މުޙައްމަދު އީމާން
09 February 2019
މަޤްބޫލު ޙަބަރު

އުގަންޑާގައި އުޅޭ ބައްޓަން ރީތި އަންހެނުން ބޭނުންކޮށްގެން ޓޫރިޒަމް ޕްރޮމޯޓް ކުރަން ސަރުކާރުން އުޅުމުން އެގައުމުގެ ރައްޔިތުން ރަތަށް އަރައިފިއެވެ.

ގިނަ އަދަދެއްގެ ބައްޓަން ރީތި އަންހެނުން ބައިވެރިވި ހަފްލާއެއްގައި އުގަންޑާގެ ޓޫރިޒަމް މިނިސްޓަރު ގޮޑްފްރޭ ކިވަންޑާ އެ ކްމެޕެއިން އިފްތިތާހްކުރީ މިދިޔަ ބުދަ ދުވަހުއެވެ.

“އުގަންޑާއަކީ ރީތި އަންހެނުން އުޅޭ ގައުމެއް. އެމީހުންގެ ރީތިކަމަކީ އެހެން އަންހެނުންނާ ތަފާތު ކަމެއް. އެހެން ވެގެން އަހަރެމެން ނިންމީ މިގައުމުގެ ގުދުރަތީ ކަންތައްތަކާއި ބަހާއި ކާއެއްޗެހީގެ އިތުރުން އަންހެނުންގެ އެ ތަފާތު ރީތިކަން، ބައްޓަން… ބިއުޓީ ޕްރޮޑަކްޓެއްގެ ގޮތުގައި މާކެޓްކޮށް މިއީ ޓޫރިސްޓުންގެ މަންޒިލަކަށް ހަދަން،” ކިވަންޑާ އޭއެފްޕީ ނިއުސްއަށް ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.

އެގޮތުން ފަށާ ޕްލޭންގެ ދަށުން، އުގަންޑާ އަންހެނުންގެ ތެރެއިން އެންމެ ބައްޓަން ރީތި އަންހެނަކު ހޮވުމަށް އަންނަ ޖޫން މަހުގެ ތެރޭގައި “މިސް ކާވީ އުގަންޑާ”ގެ ނަމުގައި ރީތީގެ މުބާރާތެއް ބާއްވަން ވެސް ވަނީ ނިންމައިފައެވެ.

އަދި އެ މުބާރާތުން ހޮވޭ އަންހެން މީހާ، އުގަންޑާގެ ޓޫރިޒަމް ކްމެޕެއިން ބްރޭންޑެއްގެ ގޮތުގައި ބޭނުން ކުރާނެ ކަމަށް އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައެވެ.

ނަމަވެސް ފަށަން އުޅޭ އެ ކެމްޕެއިނާ ދެކޮޅަށް އުގަންޑާ ރައްޔިތުން، ހާއްސަކޮށް އަންހެނުން ގެންދަނީ އަޑުއުފުލާ ޓޫރިޒަމް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަމުންނެވެ.

“މި އުމުރާއި ވަގުތުގައި އަންހެނުންނަކީ ޖިންސީ އެއްޗެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށް ދެކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން އަދި އެކަން ކުށްވެރިކުރަން،” އުގަންޑާ އަންހެނުންގެ ނެޓްވޯކުގެ އެގްޒެކެޓިވް ޑިރެކްޓަރު ރީތާ ވިދާޅުވެފައިވެއެވެ.

އަދި އެކަމަކީ އުގަންޑާ އަންހެނުންގެ އިއްފަތްތެރިކަން ނަގާލުން ކަމަށްބުނެ އުގަންޑާގެ ވިޔަފާރިވެރިޔާ އަދި އަންހެން އެކްޓިވިސްޓް ޕިމްރޯސް މުރުންގީ ވަނީ އަންހެނުން ބޭނުންކޮށްގެން އެގައުމުގެ ސަރުކާރުން ފަށަން އުޅޭ ކެމްޕެއިން ހުއްޓުވުމަށް އެދި އޮންލައިން ޕެޓިޝަނެއް ވެސް ފަށައިފައެވެ.

އެ ޕެޓިޝަންގައި މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު ޕިމްރޯސް މުރުންގީ ވިދާޅުވީ، އެ ޕެޓިޝަންގެ ސަބަބުން ފަށަން އުޅޭ ކެމްޕެއިން ނުހުއްޓައިފިނަމަ، އެ ޕެޓިޝަން ކޯޓަށް ވެސް ވައްދާނެ ކަމަށެވެ.

haftha.mv ©