މުޙައްމަދު އީމާން
02 December 2018
މަޤްބޫލު ޙަބަރު

ހާމަކަން ބޮޑު ހެނދުމެއް ލުމުގެ ސަބަބުން މިސްރުގެ ބަތަލާއަކަށް ދައުވާކުރަން ނިންމައިފިއެވެ.

އުމުރުން 44 އަހަރުގެ ރާނިއާ ޔޫސުފް ނަމަކަށް ކިޔާ އެ ބަތަލާއަށް ދައުވާކުރަން ނިންމީ ކައިރޯ ފިލްމު ފެސްޓިވަލަށް އޭނާ ލައިގެންހުރި އެތެރެ ފެންނަ ކަޅު ލޭސް ފޮތިން ފަރުމާކޮށްފައިވާ ހެދުމެއްގެ މައްސަލައިގައެވެ.

ބަތަލާގެ މައްޗަށް ދައުވާ އުފުލި ދެ ލޯޔަރުންގެ ތެރެއިން ސާމިރު ސަބްރީ ވިދާޅުވީ، ރާނިއާ އަޅައިގެން ހުރި ހެދުމަކީ އިޖްތީމާއީ މިންގަނޑުތަކާއި ސަގާފަތާއި ހިލާފު އަދި ފެސްޓިވަލުގެ އިއްޒަތާއި ވަކިން ހާއްސަކޮށް މިސްރު އަންހެނުންގެ އިއްޒަތަށް އަރައިގަތުން ކަމަށެވެ.

އެ ހެދުން ލައިގެން ހުންނައިރު ބަތަލާގެ ފައިގެ ބޮޑުބައެއް ހާމަވެފައި ހުންނައިރު، މިސްރުގެ ގިނަ ބަޔަކު ވަނީ އެކަމަށް ބަތަލާއަށް ފާޑުކިޔައިފައެވެ. ނަމަވެސް ބައެއް މީހުން ވަނީ އޭނާއަށް ބޭނުން އެއްޗެއް ލެވެގެންޖެހޭނެ ކަަމަށް ބުނެ ފިލްމީ ތަރީގެ ދިފާއުގައި ވާހަކަދައްކައިފައެވެ.

މިސްރުގެ ޖުޑީޝަރީގެ މަސްދަރަކުން އޭއެފްޕީއަށް ބުނި ގޮތުގައި، ފިލްމީ ތަރީގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.

ނަމަވެސް ބަތަލާ ރާނިއާ ފަހުން ވަނީ އެކަހަލަ ހެދުމެއް ލުމުން އާންމުންގެ ފަރާތުން ފާޑުކިޔުމާއި ނަފްރަތު އަންނާނެކަން އެނގުނުނަމަ އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެ، އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.

ހާމަކަންބޮޑު ހެދުމެއް ލުމުން މިސްރުގެ ތަރިއެއްގެ މައްޗަށް ދައުވާކުރަން ނިންމާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ލަވައެއްގެ ވީޑިއޯގައި އާންމު އިޖްތިމާއީ މިންގަނޑަށް ނުފެތޭ މަންޒަރުތައް ހިމެނިފައިވާތީ މިސްރުގެ އަންހެން ލަވަކިޔުންތެރިއަކު ވަނީ އެއް އަހަރަށް ޖަލަށް ލައިފައެވެ.

haftha.mv ©