Wed, 3 June, 2020, 5:51 pm
މޯލްޑިވިއަންގެ އޮފީހެއް ޓްރިވެންޑްރަމްގައި ހުޅުވައިފި
3

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް އިންޑިއާގް ޓްރިވެންޑްރަމްގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާއިޝަތު ޖެނިފާއެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކު މޯލްޑިވިއަން އިން ޓްރިވެންޑްރަމްއަށް ދަތުރުތައް ކުރަމުން އަންނައިރު، މިދިޔަ 11 އަހަރު ޓްރިވެންޑްރަމުން ހިދުމަތް ދެމުން އައީ އެޖެންޓެއް މެދުވެރިކޮށެވެ.

އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މޫސާ ވަސީމް މީޑިއާތަކަށް ވިދާޅުވި ގޮތުގައި، އަލަށް ހުޅުވި އޮފީހާއެކު ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ދެވި، ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މޫސާ ވަސީމް ވިދާޅުވި ގޮތުގައި، ޓްރިވެންޑްރަމްގައި ހުޅުވި އޮފީހުން ވެސް މޯލްޑިވިއަންގެ އޮފީސްތަކުން ދެމުންދާ ހުރިހާ ހިދުމަތްތަކެއް ލިބޭނެއެވެ.

މި އޮފީސް ހުންނާނީ ޓްރިވެންޑްރަމްގެ ޕޫތީ ރޯޑްގައެވެ.

ދިވެހިން އެންމެ ގިނަ އަދަދަކަށް ގޮސް އުޅޭ ޓްރިވެންޑްރަމްގައި މޯލްޑިވިއަންގެ އޮފީހެއް ހުޅުވިއިރު، ޗެންނާއީ އަށްވެސް ގައުމީ އެއާލައިނުން ދަނީ އުދުހެމުންނެވެ. އަދި އަންނަ މަހުގެ ތެރޭގައި އިންޑިއާގެ ކޮޗިންއަށް ދަތުރުތައް ވެސް ފެށުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

Leave a comment

Your email address will not be published.