Sun, 23 February, 2020, 3:59 pm
ބަރެސްދޫ މަޝްރޫއުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަނީ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދިޔަ ލ. ބަރެސްދޫ މަޝްރޫއުގައި ކޮރަޕްޝަން އުޅޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިހާތަނަށް ބެލި ބެލުމުން އެ ޕްރޮޖެކްޓުން ދޫކުރި ވިޔަފާރި ޔުނިޓްތައް ގަނެފައިވާ ފަރާތްތަކުން އެމްއެމްޕީއާރުސީ އަށާއި އެމްއައިޓީޑީސީއަށް ޑިޕޮސިޓް ފައިސާ ވަނީ ދައްކައިފައެވެ.

ނަމަވެސް އެކަމާ ގުޅިގެން ބަލަމުންދަނީ، ދެއްކި ޑިޕޮސިޓް ފައިސާ، އެމްއައިޓީޑީސީގެ އިސްވެރިން އުސޫލާ ހިލާފަށް ބޭނުންކޮށްފައިވާ މައްސަލައެއް ކަމަށް އޭސީސީން ބުނެއެވެ.

އެހެންކަމުން މި ޕްރޮޖެކްޓާ ގުޅިގެން އެމްއެމްޕީއާރްސީއަށް ނުވަތަ އެމްއައިޓީޑީސީއަށް އެއްވެސް ފަރާތަކުން ޑިޕޮސިޓް ފައިސާ ދައްކާފައިވާނަމަ އެކަމުގެ މައުލޫމާތުތައް ހިމެނޭ ގޮތަށް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން ކޮމިޝަނަށް ލިޔުމަކުން ހުށަހެޅުމަށް އެ ކޮމިޝަނުން އެދެއެވެ.

ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތްތަކުން އޭސީސީއަށް އެކަން ލިޔުމުން އަންގާއިރު، ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް ނުވަތަ ކުންފުންޏެއްނަމަ ކުންފުނީގެ މައުލޫމާތު ހުށަހަޅަންޖެހެއެވެ.

އޭގެ އިތުރުން ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދާއި  ޑިޕޮސިޓް ފައިސާ ދެއްކި ތާރީހާއި ޑިޕޮސިޓް ފައިސާދައްކާފައިވާ ގޮތް (ނަގުދު ފައިސާ/ ޗެކް) އަދި ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާނަމަ އެ ލިޔެކިއުމެއް ވެސް ހުށަހަޅަން އޭސީސީން ބުންޏެވެ.

އެމްއައިޓީޑީސީ އަކީ، މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރީގެ ސަރުކާރުން 2016 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އަދި އެ ކުންފުނިން ފުރަތަމަ އިއުލާންކުރި ޕްރޮޖެކްޓަކީ ވެސް ބަރެސްދޫ ޕްރޮޖެކްޓެވެ.

ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި ތިން ހާސް އެނދަށް އަމާޒުކޮށްގެން އެ ޕްރޮޖެކްޓް ތަރައްގީ ކުރަން ނިންމީ ބިންތައް ވަކިވަކިން ވިއްކާ ގޮތަށެވެ.

އެގޮތުން ބަރެސްދޫން 16 ބިމެއް ވިކިފައިވާ ކަމަށް އެމްއެމްޕީއާރުސީން މީގެ ކުރިން ބުނެފައިވެއެވެ. އަދި އެ ރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް އެމްޑަބްލިއުއެސްސީއާ ވެސް އޮތީ ހަވާލުކޮށްފައެވެ.

Leave a comment

Your email address will not be published.