މުޙައްމަދު އިބްރާހިމް
10 June 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

ސައުތު އޭޝިއާގެ އިގްތިސާދީ ކުރިއެރުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ހާމަ ކޮށްފައިވާ ރިޕޯޓުގައި ބުނާގޮތުން، މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވަލި ހުންނާނީ 5.7 ޕަސެންޓުގައެވެ. މިއީ މިދިޔަ އަހަރު އިގްތިސާދީ ދުވެލި ހުރި ޕަސެންޓާ އަޅާބަލާއިރު 2.2 ޕަސެންޓް ދަށްވުމެ ކެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ 7.9 ޕަސެންޓުގައެވެ. މިދިޔަ އަހަރު ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި އެންމެ މަތީގައި އޮތް އެއް ގައުމަކީ ވެސް ރާއްޖެ އެވެ.

ވޯލްޑް ބޭންކުން ބުނީ، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނެ ކަމަށް ލަފާކުރެވެނީ 5.2 ގައި ކަމަށާއި އަދި 2021 ވަނަ އަހަރު އިގްތިސާދީ ދުވެލި 5.3 ޕަސެންޓަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަމަށް ލަފާކޮށްފައިވަނީ ކުރިއަށް އޮތް ތިން އަހަރުގައި ރާއްޖޭގައި އިންވެސްޓްމެންޓް ޕްރޮޖެކްޓުތައް ކުރިއަށްދާނެ މިންވަރަށް ބެލުމަށްފަހު އެވެ.

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ބުނާގޮތުން، ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު އެންމެ ކުރީގައި އުޅޭނީ އަވަށްޓެރި އިންޑިއާ އާއި ސްރީ ލަންކާ އަދި އަފްގާނިސްތާނުގައެވެ.

އެގޮތުން އިންޑިއާގެ އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު އެވްރެޖްކޮށް 7.5 ޕަސެންޓުގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު ސްރީ ލަންކާގެ ދުވެލި އކުރިއަށް އޮތް ތިން އަހަރު އެވްރެޖްކޮށް 0.1 ޕަސެންޓް އިތުރުވަމުންދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

އަދި އަފްގާނިސްތާނުގެ އިގްތިސާދީ ދުވެލި މިއަހަރު 2.5 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާ ކޮށްފައިވާއިރު، 2021 ވަނަ އަހަރު އެގައުމުގެ އިގްތިސާދީ ދުވެލި 3.5 ޕަސެންޓަށް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި ސައުތު އޭޝީއާއަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދުތައް ހިމެނޭ ސަރަހައްދެވެ. މި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ސަރަހައްދުގެ ގައުމުތަކުން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް އެ ބޭންކުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©