މުޙައްމަދު އީމާން
11 February 2019
މަޤްބޫލު ޙަބަރު

އެބޯލާ ޖެހި ކޮންގޯގައި މަރުވި މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް!

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ބުނީ، އެބޯލާ ބަލީގައި މިހާތަނަށް 502 މީހުން މަރުވެފައިވާއިރު 271 މީހަކަށް ފަރުވާދީ އެއްކޮށް ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

އަދި މިފަހުން އެގައުމުގައި ފެށި ގަވާއިދުން ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ހާހަކަށްވުރެ ގިނަ މީހުން ބަލިން ރައްކާތެރިކުރެވިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެގޮތުން ގާތްގަނޑަކަށް 76425 މީހަކު ވެކްސިން ޕްރޮގްރާމްގެ ދަށުން ރައްކާތެރިކުރެވި، އެ ބަލި ޖެހިގެން މަރުވާ އެތައް ހާސް މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އޮލީ ކަލެންގާ ވިދާޅުވެފައިވެއެވެ.

ވެކްސިންގެ ސަބަބުން އެތައް ބަޔަކު އެބޯލީ ބަލިން ރައްކާތެރިކުރެވުނު ނަމަވެސް، ޑޮކްޓާސް ވިތްއައުޓް ބޯޑާސްގެ ސްޕެއިން ފިޔައިން ބުނި ގޮތުގައި މިއަހަރުގެ ޖަނަވަރީ 15 އިން ފެށިގެން އެބޯލާ ބަލިޖެހިގެން ރިޕޯޓް ކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

އެގޮތުން އިރުމަތީ އެފްރިކާގެ ގައުމުތައް ކަމަށްވާ ރުވާންޑާ، އުގަންޑާ، ސައުތް ސުދާނުގައި އެބަލި ފެތުރިގެން ގޮސްދާނެތީ ވަނީ އެލާޓަށް ގެނެސްފައެވެ.

ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ބަލި، އެބޯލާ އެންމެ ފުރަތަމަ ފެނުނީ ސުދާނުންނެވެ. އަދި އެއަށްފަހު 1976 ވަނަ އަހަރު ފެނުނީ ކޮންގޯއިންނެވެ.

އެގޮތުން ފަހުގެ ތާރީޚެއްގައި އެބޯލާ ބަލި އެންމެ ބޮޑަށް ފެތުރިގެން ދިޔައީ 2013 އިން 2016 އަށް ގިނީ އާއި ސިއެރަ ލިއޯން އަދި ލައިބީރިއާގައެވެ. އެފަހަރު 28000 މީހުންނަށް ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވުނު އިރު ބަލީގައި 11000 މީހުން މަރުވިއެވެ.

haftha.mv ©