• Sun, 5 July, 2020, 1:39 am

  އާ އަހަރާއެކު ޗައިނާގެ އިގުތިސާދީ ކުރިމަގު ސުވާލުތަކެއްގެ ތެރޭގައި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ގިނަ ބަޔަކު ޗައިނާ މަޝްހޫރު ކުރަނީ ކުރިއަރާފައިވާ އިގުތިސާދެއްގެ ގޮތުގައެވެ. ނަމަވެސް 2019 ވަނަ އަހަރު ނިމި، 2020 ވަނަ އަހަރު ފެށިފައިވާއިރު، ޗައިނާގެ އިގުތިސާދުގެ ކުރިމަގާމެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮތް އެމެރިކާއާ ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ވާދަވެރިކަމާއި ޗައިނާގެ އިގުތިސާދު ފުޅާކުރުމަށް އެގައުމުގެ ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އާއްމު ރައްޔިތުންގެ ދަރަނިވެރިކަން އިތުރުވުމަކީ ޗައިނާގެ އިގްތިސާދާމެދު ކޮންމެވެސް ވަރަކަށް ކަންބޮޑުވާން ޖެހޭ ސަބަބުތަކެވެ.

  މިމައްސަލަތަކަށް ހައްލު ހޯދުމަށް ރައީސް ޝީޖިންގް ޕިންގްއަށް އަލުން އަނެއްކާވެސް ޖެހިވަޑައިގަންނަވާނީ ކުރަހާ ބޯޑު ކައިރީގައި މަޑުކޮށްލައްވާށެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ފަދަ ސޮފްޓް-ޕަވާ ޑިޕްލޮމެސީގެ އުސޫލުތަކުގެ ނަތީޖާ ގޯސްވެ، ޗައިނާގެ ނުފޫޒު ފެތުރުމުގެ ބަދަލުގައި ޗައިނާއަށް އެހެން ގައުމުތަކުން ނަފުރަތު އަމާޒުވުމަކީ ހަމަގައިމު ވެސް ރައީސް ޝީޖިންގް ޕިންގްއަށް ހުރަހަކަށް ވާނެއެވެ. ވަކިން ހާއްސަކޮށް ވެރިކަން ދިފާއުކުރެއްވުމަށް ޝީ މަސައްކަތްކުރައްވާ ދަނޑިވަޅެއްގައި މިއީ އެމަނިކުފާނަށް ކުރިމަތިވާ ގޮންޖެހުމަކަށް ވާނެއެވެ. އެތެރޭގެ ދަރަންޏާއެކު ބޭރުގެ އެހެން އިގްތިސާދުތަކަށް ޗައިނާއިން އަދިވެސް ބަރޯސާވާންޖެހޭ ޖެހުމަކީ ހައްލެއް ހޯދުމަށް ޝީ ބޭނުންފުޅުވާނެ މައްސަލަތަކެވެ.

  މި އަހަރު ވެގެންދާނީ ޝީއަށް ބުރަ އަހަރަކަށެވެ. ސަރުކާރާއި ދެކޮޅަށް ޗުއްޕު ބުނެލާ މީހަކަށް ވެސް ކުރިމަތިވާ އަނިޔާތަކާއި ނުބައި މައުލޫމާތުގެ މައްޗަށް ނިންމަވާ ނިންމެވުންތަކަކީ މިއަހަރު ޝީއަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ވެރިކަމުގައި ކިތަންމެ ހަމަޖެހިވަޑައިގަން ހުންނެވި ނަމަވެސް، ގައުމުގެ އިގްތިސާދަށް އައިސްދާނެ ލޮޅުމެއް ވެގެންދާނީ ޝީގެ ބާރުވެރިކަމުގެ ނިމުމަމަށެވެ.


  ދަރަނީގެ މައްސަލައަކީ ޗައިނާއަށް ކިތަންމެ ބޮޑު މައްސަލައެއް ނަމަވެސް، މިއީ މައްސަލައެއް ކަމަށް ޝީގެ ސަރުކާރުން ބަލައިގެންފައިނުވާތީ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް މިހާތަނަށް މަސައްކަތަކެއް ކުރެވިފައެއް ނުވެއެވެ. އިގްތިސާދީ ބޭފުޅުން ސިފަކުރައްވަނީ މިއީ “ދަރަނި ބޮމެއް” ކަމަށެވެ.

  މިދިޔަ އަހަރުގެ މެދުތެރޭގައި ތަފާސް ހިސާބުތައް ދެއްކި ގޮތުން ޗައިނާގެ ކްރެޑިޓް ކާޑް ޑެޓް އެކަނިވެސް އެއް ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
  އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު އެހެން ގައުމުތަކެކޭ އެއްފަދައިން ޗައިނާގައި ވެސް އެންމެ ބޮޑަށް ކުރަނީ މެދުފަންތީގެ އާއިލާތަކަށެވެ. ގައުމުގެ އާބާދީގެ ބޮޑު ބައި ހިއްސާކުރަނީ މިދެންނެވި އާއިލާތަކެވެ. އެހެންކަމުން މި އާއިލާތަކުގެ އާމްދަނީއަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ ޝީގެ ވެރިކަމަށް އަންނަ ސީދާ ލޮޅުމެކެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.