މުޙައްމަދު އީމާން
07 May 2019
މަޤްބޫލު ޙަބަރު

ދުނިޔޭގައި ބާއްވާ އެންމެބޮޑު ސީފުޑް އެކްސްޕޯގައި ދިވެހި މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެއެވެ.

ބެލްޖިއަމްގެ ބުރުސަލްސްގައި މިއަދު ފެށި ސީފުޑް އެކްސްޕޯ ގްލޯބަލްއަކީ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށާއި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ވަސީލަތްތައް އިސްތިހާރު ކުރުމަށް ބާއްވާ ހާއްސަ ފެއާއެކެވެ.

އެގޮތުން މިއަހަރުގެ ފެއާގައި ދުނިޔޭގެ ސީފުޑްގެ ވިޔަފާރީގައި ހަރަކާތްތެރިވާ 1900 އަށްވުރެ ގިނަ ކުންފުނިތަކުން ބައިވެރިވެއެވެ.

އެގޮތުން ރާއްޖޭގެ ފަރާތުން މިފްކޯގެ އިތުރުން ދިވެހި 11 ކުންފުންޏަކުން ބައިވެރިވެއެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ އެފެއްދުންތަކަށް އާ މާކެޓްތައް ހޯދައި މަހުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ މަހުގެ އުފެއްދުންތަކާއި ގުޅޭ އެކްސްޕޯތަކުގައި މިފްކޯއިން ވަނީ ބައިވެރިވެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މިފަދަ އެކްސްޕޯޓަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖޭގެ އުފެއްދުންތައް އިސްތިހާރުކޮށް މާކެޓްކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދަނީ ދިވެހި މަސްވެރިން ބާނާ މަހަށް އެވަގުތަކު ދުނިޔޭގެ ބާޒާރުގައި ހުރި އަގު ލިއްބައިދިނުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށާއި ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް އިތުރު ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

އަދި ކުރިއަށް އޮތް ދެ ދުވަހަށް ކުރިއަށް ގެންދާ އެކްސްޕޯގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކުރުމަށް އިތުރު ފުރުސަތުތަކެއް ލިބި ރާއްޖޭގެ މަހުގެ ވިޔަފާރި ފުޅާވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©