ޝަހީދާ
01 August 2018
މަޤްބޫލު ޙަބަރު

މިޔަންމާގެ ރާކިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް ލާއިންސާނީ އަމަލު ހިންގާފައިވޭތޯ ކަށަވަރު ކުރުމަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލާފައިވާ ކަމަށް މިޔަންމާއިން ބުނެފި އެވެ.

މިޔަންމާ ސަރުކާރުން ބުނީ، ހަތަރު މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި ތިބޭނީ މިޔަންމާގެ ދެ އޮފިޝަލަކާއި އިތުރު ދެ ގައުމެއްގެ ދެ އޮފިޝަލުން ކަމަށެވެ. އެގޮތުން ފިލިޕިންސްގެ ޑިޕްލޮމެޓް ރޮސާރިއޯ މަނާލޯ އާއި ޖަޕާނުގެ ކުރީގެ އެމްބެސެޑަރު ކެންޒޯ އޮޝީމާ އެ ކޮމިޝަނުގައި ހިމެނޭނެ ކަމަށް އެގައުމުން ބުނެއެވެ.

ރޮހިންގާ މުސްލިމުންނަށް އަނިޔާ ކުރިކަން ކަށަވަރު ކުރަން ކޮމިޝަނެއް އެކުލަވާލާފައިމިވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އެތައް ގައުމަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައި އެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން ހަތް ލައްކައަށްވުރެ ގިނަ މުސްލިމުން އެ ގައުމު ދޫކޮށް އަވަށްޓެރި ބަންގާޅަށް ހިޖުރަކޮށް، ރެފިއުޖީ ހާލުގައި ދިރިއުޅެމުންދާއިރު، އެ ހާދިސާ އދ އިން ސިފަކޮށްފައިވަނީ ނަސްލެއް ނައްތާލުމުގެ އަމަލެއް ކަމުގައި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©