Tue, 7 April, 2020, 5:36 pm
ފަތުރުވެރިކަމުގެ ވިޔަފާރިޔަށް ލިބޭގެއްލުން ކުޑަކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލް އިން ޚާއްސަ ލޯނެއް ތައާރަފްކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލިބޭނެ ގެއްލުން މުޅިން ވަޒަން ކޮށްލެވޭނީ، މިކަން ދިގުދެމިގެންދާ މުއްދަތަކާއި މިކަމުގެ އަސަރުކުރާނެ ނިސްބަތުންކަމުގައިވީ ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތަށާއި، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަމަށާއި، އެހެންކަމުން ޤައުމީ ބޭންކުގެ ހައިސިއްޔަތުން މިފަދަ ދަނޑިވަޅެއްގައި މި ވިޔަފާރިތަކަށް އެހީތެރިކަންފޯރުކޮށްދިނުމަކީ ބޭންކުގެ ޒިންމާއެއްކަމަށްވެސް ޓޮމް ވިދާޅުވިއެވެ.

މި ފައިނޭންސިންގެ ދަށުން މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވޯކިން ކެޕިޓަލް ގެ ގޮތުގައި 2 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މި ތައާރަފްކުރެވުނު ޝޯޓް ޓަރމް ފައިނޭންސިންގ އަކީ މި ދަނޑިވަޅުގައި ދިވާމެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް އެކަށޭނެ ފައިނޭންސިންގ އެއްކަން ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލްއިން މި ސްކީމް ތައާރަފްކޮށްފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގުޅިގެންނެވެ.