މުޙައްމަދު އިބްރާހިމް
15 April 2019
މަޤްބޫލު ޙަބަރު

އެކާވީސް ވަނަ ޤަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިވެހިރާއްޖެ ގެންގޮސްދޭނެ ސަވާރީއެއްގެ ގޮތުގައި ފެންނަނީ ދިރާގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިރާގު ފިކްސްޑް ބްރޯޑް ބޭންޑްގެ ހިދުމަތް، ރާއްޖޭގެ 75 އިންސައްތަ ގޭބިސީއަށް ފޯރުކޮށްދެވުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއްގެ މުޅި އާބާދީއަށް އެއް ފެންވަރެއްގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ބޮޑު ގޮންޖެހުމެއް ނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ދިރާގުން އަންނަނީ ޒަމާނީ މުވާސަލާތީ ލުއިފަސޭހަކަމާއެކު އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދެމުން ކަމަށެވެ.

އަދި ވިދާޅުވީ، ވިޔަފާރިއާއި މުވާސަަލާތީ ދާއިރާ ފަހަނައަޅައި، އިޖްތިމާއީ ގުޅުންތަކުގައި ވެސް، ދިރާގުން އަންނަނީ ރަސްކަން ކުރަމުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި އިންޓަރނެޓް ވިއުގައިގެ ތެރެއިން، ޓީވީގެ ހިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏަކީ ދިރާގު ކަމަށާއި އެ މަޝްރޫއުގެ ދަށުން، ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް މިހާރު ލިބެމުންދާކަން ރައީސް ފާހަގަކުރެއެވެ.

“ދިރާގުގެ ކާމިޔާބީތަކުގެ ސަބަބުން، ދުނިޔޭގެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެއް ސަފެއްގައި ފައި ހަމަކުރުމުގެ ޤާބިލްކަން ރާއްޖެއަށް ލިބިއްޖެ. އެހެންކަމުން، އެކާވީސް ވަނަ ޤަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިވެހިރާއްޖެ ގެންގޮސްދޭނެ ސަވާރީއެއްގެ ގޮތުގައި ފެންނަނީ ދިރާގު،” ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©