މުޙައްމަދު އީމާން
09 February 2019
މަޤްބޫލު ޙަބަރު

ފަލަސްތީނު ރައްޔިތުން ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ މުޒާހަރާގައި އިއްޔެ ވެސް ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ކުރިއަށް ގެންދަނިކޮށް އިސްރާއީލުު ސިފައިން މުޒާހަރާގެ ތެރެއަށް ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކާއި ކުޑަ ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ދެކުނުގައިވާ އިސްރާއީލާއި ފަލަސްތީނު ގުޅޭ ބޯޑަރު ކައިރީގައި “ގްރޭޓް މާޗް އޮފް ރިޓާންސް” ގެ ނަމުގައި ކުރިޔަށް ގެންދާ މުޒާހަރާތަކަށް މިއަދަކީ 46 ވަނަ ހަފްތާއެވެ.

އަދި ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ވެސް އިސްރާއީލުގެ ޔަހޫދީ  ސިފައިން ގެންދަނީ ހުރަސްއަޅާއި ބާރުގެ ބޭނުންކުރަމުންނެވެ.

އެގޮތުން އިއްޔެގެ މުޒާހަރާގައި ޝަހީދުކޮށްލާފައިވާ ކުޑަކުއްޖަކީ ހަސަން ޝަލަބީ ކިޔާ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށެވެ. އޭނާ ޝަހީދުކޮށްލީ ޣައްޒާގެ ހުޅަނގުގައި އޮންނަ ޚާން ޔޫނިސްގައި މުޒާހަރާ ކުރަމުންދަނިކޮށް މެޔަށް ބަޑިޖަހައިގެން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އަދި އިއްޔެ ޝަހީދުކޮށްލި ޒުވާނާއަކީ ހަމްޒާ ޝިތެއިވީ ނަމަކަށް ކިޔާ އުމުރުން އެންމެ 18 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ ޝަހީދު ކޮށްލީ އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއް ކަރަށް އަމާޒުވެގެން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޣައްޒާ ބޯޑަރު ކައިރީގެ އެހެން ދިމާލެއްގައި އިއްޔެ ކުރި މުޒާހަރާއެއްގައި 17 އަހަރުގެ ފަލަސްތީނު ކުއްޖެއްގެ ގަޔަށާއި ދެ ނޫސްވެރިއަކާއި ހަތަރު މެޑިކުންގެ ގަޔަށް ވެސް ބަޑި ޖަހާފައިވެއެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ މާން އިން ރިޕޯޓް ކުރާ ގޮތުގައި، އިއްޔެގެ މުޒާހަރާގައި އިސްރާއީލުގެ ސިފައިން ވަނީ އެމްބިއުލާންސްއަކާ ދިމާލަށް ކަރުނަ ގޭސް ކެނިސްޓާއެއް ފޮނުވާލައިފައެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ކެމިކަލުން ތަގައްޔަރުވެފައިވާ ޖަންކުޝަން ފެން ޖަހާފައިވާ ކަމަށް ބުނެފައިވެއެވެ.

އިއްޔެގެ ދެ މަރާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް  އިސްރާއީލު ސިފައިންގެ ގަޔަށާއި ސެކިއުރިޓީ ފެންސާ ދިމާލަށް ގަލާއި ގޮވާ ޒާތުގެ ތަކެތި އުކި ކަމަށް ވަނީ ބުނެފައެވެ.

ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ މިދިޔަ އަހަރުގެ މާޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން ކޮންމެ ހަފްތާއަކު ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ފެށިފަހުން އިސްރާއީލު ސިފައިން ވަނީ، އެމީހުންގެ ރައްކަލަކަށް ކަމަށް ބުނެ މިހާތަނަށް 248 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

އަދި 23000 އަށްވުރެ ގިނަ މީހުންނަށް ހަމަލާތަކުގެ ސަބަބުން އަނިޔާވެފައިވާއިރު، އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި މުޒާހަރާތައް ރާވާ ހިންގަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުންނެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން އިސްރާއީލާ ދެމެދު ކުރި ތިން ހަނގުރާމައިގައިވެސް ހަމާސްއިން ގެންދަނީ އިންސާނީ އައްޑަނައެއްގެ ގޮތުގައި އާންމުން ބޭނުން ކުރަމުން ކަމަށް އިސްރާއީލުން ބުނެއެވެ.

haftha.mv ©