މުޙައްމަދު އީމާން
04 May 2019
މަޤްބޫލު ޙަބަރު

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ޑައިމެންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ އުފެއްދުންތައް ބާޒާރަށް ނެރެފިއެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ޖަޕާނު ސަރުކާރުގެ އެހީގައި އެގައުމުން ހަދިޔާކުރި އާލާތްތަކަކާއެކު ރާއްޖޭގައި ފަށައިގަނެވުނު މަސްވެރިކަމެކެވެ. އެގޮތުން ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށް އެކަމަށް މަސްވެރިން ވަނީ ތަމްރީން ކޮށްފައެވެ.

މިފްކޯ މަސްފިހާރައިގާ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތުތި ބޯވަދިލަމުގެ އުފެއްދުންތައް ބާޒާރަށް ނެރެދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އަލަށްފެށި ތުތި ބޯވަދިލަމަހުގެ ވިޔަފާރިއަކީ ރަނގަޅު މަސްވެރިކަމެއް ކަމަށާއި މިހާތަނަށް 16 ކިިލޯ އާއި 18 ކިލޯއާ ދެމެދުގެ ތުތި ބޯވަދިލަމަސް ރާއްޖޭގައި ބާނާފައިވާ ކަމަށެވެ. އަދި އެއަށް މިފްކޯއިން ރަނގަޅު އަގެއްވެސް ދެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތުތި ބޯވަދިލަމަސް މިފްކޯއަށް ގަންނަނީ ކިލޯއެއް 180 ރުފިޔާއަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ތުތި ބޯވަދިލަމަކީ ރާއްޖޭގެ ކަނޑުތަކުން އެންމެ ތާޒާކޮށް ބާނައިގެން ގެންނަ މަސް ކަމަށާއި މިހާރު ވެސް އެ ކުންފުންޏަށް 800 ކިލޯގެ މަސް ގަނެފައިވާ ކަމަށެވެ.

އަދި ތުތި ބޯވަދިލަމަހަށް ޑިމާންޑު އޮތްކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ތުތި ބޯވަދިލަމަސް ރަނގަޅު އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން މިއަދު މާރުކޭޓަށް ތައާރަފްކުރި ތުތި ބޯވަދިލަމުގެ ތެރެއިން ކިލޯއެއް އުޅެނީ 160 ރުފިޔާ އާއި 250 ރުފިޔާއަށެވެ. އަދި 250 ގުރާމްގެ ކަޓްޕީސް ކޮޅެއް ލިބެނީ 75.50 ރުފިޔާއަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©