ޝަހީދާ
02 August 2018
މަޤްބޫލު ޙަބަރު

ސަރުކާރުގައި މިވަގުތު ތިބި ކޮރަޕްޓް އޮފިޝަލުންގެ ލިސްޓު ދާދި އަވަހަށް ހާމަކުރައްވާނެ ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް-އަބާދީ ވިދާޅުވެއްޖެ އެވެ.

އަބާދީ އިއްޔެ ވިދާޅުވީ އެ ލިސްޓް އާންމު ކުރުމުގެ ކަންކަން ވަރަށް ބާރު ސްޕީޑެއްގައި މިހާރު ކުރިއަށްދާކަމަށެވެ.

އެ ލިސްޓް އާންމުކުރައްވާނެކަން އަބާދީ ހާމަކުރައްވާފައިމިވަނީ ސަރުކާރުން ރައްޔިތުންގެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެއިލްވެފައިވާ ކަމަށާއި ސަރުކާރުގައި އިންތިހާއަށް ކޮރަޕްޝަން އޮތްކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވަނިކޮށެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް އިޖާބަ ދިނުމަކީ މުހިންމު ކަމެއް ކަމުގައިވެސް އަބާދީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮރަޕްޓް އޮފިޝަލުންތަކެއްގެ ވާހަކަ އަބާދީ ދައްކަވާއިރު ބައިނަލްއަގްވާމީ ގޮތުންނާއި އެ ގައުމުގެ އެތެރެއިން ވެސް އިތުރު ފިއްތުންތަކެއް އޭނާއަށް އަންނަނީ ކުރިމަތިވަމުންނެވެ. އެއީ މިދިޔަ މެއި މަހު ނެގި އާންމު އިންތިހާބުގެ ވޯޓު ކަންކަން އަދިވެސް ކޮޅެއްގައި ޖެއްސިފައި ނެތުމުންނެވެ.

އެ އިންތިހާބުގައި އަބާދީގެ ކޯލިޝަނަށް ތިން ވަނަ ލިބުނުއިރު، ބޮޑުތަނުން ކުރި ހޯދާފައި އޮތީ ޝިއަޢީ ލީޑަރު މުގްތަދާ އަލް ސަދުރު އެވެ.

ނަމަވެސް އެ އިންތިހާބުގައި މަކަރު ހަދާފައިވާކަމަށްބުނެ އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ވޯޓު އަލުން ގުނުމަށް އަމުރުކޮށްފައެވެ. އެގޮތުން ވޯޓް ގުނުމުގައި މެޝިން ބޭނުން ކުރުމުގެ ބަދަލުގައި އަތުން ގުނުމަށް އެ އަމުރުގައި ބުނެފައިވެއެވެ. ފުރަތަމަ ނަތީޖާ އިއުލާނުކުރީ މެޝިނުން ވޯޓު ގުނުމަށްފަހުގައި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©