށިގެން ދުވަހުން ދުވަހަށް ރީފަންޑް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ރީފަންޑު ހޯދުމަށް 15 ވަރަކަށް ދުވަސް ހޭދަވެއެވެ.

އޭގެ އިތުރުން މޯލްޑިވިއަންގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރަން ވެސް ނިންމާފައިވާ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ގެންނަ އެ ބަދަލާ ގުޅިގެން މޯލްޑިވިއަންގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ރޭގަނޑު 22:00 އަށް ކޯލް ސެންޓަރުގެ ހިދުމަތް ދޭނެ އެވެ. މީގެ ކުރިން ކޯލްސެންޓަރުގެ ހިދުމަތް ހުކުރު ދުވަހަކު ނުލިބެއެވެ.

މީގެ އިތުރުން އިމޯލްޑިވިއަންގެ އަހަރީ ދުވަހާއި ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ވެސް މިއަދު ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.

Leave a Reply

haftha.mv ©