މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ޣައްޒާ އާއި އިސްރާއީލު ވަކިކުރާ ބޯޑަރު ކައިރިއަށް އެއްވެ ޣައްޒާގެ އެތައްހާސް ރައްޔިތުންނެއް އިއްޔެ މުޒާހަރާކުރަމުންދަނިކޮށް، އިސްރާއީލުގެ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ އަންހެނަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ގަދްރީ ވިދާޅުވީ، އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ އުމުރުން 43 އަހަރުގެ އަމާލް އަލް ތަރަމްސީ ނަމަކަށް ކިޔާ އަންހެނެއް ކަމަށެވެ.

ޣައްޒާ ސިޓީގެ އިރުމަތީ ފަޅީގައި މުޒާހަރާ ކުރަމުންދަނިކޮށް އިސްރާއީލު ސިފައިން އެ އަންހެން މީހާ ޝަހީދުކޮށްލީ ބޮލަށް ބަޑިޖަހައިގެންނެވެ.

މިއީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިސްރާއީލާ ދެކޮޅަށް ޣައްޒާގެ ރައްޔިތުން ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ ސިލްސިލާ ވަރުގަދަ މުޒާހަރާތަކުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ތިންވަނަ އަންހެން މީހާއެވެ.

އަދި މުޒާހަރާތައް ފެށުނުފަހުން އަމިއްލަ ރައްކާތެރިކަމަކަށް ބުނެ އަސްލު ވަޒަން ބޭނުންކޮށްގެން އިސްރާއީލު ސިފައިން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 241 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އަލް ގަދްރީ ވިދާޅުވި ގޮތުގައި، އިއްޔެގެ މުޒާހަރާގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖަހައި އިތުރު 25 މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރޭގައި މީޑިއާގެ ދެ މެންބަރުންނާއި ޕެރެމެޑިކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެގެ މުޒާހަރާތައް ކަވަރުކުރި އޭއެފްޕީގެ ޖާނަލިސްޓަކު ބުނެފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީ ފަރާތުގައި އިއްޔެ ކުރި މުޒާހަރާއަކީ ވޭތުވެދިޔަ ހަފްތާތަކަށްވުރެ ވަރުގަދަ މުޒާހަރާތަކެކެވެ.

އެގޮތުން އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާން ވެސް ބުނެފައިވަނީ، ޣައްޒާ އާއި އިސްރާއީލު ވަކިކުރާ ބޯޑަރު ކައިރިއަށް އިއްޔެ ފަލަސްތީނުގެ 13000 މީހުން ޖަމާވެ މުޒާހަރާކޮށްފައިވާ ކަމަށެވެ.

haftha.mv 2004 ©