.
06 October 2019
މަޤްބޫލު ޙަބަރު

 ސަތޭކަ ފަންސާސް ފަސް ސްޓޯލްއާއިއެކު 15 ވަނަ ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ދަރުބާރުގޭގައެވެ. މިއަހަރުގެ އެގްޒިބިޝަންގައި 45 ޤައުމަކުން 45 އެގްޒިބިޓަރސް އަދި ބްރޭންޑް ބައިވެރިވެއެވެ.

މީގެ ތެރޭގައި ޗައިނާ، ތައިލެންޑް، އޮސްޓްރެއިލިއާ، ނިއުޒިލެންޑް، ދުބާއި، އެމެރިކާ، ސިންގަޕޯރ އަދި ކެނެޑާ ފަދަ ޤައުމުތައް ހިމެނެއެވެ. މި ޤައުމުތައް ހިމެނޭހެން 155 ސްޓޯލް ދަރުބާރުގޭގައި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ “ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް” އަކީ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ފެއަރއެވެ.

މި ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސަސް އިން ބުނީ މި ފެއަރގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ހޮސްޕިޓާލިޓީ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކާއި، ސަޕްލައިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ބަދަހި ގުޅުމެއް އުފެއްދުންކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖޭގައި ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކުރުމަށް ވެސް މި ފެއަރ މުހިއްމު ދައުރެއް އަދާ ކުރާނެކަމަށް މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްއިން ބުނެއެވެ.

މި އެގްޒިބިޝަނަކީ ޓޫރިޒަމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ އަދި ބެސްޓްބައި މޯލްޑިވްސްއިން އެންޑޯޒް ކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©