ނަސްވާ ހަސަން
14 April 2019
މަޤްބޫލު ޙަބަރު

މޯލްޑީވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ދަށުން ގައިދީންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކާ، މޯލްޑިވް ގޭހާއި އެ ސާވިސްއިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްސީއެސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރިސްކޯގެ ޗެއާމަން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އެވެ. އަދި މޯލްޑިވް ގޭހުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމްއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް މޯލްޑިވްް ގޭސް ގެ ބައެއް ގޭސްފުޅި ތަކާއި ސިލިންޑަރުތައް މަރާމާތުކުރުމުގެ މަސައްކަތް ޤައިދީން ލައްވާ ކުރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މިފަދަ މަސައްކަތްތަކަކީ އެމީހުން އަނބުރާ މުޖްތަމައަށް ނުކުންނައިރު އެމީހުންނަކީ ވަޒީފާގެ މާހައުލަށް އަހުލުވެރިވެފައިވާ ބަޔަކަށް ހަދައި، އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ތަނަވަސް ކޮށްދިނުމުގެ މަގުސަދުގައި ކުރެވޭ މަސައްކަތްތަކެއް ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވް ގޭހުގެ ސީއެސްއާރުގެ ދަށުން އެކުންފުނިން ވަނީ އެމްސީއެސްއަށް 10 ކޮމްޕިއުޓަރ ސިސްޓަމް ވެސް ހަދިޔާކޮށްފައެވެ.

މޯލްޑިވް ގޭހުގެ ފަރާތުން ރަމްޒީކޮށް އެ ސިސްޓަމްތައް ހަވާލުކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން އަޙްމަދު ޝިފާން އެެވެ. އަދި އެމްސީއެސްގެ ފަރާތުން ކޮމްޕިއުޓަރު ސިސްޓަމްތަކާއި ހަވާލުވެވަޑައިގަތީ، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުނާޒް ވިދާޅުވީ، މޯލްޑިވް ގޭހުން ހަދިޔާކުރި އެ ސިސްޓަމްތައް ބޭނުން ކުރާނީ ގައިދީންގެ އެކި ބޭނުންތަކަށް ކަމަށެވެ. އޭގެ އިތުރުން ގައިދީންނަށް އެމީހުންގެ ހުނަރުތައް ތަރައްގީކޮށް މަސައްކަތުގެ މައިދާނަށް އަހުލުވެރިވުމަށް ދެއްވާ ފުރުސަތަށްޓަކާ މޯލްޑިވް ގޭސްގެ އެމްޑީ ޝަޒައިލްއަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

Leave a Reply

haftha.mv ©